الحديث الثاني:
عَنْ عُمَرَ رَضِيَ اللهُ عَنْهُ – أَيْضًا – قَالَ: ((بَيْنَمَا نَحْنُ عِنْدَ رَسُولِ اللَّهِ صلى الله عليه و سلم ذَاتَ يَوْمٍ، إذْ طَلَعَ عَلَيْنَا رَجُلٌ، شَدِيدُ بَيَاضِ الثِّيَابِ، شَدِيدُ سَوَادِ الشَّعْرِ، لَا يُرَى عَلَيْهِ أَثَرُ السَّفَرِ، وَلَا يَعْرِفُهُ مِنَّا أَحَدٌ، حَتَّى جَلَسَ إلَى النَّبِيِّ صلى الله عليه و سلم، فَأَسْنَدَ رُكْبَتَيْهِ إلَى رُكْبَتَيْهِ، وَوَضَعَ كَفَّيْهِ عَلَى فَخِذَيْهِ، وَقَالَ: يَا مُحَمَّدُ! أَخْبِرْنِي عَنِ الْإِسْلَامِ؟
فَقَالَ رَسُولُ اللَّهِ صلى الله عليه و سلم: الإِسْلَامُ: أَنْ تَشْهَدَ أَلَّا إلَهَ إلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَتُقِيمَ الصَّلَاةَ، وَتُؤْتِيَ الزَّكَاةَ، وَتَصُومَ رَمَضَانَ، وَتَحُجَّ الْبَيْتَ إنِ اسْتَطَعْتَ إلَيْهِ سَبِيلًا، قَالَ: صَدَقْتَ – فَعَجِبْنَا لَهُ، يَسْأَلُهُ وَيُصَدِّقُهُ -.
قَالَ: فَأَخْبِرْنِي عَن الْإِيمَانِ؟
قَالَ: أَنْ تُؤْمِنَ بِاللَّهِ، وَمَلَائِكَتِهِ، وَكُتُبِهِ، وَرُسُلِهِ، وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ، قَالَ: صَدَقْتَ.
قَالَ: فَأَخْبِرْنِي عَن الْإِحْسَانِ؟
قَالَ: أَنْ تَعْبُدَ اللَّهَ كَأَنَّك تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ، فَإِنَّهُ يَرَاكَ.
قَالَ: فَأَخْبِرْنِي عَن السَّاعَةِ؟
قَالَ: مَا الْمَسْئُولُ عَنْهَا بِأَعْلَمَ مِنَ السَّائِلِ.
قَالَ: فَأَخْبِرْنِي عَنْ أَمَارَاتِهَا؟
قَالَ: أَنْ تَلِدَ الْأَمَةُ رَبَّتَهَا، وَأَنْ تَرَى الْحُفَاةَ الْعُرَاةَ الْعَالَةَ رِعَاءَ الشَّاءِ، يَتَطَاوَلُونَ فِي الْبُنْيَانِ.
قَالَ: ثُمَّ انْطَلَقَ، فَلَبِثْتُ مَلِيًّا، ثُمَّ قَالَ لِي: يَا عُمَرُ! أَتَدْرِي مَنْ السَّائِلُ؟ قُلْتُ: اللَّهُ وَرَسُولُهُ أَعْلَمُ، قَالَ: فَإِنَّهُ جِبْرِيلُ أَتَاكُمْ يُعَلِّمُكُمْ دِينَكُمْ)) [رَوَاهُ مُسْلِمٌ]
ހަދީސްގެ މާނަ:
މާނައީ: އަދިވެސް ޢުމަރު رضي اللّه عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއް ދުވަހަކު ﷲގެ ރަސޫލާ ﷺ ގެ އަރިހުގައި ތިމަންބޭކަލުން ތިއްބަވަނިކޮށް، އެތަނަށް ބޭކަލަކު އަތުވެއްޖެއެވެ. އެބޭކަލެއްގެ ފޭރާމުގެ ހުދުކަން ނުހަނު ގަދައެވެ. އަދި އިސްތަށީގެ ކަޅުކަންވެސް އެހާމެ ގަދައެވެ. އެބޭކަލެއްގެ ކިބައިން ދަތުރެއްގެ އަސަރެއް ފެންނާކަށް ނެތެވެ. އަދި ތިމަންބޭކަލުން ކުރެ އެކަކުވެސް އެބޭކަލަކު ދެނެވަޑައިނުގަންނަވަމުއެވެ. ދެން އެބޭކަލަކު ވަޑައިގެން، ނަބިއްޔާ ﷺ ގެ އަރިހުގައި އިށީނދެވަޑައިގެންފިއެވެ. އަދި ނަބިއްޔާ ﷺ ގެ ކަކޫކޮޅުގައި ކަކޫ ޖައްސަވައި، ދެ އަތްތިލަ (އެބޭކަލެއްގެ) ފަލަމަސްގަނޑު މަތީ ބާއްވަވާފައި ދެންނެވިއެވެ. “އޭ މުޙައްމަދުގެފާނެވެ! އިސްލާމްކަމާއި ބެހޭގޮތުން ޚަބަރުދެއްވާށެވެ.“
ފަހެ، ﷲގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. “އިސްލާމްކަމަކީ، ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހެއް ނުވާކަމަށާއި މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް ހެކިވުމެވެ. އަދި ނަމާދު ޤާއިމުކުރުމާއި (މުދަލު)ޒަކާތްދިނުމާއި ރަމަޟާންމަހު ރޯދަހިފުމާ އަދި ކުޅަދާނަވެ އެކަމަށް މަގުފަހިވެއްޖެމީހާ ގެފުޅަށްގޮސް ޙައްޖުވުމެވެ.“
ދެން އެބޭކަލަކު ދެންނެވިއެވެ. “ކަލޭގެފާނު ތިޔަ ވިދާޅުވީ ތެދުފުޅެކެވެ.” (ޢުމަރުގެފާނު ވިދާޅުވިއެވެ.) “އެބޭކަލަކާމެދު ތިމަންބޭކަލުން ޢަޖައިބުވީމެވެ. އެހެނީ އެކަލޭގެފާނާ ސުވާލުކުރެއްވުމަށްފަހު، އެކަލޭގެފާނު އެދެއްވި ޖަވާބަކީވެސް ތެދުފުޅެއްކަމުގައި ވިދާޅުވީތީއެވެ.”
އެބޭކަލަކު ދެންނެވިއެވެ. “ފަހެ އީމާންކަމާއި ބެހޭގޮތުން ޚަބަރުދެއްވާށެވެ.”
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެއީ ﷲއަށާއި އެއިލާހުގެ މަލާއިކަތުންނަށާއި އެއިލާހު ބާވައިލެއްވި ފޮތްތަކަށާއި އެއިލާހުގެ ރަސޫލުބޭކަލުންނަށާ އަދި އާޚިރަތްދުވަހަށް އީމާންވުމެވެ. އަދި ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމެވެ.“
ދެން އެބޭކަލަކު ދެންނެވިއެވެ. “ކަލޭގެފާނު ތިޔަ ވިދާޅުވީ ތެދުފުޅެކެވެ. ފަހެ އިޙުސާންތެރިކަމާ ބެހޭގޮތުން ޚަބަރުދެއްވާށެވެ.”
އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. “އެއީ ތިބާއަށް، ﷲ ފެންނަ ފަދައިން އެއިލާހަށް އަޅުކަންކުރުމެވެ. ފަހެ ތިބާއަށް އެއިލާހު ނުފެނުނަސް އެއިލާހު ތިބާ ދެކިވޮޑިގެންވެއެވެ.”
އެބޭކަލަކު ދެންނެވިއެވެ. “ޤިޔާމަތްވާނެ ވަގުތާ ބެހޭގޮތުން ޚަބަރުދެއްވާށެވެ.” އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. “ސުވާލު ކުރެވުނު ފަރާތަށް، ސުވާލު ކުރި ފަރާތަށް ވުރެ ބޮޑަށް އެކަމާ ބެހޭގޮތުން އެނގިގެން ނުވެއެވެ.” (އެބަހީ: ދެ ބޭކަލުންކުރެ އެއްވެސް ބޭކަލަކަށް އެކަން އެނގިގެން ނުވެއެވެ.)
ދެން އެބޭކަލަކު ދެންނެވިއެވެ. “ޤިޔާމަތުގެ ޢަލާމާތްތަކާ ބެހޭގޮތުން ޚަބަރުދެއްވާށެވެ.”
އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. “އެއީ، އަޅު އަންހެނާ އޭނާގެ ސާހިބު ކަމަނާ ވިހެއުމެވެ. އަދި ހުސްފަޔާ، ފޭރާމެއް ނެތި، ފަޤީރު ޙާލުގައި، ބަކަރި ހުއިހައްޕާ އުޅޭ މީހުން ޢިމާރާތްތައް އުސްކުރުމުގައި ވާދަކުރާތަން ތިބާއަށް ފެނުމެވެ.”
(ޢުމަރުގެފާނު) ވިދާޅުވިއެވެ. ދެން އެބޭކަލަކު ވަޑައިގަތުމަށްފަހު، ދިގުމުއްދަތެއް ފާއިތުވިއެވެ. ފަހެ އެކަލޭގެފާނު ތިމަންކަލޭގެފާނަށް ޙަދީޘްކުރެއްވިއެވެ. “އޭ ޢުމަރުގެފާނެވެ. ސުވާލުކުރެއްވީ ކޮން ބޭކަލަކުކަން އެނގިލައްވާތޯއެވެ؟”
ތިމަންކަލޭގެފާނު ދެންނެވީމެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އަދި އެއިލާހުގެ ރަސޫލާއެވެ.
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ފަހެ ހަމަކަށަވަރުން އެއީ ޖިބުރީލުގެފާނެވެ. އެކަލޭގެފާނު ތިޔަބޭކަލުންގެ އަރިހަށް އެވަޑައިގަތީ، ތިޔަބޭކަލުންނަށް ތިޔަބޭކަލުންގެ ދީން އުގަންނައިދެއްވުމަށްޓަކައެވެ.”
https://dhisalafiyyah.net/article/11779
ހަދީސް އެކުލެވިފައިވާ ގޮތް:
މި ހަދީސްގައި އިސްލާމްކަމާއި، އީމާންކަމާއި ،އިޙްސާންކަމާއި އަދި ޤިޔާމަތްދުވަހުގެ ބައެއް ޢަލާމާތްތައް ބަޔާންވެފައިވެއެވެ.
((الإِسْلَامُ: أَنْ تَشْهَدَ أَلَّا إلَهَ إلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَتُقِيمَ الصَّلَاةَ، وَتُؤْتِيَ الزَّكَاةَ، وَتَصُومَ رَمَضَانَ، وَتَحُجَّ الْبَيْتَ إنِ اسْتَطَعْتَ إلَيْهِ سَبِيلًا))
“އިސްލާމްކަމަކީ ހަމަކަށަވަރުން ﷲ ފިޔަވައި ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހެއް ނުވާކަމަށާ އަދި ހަމަކަށަވަރުން މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް ހެކިވުމެވެ. އަދި ނަމާދު ޤާއިމުކުރުމާއި ޒަކާތްދިނުމާއި ރަމަޟާންމަހު ރޯދަހިފުމާ އަދި ކުޅަދާނަކަން ލިބިގެންވާ މީހާ ގެފުޅަށްގޮސް ޙައްޖުވުމެވެ.“
((أَنْ تُؤْمِنَ بِاللَّهِ، وَمَلَائِكَتِهِ، وَكُتُبِهِ، وَرُسُلِهِ، وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ))
“އެއީ ﷲއަށާއި އެއިލާހުގެ މަލާއިކަތުންނަށާއި އެއިލާހު ބާވައިލެއްވި ފޮތްތަކަށާއި އެއިލާހުގެ ރަސޫލުބޭކަލުންނަށާ އަދި އާޚިރަތްދުވަހަށް އީމާންވުމެވެ. އަދި ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމެވެ.“
މާތް ﷲއަށް އީމާންވުމުގައި ތިން ކަމެއް ހިމެނެއެވެ. އެއީ:
- تَوحِيدُ الرُّبُوبِيَّة އެކަލާނގެ ރުބޫބިއްޔަތުގައި އެއްކައުވަންތަކުރުން: ކާއިނާތު ޚަލްޤުކުރެއްވުމާއި އެކާއިނާތުގެ އެންމެހައި ކަމެއް ތަދުބީރުކުރެއްވުމުގަޔާއި، ރިޒުޤްދެއްވުމާއި، މަރުއްވެވުމާއި ދިރުއްވުމުގައި އެކަލާނގެއަށް ބައިވެރިޔަކުނުވާކަމަށް އީމާންވުން
- تَوحِيدُ الاُلُوهِيَّة އެކަލާނގެ އުލޫހިއްޔަތުގައި އެއްކައުވަންތަކުރުން: އެންމެހައި އަޅުކަމެއް އެކަލާނގެއަށް ޚާއްސަކުރުމާއި އަޅުކަންތަކުގައި އެކަލާނގެއާއި އެހެން ފަރާތެއް ބައިވެރިނުކުރުން
- تَوحِيدُ اْلاَسْمَاء وَالصِّفَات އެކަލާނގެ އިސްމުފުޅުތަކާއި ސިފަފުޅުތަކުގައި އެއްކައުވަންތަކުރުން
މަލާއިކަތުންނަށް އީމާންވުން
﴿الْحَمْدُ لِلَّهِ فَاطِرِ السَّمَاوَاتِ وَالْأَرْضِ جَاعِلِ الْمَلَائِكَةِ رُسُلًا أُولِي أَجْنِحَةٍ مَثْنَى وَثُلَاثَ وَرُبَاعَ يَزِيدُ فِي الْخَلْقِ مَا يَشَاءُ إِنَّ اللَّهَ عَلَى كُلِّ شَيْءٍ قَدِيرٌ﴾ [سورة فاطر 1]
މާނައީ: “حمد ހުރީ ﷲ އަށެވެ. އެކަލާނގެއީ، އިސްވެދިޔަ مثال އަކާ ނުލައި އުޑުތަކާއި، ބިން އުފެއްދެވި ރަސްކަލާނގެއެވެ. ދޭކުން، ތިނަކުން، ހަތަރަކުން ފިޔަފުޅުތަކެއް ލިބިވަޑައިގެންފައިވާ ملائكة ން އެއީ (އެކިއެކި ކަންކަމާއިގެން) ފޮނުއްވާ ބަޔަކުކަމުގައި ލެއްވި ރަސްކަލާނގެއެވެ. ހެއްދެވުމުގައި އެކަލާނގެ އިރާދަކުރައްވާ ގޮތަކަށް އިތުރު ކުރައްވަތެވެ. ހަމަކަށަވަރުން اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.”
މަލާއިކަތުން ހެއްދެވިފައިވަނީ ނޫރުންނެވެ. ސޫރަތުލް ފާޠިރުގެ ފުރަތަމަ އާޔަތްތަކުން ދަލާލަތުކުރާ ފަދައިން މަލާއިކަތުންނަށް ފިޔަފުޅުތަކެއްވެއެވެ. ޖިބްރީލްގެފާނުގެ 600 ފިޔަފުޅުވެއެވެ. ގެފުޅާއި ދިމާ މަތީގައި ހަތްވަނަ އުޑުގައިވާ ބައިތުލް މަޢުމޫރަށް ކޮންމެދުވަހަކުވެސް ހަތްދިހަހާސް މަލާއިކަތުން ދެއެވެ. އެއަށްފަހު އެބޭކަލުންނެއް ދެވަނަ ފަހަރަކަށް އެތަނަކަށް ނުދެއެވެ. އަދި މަލާއިކަތުންގެ ތަފާތު ވަޒީފާތައްވެއެވެ.
ރަސޫލުބޭކަލުންނަށް އީމާންވުން
وَتِلْكَ حُجَّتُنَا آتَيْنَاهَا إِبْرَاهِيمَ عَلَىٰ قَوْمِهِ نَرْفَعُ دَرَجَاتٍ مَّن نَّشَاءُ إِنَّ رَبَّكَ حَكِيمٌ عَلِيمٌ ﴿٨٣﴾ وَوَهَبْنَا لَهُ إِسْحَاقَ وَيَعْقُوبَ كُلًّا هَدَيْنَا وَنُوحًا هَدَيْنَا مِن قَبْلُ وَمِن ذُرِّيَّتِهِ دَاوُودَ وَسُلَيْمَانَ وَأَيُّوبَ وَيُوسُفَ وَمُوسَىٰ وَهَارُونَ وَكَذَٰلِكَ نَجْزِي الْمُحْسِنِينَ ﴿٨٤﴾ وَزَكَرِيَّا وَيَحْيَىٰ وَعِيسَىٰ وَإِلْيَاسَ كُلٌّ مِّنَ الصَّالِحِينَ ﴿٨٥﴾ وَإِسْمَاعِيلَ وَالْيَسَعَ وَيُونُسَ وَلُوطًا وَكُلًّا فَضَّلْنَا عَلَى الْعَالَمِينَ ﴿٨٦﴾ [سورة الأنعام]
ޤުރުއާނުގައި 25 ރަސޫލުބޭކަލުންގެ ނަން އައިސްފައިވެއެވެ. އޭގެތެރެއިން 18 ބޭކަލުންގެ ނަންފުޅު ސޫރަތުލް އަލްއަންޢާމްގެ 83 ވަނައާޔަތާއި 86 ވަނައާޔަތުގެ ދެމެދުގައި އައިސްފައިވެއެވެ. އެއާޔަތްތަކުގައި ނަންފުޅުއައިސްފައިނުވާ 7 ބޭކަލުންނަކީ އާދަމްގެފާނާއި، އިދްރީސްގެފާނާއި، ހޫދުގެފާނާއި، ޞާލިޙްގެފާނާއި، ޝުޢައިބުގެފާނާއި، ޛުލްކިފުލިގެފާނާއި އަދި މުޙައްމަދުގެފާނެވެ.
صلوات الله وسلامه و بركاته عليهم أجمعين
އިޙްސާންކަން
((أَنْ تَعْبُدَ اللَّهَ كَأَنَّك تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ، فَإِنَّهُ يَرَاكَ))
“އެއީ މާތް ﷲ ފެންނަ ފަދައިން އެއިލާހަށް ތިބާ އަޅުކަންކުރުމެވެ. ފަހެ ތިބާއަށް އެއިލާހު ފެންނަކަމުގައި ނުވިޔަސް އެއިލާހު ތިބާ ދެކިވޮޑިގެންވާނެއެވެ.”
_________________________
އިމާމު ނަވަވީގެ 40 ޙަދީޘް – އެހެންބައިތައް