[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުޑަކުދިންގެ ވާހަކަ: ސިއްސުވާލި ސުވާލު

އަލްސަންއަކީ ކޮމްޕިއުޓަރުންނާއި ފޯނުން ތަފާތު ގޭމުތައް ކުޅުމުގައި ވަގުތު ހޭދަކުރާ ކުއްޖެކެވެ. ސްކޫލުން ގެއަށް އައިސް ކެއުމުގެ ކުރީގައި އަލްސަން ގޭމް ކުޅެން ފަށައެވެ. ކެއުމާއި ނިދުމާއި ކިޔެވުމަކީ އަލްސަން ކުރާހިތުން ކުރާ ކަމެއް ނޫނެވެ. ނަމާދުކޮށް ގުރުއާން ކިޔެވުމަކީ އަލްސަން އެއްގޮތަކަށްވެސް ކުރާ ކަމެއް ނޫނެވެ.

ސްކޫލަށް ގޮސްފައިވެސް އަލްސަން ކުރާ ކަމަކީ ގޭމްތަކާއި ކާޓޫނުތަކުގެ ވާހަކަ ދެއްކުމެވެ.

ފިލާވަޅު ފުރިހަމަ ކުރާނީ ގަޑިޖެހެން ކައިރިވީމައި “އަމާ ބުނީތީ ފަރަށް ދާ” އުޞޫލުންނެވެ. ފަރުވާކުޑަކޮށް މަސައްކަތް ނިންމާލާފައި ބަލާނީ ކޮންމެވެސް ގޭމަކުން މޮޅުވި ވާހަކަ ދެއްކޭތޯ އެވެ.

އެއްދުވަހަކު އަލްސަން ސްކޫލަށް ދިޔަ އިރު ހުރީ މުޅިން މިޒާޖު ބަދަލު ވެފައެވެ. އެއްގޮތަކަށްވެސް ކާޓޫނުގެ ވާހަކަ ނުދައްކައެވެ. ގޭމެއްގެ ނަންވެސް ނުކިޔައެވެ. ބަރާބަރަށް މަސައްކަތްތައް ނިންމިއެވެ.

އަލްސަންއަށް މި ބަދަލު އައުމުގެ ސަބަބުން ކުލާހުގައި އޭނައާއެކު ސަކަރާތްޖެހިކުދިން ފޫހިވެގެން ޝަކުވާ ކުރިއެވެ. ކިޔަވަން ބޭނުންވާ ކުދިން ތަޢުރީފު ކުރިއެވެ.

ކުލާހުގެ ހުރިހާކުދިންވެސް  އަލްސަންއަށް އެވަރުގެ ބޮޑު ބަދަލެއް އައި ސަބަބު ދެނެގަންނަން ބޭނުންވިއެވެ. ގޭގައި އަލްސަން އުޅޭ ގޮތް ކުރިއާ ތަފާތު ވުމުން މައިންބަފައިންވެސް އުފަލުން ތިބެ އަލްސަން ބަދަލުވި ސަބަބު ދެނެގަންނަން ބޭނުން ވިއެވެ. ތަފާތު ގޮތްގޮތަށް ނަސޭޙަތް ދީގެންވެސް މިހާތަނަށް އަސަރު ނުކުރި އަލްސަންއަށް ބަދަލު އައި ސަބަބަކީ ކޮބައި ހެއްޔެވެ.

އަލްސަންގެ ބައްޕަ ބުންޏެވެ. “ކޮންމެ ސަބަބަކާ ހުރެ ވެސް އަލްސަންއަށް ހެޔޮ ބަދަލެއް އައީތީ ﷲ އަށް ޙަމްދު ކުރަމެވެ.” ބައްޕަގެ ވާހަކަ އަހަން ހުރެފައި އަލްސަން ކޮޓަރިއަށްގޮސްފައި އައިސް އޭނާގެ ދަބަހުން ކުރެހުމެއް ނެގިއެވެ.

އެ ކުރެހުމުގައި ވަނީ ބޮޑު އަލިފާން ގަނޑެއްގެ ތެރޭގައި އަލްސަން އޮތް މަންޒަރެވެ. އަދި ވަށައިގެން ކޮމްޕިއުޓަރާއި ލެޕްޓޮޕާއި ޓެބްލެޓް ފަދަ ތަކެތި ކުރަހާފައި އޭގެ ތިރީގައި ލިޔެފައި އޮތް ސުވާލަކީ އަލްސަން ސިއްސުވާލި ސުވާލެވެ.

“ނަރަކައިގެ ގަދަފަދަ ޢަޒާބުން އަލްސަން ސަލާމަތްކޮށްދެވިދާނެ ކަންކަމަކީ ކޮބާ؟؟” މި ގަނޑު ހުރީ އަހަރެން ހެނދުނު ހޭލި އިރު ފާރުގައި ތަތްކޮށްފަ.” އަލްސަން ބުޏެވެ.

މި ކުރެހުންނަގައިގެން ހުއްޓާ އަލްސަންގެ ކުލާސް ކުއްޖެއް އައިސް ސަލާން ގޮވާލުމަށްފަހު ބުންޏެވެ. ބޭބެއެވެ. ތި ކުރެހުން ތަތްކުރީ މިގޭ ދައްތަގެ އެހީގައި އަޅުގަނޑެވެ. އަލްސަން ގޭމާއި ކާޓޫނަށް މާ ބޮޑަށް ދެވިހިފާ މަގުގެއްލިގެން ދާތީ ސަލާމަތްވުން އެދި ކުރި ކަމެކެވެ. އަލްސަން ބުންޏެވެ.

“އަހަރެންނަށް އެހީވެ ދިނީތީ ޝުކުރިއްޔާ. އަހަންނަށް ރަގަޅު ބަދަލު އައީ މަންމަޔާއި ބައްޕަގެ ހެޔޮދުޢާ އާއި ތިޔަ އިޚުލާސްތެރި ރަޙުމަތްތެރިޔާގެ ސަބަބުން. ރަޙުމަތްތެރިޔާ ތިބުނީ ތެދެއް. ގިޔާމަތް ދުވަހު ނަރަކައިގެ އަޒާބުން ސަލާމަތްވާން ބޭނުންނަމަ އަހަރެން ގިނަ ވަގުތު ހޭދަކުރަން ޖެހޭނީ ގުރުއާން ކިޔެވުމާއި ނަމާދުކުރުމުގައި. އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގައި. ގޭމް ކުޅުމަކީ އަބަދު ކުރަން ރަގަޅު ކަމެއް ނޫން. ރަޙުމަތްތެރިޔާގެ ތިޔަ ސުވާލު ޙަޤީޤަތުގައިވެސް އަހަރެން ސިއްސުވާ ހޭލައްވާލި. އަލްޙަމްދުލިﷲ”.

ތެދެކެވެ. އަބަދު ގޭމު ކުޅުން ރަގަޅެއް ނުވާނެއެވެ. އަބަދު ކާޓޫނު ބެލުން ރަގަޅެއް ނުވާނެއެވެ. އޭރުން ގެއްލުންވާނީ އަމިއްލަ ނަފުސަށެވެ. ކޮއްކޮމެން ވިސްނާށެވެ. މި ސުވާލު ހިތަށް ގެނެސްބަލާށެވެ. ނަރަކައިން ސަލާމަތްކުރުމަށް އެތަކެއްޗަށް އެހީތެރިވެދެވޭނެ ހެއްޔެވެ. ނުވާނެއެވެ. ސަލާމަތްކަން ލިބޭނީ ކުރާ ހެޔޮ ޢަމަލުންނެވެ. ވީމާ ހެޔޮ ޢަމަލު ކުރުން ގިނަ ކުރާށެވެ.