ބިމަކީ ވަށް އެއްޗެއްކަމުގެ ދަލީލު:
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ يُكَوِّرُ اللَّيْلَ عَلَى النَّهَارِ وَيُكَوِّرُ النَّهَارَ عَلَى اللَّيْلِ…﴾ [سورة الزمر ٥]
މާނައީ: “އެއިލާހު އުޑުތަކާއި ބިން ޙައްޤުގޮތުގައި ހެއްދެވިއެވެ. އެއިލާހު ދުވާލުގެ މައްޗަށް ރޭގަނޑު އޮޅާލައްވަތެވެ. އަދި ރޭގަނޑުގެ މައްޗަށް ދުވާލު އޮޅާލައްވަތެވެ…”
އިބްނު ޙަޒުމް އާއި އެނޫން ބޭފުޅުން މިއާޔަތުން ދަލީލު ނަންގަވައެވެ.
އަދި އައްޝައިޚް އިބްނު ޢުޘައިމީން رحمه الله ވިދާޅުވެފައިވެއެވެ.
“ޤުރުއާނާއި މިދުނިޔޭގައި ކަންހިނގާގޮތާ އަދި ޢިލްމުގެ އަހުލުވެރިންގެ ބަސްތަކުން ދުނިޔެއަކީ ވަށް އެއްޗެއްކަމަށް ދަލީލު ކޮށްދެއެވެ. ޤުރުއާނުގެ ދަލީލާމެދު ދަންނައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿…يُكَوِّرُ اللَّيْلَ عَلَى النَّهَارِ وَيُكَوِّرُ النَّهَارَ عَلَى اللَّيْلِ…﴾ [سورة الزمر ٥]
މާނައީ: “… އެއިލާހު ދުވާލުގެ މައްޗަށް ރޭގަނޑު އޮޅާލައްވަތެވެ. އަދި ރޭގަނޑުގެ މައްޗަށް ދުވާލު އޮޅާލައްވަތެވެ…”
تكوير އަކީ އެއްޗެއް އޮޅާލުމެވެ. ފަގުޑި އޮޅާލާ ފަދައިންނެވެ. ބިން މަތީ ރޭގަނޑާއި ދުވާލު ވިދިގެން އަންނަކަމީ އެނގިގެންވާ ކަމެކެވެ. މިއިން އެނގިގެންދަނީ ބިމަކީ ވަށް އެއްޗެއްކަމެވެ. އެހެނީ އެއްޗެއްގެ ވަށައިގެން ތިބާ އެއްޗެއް އޮޅާލުމުން، އެ އެއްޗަކީ ވަށް އެއްޗަކަށްވުން ލާޒިމުވެއެވެ. އެއެއްޗަކީ ބިން ކަމުގައިވުމުން ބިމަކީ ވަށް އެއްޗެއްކަން ދޭހަވެއެވެ.
ދުނިޔޭގައި ކަންހިނގާ ގޮތުން މިކަން ޘާބިތުކޮށްދޭނެ ދަލީލާމެދު ދަންނައެވެ. ފަހެ މިޘާލަކަށް، މީހަކު ޖިއްދާއިން ހުޅަނގަށް ދަތުރުކުރާނަމަ، އޭނާ ޖިއްދާއަށް އެނބުރި އަންނާނީ އިރުމަތީ ފަރާތުންނެވެ. އެއީ ސީދާ ރޮނގަކަށް ދަތުރުކުރާނަމައެވެ. މިއީ ދެމީހަކު ޚިލާފުވާނެ ކަމެއް ނޫނެވެ.
ޢިލްމުގެ އަހުލުވެރިންގެ ބަސްފުޅުތަކާމެދު ދަންނައެވެ. އިރުމަތީފަރާތުގައި އިރު އޮއްސުނު ވަގުތު މީހަކު މަރުވިނަމަ، އަދި އެހެން މީހަކު ހުޅަނގު ފަރާތުގައި އިރު އޮއްސުނު ވަގުތު މަރުވިނަމަ އެދެމެދުގައި ވަގުތު ތަކެއް ވެއެވެ. ފަހެ، ހުޅަނގު ފަރާތުގައި އިރު އޮއްސުނު ވަގުތު މަރުވި މީހާއަށް އިރުމަތީ ފަރާތުގައި އިރު އޮއްސުނު ވަގުތު މަރުވި މީހާގެ ފަރާތުން ވާރުތަ ކުރާނެއެވެ. އެއީ އޭނާގެ ވާރުތަވެރިއެއްކަމުގައި ވާނަމައެވެ. ފަހެ، މިކަމުން ދަލީލު ކޮށްދެނީ ބިމަކީ ވަށް އެއްޗެއްކަމެވެ. އެހެނީ ބިމަކީ ސީދަލަށް އޮތް އެއްޗެއްނަމަ ހުރިހާ ފަރާތަކަށް އެއް ވަގުތެއްގައި އިރު އޮއްސުން ލާޒިމުވާނެއެވެ. މިކަން މިގޮތަށް ޘާބިތުވުމުން އެއްވެސް މީހަކަށް އިންކާރެއް ނުކުރެވޭނެއެވެ. މިކަމާ ﷲ ތަޢާލާ ވަޙީކުރައްވާފައިވާ އަންނިވި ބަސްފުޅާ ފުށުއެރުމެއް ނުވެއެވެ.
﴿أَفَلَا يَنظُرُونَ إِلَى الْإِبِلِ كَيْفَ خُلِقَتْ [١٧] وَإِلَى السَّمَاءِ كَيْفَ رُفِعَتْ [١٨] وَإِلَى الْجِبَالِ كَيْفَ نُصِبَتْ [١٩] وَإِلَى الْأَرْضِ كَيْفَ سُطِحَتْ [٢٠]﴾ [سورة الغاشية]
މާނައީ: “ފަހެ، ޖަމަލު ހައްދަވާފައިވަނީ ކޮންފަދައަކުން ކަމާމެދު އެއުރެން ޖަމަލަށް ނުބަލަނީ ހެއްޔެވެ. (17) އަދި އުޑު އުފުއްލަވާފައިވަނީ ކޮންފަދައަކުން ކަމާމެދު އެއުރެން އުޑަށް ނުބަލަނީ ހެއްޔެވެ. (18) އަދި ފަރުބަދަތައް ކޮޅަށް ނަންގަވާފައިވަނީ ކޮންފަދައަކުން ކަމާމެދު އެއުރެން ފަރުބަދަތަކަށް ނުބަލަނީ ހެއްޔެވެ. (19) އަދި ބިން ފަތުރުއްވާފައިވަނީ ކޮންފަދައަކުން ކަމާމެދު އެއުރެން ބިމަށް ނުބަލަނީ ހެއްޔެވެ. (20)”
އެހެނީ ބިމަކީ ނިސްބަތުން ބޮޑު އެއްޗަކަށްވުމުން، ކައިރި ހިސާބަކުން އޭގެ ވަށްކަން ނުފެންނާނެއެވެ. ފަހެ، ފެންނަފެނުމަށް ބިންވަނީ ފަތުރާލެވިފައެވެ. އެތަނުގައި ދިރިއުޅުމަށް ޖެހިލުންވާފަދަ ކަމެއް ނުފެނެއެވެ. މިކަމުން އެއީ ވަށް އެއްޗެއްކަން ނަފީ ނުކުރެއެވެ. އެހެނީ އެއީ އޭގެ ޒާތުގައި ވަރަށް ބޮޑު އެއްޗެކެވެ. ނަމަވެސް ބުނެވޭގޮތުން ބިމަކީ ހުރިހާ ފަރާތަކުން އެއްވަރަށް ވަށް ބުރަށް އޮތް އެއްޗެއް ނޫނެވެ. ނަމަވެސް އުތުރާއި ދެކުނުން ވަނީ ކުޑަކޮށް އުފުލިފައެވެ. އެބައިމީހުން ބުނާ ގޮތުން ބިންވަނީ ބިހެއްގެ ބައްޓަމަށެވެ. އެބަހީ: ބިހެއް ފަދައިން އުތުރާއި ދެކުނުން ކުޑަކޮށް އުފުލިފައެވެ.” [فتاوى نور على الدرب]
އަދި ބިމަކީ ވަށް އެއްޗެއްތޯ ޝައިޚު އިބްނު ބާޒު رحمه الله އާ ސުވާލު ދެންނެވުމުން ޝައިޚު ވިދާޅުވިއެވެ.
“ބިމަކީ ވަށް އެއްޗެކެވެ. ބިމަކީ ވަށް އެއްޗެއްކަމަށް ޢިލްމުވެރިންވަނީ އިޖުމާޢުވެފައެވެ. އިބްނު ޙަޒަމް އަދި އެނޫން ޢިލްމުވެރިންވެސް އެކަން ނަޤުލުކުރެއްވިއެވެ.”
ބިމަކީ ވަށް އެއްޗެއް ނޫންކަމަށް ޝައިޚް އިބްނު ބާޒު ވިދާޅުވާކަމަށް ދެކެވޭ ވާހަކައަކީ ޝައިޚުގެ މައްޗަށް ހަދާފައިވާ ދޮގެކެވެ. އަދި އެކަމަށް ޝައިޚުވަނީ ޝައިޚުގެ ފަތުވާތަކުގައި އިންކާރުކުރައްވާފައެވެ. އަދި އެ ދޮގު ފެތުރި މީހުންވެސް ބަޔާންކޮށްދެއްވާފައެވެ. [1]
މިކަމުން އެނގެނީ ބިމަކީ ވަށް އެއްޗެއްކަމެވެ. ބިހެއްގެ ބައްޓަމަށް ވުމުން އެކަން ނަފީއެއް ނުވެއެވެ. އަދި އެއީ ސީދަލަށް އޮތް އެއްޗެއްކަމުގެ ބާޠިލު ބުނުމަކީ ކަނީސާގެ (ޗާޗުގެ) ޢަޤީދާއެކެވެ. އަދި އެހެންކަމުން އެބައިމީހުން ޢިލްމުވެރިންގެ ތެރެއިން ބިމަކީ ވަށް އެއްޗެއްކަމުގައި ބުނި މީހުންނަށް ލަޢުނަތްދީ އަންދާލިއެވެ. [العلمانية نشأتها وتطورها (1/130)]
والله أعلم .
=ނިމުނީ=
______________________________
މިއީ islamqa.info ގައިވާ ލިޔުމެއްގެ ތަރުޖަމާއެކެވެ.
މިލިޔުމުގެ އަޞްލު: އިނގިރޭސި ބަހުން / ޢަރަބި ބަހުން
[1] مجموع فتاوى ابن باز (9 / 226 – 229).