[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مَجَالِسُ شَهْرِ رَمَضَانَ – އެގާރަވަނަ މަޖްލިސް

ރޯދައިގެ މުޞްތަޙައްބު އަދަބުތައް

 

ޙަމްދުހުރީ ﷲއަށެވެ. އެއިލާހީ ކަމަކަށް އެދޭމީހާ، އޭނާ އެއެދޭ މިންވަރަށްވުރެ އިތުރަށްވެސް ދެއްވާ އިލާހެވެ. ހިދާޔަތުގެ ނިޢުމަތް ދެއްވިކަމަށްޓަކައި އެއިލާހަށް ޙަމްދު ކުރަމެވެ. ދަލީލުތަކާއި އޭގެ އުޞޫލުތައް އެނގޭ މީހަކު އިޤުރާރުވާ ފަދައިން އެއިލާހު ތަޢާލާގެ ވަޙުދާނިއްޔަތަށް އިޤުރާރުވަމެވެ. އަދި އަހަރެމެންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތާއި ސަލާމްލެއްވުންއެދި ދުޢާކުރަމެވެ. އެކަލޭގެފާނަކީ އެއިލާހުގެ އަޅާ އަދި ރަސޫލާއެވެ. އަދި އެކަލޭގެފާނުގެ އެކުވެރިޔާ، އަބޫބަކުރުގެފާނަށް ޞަލަވާތް ލައްވާށިއެވެ. އެކަލޭގެފާނަކީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއެކު ދަތުރުތަކުގައްޔާ އަދި ހުރިހާ ވަގުތެއްގައިވެސް އަރިހުގައި އުޅުއްވި ބޭކަލެކެވެ. އަދި ޢުމަރުގެފާނަށް ޞަލަވާތް ލައްވާށިއެވެ. އެކަލޭގެފާނަކީ ނެތިވުމެއް ނުވާ ޢަޒުމަކާއިގެން އިސްލާމްދީން ޙިމާޔަތް ކުރެއްވި ބޭކަލެކެވެ. އަދި ޢުޘްމާނުގެފާނަށް ޞަލަވާތް ލައްވާށިއެވެ. އެކަލޭގެފާނަކީ ބަލާތަކާއި މުޞީބާތްތައް ކުރިމަތިވިހިނދު ކެތްތެރިވެ ވަޑައިގެންނެވި ބޭކަލެކެވެ. އަދި ޢަލީގެފާނަށް ޞަލަވާތް ލައްވާށިއެވެ. އެކަލޭގެފާނަކީ އެކަލޭގެފާނުގެ ހިތްވަރުގަދަކަމުން، ކުރިމަތިލެއްވުމުގެ ކުރިން ޢަދުއްވުން ބިރުގަންނަވާލާ ބޭކަލެކެވެ. އަދި އެކަލޭގެފާނުގެ އެންމެހާ އާލުންނާއި އަޞްޙާބުންނަށް ޞަލަވާތް ލައްވާށިއެވެ. އެބޭކަލުންނީ އިސްލާމްދީނުގެ ފަރުޢުތަކާއި އުޞޫލުތަކުގައި އެންމެ ކުރިއަރާދިޔަ ބޭކަލުންނެވެ. އިރުންނާއި ދެކުންނުންނާއި އުތުރުންނާއި އަދި ހުޅަނގުން ވައި ޖެހިޖެހި ހުރިހާހިނދަކު އެބޭކަލުންނަށް ޞަލަވާތްލައްވާށިއެވެ.

އަޚުންނޭވެ! މިމަޖުލީހުގައި ބަޔާންވެގެން ދާނީ ރޯދައިގެ އަދަބުތަކުގެ ތެރެއިން ދެވަނަ ބާވަތުގެ އަދަބުތަކުގެ ވާހަކައެވެ. އެއީ މުޞްތަޙައްބު ވެގެންވާ އަދަބުތަކެވެ. އޭގެތެރޭގައި (السُّحور) ހާރުކެރުން ހިމެނެއެވެ. އެއީ ރޭގަނޑުގެ ފަހުބައިގައި ކެއުމެކެވެ. (السحور) މިފަދައިން ނަންކިޔުނީ އެކަން ކުރާގަޑިއަކީ ސަޙްރުގެ ވަގުތުގައި ކަމުގައި ވާތީއެވެ. (ސަޙްރުއަކީ ރޭގަނޑުގެ ފަހުބައެވެ.) ހާރުކެއުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރު ކުރައްވާފައިވެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ((تَسَحَّرُوا فَإِنَّ فِي السَّحُورِ بَرَكَةً))[1] މާނައީ: “ތިޔަބައިމީހުން ހާރު ކާށެވެ. ހަމަކަށަވަރުން ހާރުގައި ބަރަކާތްވެއެވެ.” އަދި ޞަޙީހު މުސްލިމުގައި ޢަމްރު ބުނުލްޢާޞް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((فَصْلُ مَا بَيْنَ صِيَامِنَا وَصِيَامِ أَهْلِ الْكِتَابِ أَكْلَةُ السَّحَرِ))[2] މާނައީ: “އަހަރެމެންގެ ރޯދައާ ފޮތުގެ އަހުލުވެރިންގެ (އެބަހީ؛ ޔަހޫދީންނާއި ނަޞާރާއިންގެ) ރޯދައާ ދެމެދުގައިވާ ތަފާތަކީ ހާރުކެއުމެވެ.” އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަދުރުން ހާރު ކެރުމަށް ޘަނާ ކިޔުއްވާފައިވެއެވެ. އެކަލޭގެފާނު ޙަދީޘް ކިރެއްވިއެވެ. ((نِعْمَ سَحُورُ الْمُؤْمِنِ التَّمْرُ))[3] މާނައީ:  “މުއުމިނު އަޅާގެ ހާރަކަށް ކަދުރުގެ މޮޅުކަމާއެވެ.” އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((السَّحُورُ أَكْلُهُ بَرَكَةٌ، فَلَا تَدَعُوهُ، وَلَوْ أَنْ يَجْرَعَ أَحَدُكُمْ جُرْعَةً مِنْ مَاءٍ، فَإِنَّ اللهَ عَزَّ وَجَلَّ وَمَلَائِكَتَهُ يُصَلُّونَ عَلَى الْمُتَسَحِّرِينَ))[4] މާނައީ:  ހާރަކީ ބަރަކާތް ލިބިގެންވާ ކެއުމެކެވެ. އެހެންކަމުން އެކަން ދޫކޮށް ނުލާށެވެ. އެއީ ތިޔަބައިމީހުންގެ ތެރެއިން މީހަކު އަނގައިގެ ތެރެއަށްލާ ފެން ކޯވަރެއްގެ މިންވަރުކަމުގައި ވިޔަސްމެއެވެ. ފަހެ، ހަމަކަށަވަރުން ﷲއާއި އެއިލާހުގެ މަލާއިކަތުން ހާރުކާމީހުންނަށް ޞަލަވާތް ލައްވަތެވެ.”

ހާރުކާމީހާ ހާރުކާހިނދު އެކަންކުރަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަމުރުފުޅަށް ކިޔަމަންވެ އެކަލޭގެފާނުގެ ޢަމަލުފުޅަށް ތަބަޢާވުމުގެ ގޮތުންކަމުގައި ހިތުނިޔަތް ގަތުން އެދެވިގެން ވެއެވެ. އެއީ އޭނާގެ ހާރުކެއުން އަޅުކަމެއްކަމުގައި ވުމަށްޓަކައެވެ. އަދި ހާރުކަނީ ރޯދައަށް ހުންނައިރު ގައިގައި ވަރުޖެއްސުމަށް ކަމުގައިވެސް ހިތުނިޔަތް ގަންނާށެވެ. އެކަން އެގޮތަށް ކުރުމުގައި ހެޔޮއަޖުރު ވެއެވެ. އަދި ސުންނަތްވެގެންވަނީ ހާރުކެއުން ފަސްކުރުމެވެ. އެއީ ފަޖުރުގެ އަލިކަން ފާޅުވެދާނެކަމުގެ ބިރު ހީނުވާހާހިނދަކުއެވެ. އެހެނީ އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަމަލުކުރެއްވި ގޮތެވެ. ޤަތާދާ އަނަސްބުން މާލިކުގެ އަރިހުން ރިވާކުރެއްވިއެވެ. ((أَنَّ نَبِىَّ اللَّهِ – صلى الله عليه وسلم – وَزَيْدَ بْنَ ثَابِتٍ تَسَحَّرَا ، فَلَمَّا فَرَغَا مِنْ سَحُورِهِمَا قَامَ نَبِىُّ اللَّهِ – صلى الله عليه وسلم – إِلَى الصَّلاَةِ فَصَلَّى. قُلْنَا لأَنَسٍ: كَمْ كَانَ بَيْنَ فَرَاغِهِمَا مِنْ سَحُورِهِمَا وَدُخُولِهِمَا فِى الصَّلاَةِ؟ قَالَ: قَدْرُ مَا يَقْرَأُ الرَّجُلُ خَمْسِينَ آيَةً))[5] މާނައީ: “ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ޒައިދު ބުން ޘާބިތު ހާރު ފަރިއްކުޅުވިއެވެ. ދެން އެދެބޭކަލުން ހާރު ފަރިއްކުޅުވާ ނިމުނުން، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދުކުރުމަށް ތެދުވެވަޑައިގަތެވެ. އަދި ނަމާދު ކުރެއްވިއެވެ. ދެން ތިމަންބޭކަލުން އަނަސްގެފާނަށް ދެންނެވީމެވެ. އެދެބޭކަލުން ހާރު ފަރިއްކުޅުވާ ނިމުނު ވަގުތާއި ފަތިސް ނަމާދާ ދެމެދުގައިވީ ކިހާ ވަގުތެއްތޯއެވެ؟ ވިދާޅުވިއެވެ. މީހަކަށް ފަންސާސް އާޔަތް ކިޔާވާލެވޭނެހާ ވަގުތެވެ.”

ޢާއިޝާ ރަޟީޔަﷲ ޢަންހާގެ އަރިހުން ރިވާވެގެންވެއެވެ. ރޭގަނޑު ބަންގިގޮވާ ބޭކަލެއް ކަމުގައި ބިލާލުގެފާނުވިއެވެ. (އެބަހީ: ފަތިސްވުމުގެ ކުރިން، މެންދަމު ވަގުތުގޮވާ ފުރަތަމަ ބަންގީގެ ވާހަކައެވެ.) ފަހެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((كُلُوا وَاشْرَبُوا حَتَّى يُؤَذِّنَ ابْنُ أُمِّ مَكْتُومٍ، فَإِنَّهُ لَا يُؤَذِّنُ حَتَّى يَطْلُعَ الْفَجْرُ))[6] މާނައީ: “އިބުނު އުންމު މަކްތޫމް ބަންގިގޮވައްޖައުމަށް ދާނދެން ތިޔަބައިމީހުން ކައިބޮއެ ހަދާށެވެ. އެހެނީ ހަމަކަށަވަރުން ފަޖުރުގެ އަލިކަން ފާޅުވުމުން މެނުވީ އެކަލޭގެފާނު ބަންގިއެއް ނުގޮވާނެއެވެ.”

ހާރުކެއުން ފަސްކުރުމަކީ ރޯދަވެރިއާއަށްހުރި އެންމެ ފައިދާހުރި ގޮތެވެ. އަދި ފަތިސް ނަމާދު ގަޑީގައި ނިދާފައި އޮތުމުންވެސް އެކަން ރައްކާތެރިކޮށްދެއެވެ. ހާރުކައި އަދި ރޯދައަށް ނިޔަތްގަތުމަށް ފަހުގައިވެސް ރޯދަވެރިއާއަށް ފަޖުރުގެ އަލިކަން ފާޅުވެއްޖެކަން ޔަޤީންވުމާ ހަމައަށް ކައި ބޮއި ހެދިދާނެއެވެ. އެއީ ﷲތަޢާލާގެ މި ވަޙީބަސްފުޅުންނެވެ. (وَكُلُوا وَاشْرَبُوا حَتَّىٰ يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ مِنَ الْفَجْرِ) މާނައީ: “އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ފަޖުރުގެ ސަބަބުން ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ފަތިހުގެ އަލިކަން ފާޅުވެ އެނގިއްޖައުމަށް ދާނދެނެވެ.”

ފަޖުރުގެ އަލިކަން ފާޅުވެއްޖެކަމަށް  ޙުކުމް ކުރެވޭނީ، އުދަރެހުން އަލިކަން ފެނުމުން ނުވަތަ އެކަމުގައި އިތުބާރުހިފޭ ޢަދުލުވެރިއެއްގެ ޚަބަރުންނެވެ.  – އެއީ ބަންގީގެ ގޮތުން ކަމުގައިވިއަސް އަދި އެނޫން ގޮތަކުން ކަމުގައި ވިނަމަވެސް މެއެވެ. – ފަހެ ފަޖުރުގެ އަލިކަން ފާޅުވުމުން ރޯދަގެއްލޭ އެންމެހާ ކަންކަމުން މަނާވެގަންނާށެވެ. އަދި ރޯދައަށް ހިތު ނިޔަތް ގަންނާށެވެ. ނިޔަތް ދުލުން ކިޔުމެއް ނެތެވެ. އެހެނީ ދުލުން ނިޔަތް ކިޔުމަކީ ބިދުޢައެކެވެ.

އަދި ރޯދައިގެ މުސްތަޙައްބު އަދަބުތަކުގެ ތެރޭގައި، އިރު އޮއްސޭތަން ފެނިގެން ނުވަތަ އިތުބާރުހުރި އަމާނާތްތެރިއަކު ޚަބަރުދީގެން – އެއީ ބަންގީގެ ގޮތުން ކަމުގައިވިއަސް އަދި އެނޫން ގޮތަކުން ކަމުގައި ވިއަސް – އިރު އޮއްސެއްޖެކަމަށް އޭނާއަށް ބުރަވެވުމުން، ރޯދަ ވީއްލުން އަވަސް ކުރުން ހިމެނެއެވެ. ސަހްލު ބުން ސަޢުދު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((لَا يَزَالُ النَّاسُ بِخَيْرٍ مَا عَجَّلُوا الْفِطْرَ)) [7] މާނައީ: “ރޯދަވީއްލުން އަވަސްކުރާހާ ހިނދަކު މީސްތަކުން ހެއުކަމުން ފިލައި ނުދާހުއްޓެވެ.”

އަދިވެސް އެކަލޭގެފާނު އެކަލޭގެފާނުގެ ވެރި ރައްބު އައްޒަވަޖައްލަ ވަޙީކުރެއްވިކަމަށް ޙަދީޘް ކުރެއްވިއެވެ. ((إِنَّ أَحَبَّ عِبَادِى إِلَىَّ أَعْجَلُهُمْ فِطْرًا))[8] މާނައީ: “ހަމަކަށަވަރުން ތިމަންއިލާހުގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަޅުންނަކީ އެބައިމީހުންގެ ތެރެއިން ރޯދަވީއްލުން އަވަސް ކުރާ މީހުންނެވެ.”

އަދި ސުންނަތް ވެގެން ވަނީ ރުޠަބުން[9] ރޯދަ ވީއްލުމެވެ. ރުޠަބު ނެތްނަމަ ތަމްރެވެ.[10] ފަހެ ތަމްރުވެސް ނެތްނަމަ ފެނުންނެވެ. އަނަސް ރަޟިޔަﷲ ޢަންހުގެ ބަސްފުޅުގައި އައިސްފައިވާ ފަދައިންނެވެ. ((كَانَ النَّبِىُّ -صلى الله عليه وسلم- يُفْطِرُ قَبْلَ أَنْ يُصَلِّىَ عَلَى رُطَبَاتٍ، فَإِنْ لَمْ تَكُنْ رُطَبَاتٌ فَتُمَيْرَاتٍ، فَإِنْ لَمْ تَكُنْ تُمَيْرَاتٌ حَسَا حَسَوَاتٍ مِنْ مَاءٍ))[11] މާނައީ: “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދުގެ ކުރިން ރޯދަ ވީއްލަވައެވެ. ފަރީއްކުޅުވަނީ ރުޠަބެވެ. ރުޠަބު ނެތިއްޖެނަމަ ކަދުރުކޮޅެކެނވެ. ކަދުރުކޮޅެއް ނެތިއްޔާ ފެންފޮދެއް ހިއްޕަވައެވެ.”

ފަހެ ރުޠަބާއި ތަމްރާއި އަދި ފެނުން ރޯދަވީއްލުމުގެ ކުޅަކާނަކަން ނުލިބެއްޖެނަމަ ކައި ބޮއި ހަދާ ޙަލާލު ތަކެތީގެ ތެރެއިން ފަސޭހަ އެއްޗަކުން ރޯދަ ވީއްލާށެވެ. ދެންފަހެ އެއްވެސް އެއްޗެއް ރޯދަވިއްލަން ނުލިބިއްޖެނަމަ ހިތުން ރޯދަ ވީއްލާށެވެ. ބައެއް އާންމު މީހުން ކަންކުރާ ފަދައިން އިނގިލި ބޮއި ކުޅުއެއްކޮށް ކުޅުބޮއި ނަހަދާށެވެ.

ރޯދަ ވީއްލާހިނދު ހިތްއެދޭ ކަމަކަށް އެދި ﷲގެ ޙަޟުރަތުގައި ދުޢާ ކުރުން އެދެވިގެން ވެއެވެ. ސުނަނު އިބުނު މާޖާގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ރިވާ ކުރައްވާފައިވާ ޙާދީޘެއްގައިވެއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ((إِنَّ لِلصَّائِمِ عِنْدَ فِطْرِهِ لَدَعْوَةً مَا تُرَدُّ))[12] މާނައީ: “ހަމަކަށަވަރުން ރޯދަވެރިޔާއަށް އޭނާ ރޯދަވީއްލާހިނދު ރައްދު ކުރެވިގެންނުވާ ދުޢާއެއް ލިބިގެންވެއެވެ.” (އެބަހީ ރޯދަވެރިޔާ އެގަޑީގައި ކުރާ ދުޢާ އިޖާބަވެވިގެން ވެއެވެ.)

އަބޫ ދާވޫދު މުޢާޛު ބުން ޒަހްރާގެ އަރިހުން މަރުފޫޢުކޮށް ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ވީއްލާހިނދު ވިދާޅުވެއެވެ. ((اللَّهُمَّ لَكَ صُمْتُ وَعَلَى رِزْقِكَ أَفْطَرْتُ))[13] މާނައީ: “އޭ ﷲއެވެ! މިއަޅާ އިބައިލާހުގެ ކިބަފުޅަށް ރޯދަހިފީމުއެވެ. އަދި އިބައިލާހު ދެއްވި ރިޒުގުން ރޯދާ ވީއްލާފީމެވެ.” އަދިވެސް އަބޫ ދާވޫދުގައި އިބުނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާކުރެއްވިއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ވީއްލާ ހިނދުގައި މިފަދައިން ވިދާޅުވެއެވެ. ((ذَهَبَ الظَّمَأُ وَابْتَلَّتِ الْعُرُوقُ وَثَبَتَ الأَجْرُ إِنْ شَاءَ اللَّهُ))[14] މާނައީ: “ކަރުހިއްކުން ފިލައްޖެއެވެ. އަދި ނާރުތައް ތެމިއްޖެއެވެ. އަދި މާތްﷲ ގެ އިރާދަފުޅުން އަޖުރު ޘާބިތުވެއްޖެއެވެ.”

އަދި ރޯދާގެ މުސްތަޙައްބު އަދަބުތަކުގެ ތެރޭގައި ޤުރުއާން ކިޔެވުމާއި ޛިކުރުކުރުމާއި ދުޢާކުރުމާއި ނަމާދުކުރުމާއި ޞަދަޤަތްދިނުން އިތުރުކުރުން ހިމެނެއެވެ. ޞަޙީޙު އިބުނު ޚުޒައިމާއާއި އިބުނު ޙިއްބާނުގައި ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((ثَلاَثَةٌ لاَ تُرَدُّ دَعْوتُهُمْ: الصَّائِمُ حَتَّى يُفْطِرَ، وَالإِمَامُ الْعَادِلُ، وَدَعُوَةُ الْمَظْلُومِ، تُحْمَلُ عَلَى الْغَمَامِ وَتُفْتحُ لَهَا أَبْوَابُ السَّمَاءِ، وَيَقُولُ الرَّبُّ تَبَارَكَ وَتَعَالَى: وَعِزَّتِي لأَنْصُرَنَّكَ وَلَوْ بَعْدَ حِينٍ))[15] މާނައީ: “ތިންމީހެއްގެ ދުޢާ ރައްދު ކުރެވިގެން ނުވެއެވެ. ރޯދަވެރިއާ ރޯދަ ވީއްލެއްޖައުމަށް ދާންދެންނެވެ. އަދި ޢަދުލުވެރި ވެރިޔާއެވެ. އަދި އަނިޔާ ލިބިފައިވާ މީހާގެ ދުޢާއެވެ. ﷲތަޢާލާ، އޭނާގެ ދުޢާ ވިލާތަކުގެ މައްޗަށް އުފުއްލަވައެވެ. އަދި ދުޢާއަށްޓަކައި އުޑުގެ ދޮރުކޮޅުތައް ހުޅުއްވާލައްވައެވެ. އަދި ރައްބު ވަޙީކުރައްވާނެއެވެ: ތިމަންއިލާހުގެ ޢިއްޒަތާއި މަތިވެރިކަން ގަންދެއްވާ ވަޙީކުރައްވަމެވެ. ތިމަންއިލާހު ތިބާއަށް ނަޞްރުވެރިވާ ހުށީމެވެ. އެއީ ވަގުތުކޮޅެއްގެ ފަހުން ކަމުގައި ވިއަސްމެއެވެ.”

ބުޚާރީއާއި މުސްލިމުގައި އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ((كَانَ رَسُولُ اللَّهِ – صلى الله عليه وسلم – أَجْوَدَ النَّاسِ ، وَكَانَ أَجْوَدُ مَا يَكُونُ فِى رَمَضَانَ حِينَ يَلْقَاهُ جِبْرِيلُ ، وَكَانَ يَلْقَاهُ فِى كُلِّ لَيْلَةٍ مِنْ رَمَضَانَ فَيُدَارِسُهُ الْقُرْآنَ))[16] މާނައީ: “މީސްތަކުންކުރެ އެންމެ ދީލަތީ ރަސޫލުﷲ صلى الله عليه وسلم އެވެ. އަދި އެކަލޭގެފާނުގެ  އެންމެ  ދީލަތީ، ރަމަޟާން މަހު އެކަލޭގެފާނާ ޖިބުރީލުގެފާނު ބައްދަލުކުރައްވާ ހިނދެވެ. ރަމަޟާންމަހުގެ ކޮންމެ ރެއަކު ޖިބުރީލުގެފާނު އެކަލޭގެފާނާ ބައްދަލުކުރައްވައި، ކީރިތި ޤުރުއާން މުދާރަސާ ކުރައްވައެވެ.”

އަދި އެކަލޭގެފާނުގެ ދީލަތިކަމުގެ ތެރޭގައި ހުރިހާ ވައްތަރެއްގެ ދީލަތިކަން ޖަމަޢަވެގެން ވެއެވެ. ޢިލްމު ފޯރުކޮށްދެއްވުމާއި އަމިއްލަ ނަފްސުން އެކިއެކި ކަންކަންކޮށްދެއްވުމާ އަދި ﷲގެ މަގުގައި، އެއިލާހުގެ ދީން ފާޅުކުރެއްވުމަށާއި އެއިލާހުގެ އަޅުތަކުންނަށް ހިދާޔަތް ދެއްކެވުމަށްޓަކައި މުދާ ހޭދަކުރެއްވުމާ އަދި ޖާހިލުންނަށް އުނގަންނައިދެއްވުމާއި އެމީހުންގެ ޙާޖަތްތައް ފުއްދައިދިނުމާއި އެމީހުންގެ ތެރެއިން ބަނޑުހައިހޫނުކަންމަތީ ތިބި މީހުންނަށް ކާންދިނުމާ އަދިވެސް މިފަދަ ހުރިހާ މަގުތަކަކުން އެކަލޭގެފާނު މީސްތަކުންނަށް ހެޔޮ ފޯރުކޮށްދެއްވައެވެ.

އެކަލޭގެފާނުގެ ދީލަތިކަން ރަމަޟާން މަހުގައި އެތައް ގުނައަކަށް އިތުރުވެގެން ދެއެވެ. އެއީ އެވަގުތުގެ ޝަރަފަށްޓަކައެވެ. އަދި އެމަހުގެ އަޖުރު އެތައް ގުނައަކަށް އިތުރުވެގެން ދާތީއެވެ. އަދި އެމަހުގައި އަޅުކަންކުރާ މީހުންގެ އަޅުކަންތަކަށް އެހީތެރިވުމަށްޓަކައެވެ. އަދި ރޯދަހިފުމާއި (މީސްތަކުންނަށް) ކާތަކެތި ކާންދިނުމާއި ދެކަންތައް ޖަމަޢަ ކުރެއްވުމަށްޓަކައެވެ. އެދެކަންތައް ހިމެނިގެންދަނީ ސުވަރުގެ ވަދެވުމުގެ ސަބަބުތަކުގެ ތެރެއިންނެވެ.

ޞަޙީޙު މުސްލިމުގައި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (( مَنْ أَصْبَحَ مِنْكُمُ الْيَوْمَ صَائِمًا )). قَالَ أَبُو بَكْرٍ رضى الله عنه أَنَا. قَالَ (( فَمَنْ تَبِعَ مِنْكُمُ الْيَوْمَ جَنَازَةً )). قَالَ أَبُو بَكْرٍ رضى الله عنه أَنَا. قَالَ (( فَمَنْ أَطْعَمَ مِنْكُمُ الْيَوْمَ مِسْكِينًا )). قَالَ أَبُو بَكْرٍ رضى الله عنه أَنَا. قَالَ (( فَمَنْ عَادَ مِنْكُمُ الْيَوْمَ مَرِيضًا )). قَالَ أَبُو بَكْرٍ رضى الله عنه أَنَا. فَقَالَ رَسُولُ اللَّهِ -صلى الله عليه وسلم- (( مَا اجْتَمَعْنَ فِى امْرِئٍ إِلاَّ دَخَلَ الْجَنَّةَ )).[17] މާނައީ: “ތިޔަބައިމީހުންގެ ތެރެއިން މިއަދު ރޯދަވެރިއެއްގެ ގޮތުގައި ހެންނެވީ ކާކުތޯއެވެ؟ އަބޫ ބަކުރުގެފާނު ދަންނަވައިފިއެވެ. ތިމަންކަލޭގެފާނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުންގެ ތެރެއިން މިއަދު ޖަނާޒާއެއްގައި ބައިވެރިވީ ކާކުތޯއެވެ؟ އަބޫ ބަކުރުގެފާނު ދަންނަވައިފިއެވެ. ތިމަންކަލޭގެފާނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުންގެ ތެރެއިން މިއަދު މިސްކީނަކަށް ކާންދިނީ ކާކުތޯއެވެ؟ އަބޫ ބަކުރުގެފާނު ދަންނަވައިފިއެވެ. ތިމަންކަލޭގެފާނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުންގެ ތެރެއިން މިއަދު ބަލިމީހަކަށް ޒިޔާރަތްކުރީ ކާކުތޯއެވެ؟ އަބޫ ބަކުރުގެފާނު ދަންނަވައިފިއެވެ. ތިމަންކަލޭގެފާނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. މިކަންތައްތައް ޖަމަޢަކޮށްފިމީހަކު ސުވަރުގެވަންނަ ހުއްޓެވެ.”    

އަދި ރޯދައިގެ މުސްތަޙައްބު އަދަބުތަކުގެ ތެރޭގައި، ރޯދަވެރިޔާ އޭނާއަށް ﷲތަޢާލާ ރޯދަ ހިފުމުގެ ތައުފީޤުދެއްވާ އަދި އޭނާ ރޯދައަށް ހުންނަ ދުވަސް (ރޯދަވެރިއެއްގެ ގޮތުގައިހުރެ) ފުރިހަމަ ކުރުމާ އަދި އޭނާ (ރޯދަވެރިއެއްގެ ގޮތުގައި) ރޯދަމަސް ފުރިހަމަ ކުރެއްވުމަށް ލުއިފަސޭހަކަން ދެއްވާފައިވާކަން ހިތް މައްޗަށް ގެނައުން ހިމެނިގެންވެއެވެ. އެހެނީ މީސްތަކުގެ ތެރެއިން ވަރަށް ގިނަ މީހުންވަނީ ރޯދަ ހިފުމުން މަހުރޫމުވެގެންނެވެ. އެއީ ރަމަޟާންމަސް ބައްދަލުވުމުގެ ކުރިން މަރުވުމުގެ ސަބަބުންނެވެ. ނުވަތަ ރޯދަ ހިފުމަށް ނުކުޅެދުމުގެ ސަބަބުންނެވެ. ނުވަތަ އެމީހުންގެ މަގުފުރެދުމުގެ ސަބަބުންނާ އަދި ރޯދައިގެ މަތީ ސާބިތުވުމަށް މޫނު އަނބުރާލުމުގެ ސަބަބުންނެވެ. ފަހެ ރޯދަވެރިޔާ، ރޯދައިގެ ނިޢުމަތުގެ މައްޗަށް އޭނާގެ ވެރި ރައްބަށް ޙަމްދުކުރަން ޖެހެއެވެ. ރޯދައަކީ ފާފަތައް ވަންހަނާކޮށް، ފާފަތައް ފުއްސަވާ އަދި އޭނާގެ ދީލަތިވަންތަ ރައްބުގެ އަރިހުގައި، ނިޢުމަތުގެ ގޯތީގައި، އޭނާގެ ދަރަޖަތައް މަތިވެރިކޮށްދެނިވި ސަބަބެވެ.

އަޚުންނޭވެ! ރޯދައިގެ އަދަބުތަކުން ތިޔަބައިމީހުން އަދަބުވެރިވާށެވެ. އަދި ﷲތަޢާލާގެ ކޯފާއާއި އަޒާބު ޙައްޤުވުމުގެ ސަބަބުތަކުން ތިޔަބައިމީހުން ދުރުވެގަންނާށެވެ. އަދި ސަލަފުއްޞާލިޙުންގެ ޞިފަތަކުން ތިޔަބައިމީހުން ޒީނަތްތެރިވާށެވެ. އެހެނީ މިއުންމަތުގެ ކުރީކޮޅުގެ މީހުން ކިޔަމަންތެރިވުމާއި ފާފަތަކުން ދުރުހެލިވުމުން އިޞްލާޙުވީ ފަދައިން މެނުވީ މިއުންމަތުގެ ފަހުކޮޅެއް އިޞްލާޙު ނުވާހުއްޓެވެ.

އިބުނު ރަޖަބު ރަޙިމަހުﷲ ވިދާޅިވިއެވެ. ރޯދަވެރިން ވަނީ ދެބަޔަކަށެވެ. އެއްބަޔަކީ، އޭނާގެ ކެއުމާއި ބުއިމާއި ޝަހުވަތް ﷲއަށްޓަކައި ދޫކޮށްލާ މީހުންނެވެ. އެކަމުގެ ބަދަލުގައި އެއިލާހުގެ ޙަޟުރަތުގައިވާ ޖަންނަތަށް އުންމީދު ކުރާހާލުގައެވެ. ހަމަކަށަވަރުންވެސް މީނާ ﷲ ސުބުޙާނަހޫ ވަތަޢާލާއެކު ވިޔަފާރިކޮށް މުޢާމަލާތްކޮށްފިއެވެ. ހެޔޮ ޢަމަލުކުރާ މީހުންގެ އަޖުރު، ﷲތާޢާލާ ގެއްލެނިވި ނުކުރައްވާ ހުއްޓެވެ. އަދި އެއިލާހު ތަޢާލާއާއި އެކު މުޢާމަލާތްކޮށްފިމީހަކަށް ގެއްލުމެއް ނުވާހުއްޓެވެ. އަދި ކިއެއްޔެއްޔެވެ. ބޮޑުވެގެންވާ ފައިދާއަކުން އޭނާ ފައިދާ ލިބިންނަހުއްޓެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މީހަކަށް ޙަދީޘް ކުރެއްވިއެވެ. ((إِنَّكَ لَنْ تَدَعَ شَيْئًا اتِّقَاءً لِلَّهِ، إِلَّا آتَاكَ اللهُ خَيْرًا مِنْهُ))[18] މާނައީ: “ހަމަކަށަވަރުން ﷲތަޢާލާއަށް ބިރުވެތިވެ ތިބާ އެއްވެސް ކަމެއް ދޫކޮށްލައިފިނަމަ ދަންނައެވެ. އެއަށްވުރެ ހެޔޮކަމެއް އެއިލާހު ތިބާއަށް ދެއްވާނެތެވެ.”

ފަހެ މިފަދަ ރޯދަވެރިއާއަށް އޭނާ އެދޭވަރަކަށް ޖަންނަތުގައި، ކެއުމާއި ބުއިމާއި އަންހެނުން ދެވޭހުއްޓެވެ. ﷲތަޢާލާގެ ވަޙީ ބަސްފުޅުގައިވެއެވެ. (كُلُوا وَاشْرَبُوا هَنِيئًا بِمَا أَسْلَفْتُمْ فِي الْأَيَّامِ الْخَالِيَةِ) [الحاقة: 24 ] މާނައީ: “(އަންގަވާނެތެވެ.) އަރާމުލިބެނިވިގޮތުގައި، ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ދުނިޔޭގައި ތިޔަބައިމީހުން ހޭދަކުރި ދުވަސްތަކުގައި ތިޔަބައިމީހުންކުރި ހެޔޮ ޢަމަލުތަކުގެ ޖަޒާއެއްގެ ގޮތުންނެވެ.” މުޖާހިދާ އަދި އެހެނިހެން ބޭކަލުން ވިދާޅުވެއެވެ. މިއާޔަތް ބާވައިލެއްވުނީ ރޯދަވެރިންނާ މެދުގައެވެ.

ޢަބްދުއްރަޙްމާން ބުން ސަމުރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ހުވަފެނުގައި ފެނިވަޑައިގަތެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ((وَرَأَيْتُ رَجُلًا مِنْ أُمَّتِي يَلْهَثُ عَطَشًا كُلَّمَا دَنَا مِنْ حَوْضٍ مُنِعَ وطُرِدَ فَجَاءَهُ صِيَامُ رَمَضَانَ فَسَقَاهُ وَأَرْوَاهُ))[19] މާނައީ: “ތިމަންކަލޭގެފާނުގެ އުންމަތުގެ ތެރެއިން މީހަކު، ކަރުހިއްކުމުގެ ސަބަބުން ދޫނެރިގެން ހުއްޓައި ތިމަންކަލޭގެފާނު ދެކިވަޑައިގަތީމެވެ. އޭނާ ފެންގަނޑަކައި ކައިރިވާ ކޮންމެ ފަހަރަކު އެއިން ފެންބުއިން މަނާކުރެވި ފައްސާލެވެއެވެ. ދެން އޭނާގެ ކައިރިއަށް ރަމަޟާންމަހުގެ ރޯދަ އަތުވެއްޖެއެވެ. އަދި އޭނާއަށް ފެންދެއެވެ. އަދި އޭނާގެ ކަރުހިއްކުން ފިލުވާދެއެވެ.”

އޭ ޤައުމުގެ މީހުންނޭވެ! މިމަހުގައި ރަޙުމާނުވަންތަ އިލާހާ މުޚާޠަބުކުރާނެ މީހެއް ނުވޭ ހެއްޔެވެ؟ އަދި ކިޔަމަންތެރިންނަށް ﷲތަޢާލާ ސުވަރުގޭގައި ތައްޔާރު ކުރައްވާފައިވާ ކަންތައްތަކަށް އެދޭ މީހަކު ނުވޭ ހެއްޔެވެ؟

مَنْ يُرِدْ مُلْكَ الْجِنَانِ
وَلْيُقِمْ فِي ظُلْمَةِ اللَّيْـ
وَلْيَصِلْ صَوْمًا بِصَوْمٍ
إِنَّمَا الْعَيْشُ جِوَارُ الْـ
فَلْيَدَعْ عَنْهُ التَّوَانِي
ـلِ إِلَى نُورِ الْقُرَانِ
إِنَّ هَذَا الْعَيْشَ فَانِ
ـلَّهِ فِي دَارِ الْأَمَانِ

ބައިތުތަކުގެ ޖުމްލަ މާނަ:

ސުވަރުގޭގެ ބަގީޗާތައް ޙާޞިލުކުރަން ބޭނުން މީހާ ޢަމަލުކުރުމުގައި ފަރުވާކުޑަކުރުން ދޫކޮށްލާށެވެ.

އަނދިރިކަމުގެ ވަގުތުގައި ޤުރުއާނުގެ އަލިކަމަށް ތެދުވާށެވެ. (އެބަހީ: ރޭގަނޑުގެ އަނދިރިކަމުގެ ވަގުތުގައި ޤުރާއާން ކިޔެވުމާއި ދަމުނަމާދު ކުރުމުގައި ވަގުތު ހޭދަ ކުރާށެވެ.)

އަދި އެއްރޯދައަށް ފަހު އަނެއްރޯދަ ހިފާށެވެ. (އެބަހީ: ހުރިހާ ރޯދައެއް ފުރިހަމައަށް ހިފާށެވެ.) މިދިރިއުޅުމަކީ ނެތި ފަނާވެދާނެ ދިރިއުޅުމެކެވެ.

ހަމަކަށަވަރުން ހަޤީޤީ ދިރިއުޅުންވަނީ ﷲތަޢާލާގެ ޙަޟުރަތުގައި އަމާންކަމުގެ ގޯތީގައެވެ.

ރޯދަވެރީންގެ ދެވަނަ ވައްތަރަކީ، ﷲ ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް ދޫކޮށް، ހަމައެކަނި ﷲއަށްޓަކައި ރޯދަހިފާ މީހާއެވެ. ފަހެ އޭނާގެ ބޮލާއި ބޮލުގައިވާ ހުރިހާ ގުނަވަންތަކެއް ރައްކާތެރިކޮށް އަދި ބަނޑާއި ބަނޑުގައިވާ ހުރިހާ ގުނަވަންތަކެއް ރައްކާތެރިކޮށް މަރާއި ބަލާތައް ހަނދާންކޮށް އާޚިރަތަށް އެދި ދުނިޔޭގެ ޒީނަތް ދޫކޮށްލައެވެ. ފަހެ މިފަދަ މީހެއްގެ ފިޠުރު ޢީދު ދުވަހަކީ އޭނާގެ ވެރި ރައްބާ ބައްދަލު ކުރާ ދުވަހުއެވެ. އަދި އޭނާގެ އުފާވެރިކަންވަނީ އެއިލާހު ދުށުމުގައެވެ.

ﷲތަޢާލާއަށް ކިޔަމަންތެރިވުމުގެ ގޮތުން ދުނިޔޭގައި އޭނާގެ ޝަހުވަތްތައް ދޫކޮށްލައިފި މީހާ، މާދަމާ ސުވަރުގެއިން (އެކަންތައްތަކާ) ބައްދަލު ކުރާނެތެވެ. އަދި ﷲތަޢާލާ ފިޔަވާ ހުރިހާ އެއްޗެއް ދޫކޮށް ރޯދަހިފާ މީހާގެ ޢީދު ވަނީ ޤިޔާމަތް ދުވަހުއެވެ. (مَن كَانَ يَرْجُو لِقَاءَ اللَّـهِ فَإِنَّ أَجَلَ اللَّـهِ لَآتٍ وَهُوَ السَّمِيعُ الْعَلِيمُ) [العنكبوت: 5 ] މާނައީ: “ﷲއާ ބައްދަލުވުމަށް އެދޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲކަނޑައަޅުއްވާފައިވާ އަޖަލު އަންނަ ހުށްޓެވެ. އެއިލާހީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”

އޭ ތައުބާވާ މީހުންނޭވެ! މިއަދު ޝަހުވަތްތައް ދޫކޮށް ރޯދަ ހިފާށެވެ. އެއީ އެއިލާހާ ބައްދަލުކުރާ ދުވަހަކީ ޙަޤީޤީ ފިޠުރު ޢީދު ދުވަހަށް ހެދުމަށްޓަކައެވެ.

اللهم جَمِّل بواطننا بالإخلاص لك، وحَسِّن أعمالنا باتباع رسولك والتأدب بآدابه، اللهم أيقظنا من الغفلات، ونَجِّنَا من الدركات، وكفر عنا الذنوب والسيئات، واغفر لنا ولوالدينا ولجميع المسلمين الأحياء منهم والأموات، برحمتك يا أرحم الراحمين، وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

________________________________

މިފޮތަކީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ ފޮތެއްގެ ތަރުޖަމާއެވެ.

މަޖާލިސް ޝަހްރު ރަމަޟާންގެ އެހެންބައިތައް

 

[1] البخاري الصوم (1823) ، مسلم الصيام (1095) ، الترمذي الصوم (708) ، النسائي الصيام (2146) ، ابن ماجه الصيام (1692) ، أحمد (3/99) ، الدارمي الصوم (1696) .

[2] مسلم الصيام (1096) ، الترمذي الصوم (709) ، النسائي الصيام (2166) ، أبو داود الصوم (2343) ، أحمد (4/202) ، الدارمي الصوم (1697) .

[3] رواه أبو داود وإسناده حسن وله شواهد يصل بها إلى درجة الصحة .

[4] رواه أحمد ، وقال المنذري : إسناده قوي ، والجملة الأولى منه لها شاهد في الصحيحين .

[5] البخاري مواقيت الصلاة (551) ، النسائي الصيام (2156) ، أحمد (3/235) .

[6] البخاري الصوم (1819) ، مسلم الصيام (1092) ، الترمذي الصلاة (203) ، النسائي الأذان (638) ، أحمد (2/57) ، مالك النداء للصلاة (164) ، الدارمي الصلاة (1190) .

[7] البخاري الصوم (1856) ، مسلم الصيام (1098) ، الترمذي الصوم (699) ، ابن ماجه الصيام (1697) ، أحمد (5/337) ، مالك الصيام (638) ، الدارمي الصوم (1699) .

[8] رواه أحمد والترمذي ، وإسناده ضعيف ، وقال الترمذي : هذا حديث حسن غريب .

[9] ރުޠަބަކީ ފާ ކަދުރެވެ.

[10] ތަމްރަކީ ހިކި ކަދުރެވެ.

[11] رواه أحمد وأبو داود والترمذي وإسناده حسن جدا .

[12] رواه ابن ماجه ، وقال في الزوائد : إسناده صحيح وضعَّفه بعضهم ، وسبب اختلافهم في صحته اختلافهم في تعيين أحد رواته ، لكن له شواهد في إجابة دعوة الصائم مطلقا فالحديث بذلك حسن .

[13] رواه أبو داود ، ومعاذ بن زهرة تابعي وَثَّقَهُ ابن حبان ، فالحديث ضعيف لإرساله لكن له شاهد ربما يقوى به .

[14] رواه أبو داود وإسناده حسن .

[15] رواه أحمد والترمذي وابن خزيمة وابن حبان ، وفي الحديث ضعف ولبعضه شواهد .

[16] البخاري بدء الوحي (6) ، مسلم الفضائل (2308) ، النسائي الصيام (2095) ، أحمد (1/288) .

[17] مسلم ، الزكاة (1028) .

[18] أخرجه الإمام أحمد وهو صحيح .

[19] أخرجه الطبراني وهو ضعيف الإسناد ، لكن قال ابن القيم بعد أن ساقه بتمامه في المسألة العاشرة من كتاب (الروح) : سمعت شيخ الإسلام ابن تيمية يعظم أمر هذا الحديث وقال – يعني شيخ الإسلام – : أصول السنة تشهد له وهو من أحسن الأحاديث ا هـ .