އަޅުގަނޑުމެން މިދިރިއުޅޭ ބިމަކީ ވަށް އެއްޗެއްކަމުގައި ޢިލްމުވެރިން އިޖުމާޢުވެފައިވާ ކަމުގައި، އެތައް ބޭކަލަކުވަނީ ބަޔާންކުރައްވާފައެވެ.
އޭގެ ތެރޭގައި:
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله އަބުލްޙަސަން އިބްނުލްމުނާދީ رحمه الله ގެ އަރިހުން ރިވާކުރައްވާފައިވެއެވެ.
“ދީނީ ޢިލްމުތަކުގެ ފަންނުތަކުގައި ބޮޑެތި މަސައްކަތްތަކާއި އަޘަރުތަކަށް މަޝްހޫރު، އެންމެ ފާހަގަ ކޮށްލެވޭ ޢިލްމުވެރިންގެ ތެރެއިން އިމާމް އަޙްމަދުގެ އަޞްޙާބުންގެ ތެރެއިން ދެވަނަ ޖީލުގެ ބޭކަލުންގެ ތެރެއިން ހިމެނޭ އަލްއިމާމް އަބޫލްޙަސަން އަޙްމަދު ބިން ޖަޢުފަރު ބިން އަލްމުނާދީ ރިވާކުރައްވާފައިވެއެވެ. އުޑުވަނީ ވަށްކޮށްކަމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފުވެފައެއް ނުވެއެވެ…”
އެކަލޭގެފާނު ވިދާޅުވިއެވެ. “ހިކިފަސް ތަންތަކާއި ކަނޑުތަކާއި ބިމުގައިވާ ހުރިހާ އެއްޗަކާއެކު ބިންވަނީ ވަށް ކޮންނެވެ.” އެކަލޭގެފާނު ވިދާޅުވިއެވެ. “ބިމުގެ ހުރިހާ ތަނަކަށް އިރާއި، ހަނދާއި، ތަރިތައް އަރާ އޮއްސުން އެއްވަގުތެއްގައި ނުވާ ކަމީ މިކަމަށް ވާ ދަލީލެކެވެ. އެހެނެއް ކަމަކު އިރުމަތީ ފަރާތަށް ހުޅަނގު ފަރާތަށްވުރެ ކުރިން އިރާއި، ހަނދާއި. ތަރިތައް އަރައެވެ.” [مجموع الفتاوى (25/195) އިން ޚުލާޞާ ކުރެވިފައި]
އުޑާއި ބިމަކީ ވަށް ދޭތިތޯ ބަހުސްކުރި ދެމީހަކު ބަހުސް ކުރިއެވެ. އެތަނުން އެކަކު ބުނީ އެދޭތިވެސް ވަނީ ވަށްކޮންނެވެ. އަނެއް މީހާ އެކަމަށް އިންކާރުކޮށް ބުނީ އެކަމުގައި އަޞްލެއް ނެތް ކަމަށެވެ. އެހެންކަމުން އެކަލޭގެފާނަށް (އެބަހީ: އިބްނު ތައިމިއްޔާއަށް) މިވާހަކަ ދެންނެވުނެވެ. އަދި މިކަމުގައި ރަނގަޅު ގޮތަކީ ކޮބާތޯ ސުވާލު ދެންނެވުނެވެ. ފަހެ، ޖަވާބުގައި ދެންނެވިއެވެ.
“މުސްލިމުންގެ ޢިލްމުވެރިންގެ އަރިހުގައި އުޑަކީ ވަށް އެއްޗެކެވެ. ދީނުގެ ބޮޑެތި ޢިލްމުވެރިންގެ ތެރެއިން އެކަކަށްވުރެ ގިނަ ބޭކަލުންވަނީ އެކަމަށް އިޖުމާޢުވެފައިވާކަން ބަޔާންކުރައްވާފައެވެ. އޭގެ ތެރޭގައި އަބޫލްޙަސަން އަޙްމަދު ބިން ޖަޢުފަރު ބިން އަލްމުނާދީ ހިމެނެއެވެ. އެކަލޭގެފާނަކީ އިމާމް އަޙްމަދުގެ އަޞްޙާބުންގެ ތެރެއިން ދެވަނަ ޖީލުގެ ފާހަގަކޮށްލެވޭ ބޮޑު ޢިލްމުވެރިއެކެވެ. އަދި އެކަލޭގެފާނު ހަތަރު ސަތޭކައެއްހާ ފޮތް ލިޔުއްވާފައިވެއެވެ. އަދި އިމާމް އަބޫ މުޙައްމަދު ބިން ޙަޒުމް އާއި އަބުލްފަރަޖް ބިން އައްޖައުޒީ ވެސް މިކަމަށް އިޖުމާޢު ނަޤުލުކުރައްވާފައިވެއެވެ. ޢިލްމުވެރިން އެފަދައިން ރިވާކުރައްވާފައިވަނީ ޞަޙާބީންނާއި ތާބިޢީންގެ އަރިހުން ފާހަގަކޮށްލެވޭ ސަނަދުތަކުންނެވެ. އަދި ﷲގެ ފޮތާއި އެއިލާހުގެ ރަސޫލާގެ ސުންނަތުންވެސް އެކަން ޛިކުރުކުރައްވާފައިވެއެވެ. އަދި އެބޭކަލުންނަށް އިވިވަޑައިގެންފައިވާ ދަލީލުތަކާބެހޭގޮތުންވެސް ވާހަކަ ދައްކަވާފައިވެއެވެ. އަދި ހަމައެހެންމެ އެކަމަށް ދަލީލުކޮށްދޭ ހިސާބުގެ ދަލީލުތައްވެސް ވެއެވެ. މުސްލިމް ޢިލްމުވެރިންގެ ތެރެއިން ފާހަގަކޮށްލެވޭ އެއްވެސް ބޭކަލަކު އެކަމަށް އިންކާރު ކުރައްވާފައިވާކަން ތިމަންކަލޭގެފާނަށް އެނގިފައެއް ނެތެވެ. ޖަދަލުކުރާ މަދު ބަޔަކު މެނުވީ އެކަމަށް އިންކާރު ނުކުރެއެވެ. އެބައިމީހުން އެކަމަށް އިންކާރުކުރަނީ ނުޖޫމީ ޢިލްމުވެރިންނާ ޖަދަލުކުރުމަށެވެ. އެގޮތުން ޖަދަލު ކުރަމުން އެބައިމީހުން ބުނެއެވެ. “ހަތަރެސް ކަނަށް ނުވަތަ ހަކަނަށް ވެސް ވެދާނެއެވެ. ނުވަތަ އެނޫން ގޮތަކަށްވެސް ވެދާނެއެވެ. ވަށް އެއްޗަކަށް ވެދާނެކަމަށް އެބައިމީހުން އިންކާރެއް ނުކުރެއެވެ. ނަމަވެސް އޭގެ އިދިކޮޅު ދައްކައިގެން ޖަދަލުކުރަނީއެވެ. އެއީ ވަށް އެއްޗެއް ނޫންކަމަށް ޔަޤީންކަމާއެކު ބުނާ އެއްވެސް މީހަކު ތިމަން ކަލޭގެފާނަށް އެނގިފައެއް ނެތެވެ. އެބަޔަކަށް މީސްތަކުން އެއްވެސް ފަރުވާލެއް ނެތް ޖާހިލުން ފިޔަވައެވެ. [مجموع الفتاوى (6/586)]
އަދި އަބޫ މުޙައްމަދު އިބްނު ޙަޒުމް رحمه الله ވިދާލުވެފައި ވެއެވެ.
“ބިމަކީ ވަށް އެއްޗެއްކަން ބަޔާންކޮށްދިނުން:
އަބޫ މުޙައްމަދު ވިދާޅުވިއެވެ. އެކަމަށް އެދެކޮޅުހަދާ ބައެއް މީހުންގެ ވާހަކަތައް ﷲ ތަޢާލާގެ އިރާދަފުޅާއެކު އަޅުގަނޑުމެން ޛިކުރުކޮށްލާނަމެވެ. އެބައިމީހުން ބުނެއެވެ. ހެކިތަކުން ދަލީލުކޮށްދެނީ ބިމަކީ ވަށް އެއްޗެއްކަމެވެ. އަދި ޢާންމުން އެކަމާ ދެކޮޅެވެ. އަދި އަޅުގަނޑުމެންގެ ޖަވާބަކީ: ޢިލްމުގެ އިމާމުންގެ ގޮތުގައި މުޚާޠަބުކުރުމަށް ޙައްޤުވެގެންވާ މުސްލިމުންގެ އެއްވެސް އިމާމަކު – رضي الله عنهم – ބިމަކީ ވަށް އެއްޗެއް ކަން އިންކާރެއް ނުކުރެއެވެ. އެކަމަށް އިންކާރު ކުރާ އެއްވެސް އަޘަރެއް އެބޭކަލުންގެ އަރިހުން އައިސްފައެއް ނުވެއެވެ. އެހެން ނަމަވެސް ޤުރުއާނާއި ސުންނަތުން ދަލީލު ކޮށްދެނީ ބިމަކީ ވަށް އެއްޗެއްކަމެވެ.-ވާޤިދެއްވަނީ ﷲ ތަޢާލާއެވެ.- ” އަދި އެކަމުގެ ދަލީލުތައްގެންނަވާފައިވެއެވެ. [الفصل في الملل والأهواء والنحل (2/78)]
= ނުނިމޭ =
______________________________
މިއީ islamqa.info ގައިވާ ލިޔުމެއްގެ ތަރުޖަމާއެކެވެ.
މިލިޔުމުގެ އަޞްލު: އިނގިރޭސި ބަހުން / ޢަރަބި ބަހުން