އިސްލާމް ދީނުގައި މިސްކިތްތަކަށް ދެވިފައިވާ މަޤާމުގެ މަތިވެރިކަމަށްޓަކައި، ޢިލްމުގެ އަހުލުވެރިން މި މައްސަލައިގައި ލިޔުއްވާފައިވާ ކުރު އަދި ދިގު ފޮތްތަކުގައި ގިނަ ވާހަކަތަކެއް ގެންނަވާފައިވެއެވެ. އެގޮތުން މި މަޢުޟޫއަށް އެންމެ ބޮޑު ޢިނާޔަތްތެރިކަމެއް ދެއްވާފައިވަނީ ޙަދީސް ޢިލްމުވެރިން، އެބޭފުޅުންގެ ޙަދީސް ފޮތްތަކުގައެވެ. ޙަދީސް ފޮތްތަކުގެ ތެރެއިންވެސް އެންމެ ބޮޑު އަދި އެންމެ ޞައްޙަ ފޮތަކީ (( ޞަޙީޙުލް ބުޚާރީ )) އެވެ. (( ޞަޙީޙުލް ބުޚާރީ )) ގެ މުޞައްނިފު – ރަޙިމަހުﷲ – ވަނީ އެފޮތުގައި ޙަދީސްތަކުން އިސްތިންބާޠު ކުރެވޭ މިސްކިތްތަކާއި ގުޅޭ ޙުކުމްތަކަށް ޚާއްސަ ޢިނާޔަތްތެރިކަމެއް ދެއްވާފައި ވެއެވެ. (( ޞަޙީޙުލް ބުޚާރީ )) ގެ ނަމާދާއިބެހޭ ކިތާބުގައި ގެންނަވާފައިވާ މިސްކިތްތަކާއި ގުޅޭ ޙުކުމްތަކާއި ބެހޭ ބާބުތަކަށް ނަޒަރު ހިންގާލައިފި މީހަކަށް މިދެންނެވި ބަހުގެ ތެދުކަން ހާމަވެގެންދާނެއެވެ.
އެފަދަ ބާބުތަކުގެ ތެރޭގައި:
ބާބު: މިސްކިތަށް ކުޅުޖަހާ މީހާގެ ކައްފާރާ
ބާބު: މިސްކިތް ބިނާކުރީ މިވެނި މީހެކޭ ބުނެވިދާނެތަ؟
ބާބު: މިސްކިތްތަކުގައި ޙުކުމް ކުރުމާއި ލިޢާން ކުރުން.
ބާބު: މިސްކިތަށް ވަނުމުގައި ކަނައަތުފައި އިސްކުރުން.
ބާބު: އަންހެނުން މިސްކިތުގައި ނިދުން.
ބާބު: ފިރިހެނުން މިސްކިތުގައި ނިދުން.
ބާބު: މިސްކިތަށް ޤަޞާހާޖާކުރުން.
ބާބު: މިސްކިތް ބިނާކުރުން.
ބާބު: މިސްކިތް ބިނާކުރުމުގައި އެކަކު އަނެކަކަށް ވާގިވެރިވުން.
ބާބު: މިސްކިތެއް ބިނާކޮށްފި މީހާ.
ބާބު: މިސްކިތުގެ ތެރެއިން ހުރަސްކުރުން.
ބާބު: މިސްކިތް ތެރޭގައި ޅެންކިޔުން.
ބާބު: މިސްކިތް ކުނިކަހާ ސާފުކުރުން.
ބާބު: މިސްކިތަށް ޚިދުމަތް ކުރުން.
ބާބު: މިސްކިތުގައި ޓެންޓް(ފޭލިގެ) ހެދުން.
ބާބު: މިސްކިތުގެ ފާރުގައި ބާގަނޑެއް ނުވަތަ ކުޑަދޮރެއް ހެދުމާއި އަދި މިސްކިތުގެ ތެރޭގައި ހިނގާ މަގެއް އޮތުން.
ބާބު: މުޝްރިކުން މިސްކިތަށް ވަނުން.
ބާބު: މިސްކިތުގައި އަޑު ގަދަކުރުން.
ބާބު: މިސްކިތުގައި އިށީންދެ އިނުމާއި ޙަލަޤާ (ޢިލްމު އުނގެނުމުގެ މަޖިލިސް) ހެދުން.
ދެން ފަހެ، ކުރިން ދެކެވެމުން ދިޔަ ވާހަކައަށް ރުޖޫޢަވާއިރު:
މިސްކިތްތަކުގެ ޙުކުމްތަކަށް ޚާއްސަކޮށްގެން ވަރަށް ގިނަ މުސްތަޤިއްލު ފޮތްތައް ޢިލްމުގެ އަހުލުވެރިން ލިޔުއްވާފައި ވެއެވެ. އޭގެތެރޭގައި:
الزركشي( އަވަހާރަވީ: ހިޖްރައިން 794) ގެ ފޮތް (( إعلام الساجد بأحكام المساجد ))
الأقفهسي ( އަވަހާރަވީ: ހިޖްރައިން 808 ) ގެ ފޮތް (( تسهيل المقاصد لزوار المساجد ))
الجراعي ( އަވަހާރަވީ: ހިޖްރައިން 883) ގެ ފޮތް (( تحفة الراكع والساجد بأحكام المساجد ))
القاسمي ( އަވަހާރަވީ: ހިޖްރައިން 1332) ގެ ފޮތް (( إصلاح المساجد من البدع والعوائد ))
އެ މައްސަލަތަކުގެ މުހިއްމުކަމަށްޓަކައި އެ މައްސަލަތަކާއި މެދު ޢިލްމުވެރިން ގިނަ ވާހަކަތަކެއް ދައްކަވާފައިވާ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައަކީ (( މިސްކިތުގައި ޖާގަ ރިޒާވުކުރުން )) މި މައްސަލަ އެވެ. އެގޮތުން މި މައްސަލައަށް ޚާއްސަކޮށްގެން ބައެއް ޢިލްމުވެރިން ވަކި ފޮތްތައް ލިޔުއްވާފައި އެބަހުއްޓެވެ.
އޭގެތެރެއިން އެއް ބޭފުޅަކީ:
ابن فرحون المالكي ( އަވަހާރަވީ: ހިޖްރައިން 769)
އަދި خيرالدين بن تاج الدين الياس ( އަވަހާރަވީ: ހިޖްރައިން 1130 ) ގެ ފޮތް (( قرة عين العابد بحكم فرش السجاجيد في المساجد ))
މި ނޫން ފޮތްތައްވެސް މި މަޢުޟޫގައި ލިޔެވިފައި ވެއެވެ.
– ނުނިމޭ –
މަޞްދަރު: د.عبد العزيز بن محمد بن عبدالله السدحان ގެ ” حكم حجز المكان في المساجد “
މިލިޔުމުގެ އެހެނިހެން ބައިތައް

















