ރޯދަ ގެއްލޭ ކަންތައްތައް
ޙަމްދުހުރީ ﷲއަށެވެ. އެއިލާހީ ފާޅުވެގެންވާކަންކަމާއި ވަންހަވާވެގެންވާ ކަންތައްތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. އަދި އަޅާ، ސިއްރުން ކުރާ ކަންތައްތަކާއި ފާޅުގައި ކުރާ ކަންތައްތަކާ އަދި އޭނާ ހީކުރާ ހީކުރުންތައްވެސް އެއިލާހު ދެނެވިޑިގެންވެއެވެ. ޢާލަމުގެ ކަންތައްތައް ހިންގެވުމާއި، ނެތުމުގެ ތެރެއިން އެންމެހާ ތަކެތި ޚަލްޤު ކުރެއްވުމުގައި އެއިލާހު އެއްކައުވަންތައެވެ. އަދި ޢާލަމުތަކުގެ ހުރިހާ ހަރަކާތްތަކާއި ސަކަނާތުތަކެއް އެއިލާހު ތަދުބީރު ކުރައްވައެވެ. އަދި އެއިލާހު އެންމެހާ ތަކެއްޗެއް އެންމެ ފުރިހަމަ ސިފައިގައި ޚަލްޤު ކުރެއްވިއެވެ. އަދި އެއިލާހީ އަޑުއެހުމާއި ފެނުން ދެއްވި އިލާހެވެ. އަދި އެންމެހާ ގަސްތަކުގެ ގޮފިތަކުގައިވާ ފަތްތަކުގެ ޢަދަދުވެސް އެއިލާހު ދެނެވޮޑިގެންވެއެވެ. އަދި އެއިލާހު ބިން ލައްވާ، ފެތުރުއްވިއެވެ. އަދި އުޑު ތަނަވަސްކުރައްވާ އުފުއްލެވިއެވެ. އަދި ތަރިތައްލައްވައި، ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން އެތަރިތައް ފާޅުކުރެއްވިއެވެ. އަދި އެއިލާހީ ހުރިހާ ބާވަތެއްގެ ލެއްވިއިލާހެވެ. އަދި އޮށް ހިކިގެން ދިޔުމުގެ ނުރައްކަލުން ސަލާމަތް ކޮށްދެއްވިއެވެ. ﴿هَـٰذَا خَلْقُ اللَّـهِ فَأَرُونِي مَاذَا خَلَقَ الَّذِينَ مِن دُونِهِ﴾ [لقمان: 11 ] މާނައީ: “މިއީ ﷲގެ ހެއްދެވުމެވެ. އެއިލާހު ނޫން އެހެން ފަރާތްތަކުން ހަދާފައިވަނީ ކޮންއެއްޗެއްކަން، ތިޔަބައިމީހުން ތިމަންކަލޭގެފާނަށް، ފަހެ، ދައްކައިބަލާށެވެ.”
އެއިލާހުގެ ދީލަތިވަންތަކަމާއި އިޙްސާންތެރިކަމަށް މިއަޅާ ޙަމްދު ކުރަމެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް އަޅުހެކިވަމެވެ. އެއިލާހު އެއްކައުވަންތައެވެ. އަދި އެއިލާހުގެ އުލޫހިއްޔަތާއި ވެރިކަމުގައި ބައިވެރިއަކު ނުވެއެވެ. އަދި މުޙައްމަދުގެފާނަކީ އެއިލާހުގެ އަޅާ އަދި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެއިލާހު ތަޢާލާ، އެއިލާހުގެ ހެކިތަކުން އެކަލޭގެފާނަށް ބާރުދެއްވިއެވެ. އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ. އަދި އެކަލޭގެފާނުގެ ހުރިހާކަމެއްގައި ސާޙިބެއްކަމުގައިވި އަބޫބަކުރުގެފާނަށް ޞަލަވާތް ލައްވާށިއެވެ. އަދި ޢުމަރުގެފާނުގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ. އެކަލޭގެފާނަކީ ކިސްރާގެ ކޮއިލު ހާސްކޮށްލި ބޭކަލެވެ. އަދި ޢުޘްމާނުގެފާނުގެ މައްޗަށް ޞަލަވާތް ލައްވާށެވެ. އެކަލޭގެފާނަކީ ޤުރުއާން ކިޔެވުމުގައި ރޭގަނޑު ހޭދަކުރައްވާ ބޭކަލެކެވެ. އަދި ޢަލީގެފާނަށް ޞަލަވާތް ލައްވާށިއެވެ. އެކަލޭގެފާނަކީ ޚައިބަރުގެ ދޮރުތައް އުފުރާލައްވާ އެތަނުގެ ކިއްލާތަކުގެ ބިންތައް ހަލުވާލެއްވި ބޭކަލެކެވެ. އަދި އެބޭކަލުންގެ ހުރިހާ ހަރަކާތާއި ހުރިހާ ސަކަނާތުތަކެއްގައި އަދި އެއިލާހަށް ކިޔަމަންވުމުގައި ގަދައަޅައި މަސައްކަތްކުރެއްވި އެންމެހާ އާލުންނާއި އަޞްޙާބުންނަށް ޞަލަވާތް ލައްވާށިއެވެ. އަދި އެބޭކަލުންނަށް ގިނަގުނަވެގެންވީ ސަލާމުން ސަލާމްލައްވާށިއެވެ.
އަޚުންނޭވެ! ﷲތަޢާލާ ވަޙީކުރެއްވިއެވެ. ﴿فَالْآنَ بَاشِرُوهُنَّ وَابْتَغُوا مَا كَتَبَ اللَّـهُ لَكُمْ وَكُلُوا وَاشْرَبُوا حَتَّىٰ يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ مِنَ الْفَجْرِ ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ﴾ [البقرة: 187 ] މާނައީ: “ފަހެ، މިހާރު ތިޔަބައިމީހުން އެކަނބަލުންނާ ބީހިއުޅޭށެވެ! (އެބަހީ: ޖިމާޢުވުން ހުއްދަ ކުރައްވައިފިއެވެ.) އަދި ތިޔަބައިމީހުންނަށްޓަކައި ﷲ ކަނޑައަޅުއްވާފައިވާ ގޮތް އެދޭށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ފަޖުރުގެ ސަބަބުން ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ފަތިހުގެ އަލިކަން ފާޅުވެ އެނގިއްޖައުމަށް ދާނދެނެވެ. ދެން އެއަށްފަހު، ރޭވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ރޯދަ ފުރިހަމަ ކުރާށެވެ.”
މިއާޔަތުގައި ﷲތަޢާލާ މިވަނީ، ރޯދަ ގެއްލޭ ކަންތައްތަކުގެ އަޞްލުތައް ބަޔާންކުރައްވާފައި ވެއެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި މިކަންތައްތައް ޛިކުރުކުރެއްވުން ފުރިހަމަ ކުރައްވާފައިވެއެވެ.
ރޯދަގެއްލޭ ކަންތައް ބެހިގެންވަނީ ހަތް ބަޔަކަށެވެ.
ފުރަތަމައީ: ޖިމާޢުވުމެވެ. -އެއީ (ފިރިހެނާގެ) ޛަކަރު (އަންހެނާގެ) ފަރުޖަށް ވެއްދުމެވެ.- މިއީ ރޯދަ ގެއްލޭ ކަންތައްތަކުގެ ތެރެއިން އެންމެ ބޮޑު އަދި ފާފައިގެ ގޮތުން އެންމެ ބޮޑު ކަންތަކެވެ. ފަހެ ރޯދަވެރިޔާ ޖިމާޢުވުމާއެކު އޭނާގެ ރޯދަ ބާޠިލުވެގެން ދާނެއެވެ. އެއީ ފަރުޟު ނުވަތަ ސުންނަތް ރޯދައެއް ކަމުގައި ވިއަސްމެއެވެ. އަދި ރޯދަ ޤަޟާކުރުމާއެކު ކައްފާރާދިނުން އޭނާގެ މައްޗަށް ލާޒިމުވާނެއެވެ. އެކަމުގެ ކައްފާރާއަކީ، މުއުމިނު އަޅަކު މިނިވަން ކުރުމެވެ. މުއުމިނު އަޅަކު މިނިވަންކުރަން ނުލިބެއްޖެނަމަ، ވިދިވިދިގެން ދެމަސްދުވަހު ރޯދަ ހިފުމެވެ. ޝަރުޢީ ޢުޛުރެއް، މިސާލަކަށް ރޯދަހިފަމުން ދަނިކޮށް ދެޢީދު އަދި އައްޔާމުއްތަޝްރީޤު ދުވަސްތަކާ ބައްދަލުވުންފަދަ ކަމެއް ނެތި، ނުވަތަ ޙިއްސީ ގޮތުން ޢުޛުރެއް، މިސާލަކަށް ބައްޔެއް އަދި ރޯދަ ދޫކޮށްލުމުގެ ޤަޞްދެއްނެތި ކުރާ ދަތުރެއްގެ ސަބަބުން ފަދަ ކަމެއް ނެތި، ރޯދަ ދޫކޮށެއް ނުލެވޭނެއެވެ. ފަހެ ޢުޛުރަކާ ނުލައި އެންމެ ދުވަހެއްގެ ރޯދަ ދޫކޮށްލި ނަމަވެސް، އަލުން އެރޯދަތައް ހިފަން ޖެހޭނެއެވެ. އެއީ އެއްރޯދަ އަނެއް ރޯދައާ ގުޅިގެން ދިޔުން ގެނެސްގަތުމަށްޓަކައެވެ. ދެންފަހެ ވިދިވިދިގެން ދެމަސްދުވަހު ރޯދަހިފުމަށް ނުކުޅެދިއްޖެނަމަ، ފަސްދޮޅަސް މިސްކީނުންނަށް ކާންދޭނީއެވެ. ކޮންމެ މިސްކީނަކަށް ބައިކިލޯ ދިހަ ގުރާމު ތާޒާ ގޮދަނެވެ.
ޞަޙީޙު މުސްލިމުގައި ވެއެވެ. މީހަކު އޭނާގެ އަންހެނުންނާއެކު ރަމަޟާންމަހުގައި ޖިމާޢުވިއެވެ. ދެންފަހެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި އެބޭކަލަކު އެކަމާމެދު ސުވާލުދެންނެވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. « هَلْ تَجِدُ رَقَبَةً » . قَالَ لاَ . قَالَ « هَلْ تَسْتَطِيعُ صِيَامَ شَهْرَيْنِ » . قَالَ لاَ . قَالَ « فَأَطْعِمْ سِتِّينَ مِسْكِينًا »[1] މާނައީ: “ކަލެއަށް އަޅަކު މިނިވަންކުރެވޭނެ ހެއްޔެވެ؟” އޭނާ ބުންޏެވެ. ނޫނެކެވެ.” ޙަދީޘްކުރެއްވިއެވެ. “ދެމަސްދުވަހު ރޯދަހިފަން ކުޅަދާނަވާނެ ހެއްޔެވެ؟” އޭނާ ބުންޏެވެ. ނޫނެކެވެ. ޙަދީޘްކުރެއްވިއެވެ. “ފަހެ، ފަސްދޮޅަސް މިސްކީނުންނަށް ކާންދޭށެވެ.” (އަދި އެހެން ރިވާޔަތްތަކުގައިވަނީ ‘ވިދިވިދިގެން ދެމަސް’ މިފަދައިންނެވެ.) ބުޚާރީއާއި މުސްލިމުގައި ވަރަށް ދިގުކޮށް މިޙަދީޘް އައިސްފައިވެއެވެ.
ދެވަނައީ: މީހަކު އޭނާގެ އަމިއްލަ އިޚްތިޔާރުގައި މަނި ބޭރުކުރުމެވެ. އެއީ ބޮސްދީގެން ނުވަތަ ބީހިގެން ނުވަތަ އަމިއްލައަށް އެދުންފުއްދުންފަދަ ކަންކަމެވެ. އެހެނީ މިއީ، މިކަންތައްތަކުން ދުރުވެގެން މެނުވީ ރޯދަ ރޯދައަކަށް ނުވާ، ޝަހުވަތްތަކުގެ ތެރެއިން ހިމެނޭ ކަންކަމެވެ. ޤުދުސިއްޔަ ޙަދީޘްގައި އައިސްފައިވާ ފަދައިންނެވެ. ((يَدَعُ طَعَامَهُ وَشَرَابَهُ وَشَهْوَتَهُ مِنْ أَجْلِي)) [رواه أحمد] [2] މާނައީ: “އޭނާގެ ކެއުމާއި ބުއިމާއި ޝަހުވަތް ދޫކޮށްލީ ތިމަންއިލާހަށް ޓަކައެވެ.” ފަހެ، މަނި ބޭރު ވުމަކާއި ނުލައި ބޮސްދީ އަދި ބީހުމަކުން ރޯދައެއް ނުގެއްލޭނެއެވެ. ޞަޙީޙައިންގައި، ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެންވާ ފަދައިންނެވެ: ((كَانَ النَّبِيُّ صلى الله عليه وسلم يُقَبِّلُ وَيُبَاشِرُ وَهُوَ صَائِمٌ وَكَانَ أَمْلَكَكُمْ لِإِرْبِهِ))[3] މާނައީ:”ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދައަށް ހުންނަވައިގެން އަނބިއަނބި ކަނބަލުންނަށް ބޮސްދެއްވާ، ބީހިއުޅުއްވައެވެ. އެކަލޭގެފާނަކީ ތިޔަބައިމީހުން ކުރެ ޝަހުވަތްތައް މައިތިރިކުރުމަށް އެންމެ ކުޅަދާނަ ބޭކަލެވެ.”
ޞަޙީޙު މުސްލިމުގައި، ޢުމަރު ބުން އަބީ ސަލަމާގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ސުވާލު ދެންނެވިއެވެ. أَنَّهُ سَأَلَ رَسُولَ اللَّهِ صلى الله عليه وسلم أَيُقَبِّلُ الصَّائِمُ فَقَالَ لَهُ رَسُولُ اللَّهِ صلى الله عليه وسلم« سَلْ هَذِهِ ». لأُمِّ سَلَمَةَ فَأَخْبَرَتْهُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم يَصْنَعُ ذَلِكَ فَقَالَ يَا رَسُولَ اللَّهِ قَدْ غَفَرَ اللَّهُ لَكَ مَا تَقَدَّمَ مِنْ ذَنْبِكَ وَمَا تَأَخَّرَ. فَقَالَ لَهُ رَسُولُ اللَّهِ صلى الله عليه وسلم« أَمَا وَاللَّهِ إِنِّى لأَتْقَاكُمْ لِلَّهِ وَأَخْشَاكُمْ لَهُ » [4] މާނައީ: “ރޯދަވެރިޔާއަށް ބޮސްދެވިދާނެ ހެއްޔެވެ؟” ޙަދީޘް ކުރެއްވިއެވެ. އެކަމަނާއާ ސުވާލު ކުރައްވާށެވެ. (އެބަހީ: އުއްމު ސަލަމާ އާއި ސުވާލު ކުރައްވާށެވެ.) ދެން ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އެފަދައިން ކަންތައް ކުރައްވާކަމުގައި އެކަމަނާ ވިދާޅުވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. ހަމަކަށަވަރުން ﷲތަޢާލާ ކަލޭގެފާނުގެ އިސްވެދިޔަހާ ފާފައަކާއި ކުރެވެންހުރިހާ ފާފައެއް ފުއްސަވާ ދެއްވިއެވެ.” ދެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ﷲ ގަންދީ ބުނަމެވެ. ތިމަންކަލޭގެފާނަކީ ތިޔަބައިމީހުންކުރެ (އެކަމުގައި) ﷲއަށް އެންމެ ތަޤުވާވެރި އަދި އެންމެ ބިރުވެތިވެލައްވާ ފަރާތެވެ.””
އެހެންނަމަވެސް ބޮސްދިނުންފަދަ ކަމަކުން ނުވަތަ މީހާއަށް ޝަހުވަތް ހިފެހެއްޓުމުގެ ބާރު ނެތުމުގެ ސަބަބުން ޖިމާޢުވުމާ ހަމައަށް އެކަން ގޮސްދާނެކަމުގެ ބިރު ނަފްސަށް ހީވާނަމަ، ފަހެ ބޮސްދިނުން ފަދަކަންކަން ޙަރާމްވާނެއެވެ. އެއީ ނުބައިކަމަށް އޮތް ދޮރު ބަންދު ކުރުމުގެ ގޮތުންނެވެ. އަދި މީހާގެ ރޯދަ ފަސާދަވުމުން ސަލާމަތް ކުރުމަށްޓަކައެވެ. އެހެނީ ވުޟޫ ކުރާއިރު ނޭފަތަށް ފެންލުމުގައި މުބާލަޣާ ކުރުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރު ކުރެއްވިއެވެ. ރޯދަވެރިން ފިޔަވައެވެ. އެއީ މީހާގެ ހަށިގަނޑުގެ އެތެރެއަށް ފެން ހިނގައިދާނެކަމުގެ ބިރަށްޓަކައެވެ.
އަދި އިޙްތިލާމުވުމުން ނުވަތަ ހަމައެކަނި ކަމަކަށް ފިކުރު ކުރުމުގެ ސަބަބުން މަނިބޭރުވެއްޖެނަމަ ރޯދައެއް ނުގެއްލޭނެއެވެ. އެހެނީ އިޙްތިލާމުވުމަކީ، ރޯދަވެރިޔާގެ އިޚްތިޔާރަކާއި ނުލައި ވާކަމެކެވެ. އަދި ފިކުރުކުރުން އެއީ ޢަފޫ ކުރެވިގެންވާ ކަމެކެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިޙަދީޘް ބަސްފުޅުންނެވެ. « إِنَّ اللَّهَ تَجَاوَزَ عَنْ أُمَّتِى مَا حَدَّثَتْ بِهِ أَنْفُسَهَا ، مَا لَمْ تَعْمَلْ أَوْ تَتَكَلَّمْ »[5] މާނައީ: “ހަމަކަށަވަރުން މީހާ އޭނާގެ ނަފްސުގައި އުފެދޭ ޚިޔާލުތައް، އެކަމަކަށް ޢަމަލުނުކޮށް އަދި އެކަމުގެ ވާހަކަނުދައްކާ ހިނދަކު، ﷲތަޢާލާ ވަނީ މިއުންމަތަށް އެކަންތައްތައް ޢަފޫ ކުރައްވާފައެވެ.”
ތިންވަނައީ: ކެއުމާއި ބުއިމެވެ. އެއީ ކާއެއްޗެއް ނުވަތަ ބޯއެއްޗެއް އަނގައިން ނުވަތަ ނޭފަތުން ހަށިގަނޑުގެ ތެރެއަށް ފޮނުވާލުމެވެ. އެއީ ކޮންމެ ބާވަތެއްގެ ކާއެއްޗެއް ނުވަތަ ބޯއެއްޗެއްކަމުގައި ވިޔަސްމެއެވެ. އެއީ ﷲ ތަޢާލާގެ މިވަޙީބަސްފުޅުންނެވެ. ﴿وَكُلُوا وَاشْرَبُوا حَتَّىٰ يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ مِنَ الْفَجْرِ ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ﴾ [البقرة: 187 ] މާނައީ: “އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ފަޖުރުގެ ސަބަބުން ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ފަތިހުގެ އަލިކަން ފާޅުވެ އެނގިއްޖައުމަށް ދާނދެނެވެ. ދެން އެއަށްފަހު، ރޭވެއްޖައުމަށް ދާންދެން ތިޔަބައިމީހުން ރޯދަ ފުރިހަމަ ކުރާށެވެ.”
ނޭފަތަށްލާ “ސުޢޫޠް” އަކީ ކެއުމާއި ބުއިންފަދަ އެއްޗެކެވެ. (“ސުޢޫޠް” އަކީ ނޭފަތަށްލާ ވައްތަރެއްގެ ބޭހެކެވެ.) ލަޤީޠު ބުން ޞަބިރާ، ނަބިއްޔަ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘްގައިވާ ފަދައިންނެވެ. ((وَبَالِغْ فِى الاِسْتِنْشَاقِ إِلاَّ أَنْ تَكُونَ صَائِمًا)) [6] މާނައީ: “(ވުޟޫކުރާހިނދު) ނޭފަތަށް ފެންލާއިރިގައި މުބާލަޣާ ކުރާށެވެ. އެއީ ތިބާ ރޯދައަށް ހުންނަ ޙާލަތުގައި މެނުވީއެވެ.”
އަދި ވަސްދުވާ ތަކެތިން ވަސް ބެލުމުގެ ސަބަބުން ރޯދައެއް ނުގެއްލޭނެއެވެ. އެހެނީ ވަހުގައި ހަށިގަނޑުގެ ތެރެއަށް ދާނެ އެއްޗެއް ނުހުރެއެވެ.
ހަތަރުވަނައީ: ކެއުމާއި ބުއިމުގެ މާނައިގައިވާ ހުރިހާ ކަމެކެވެ. އެއީ ދެއެއްޗެކެވެ.
ފުރަތަމަ އެއްޗަކީ: ރޯދަވެރިޔާގެ ގަޔަށް އަޅާ ލެއެވެ. މިޘާލަކަށް، ހަށިގަނޑުން ލޭ އޮހޮރުމުގެ ސަބަބުން، އޭނާގެ އަށިގަނޑަށް ލޭ އެޅައިފިނަމަ ރޯދަ ގެއްލޭނެއެވެ. އެހެނީ ކެއުމާ ބުއިމުގެ ބޭނުމަކީ ލޭއުފެއްދުމެވެ. އޭނާގެ ގަޔަށް ލޭއެޅުމުން، ކެއުމާ ބުއިމުގެ މަޤްޞަދު ޙާޞިލުވާނެއެވެ.
ދެވަނަ އެއްޗަކީ: ކެއުމާއި ބުއިމުގެ މައްޗަށް ފުދިގެންވާ، ވަރުޖައްސާދޭ އައިވީއެވެ. ފަހެ އައިވީ ބޭނުން ކުރުމުން ރޯދަ ގެއްލޭނެއެވެ. އެހެނީ އެއީ ޙަޤީޤީ ކެއުމާ ބުއިމުގެ ތެރޭ ހިމެނޭ ކަމެއްކަމުގައި ނުވިނަމަވެސް، ކެއުމާ ބުއިމުގެ މާނައިގައިވާ އެއްޗެކެވެ. އެހެންކަމުން ކެއުމާ ބުއިމުގެ ޙުކުމް އެއަށް ޘާބިތުވެގެން ވެއެވެ. އަދި ވަރުނުޖެހޭ އިންޖެކްޝަނުން ރޯދައެއް ނުގެއްލޭނެއެވެ. އެއީ މަސްގަނޑުގެ ތެރެއަށް ނުވަތަ ނާރުގެ ތެރެއަށް ޖެހި ނަމަވެސް މެއެވެ. އޭނާގެ ކަރުބުޑަށް އޭގެ ހޫނު ވީނަމަވެސް ރޯދަ ނުގެއްލޭނެއެވެ. އެހެނީ އެއީ ކެއުމެއް އަދި ބުއިމެއްވެސް ނޫނެވެ. އަދި އެމާނައިގައިވާ އެއްޗެއްވެސް ނޫނެވެ. އެހެންކަމުން ކެއުމާ ބުއިމުގެ ޙުކުމް އެއަށް ޘާބިތުވެގެން ނުވެއެވެ.
އަދި ކެއުމާއި ބުއިމަކާއި ނުލައި ކަރުބުޑުގައި ލާރަހައަކުންވެސް ރޯދައަކަށް އަސަރެއް ނުކުރާނެއެވެ. އެހެންވެގެން ހަންބަލީ މަޛުހަބުގެ ފިޤުހުވެރިން ވިދާޅުވެފައި ވެއެވެ. ފައިތިލާގެ ބަނޑުފުށުގައި ޙަންޡަލު (އެބަހީ: ހިތި މޭވާއެއް colocynth) އުނގުޅުމުން، އޭގެރަހަ އަރުތެރޭގައި ލިއަސް ރޯދައެއް ނުގެއްލޭނެއެވެ. އަދި ޝައިޚުލް އިސްލާމް އިބުނު ތައިމިޔާ ރަޙިމަހުﷲ (حقيقة الصيام) ގައި ވިދާޅުވެފައިވެއެވެ.[7] “ﷲއާއި އެއިލާހުގެ ރަސޫލާ ރޯދަ ގެއްލޭ ކަންތައްތަކެއްގެ ގޮތުގައި ލައްވާފައިވާ ކަންތައްތަކަކީ، ކޮންމެހެން ސިކުނޑި ނުވަތަ ހަށިގަނޑަށް ވާޞިލުވާ އެއްޗެއްކަމުގައި، ނުވަތަ ދޮރަކުން އެއްޗެއް ވަނުންކަމުގައި، ނުވަތަ އެތެރެ ހައްޓަށް ވާޞިލުވާ އެއްޗެއް ކަމުގައި، ނުވަތަ އެނޫންވެސް މާނަތަކުގެ ތެރެއިން މާނައެއްކަމުގައި މިޤައުލުތަކުގެ މީހުން މިބުނާ ކަންތައްތަކަކީ، ﷲއާއި އެއިލާހުގެ ރަސޫލާގެ އަރިހުގައި (ރޯދަ ގެއްލުމުގެ) ޙުކުމުގެ ސަބަބަކީ އެއީ ކަމުގައިވުން ދަލީލުތަކަކުން ލާޒިމެއް ނުކުރެއެވެ. ބުނެވެއެވެ. ދެންމެ ސިފަކުރެވުނު ކަންތައްތަކަކީ، ﷲއާއި އެއިލާހުގެ ރަސޫލާ (ރޯދަ ގެއްލޭ ކަންކަމާ) ގުޅުވާފައިވާ ކަންތައްތަކަށް ނުވާއިރު، މިފަދައިން ބުނާމީހުންގެ ބަސް “ހަމަކަށަވަރުން ﷲއާއި އެއިލާހުގެ ރަސޫލާ، ރޯދަ ގެއްލުން ބިނާކުރައްވާފައިވަނީ މިކަންކަމަށްޓަކާއޭ” އެބުނާ ބަހަކީ ޢިލްމެއްނެތި ބުނި ބަހެކެވެ.” އެކަލޭގެފާނުގެ ބަސްފުޅު ނިމުނީ..
ފަސްވަނައީ: ހިޖާމާ ޖަހައިގެން ލޭނެރުމެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލއިހި ވަސައްލަމަގެ މި ޙަދީޘް ބަސްފުޅުންނެވެ. « أَفْطَرَ الْحَاجِمُ وَالْمَحْجُومُ »[8] މާނައީ: “ހިޖާމާ ޖަހާދޭ މީހާއާއި ހިޖާމާ ޖެހޭމީހާގެ ރޯދަ ގެއްލޭނެއެވެ.” މިޙަދީޘް ރިވާކުރެއްވީ އިމާމު އަޙްމަދާއި އަބޫ ދާވޫދު، ޝައްދާދު ބުން އައުސް ރަޟިޔަﷲ ޢަންހުގެ އަރިހުންނެވެ. އިމާމު ބުޚާރީ ރަޙިމަހުﷲ ވިދާޅުވިއެވެ. “މިބާބުގައި މިޙަދީޘަށްވުރެ ޞައްޙަ ޙަދީޘެއް ނުވެއެވެ.”
މިއީ އިމާމު އަޙްމަދުގެ މަޛުޙަބުގައިވާ ގޮތެވެ. އަދި މިއީ ގިނަ ޙަދީޘް ޢިލްމުވެރިން ދެކިލައްވާ ގޮތެވެ. އަދި ޙިޖާމާ ޖަހައިގެން ލޭ ނެރުމުގެ މާނައިގައި، ފަޅާލައިގެން ލޭ ނެރުމާ އަދި އެފަދަ އެނޫންވެސް ހިޖާމާ ޖެހުމުން ހަށިގަނޑަށް އެއަޘަރު ކުރާފަދައިން އަޘަރު ކުރާ ކޮންމެ ކަމެއް ހިމެނޭނެއެވެ. އަދި ހަމަމިއާއެކު ވާޖިބު ރޯދައެއް ހިފައިގެން ހުރި މީހަކު، ހިޖާމާ ޖެހުމުން ހަށިގަނޑަށް އެއަޘަރު ކުރާވަށް، ގިނައިން ލޭނަގައިގެން ލޭ ހަދިޔާކުރުން ހުއްދައެއް ނުވާނެއެވެ. އެއީ އެކަމާ ނުލާ އެޟަރޫރީ ކަންތައް ދިފާޢުނުކުރުވޭ ޟަރޫރަތަކަށްޓަކައި މެނުވީއެވެ. އެހާލަތުގައި އޭނާ އެރޯދަ ދޫކޮށްލާ ފަހުން ރޯދަ ޤަޟާ ކުރާނީއެވެ.
އަދި ނޭފަތުން ނުވަތަ ކެއްސުމުގެ ސަބަބުން ނުވަތަ ފުރަގަސްފަރާތުބަލިތަކުގެ ސަބަބުން ނުވަތަ ދަތެއް ވެއްޓުމުގެ ސަބަބުން ނުވަތަ ޒަޚަމެއްގެ ސަބަބުން ނުވަތަ ލޭގެ ތަޙުލީލެއް ހެދުމަށް ލޭނެގުމުގެ ސަބަބުން ނުވަތަ ހަށިގަނޑުން ތަނެއް ފެހުމުގެ ސަބަބުން ނުވަތަ މިފަދަ އެހެނިހެން ސަބަބަކާހުރެ ލޭއައުމަކުން ރޯދައެއް ނުގެއްލޭނެއެވެ. އެހެނީ އެއީ ޙިޖާމާއެއް ނޫނެވެ. އަދި ހިޖާމާ ޖެހުމުން ހަށިގަނޑަށް އެއަޘަރު ކުރާފަދައިން އަޘަރު ނުކުރާހާ ހިނދަކު އެއީ ޙިޖާމާގެ މާނައިގައިވާ ކަމަކަށްވެސް ނުވާނެއެވެ.
ހަވަނައީ: ގަސްދުގައި ހޮޑުލުމެވެ. އެއީ ކާތަކެތި ނުވަތަ ބޯތަކެތީގެ ތެރެއިން މައިދާގެ ތެރޭގައިވާ އެއްޗެއް އަނގައިން ނެރުމެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ޙަދީޘް ބަސްފުޅުންނެވެ. «مَنْ ذَرَعَهُ الْقَىْءُ فَلَيْسَ عَلَيْهِ قَضَاءٌ وَمَنِ اسْتَقَاءَ عَمْدًا فَلْيَقْضِ »[9] މާނައީ “ބޭ އިޚްތިޔާރުގައި ހޮޑުލެވިއްޖެނަމަ، (އެބަހީ: ޤަސްދަކާއިނުލައި ހޮޑުލެވެއްޖެނަމަ) އޭނާގެ މައްޗަށް ރޯދަ ޤަޟާކުރުމެއް ނެތެވެ. އަދި ގަސްދުގައި ހޮޑުލައިފިނަމަ ފަހެ އޭނާ ރޯދަ ޤާޟާކުރާށެވެ.”
ގަސްދުގައި ހޮޑުލުމުން ރޯދަ ގެއްލޭނެއެވެ. އެއީ މީހާ އަމިއްލައަށް ބަނޑަށް ފިތައިގެން ނުވަތަ ކަރުބުޑަށް އަތް ލައިގެން ނުވަތަ ހޮޑުލުމަށްޓަކައި އެއްޗެއްގެ ވަސްބަލައިގެން ނުވަތަ ހޮޑުލުމަށްޓަކައި އެއްޗަކަށް ބަލައިގެން ކަމުގައިވިއަސް މެއެވެ. މިފަދަ ހުރިހާ ކަމަކުން ރޯދަ ގެއްލޭނެއެވެ. ނަމަވެސް އެފަދަ އެއްވެސް ކަމަކާ ނުލާ ހޮޑުލެވިއްޖެނަމަ ރޯދައަކަށް އެއްވެސް އަޘަރެއް ނުކުރާނެއެވެ. އަދި އޭނާގެ މައިދާ ތެރެއިން އެއްޗެހި ނުކުމެ ހޮޑުލެވެން އުޅުމުން، ހޮޑުލެވުން މަނާ ނުކުރާށެވެ. އެހެނީ އޭގެ ސަބަބުން ހަށިގަނޑަށް ގެއްލުން ވާނެއެވެ. އެހެނަސް އެކަން އެގޮތަށްވުމަށް ދޫކޮށްލާށެވެ. އަމިއްލައަށް ހޮޑުލުމަށްވެސް އަދި ހޮޑުލުން މަނާކުރުމަށްވެސް ނޫޅޭށެވެ. ދެން އެއަށްފަހުގައި އެއްވެސް ސަބަބަކާ ނުލައި ހޮޑުލެވިއްޖެނަމަ އޭނާގެ ރޯދަ ޞައްޙަވާނެއެވެ.
ހަތްވަނައީ: ޙައިޟުގެ ލޭ ނުވަތަ ނިފާސްކަމުގެ ލޭ އައުމެވެ. އަންހެނުންނާމެދު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅުގައި ވާފަދައިންނެވެ. ((أَلَيْسَ إِذَا حَاضَتْ لَمْ تُصَلِّ ، وَلَمْ تَصُمْ))[10] މާނައީ: “އެކަނބަލުން ޙައިޟުވުމުން ނާމާދު ނުކޮށް އަދި ރޯދަ ނުހިފާ ނުތިބޭ ހެއްޔެވެ؟” ފަހެ ޙައިޟުގެ ލޭ ނުވަތަ ނިފާސްކަމުގެ ލޭ ފެނުމުން އެކަނބުލޭގެ ރޯދަ ފާސިދުވާނެއެވެ. އެއީ ދުވާލުގެ ކުރީކޮޅު ނުވަތަ ފަހުކޮޅުކަމުގައި ވިޔަސް މެއެވެ. އިރު އޮއްސުމުގެ ސިކުންތެއް ކުރިން ކަމުގައި ވިޔަސް މެއެވެ. އަދި ލޭ އައުމުގެ އިޙުސާސް ކުރެވި އިރުއޮއްސުމުގެ ފަހުން މެނުވީ ލޭ ބޭރުނުވާނަމަ، އެކަނބުލޭގެ ރޯދަ ޞައްޙަވާނެއެވެ.
އަދި ރޯދަވެރިޔާއަށް މި ދެންނެވުނު ރޯދަގެއްލޭ ކަންތައްތަކަށް އަރައިގަތުން ޙަރާމްވެގެން ވެއެވެ. އެއީ ވާޖިބުރޯދައެއްކަމުގައި ވާނަމައެވެ. މިސާލަކަށް، ރަމަޟާންމަހުގެ ރޯދަ އަދި ކައްފާރާ ރޯދަ އަދި ނަދުރު ރޯދައެވެ. އެއީ ރޯދަ ދޫކޮށްލުން ހުއްދަވާފަދަ ޢުޛުރަކާއިލައިގެން މެނުވީއެވެ. މިސާލަކަށް ދަތުރެއް އަދި ބައްޔެއް ނުވަތަ މިފަދަ ކަންކަމެވެ. އެހެނީ އެކަމެއް ދޫކޮށްލުމަށް ޞައްޙަ ޢުޛުރެއް ނެތްނަމަ، ވާޖިބެއް އަދާކުރުމަށް ފަށައިފި މީހަކު އެކަމެއް ފުރިހަމަކުރުން ލާޖިމުވާނެއެވެ.
ދެން އެއަށްފަހުގައި ޢުޛުރަކާ ނުލައި ރޯދަ ގެއްލޭފަދަ ޢަމަލެއް ކޮށްފިނަމަ އެދުވަހުގެ ބާކީ އޮތްބައިގައި ރޯދަ ގެއްލޭ ކަންކަމުން މަނާވެގަންނަން ޖެހޭނެއެވެ. އަދި ފަހުން އެރޯދަ ޤަޟާކުރުން އޭނާގެ މައްޗަށް ވާޖިބުވާނެއެވެ. އެހެން ނޫންނަމަ (އެބަހީ: ޢުޛުރަކާލައިގެންނަމަ) ބާކީ އޮތް ވަގުތުގައި ރޯދަ ގެއްލޭ ކަންކަމުން މަނާވެގަތުމަކާއި ނުލައި އެރޯދަ ފަހުން ޤަޟާކުރުން ލާޒިމުވާނެއެވެ. އަދި އޭނާ ރަމަޟާން މަހުގެ ރޯދަ ދޫކޮށްލީ ޢުޛުރަކާ ލައިގެންނަމަ ރޯދަ ޤަޟާކުރުން ފިޔަވާ އެހެންކަމެއް އޭނާގެ މައްޗަކަށް ނުވެއެވެ. އެހެންކަމުން ރަމަޟާންމަހުގެ ރޯދައަށް ހުރެ ދަތުރަކަށް ފުރައިފިނަމަ އޭނާ ކާށެވެ. އަދި ބޯށެވެ. އަދި ޖިމާޢުވާށެވެ. އޭނާގެ މައްޗަކަށް ކުށެއް ނެތެވެ. އެހެންނަމަވެސް އެދުވަހުގެ ރޯދަ ފަހުން ޤަޟާކުރާށެވެ. އަދި އޭނާގެ ރޯދައަކީ ސުންނަތް ރޯދައެއްނަމަ، ޢުޛުރަކާ ނުލައިނަމަވެސް އޭނާއަށް ރޯދަ ދޫކޮށްލުން ހުއްދަވެގެން ވެއެވެ. އެހެންނަމަވެސް ރޯދަ ފުރިހަމަ ކުރުން އައުލާވެގެންވެއެވެ.
އަޚުންނޭވެ! ތިޔަބައިމީހުންގެ ހެޔޮޢަމަލުތަކަށް ތިޔަބައިމީހުން ރައްކާތެރިވާށެވެ. އަދި ފާފަތަކާއި ޙަރާމް ކަންތައްތަކުން ތިޔަބައިމީހުން ދުރުހެލިވާށެވެ. އިސްވެދިޔަ މިޘާލަކާ ނުލައި އުޑުތަކާއި ބިންހެއްދެވި އިލާހަށް ދުޢާކުރުމުގައި ގަދައަޅައި މަސައްކަތްކުރާށެވެ. އަދި އެއިލާހުގެ ނިޢުމަތްތަކާއި އެއިލާހުގެ ދީލަތިކަމަށް އެދޭށެވެ. އެހެނީ އެއެއިލާހީ ގިނަގިނައިން ނިޢުމަތް ދެއްވާ އިލާހެވެ. އަދި ތިޔަބައިމީހުން ދަންނާށެވެ. ތިޔަބައިމީހުންގެ ދުނިޔެއިން، ތިޔަބައިމީހުން ތިޔަބައިމީހުންގެ މައުލާ، ﷲ އަށް ކިޔަމަންތެރިވި ކިޔަމަންތެރިވުމެއްގެ ފައިދާ މެނުވީ ތިޔަބައިމީހުންނަކަށް ނުވެއެވެ. ފަހެ މަރުވެ ދިޔުމުގެ ކުރިން ހެޔޮކަންކަން ލިބި ގަންނާށެވެ. އަދި ގެއްލުމާ ބައްދަލުވުމުގެ ކުރިން ފައިދާ ލިބިގަންނާށެވެ.
اللهم وفقنا لاغتنام الأوقات، واشغلنا بالأعمال الصالحات، اللهم جُدْ علينا بالفضل والإحسان، وعاملنا بالعفو والغفران، اللهم يسِّرْنا لليسرى، وجنبنا العسرى، واغفر لنا في الآخرة والْأُولَى، اللهم ارزقنا شفاعة نبينا وأوردنا حوضه، واسقنا منه شربة لا نظمأ بعدها أبدا يا رب العالمين.
اللهم صَلِّ وسلم وبارك على عبدك ونبيك محمد، وعلى آله وأصحابه أجمعين.
________________________________
މިފޮތަކީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ ފޮތެއްގެ ތަރުޖަމާއެވެ.
މަޖާލިސް ޝަހްރު ރަމަޟާންގެ އެހެންބައިތައް
[1] البخاري الحدود (6436) ، مسلم الصيام (1111) ، الترمذي الصوم (724) ، أبو داود الصوم (2390) ، ابن ماجه الصيام (1671) ، أحمد (2/281) ، مالك الصيام (660) ، الدارمي الصوم (1716) .
[2] البخاري الصوم (1795) ، ابن ماجه الصيام (1638) .
[3] البخاري الصوم (1827) ، مسلم الصيام (1106) ، الترمذي الصوم (729) ، أبو داود الصوم (2382) ، ابن ماجه الصيام (1687) ، أحمد (6/126) ، مالك الصيام (646) ، الدارمي المقدمة (634) .
[4] البخاري الحيض (316) ، مسلم الصيام (1108) ، أحمد (6/318) .
[5] البخاري الطلاق (4968) ، مسلم الإيمان (127) ، الترمذي الطلاق (1183) ، النسائي الطلاق (3435) ، أبو داود الطلاق (2209) ، ابن ماجه الطلاق (2040) ، أحمد (2/393) .
[6] الترمذي الصوم (788) ، النسائي الطهارة (87) ، أبو داود الطهارة (142) ، ابن ماجه الطهارة وسننها (407) ، أحمد (4/211) .
[7] ضمن مجموع الفتوي (263/25)
[8] الترمذي الصوم (774) ، أحمد (3/465) .
[9] الترمذي الصوم (720) ، أبو داود الصوم (2380) ، ابن ماجه الصيام (1676) ، أحمد (2/498) ، الدارمي الصوم (1729) .
[10] البخاري الحيض (298) ، ابن ماجه إقامة الصلاة والسنة فيها (1288) .