[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަރުވާއެއްގެ ގޮތުގައި އައި ވީ އެފް ބޭނުންކުރުމުގެ ޙުކުމް 1

ޝައްކެއް ނެތްގޮތުގައި ދަރިންވަނީ ދުނިޔޭގައި ލިބޭ ނިޢުމަތްތަކުގެ ތެރެއިންނެވެ. އަދި އެއީ ދުނިޔޭގެ ޒީނަތެއްވެސް މެއެވެ. ކައިވެނީގެ އެންމެ މަތިވެރި އެއް މަޤްޞަދަކީ ދަރިފަސްކޮޅެއް އުފަންކުރުމެވެ. ޞާލިޙު ދަރިއަކީ ދުނިޔެއާއި އާޚިރަތުގައި އެކުއްޖާގެ މައިންބަފައިންނަށް މަންފާކުރާނެ ޚަޒާނާއެކެވެ. އަދި އެކުއްޖާގެ ހެޔޮ ޢަމަލުތައް މައިންބަފައިންގެ ފަތުގައި އަދި މީޒާނުގައި ވާނެއެވެ.
އަންހެނަކަށް ނުވަތަ ފިރިހެނަކަށް ދަރިން ނުލިބިދާނެއެވެ. ނުވަތަ ދަރިން ލިބުން ލަސްވެދާނެއެވެ. އެފަދަ މީހެއްގެ މައްޗަށް ވާޖިބު ވެގެންވަނީ އެކަމަށް ރުހި އެކަމުގެ މައްޗަށް ކެތްތެރިވުމެވެ. އަދި ފާފަ ފުއްސެވުން އެދި ގިނަގިނައިން ދުޢާކުރުމެވެ. އަދި ހެޔޮވެގެންވާ ޙިކުމަތަކަށްޓަކައި މެނުވީ ﷲ ތަޢާލާ ކަމެއް މިންވަރު ނުކުރައްވާނެކަން ދަންނަންވާނެއެވެ. އެކަމަށް ފަރުވާކުރުމަށް ޝަރުޢީ މަގެއް ފަހިވެއްޖެމީހަކު އެފަދަ މަގަކުން ފަރުވާ ކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އޮޅުވާލުމާއި، ސިޙުރާ އަދި ޚުރާފާތުގެ ކަންކަމުން މުސްލިމުން ދުރުވާން ޖެހޭނެއެވެ. އަދި ދަރިން ނުލިބޭ މީހުން މެދުވެރިކޮށް މާލީ ފައިދާ ހޯދުމަށް އުޅޭ ޑޮކްޓަރުންނާ މެދުވެސް ސަމާލުވާންޖެހޭނެއެވެ. ބައެއް މީހުން އަންހެނާގެ ބިސް ނުވަތަ ފިރިހެނާގެ މަނި އޮޅުވާލައިގެން ބަދަލުކުރެއެވެ! މިފަދަ ކަންކަން ހުރުމުން ބައެއް ޢިލްމުވެރިން ދަރިމައިވުމުގެ މިފަދަ މަގުތައް މަނާ ކުރައްވައެވެ. ނުވަތަ މިކަމުގައި ވަރުގަދަ ޙުކުމްތައް ގެންނަވައެވެ.
ދަރިމައިވުމުގައި މައްސަލަތައް ހުންނަ މީހުންނަށް އެކަމަށް މަގުފަހިކޮށްދިނުމަށް ޑޮކްޓަރުން ބޭނުންކުރާ އެއް މަގަކީ I V F އެވެ. މިކަން ކުރުމަށްޓަކައި، އަންހެނާގެ އޯވަރީ އިން ޠަބީޢީ ގޮތުން އެއް ބިސް އުފައްދާ ފަދައިން، އެއްފަހަރާ ބައިވަރު ބިސް އުފެއްދުމަށް އޯވަރީ ތައްޔާރު ކުރުމަށް Decapeptyl ކިޔާ އިންޖެކްޝަނެއް ދެއެވެ. އެއަށްފަހު ބައިވަރު ބިސް އެއްފަހަރާ އުފެއްދުމަށްޓަކައި ހޯމޯން އިންޖެކްޝަން ތަކެއް ދެއެވެ. ބިސްތައް ބޮޑުވިކަން ޔަޤީން ކުރުމަށްފަހު ބިސްތައް ނެގުމުގެ ކުރިން އެބިސްތައް ބޮޑުވެ ފުރިހަމަކުރުމަށް ޓަކައި HCG އިންޖެކްޝަނެއް ދެއެވެ. އާންމުކޮށް މިއިންޖެކްޝަން ދެނީ ބިސްތައް ނެގުމުގެ 36 ގަޑިއިރު ކުރިންނެވެ.
ބިސްތައް ނަގާ ދުވަހު، އޭނާގެ ފިރިމީހާގެ މަނި ނަގައެވެ. އަދި ކޮންމެ ބިހަކާއެކު 100000 ދަރިފަނި ފާޓިލައިޒްވުމަށްޓަކައި ޓެސްޓްޓިއުބަށް ލައެވެ. ދެދުވަސް ނުވަތަ ތިން ދުވަސްފަހުން ފާޓިލައިޒްވެފައިވާ ބިސް ބައިބައިވެ “އެމްބްރީއޯ” އަކަށްވެއެވެ. އަދި މި “އެމްބްރިއޯ”ތައް އޭގެ ފެންވަރަށް ބަލާ ބައިބަޔަށް ބަހާލެވެއެވެ. އަންހެންމީހާގެ ރަހިމަށްލުމަށްޓަކައި އެންމެ ރަނގަޅު “އެމްބްރިއޯ”ތައް ހޮވާލެވެއެވެ. ރަހިމަށް އެތަކެތި ލުމަށްފަހު އަންހެންމީހާ ބަލިވެ އިނދޭތޯ ނުވަތަ ނޫންތޯ ޔަޤީންކުރުމަށް ތަހުލީލުކުރެވެއެވެ. ޑޮކްޓަރުން ވިދާޅުވާގޮތުން މިކަން ކާމިޔާބުވަނީ 40-30 އިން ސައްތަ މީހުންނަށެވެ.
މިކަން ކުރާ ގޮތުގެ މި ޚުލާޞާ ކިޔައިދެއްވީ އިނގިރޭސިވިލާތުގެ ދާރުއްޝިފާ ހޮސްޕިޓަލުގެ ޓެސްޓްޓިއުބް ބޭބީ ޔުނިޓްގެ ޑިރެކްޓަރ ޑރ އުސާމާ ޞާލިޙާއެވެ. (specialist in gynaecology, obstetrics, infertility and laparoscopic surgery)

ނުނިމޭ

_____________________________

މަޞްދަރު: އިނގިރޭސި ބަހުން / ޢަރަބި ބަހުން

މިލިޔުމުގެ އެހެންބައިތައް