[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޞަޙީޙުލް ބުޚާރީ

“ފޮތްތަކާއެކު” ގެ ނަމުގައި ސިލްސިލާކޮށް ގެނެވޭ ބައިތަކަކީ އިސްލާމްދީނަށްޓަކައި ޢިލްމުވެރިން ދޫކުރައްވާފައިވާ ޢިލްމީ ޚަޒާނާތަކުގެ ތެރެއިން ފޮތެއްގެ ތަޢާރަފެކެވެ. އެބޭކަލުން ކުރައްވާފައިވާ ޢިލްމީ މަސައްކަތްޕުޅުތައް ދެނެގަތުމަކީ ޝަރުޢީ ޢިލްމު ޙާޞިލުކުރުމުގައި މުހިއްމުބައެއް އަދާކުރާ ކަމަކެވެ. ހަމައެހެންމެ، އެބޭކަލުން ކުރައްވާފައިވާ ބުރަ، އަގުހުރި މަސައްކަތްޕުޅުތަކަކީ އެކަމަކަށްޓަކައި އެބޭކަލުންނަށް އަޅުގަނޑުމެންގެ ފަރާތުން ޙައްޤު ޝުކުރު އަދާކުރަންޖެހޭ ކަމެކެވެ. މިސިލްސިލާގެ އެންމެ މުހިއްމު މަޤްޞަދަކީ ޢިލްމުވެރިން ލިޔުއްވާފައިވާ ފޮތްތަކަށް އަހުލުވެރިކުރުވުމާއި، އެބޭކަލުން ކުރައްވާފައިވާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް ދެނެގަތުމެވެ.

އަޅުގަނޑު މިސިލްސިލާ ލިޔުމުގައި އެއްޒަމާނެއްގެ ޢިލްމުވެރިން ދެނެގަތުމުގެ މުހިއްމުކަން ބޮޑުކަމާހުރެ، ޢިލްމުވެރިން އަވަހާރަވީ ތާރީޚް ޢިލްމުވެރިންގެ ނަންފުޅާ ޖެހިގެން ބުރަކެޓް ތެރޭގައި ގެނެސްފައިވާނެއެވެ. މިސާލަކަށް އިބްނު ޙިއްބާން (އ. 354ހ.) އެވެ. މިތަނުގައި އަލިފުން ރަމުޒުކޮށްދެނީ އަވަހާރަވުމަށެވެ. އަދި ހާއިން ރަމްޒުކޮށްދެނީ ހިޖުރީތާރީޚްކަމަށެވެ.

މިގޮތުން މިބައިގައި އަލިއަޅުވާލަން ގަޞްދުކޮށްފައިވަނީ، ކީރިތި ޤުރުއާނަށްފަހު މިބިންމަތީގައިވާ އެންމެ ޞައްޙަފޮތްކަމުގައިވާ، އަލްއިމާމް ބުޚާރީ ރަޙިމަހުﷲ ގެ ޙަދީޘް ފޮތް “ޞަޙީޙުލް ބުޚާރީ” އަށެވެ.

ފޮތުގެ ނަން:

ޢިލްމުވެރިންގެ މެދުގައި މިފޮތް މަޝްހޫރުވެފައިވަނީ “ޞަޙީޙުލް ބުޚާރީ” ގެ ނަމުންނެވެ. ނަމަވެސް އިމާމް ބުޚާރީ ރަޙިމަހުﷲ ފޮތައް ދެއްވާފައިވާ ނަން ދަންނައެވެ. އިމާމު ނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ބުޚާރީ އެފޮތައް ދެއްވާފައިވާ ނަމަކީ “الجَامِعُ المُسْنَدُ الصَّحِيْحُ الْمُخْتَصَرُ مِنْ أُمُوْرِ رَسُوْلِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَسُنَنِهِ وَأَيَّامِهِ” އެވެ.”

އަލްޙާފިޡު އިބްނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ބުޚާރީ އެފޮތައް ދެއްވާފައިވާ ނަމަކީ “الجَامِعُ الصَّحِيْحُ المُسْنَدُ مِنْ حَدِيثِ رَسُوْلِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَسُنَنِهِ وَأَيَّامِهِ” އެވެ.”

މުޙައްދިޘުންގެ އަރިހުގައި “الجَامِعُ ” އޭ ކިޔެނީ އެފޮތެއްގައި ޙަދީޘްގެ އެންމެހާ ބައިތަކެއް ހިމެނިފައިވާތީއެވެ. އެއީ 1. ޢަޤީދާ (ޢަޤީދާއާބެހޭ ޙަދީޘްތައް)، 2. އަޙްކާމް (ފިޤްހީ ޙުކުމްތަކާބެހޭ ޙަދީޘްތައް)، 3. އައްރަޤާއިޤު ވައްޒުހުދު، 4. އަލްއާދާބު (ރިވެތި އަދަބުތަކާބެހޭ ޙަދީޘްތައް)، 5. އައްތަފްސީރު (ޤުރުއާނުގެ އާޔަތްތަކުގެ ތަފްސީރާބެހޭ ޙަދީޘްތައް)، 6. އައްތާރީޚު ވަލް މަޣާޒީ (ރަސޫލާގެ ސީރަތާއި ހަނގުރާމަތަކާބެހޭ ޙަދީޘްތައް)، 7. އަލްފިތަން ވަ އަޝްރާތުއް ސާޢާ (ފިތުނަތަކާއި ޤިޔާމަތުގެ ޢަލާމާތްތަކާބެހޭ ޙަދީޘްތައް)، 8. އަލްމަނާޤިބު ވަލް ފަޟާއިލު (ޞަޙާބީންނާއި އެނޫން ބޭކަލުންނާއި ބައެއް ތަންތަނުގެ މަތިވެރިކަމާބެހޭ ޙަދީޘްތައް) މިބައިތަކެވެ. ޞަޙީޙް ބުޚާރީގައި މިއެންމެހާ ބައިތައް ހިމެނިފައިވެއެވެ.

“الصَّحِيْحُ” އޭ ކިޔެނީ އިމާމް ބުޚާރީ ރަޙިމަހުﷲ މިފޮތް ޖަމާކުރެއްވުމުގެ އެންމެ މުހިއްމު މަޤްޞަދަކީ ޙަދީޘްތަކުގެ ތެރެއިން ޚާއްޞަކޮށް ޞައްޙަ ޙަދީޘްތައް ރިވާކުރެއްވުން ކަމުގައިވުމެވެ. މިމަޤްޞަދުގައި އިބްނު ޙިއްބާން (އ. 354ހ.) އާއި އިބްނު ޚުޒައިމާ (އ. 311ހ.) ފަދަ ބޭކަލުން ޙަދީޘްފޮތްތައް ލިޔުއްވިއެވެ. މިސަބަބާހުރެ އިބްނު ހިއްބާން ރަޙިމަހުﷲ ލިޔުއްވާފައިވާ ފޮތަށް “ޞަޙީޙް އިބްނު ޙިއްބާން”، އަދި އިބްނު ޚުޒައިމާ ރަޙިމަހުﷲ ލިޔުއްވާފައިވާ ފޮތަށް “ޞަޙީޙް އިބްނު ޚުޒައިމާ” ގެ ނަން ދެވިފައިވެއެވެ. މިއެންމެހާ ބޭކަލުންގެ ވެސް އެންމެ މުހިއްމު މަޤްޞަދަކީ ޞައްޙަ ޙަދީޘްތައް އެއްފޮތެއްގައި ޖަމާކުރެއްވުމެވެ.

ޢިލްމުވެރިން “المُسْنَدُ” ދެމާނައެއްގައި ބޭނުން ކުރައްވައެވެ. ފުރަތަމަ މާނައީ ފޮތް ޖަމާކުރެއްވި ޢިލްމުވެރިޔާއިން ފެށިގެން ޙަދީޘުގެ ސަނަދު މެދުކެނޑުމެއްނެތި އެންމެ ފަހުގެ ރާވީއާހަމައަށް ގުޅިފައިވުމެވެ. ޚާއްޞަކޮށް ބޭނުންކޮށް އުޅެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އާ ހަމައަށް މެދުކެނޑުމެއްނެތި ސަނަދު ގުޅިފައިވާ ޙަދީޘްތަކަށެވެ. އިމާމް ބުޚާރީ ރަޙިމަހުﷲގެ ޞަޙީޙުއަށް މުސްނަދުއޭ ކިޔެނީ މިމާނާގައެވެ. ދެވަނަ މާނައީ ޙަދީޘްތައް ފޮތުގައި އެތުރުމުގައި ޞަޙާބީންގެ ނަންފުޅުން އަތުރާފައިވާ ފޮތްތަކެވެ. މިސާލެއްގެގޮތުން އެފޮތްތަކުގައި އަނަސް ރަޟިޔަﷲ ޢަންހުގެ ޙަދީޘްތައް ގެނެސްފައިވާނީ އެކަލޭގެފާނުގެ ނަންފުޅުގެ ދަށުންނެވެ. އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ ޙަދީޘްތައް ގެނެސްފައިވާނީ އެކަލޭގެފާނުގެ ނަންފުޅުގެ ދަށުންނެވެ. މިގޮތުން “މުސްނަދު އަޙްމަދު” އާއި “މުސްނަދު އަބީ ޔަޢުލާ” އަކީ މިމާނާގައި މުސްނަދުއޭކިޔޭ ޙަދީޘްފޮތްތަކެވެ.

މުއައްލިފު:

ޞަޙީޙް ބުޚާރީ ލިޔުއްވާފައިވަނީ އަބޫ ޢަބްދުﷲ މުޙައްމަދު ބުން އިސްމާޢީލް ބުން އިބްރާހީމް ބުން މުޣީރާ އަލްބުޚާރީއެވެ. އިމާމް ބުޚާރީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 194 ވަނަ އަހަރުއެވެ. އަވަހާރަވެފައިވަނީ ހިޖުރައިން 256 ވަނަ އަހަރުއެވެ.

އެކަލޭގެފާނު ޢިލްމު ޙާޞިލުކުރެއްވި ބޭކަލުންގެ ތެރޭގައި: ޤުތައިބާ ބުން ސަޢީދު އަލްބަޣްލާނީ (އ. 240ހ.)، އިސްޙާޤް ބުން ރާހޫޔާ (އ. 238ހ.)، އަޙްމަދު ބުން ޙަންބަލް (އ. 241ހ.)، ޢަލިއްޔު ބުން މަދީނީ (އ. 234ހ.)، ޔަޙްޔާ ބުން މަޢީން (އ. 233ހ.) ރަޙިމަހުމުﷲ ފަދަ އެތައް ޢިލްމުވެރިންނެއް ވެއެވެ. އެކަލޭގެފާނުގެ ކިބައިން ޢިލްމު ޙާޞިލުކުރެއްވި ބޭކަލުންގެ ތެރޭގައި: މުސްލިމް ބުން ޙައްޖާޖް (އ. 261ހ.)، އަބޫދާވުދު (އ. 275ހ.)، އައްތިރުމިޛީ (އ. 274ހ.) ރަޙިމަހުމުﷲ ފަދަ އެތައް ބޭކަލުންނެއް ހިމެނިވަޑައިގަންނަވައެވެ.

އިމާމް ބުޚާރީ ރަޙިމަހުﷲ ޞަޙީޙުލް ބުޚާރީގެ އިތުރަށް ލިޔުއްވާފައިވާ ފޮތްތަކުގެ ތެރޭގައި: އަލްއަދަބު އަލްމުފުރަދު، ޚަލްޤު ޢަފްޢާލުލް ޢިބާދު، ތާރީޚުލް ކަބީރު، ތާރީޚުލް އަވްސަޠު ފަދަ ފޮތްތައް ހިމެނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އިމާމް ބުޚާރީއަށް ރަޙުމަތް ލައްވާށި!

ޞަޙީޙުލް ބުޚާރީ ލިޔުއްވަން މެދުވެރިވި ސަބަބުތައް:

އިމާމް ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙު ލިޔުއްވެވުމަށް ތިން ސަބަބެއްވެއެވެ. އިބްނު ޙަޖަރު ރަޙިމަހުﷲ (އ. 852ހ.) ލިޔުއްވާފައިވާ “ހަދުޔުއް ސާރީ” ގައި މިސަބަބުތައް ބަޔާންކޮށްފައިވެއެވެ.

ފުރަތަމަ ސަބަބު: އިމާމް ބުޚާރީ ރަޙިމަހުﷲ ގެ ކުރިން ލިޔުއްވާފައިވާ ޙަދީޘްފޮތްތައް އެކަލޭގެފާނަށް ފެނިވަޑައިގަތީ އެފޮތްތަކުގައި ޞަޙީޙް ޙަދީޘާއި ޙަސަނު ދަރަޖައިގެ ޙަދީޘާއި ޟަޢީފް ޙަދީޘްތައް އެފޮތްތަކުގައި ޖަމާކޮށްފައި ވަނިކޮށެވެ. އެހިނދު އިމާމް ބުޚާރީ މުޅިން ޞައްޙަ ޙަދީޘް އެއްފޮތެއްގައި ޖަމާކުރުމުގެ ނިޔަތުގައި މަސައްކަތްފެއްޓެވީއެވެ.

ދެވަނަ ސަބަބު: އެކަލޭގެފާނުގެ ޢަޒުމަށް އިތުރު އާރޯކަމެއް ގެނެސްދިނީ، އެކަލޭގެފާނުގެ އުސްތާޛް އިސްޙާޤް ބުން ރާހޫޔާ ރަޙިމަހުﷲ (އ. 238ހ.) ގެ ކިބައިން އިވުނު ބަސްފުޅަކުންނެވެ. އިސްޙާޤު ވިދާޅުވިއެވެ. “ތިޔަބައިމީހުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުގެ ޞައްޙަ ފޮތެއް ޖަމާކުރާނަމައެވެ.” މިބަސްފުޅާ ބެހޭގޮތުން އިމާމް ބުޚާރީ ވިދާޅުވެފައިވެއެވެ. “މިބަސްފުޅުގެ ސަބަބުން ތިމަންގެ ހިތުގައި އެކަންކުރަމުގެ ޝައުޤުވެރިކަން އުފެދި، ‘އަލްޖާމިޢުއް ޞަޙީޙް’ (އެބަހީ ޞަޙީޙުލް ބުޚާރީ) ޖަމާކުރުމަށް ފެށީމެވެ.”

ތިންވަނަ ސަބަބު: އިމާމް ބުޚާރީ ވިދާޅުވެފައިވެއެވެ. ތިމަން ހުވަފެނުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދެކުނީމެވެ. ތިމަން އެކަލޭގެފާނުގެ ކުރިމަތިފުޅުގައި ހުރެގެން، ތިމަންގެ އަތުގައިވާ ފަންކާއަކުން އެކަލޭގެފާނުގެ ހަށިކޮޅުން މެހިފަދަ ތަކެތި  އެކަހެރިކުރަނީއެވެ. މިހުވަފެނުގެ ވާހަކަ ބައެއް ހުވަފެން ތަޢުބީރުކުރާ މީހުންކައިރިން އެހިހިނދު އެބައިމީހުން ބުންޏެވެ. “ތިބާ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ މައްޗަށް ހެދޭ ދޮގުތައް އެކަހެރިކުރާނެއެވެ.” މިއީ ތިމަން ޖާމިޢު (އެބަހީ ޞަޙީޙުލް ބުޚާރީ) ނެރުމަށް މެދުވެރިކުރި ސަބަބެވެ.

އެހެންކަމުން، މިތިން ޙާދިޘާއަކީ އިމާމް ބުޚާރީ ރަޙިމަހުﷲ އެކަލޭގެފާނުގެ ޞަޙީޙު އެއްކުރެއްވުމަށް މެދުވެރިކުރުވި ސަބަބުތަކެވެ.

ޞަޙީޙުލް ބުޚާރީ:

އިމާމް ބުޚާރީ ރަޙިމަހުﷲ ޞަޙީޙުލް ބުޚާރީ ލިޔުއްވުމަށް ސޯޅަ އަހަރު ހޭދަކުރެއްވިއެވެ. އިމާމް ބުޚާރީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ތިމަން ހިނައިގަނެ ދެރަކުޢަތް ނަމާދެއް ކުރުމަށްފަހުގައި މެނުވީ ޞަޙީޙުގައި ޙަދީޘެއް ނުލިޔަމެވެ.” އަދިވެސް ވިދާޅުވެފައިވެއެވެ. “ތިމަން އިސްތިޚާރާކޮށް ދެރަކުޢަތް ނަމާދެއްކޮފައި، އަދި ތިމަންނައަށް ޞައްޙަކަމަށް ޔަޤީންވާ ހަދީޘެއްމެނުވީ އެންމެ ޙަދީޘެއްވެސް ތިމަން އެފޮތަށް ނުލައްވަމެވެ. (އެބަހީ އެފޮތުގައި ޙަދީޘެއް ނުލިޔުއްވަމެވެ.)” އެކަލޭގެފާނު ޞަޙީޙު ނިންމެވުމަށްފަހު، އެކަލޭގެފާނުގެ ޝެއިޚުންކަމުގައިވާ އަޙްމަދު ބުން ޙަންބަލްއަށާއި، ޔަޙްޔާ ބުން މަޢީންއަށާއި ޢަލީ ބުނުލް މަދީނީ އަށް ހުށަހެޅުއްވިއެވެ. އެބޭކަލުން ހަތަރު ޙަދީޘް ފިޔަވައި އެހެން ހުރިހާ ޙަދީޘްތަކަކީ ޞައްޙަ ޙަދީޘްކަމަށް ހެކިވެވަޑައިގެންނެވިއެވެ. އަދި އެހަތަރު ޙަދީޘްގައިވެސް ރަނގަޅުވެފައިވަނީ އިމާމް ބުޚާރީ ރަޙިމަހުﷲ ގެ ބަސްފުޅެވެ. އެއީ އެހަތަރު ޙަދީޘަކީވެސް ޞައްޙަ ޙަދީޘްކަމަށެވެ.

ޞަޙީޙުލް ބުޚާރީ ދިގުވެދާނެ ކަމަށްޓަކައި އިމާމް ބުޚާރީ ދެނެވަޑައިގަންވާ ހުރިހާ ޞައްޙަ ޙަދީޘެއް ނުލިޔުއްވައެވެ. އެހެންކަމުން، އެހެން ޙަދީޘް ފޮތްތަކުގައި ޞަޙީޙު ބުޚާރީގައި ނެތް ޞައްޙަ ހަދީޘްތައް ހުންނާނެއެވެ. އިމާމް ބުޚާރީ ވިދާޅުވެފައިވެއެވެ. “ތިމަން އެއްލައްކަ ޞައްޙަ ޙަދީޘް ހިތުދަސްކުރީމެވެ. އަދި ދެލައްކަ ޞައްޙަނޫން ޙަދީޘް ދަސްކުރީމެވެ.” މިހިސާބުން ދެނެގަންނަންޖެހޭ ކަމަކީ މުޙައްދިޘުންގެ އަރިހުގައި ސަނަދު ތަފާތުވުން މާނަކުރައްވަނީ ވަކި ޙަދީޘެއް ކަމުގައެވެ. އެހެންކަމުން، ޙަދީޘެއްގެ މަތަނު އެތައް ސަނަދަކުން ރިވާވެފައިއޮވެދާނެއެވެ. ސަނަދުގައި އެންމެ ރާވީއެއް ބަދަލުވިނަމަވެސް އެއީ އެބޭކަލުންގެ އަރިހުގައި ވަކި ޙަދީޘެކެވެ.

ޞަޙީޙުލް ބުޚާރީގައި އިމާމް ބުޚާރީ ތަކުރާރުކުރައްވާފައިވާ ޙަދީޘްތަކާއެކު 7397 ޙަދީޘް ޖަމާކުރައްވާފައިވެއެވެ. އަދި ތަކުރާރުކުރުމެއް ނެތި 2602 ޙަދީޘް ޖަމާކުރައްވާފައިވެއެވެ.

ޞަޙީޙުލް ބުޚާރީއަށް ނަޒަރު ހިންގާލައިފިކަމުގައިވާނަމަ، އެނގިގެންދާނީ އިމާމް ބުޚާރީ ޞަޙީޙު ލިޔުއްވުމުގައި ބައްލަވާފައިވާ މިންގަނޑަކީ ކޮންމެ ބާބަކާ ގުޅޭ ޞައްޙަ ޙަދީޘް ގެނައުމެވެ. ހަމައެހެންމެ، އާއްމުގޮތެއްގައި އެޙަދީޘް އެއްކޮށް ގެންނެވުމުގެ ބަދަލުގައި ބާބާ ގުޅޭ ހިސާބު ގެންނަވާފައިވާ ކަމެވެ. އެކަމުގެ އެންމެ ބޮޑު ބޭނުންފުޅަކީ ފޮތް ކުރުކުރެއްވުމެވެ. އިމާމް ބުޚާރީ ޞަޙީހް އަތުރުއްވާފައިވަނީ ކިތާބުތަކެއް (އެބަހީ ފޮތްތަކެއް) ގެ މައްޗަށެވެ. މިސާލަކަށް ކިތާބު ބަދުއުލް ވަޙީ، ކިތާބުލް އީމާން މިފަދައިންނެވެ. އޭގެފަހުގައި ކޮންމެ ކިތާބެއްގެ ދަށުން ބާބުތަކެއްގެ މައްޗަށެވެ. ކޮންމެ ބާބެއްގެ ދަށުން އެބާބަކާގުޅޭ ޙަދީޘްތައް ގެންނަވާފައިވެއެވެ. މިގޮތުން އެއް ހަދީޘެއް އެކި ބާބުތަކުގައި ތަކުރާރުކުރައްވާފައިވެއެވެ. މިގޮތަށް ތަކުރާރުކުރެއްވުމުގައި ބައެއް ފަހަރު އެކި ސަނަދުތަކުން އެޙަދީޘް ރިވާކުރައްވައެވެ. މިކަމުން ދޭހަކޮށްދެނީ އިމާމް ބުޚާރީ ރަޙިމަހުﷲގެ ޢިލްމުވެރިކަމާއި، ޙަދީޘް ޢިލްމުގައި އަރާހުންނެވި މިންވަރެވެ.

ޞަޙީޙުލް ބުޚާރީގައިވާ މުޢައްލަޤު ޙަދީޘް:

އިމާމް ބުޚާރީ ރަޙިމަހުﷲ، އެކަލޭގެފާނުގެ ޞަޙީޙް ލިޔުއްވުމުގައި ބައެއް ބާބުތައް ފައްޓަވަމުން މުޢައްލަޤު ޙަދީޘް ގެންނަވާފައިވެއެވެ. މުޢައްލަޤު ޙަދީޘަކީ، ޙަދީޘުގެ ސަނަދުގެ ކުރީކޮޅުން ބައެއް ނުގެންނަވައި، ނުވަތަ ސަނަދު އެއްކޮށް ނުގެންނަވައި ރިވާ ކުރައްވާފައިވާ ޙަދީޘްތަކެވެ. މިގޮތުން އިމާމް ބުޚާރީ ބައެއް ފަހަރަށް، އިމާމް ބުޚާރީގެ ސަނަދު ނުގެންނަވައި ސީދާ ތާބިޢީން ނުވަތަ ޞަޙާބީން، ނުވަތަ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ކިބައިން ހަދީޘް ރިވާކޮށްފައި ހުރެއެވެ. މިސާލެއްގެ ގޮތުން: ކިތާބުއް އީމާން ފައްޓަވަމުން އިމާމް ބުޚާރީ ވިދާޅުވެފައިވެއެވެ. بَاب قَول النَّبِي صَلَّى اللَّهُ عَلَيْهِ وَسَلَّم َ ((بُنِيَ الإِسْلاَمُ عَلَى خَمْسٍ)) މިބާބު ފައްޓަވަމުން އިމާމް ބުޚާރީ ގެންނަވާފައިމިވަނީ ސީދާ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ކިބައިންނެވެ. ((بُنِيَ الإِسْلاَمُ عَلَى خَمْسٍ)) (އެބަހީ އިސްލާމްދީން ބިނާވެފައިވަނީ ފަސްކަމެއްގެ މައްޗަށެވެ.) މިޙަދީޘެވެ. މިޙަދީޘްގެ ސަނަދު އިމާމް ބުޚާރީ މިތަނުގައި ގެންނަވާފައެއް ނުވެއެވެ. މިފަދަ އެތައް ޙަދީޘެއް އިމާމް ބުޚާރީ ޞަޙީޙްގެ އެކިތަންތަނުގައި ގެންނަވާފައިވެއެވެ.

އިމާމް ބުޚާރީ ރަޙިމަހުﷲ މިފަދައިން ޙަދީޘް ގެންނަވާފައިވާ ސަބަބުތަކުގެ ތެރޭގައި : އެޙަދީޘް ފޮތުގެ އެހެން ތަނެއްގައި ސަނަދުން ގެންނަވާފައިވުން، ނުވަތަ އެޙަދީޘަކީ މަރުފޫޢު (އެބަހީ ނަބިއްޔާއާ ހަމައަށް ގުޅިފައިވާ) ދަރަޖައަށް ނުފޯރާ މައުޤޫފް ޙަދީޘަކަށްވުން (އެބަހީ ނަބިއްޔާގެ ޙަދީޘަކަށް ނުވާގޮތަށް ޞަޙާބީންނާ ހަމައަށް ސަނަދު ހުއްޓިފައިވުން)، ނުވަތަ ހިތުދަސްކުރުމުގެ ބާރު ދަށް ރާވީއެއް ސަނަދުގައި ހިމެނިފައިވުން ފަދަ ސަބަބުތައް ހިމެނެއެވެ.

މިފަދަ ޙަދީޘްތަކުގެ ޚުލާޞާއަކީ، އިމާމް ބުޚާރީ “قَالَ” (އެބަހީ ވިދާޅުވިއެވެ.)، “أَمَرَ” (އެބަހީ އަމުރުކުރެއްވިއެވެ.)، “ذَكَرَ” (އެބަހީ ޒިކުރުކުރެއްވިއެވެ.) މިފަދަ ސީދާ ލަފްޡުތަކުން ގެންނަވާފައިވާ ޙަދީޘްތައް ޞައްޙައެވެ. އަދި “قِيْلَ” (އެބަހީ ބުނެވިފައިވެއެވެ.)، “ذُكِرَ” (ނުވަތަ ޒިކުރުކުރެވިފައިވެއެވެ.) މިފަދަ ބުނިފަރާތެއް ނޭނގޭގޮތަށް ގެނެސްފައިވާ ޙަދީޘްތަކުގެ ތެރޭގައި ޞަޙީޙް، ޙަސަން އަދި ޟައީފް ޙަދީޘްތައް އެބަހުއްޓެވެ. މިފަދައިން ގެންނަވާފައިވާ ޙަދީޘްތައް ޖެހޭނީ ދިރާސާ ކުރާށެވެ.

ޞަޙީޙުލް ބުޚާރީގައިވާ މިފަދަ ޙަދީޘްތައް، އަލްޙާފިޡު އިބްނު ޙަޖަރު އެއްފޮތެއްގައި އެއްކުރައްވައި، އެޙަދީޘްތަކުގެ ސަނަދުތައް ވަރަށް ފުރިހަމައަށް ދިރާސާކުރައްވާފައިވެއެވެ. އެފޮތުގެނަމަކީ “ތަޣްލީޤުއް ތަޢުލީޤު ޢަލާ ޞަޙީޙުލް ބުޚާރީ” މިފޮތެވެ. އަދި އިބްނު ޙަޖަރުގެ ޞަޙީޙުލް ބުޚާރީގެ ޝަރަޙަ “ފަތުޙުލް ބާރީ” ގެ މުޤައްދިމާ “ހަދުޔުއް ސާރީ” ގައިވެސް ޞަޙީޙުލް ބުޚާރީގައިވާ މިފަދަ ޙަދީޘްތަކަށް އަލިއަޅުއްވާލައިފައިވެއެވެ.

ހަނދާން ބަހައްޓަން ޖެހޭ ނުކުތާއަކީ މިފަދަ ޙަދީޘްތަކަކީ އެކަލޭގެފާނު ބާބުތައް ފައްޓަވަމުން ގެންނަވާފައިވާ ޙަދީޘްތަކެކެވެ. ހަމައެހެންމެ، މިފަދަ ޙަދީޘްތަކަކީ އެކަލޭގެފާނު ފޮތް ޖަމާކުރެއްވި މަޤްޞަދުކަމުގައިވާ ޞައްޙަ ޙަދީޘްތައް ޖަމާކުރެއްވުމުގެ މަޤްޞަދުން ބޭރުގައިވާ ހަދީޘްތަކެކެވެ. މިފަދަ އެއްވެސް ޙަދީޘެއް ބާބުގެ މެދުތެރެއިން ގެންނަވާފައެއް ނުވެއެވެ.

ޞަޙީހުލް ބުޚާރީއަށް ޢިލްމުވެރިން ކިޔުއްވާފައިވާ ޘަނާ:

އިބްނުއް ސުބުކީ ރަޙިމަހުﷲ (އ. 756ހ.) “ޠަބަޤާތުއް ޝާފިޢިއްޔަތުލް ކުބްރާ” ގައި ވިދާޅުވެފައިވެއެވެ. “އެކަލޭގެފާނު (އެބަހީ އިމާމް ބުޚާރީ) ގެ ފޮތް އަލްޖާމިޢުލް ޞަޙީޙް ދަންނައެވެ. އެއީ ﷲގެ ފޮތަށް ފަހު އިސްލާމްދީނުގައިވާ އެންމެ ފުރިހަމަ، މަތިވެރި ފޮތެވެ.”

ބުޚާރީއާއި މުސްލިމްގެ ދެޞަޙީޙް އާ ބެހޭގޮތުން އިބްނުއް ޞަލާޙް ރަޙިމަހުﷲ (އ. 643ހ.) ވިދާޅުވެފައިވެއެވެ. “އެދެބޭކަލުންގެ ދެފޮތަކީ، ޢަޒީޒްވަންތަ ﷲގެ ފޮތަށްފަހު އެންމެ ޞައްޙަ ދެފޮތެވެ.” އޭގެފަހުގައި ވިދާޅުވެފައިވެއެވެ. “އިމާމް ބުޚާރީގެ ފޮތަކީ ދެފޮތުންކުރެ އެންމެ ޞައްޙަ އަދި ފައިދާ ބޮޑު ފޮތެވެ.”

ޞަޙީޙް މުސްލިމްގެ މުޤައްދިމާގެ ޝަރަޙްގައި އިމާމް ނަވަވީ ރަޙިމަހުﷲ (އ. 676ހ.) ވިދާޅުވެފައިވެއެވެ. “ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވާގޮތުގައި ކީރިތި ޤުރުއާނަށްފަހު އެންމެ ޞައްޙަ ފޮތަކީ ބުޚާރީއާއި މުސްލިމްގެ ދެޞަޙީޙުއެވެ.”

ޞަޙީޙުލް ބުޚާރީގެ ބައެއް ޝަރަޙަތައް:

1. އަޢްލާމުއް ސުނަން: އަބޫ ސުލައިމާން ޙަމްދު ބުން މުޙައްމަދު އަލްބުސްތީ އަލްޚައްޠާބީ (އ. 388ހ.). މިފޮތުގައި އެއްކޮށް ޝަރަޙަކުރައްވާފައެއް ނުވެއެވެ. ޝަރަޙަ ކުރައްވާފައިވަނީ ބައެއް ޙަދީޘް ތަކެވެ.

2. ޝަރްޙު ޞަޙީޙުލް ބުޚާރީ: އިބްނު ބައްޠާލުލް މާލިކީ (އ. 449ހ.).

3. އަލްކަވާކިބުލް ދަރާރީ ފީ ޝަރްޙު ޞަޙީޙުލް ބުޚާރީ: އަލްކިރުމާނީ (އ. 786ހ.).

4. ފަތުޙުލް ބާރީ ޝަރްޙު ޞަޙީޙުލް ބުޚާރީ: އިބްނު ރަޖަބު އަލް ހަންބަލީ (އ. 795ހ.). މިއީ ޞަޙީޙުލް ބުޚާރީގެ ވަރަށް ފުރިހަމަ ޝަރަޙައެކެވެ. ނަމަވެސް އިބްނު ރަޖަބު ރަޙިމަހުﷲ އަށް ފޮތް އެއްކޮށް ޝަރަޙަ ކުރެވިފައެއްނުވެއެވެ.

5. ފަތުހުލް ބާރީ ބިޝަރަޙް ޞަޙީޙުލް ބުޚާރީ: އިބްނު ޙަޖަރުލް އަސްޤަލާނީ (އ. 852ހ.). މިއީ ޞަޙީޙުލް ބުޚާރީގެ އެންމެ ފުރިހަމަ، ފައިދާބޮޑު ޝަރަޙައެވެ.

6. ޢުމްދަތުލް ޤާރީ: އަލްޢައިނީ (އ. 855ހ.)

_________________________

މަރުޖިޢުތައް:

1. ހަދުޔުއް ސާރީ: އިބްނު ޙަޖަރުލް އަސްޤަލާނީ.

2. ތަދްރީބުއް ރާވީ: ޖަލާލުއްދީނުލް ސުޔޫޠީ.

3. މުޞްޠަލަޙުލް ޙަދީޘް: މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން.

4. އަލްއިމާމުލް ބުޚާރީ ވަކިތާބުހުލް ޖާމިޢުލް ޞަޙީޙް: ޢަބްދުލް މުޙްސިން ބުން ޢައްބާދު.

5. ތަދްވީނުއް ސުންނާ: މުޙައްމަދު މަޠަރުއް ޒަހްރާނީ.