[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގައިވާ ޢަދަދުގެ މުއުޖިޒާތްތަކާއި މީލާދީ ކަލަންޑަރު -3-

ﷲ ތަޢާލާގެ ފޮތުގައި ޛިކުރުކުރައްވާފައިވާ ޙިސާބަކީ އަހަރުތައް ފާއިތުވެގެން ދިޔުމުގައި ބަދަލުވުމެއް ނެތް ކަނޑައެޅި ބަޔާންވެގެންވާ ޙިސާބެވެ. އެއީ ހަނދުގެ ޙިސާބެވެ.

ﷲ ތަޢާލާގެ އަންނަނިވި ވަޙީ ބަސްފުޅާމެދު ދަންނައެވެ.

﴿وَلَبِثُوا فِي كَهْفِهِمْ ثَلَاثَ مِائَةٍ سِنِينَ وَازْدَادُوا تِسْعًا﴾ [سورة الكهف ٢٥]

މާނައީ: “އެއުރެންގެ ހޮހޮޅައިގައި، އެއުރެން ތިންސަތޭކަ އަހަރާއި އަދި އިތުރަށް ނުވަ އަހަރު ތިއްބެވެ.”

ބައެއް ޢިލްމުވެރިން ވިދާޅުވެފައިވާނީ 300 އަހަރަކީ އިރަށް ނިސްބަތްވާ އަހަރު (solar years) ކަމަށެވެ. އަދި 309 އަހަރަކީ ހަނދުމަހުގެ އަހަރު (lunar years) ކަމަށެވެ. މިބުނުމަށް ޝައިޚު މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން ވަނީ ރައްދު ދެއްވާފައެވެ. ޝެއިޚުގެ ރައްދުގައި ބަޔާންކޮށްދެއްވާފައިވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޙިސާބަކީ ހަނދުމަހުގެ ޙިސާބުކަމެވެ.

ޝައިޚު މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه الله ވިދާޅުވިއެވެ.

﴿وَازْدَادُوا تِسْعًا﴾ (މާނައީ: “އިތުރަށް ނުވަ އަހަރު”) މިބަސްފުޅުގެ މުރާދަކީ 309 އަހަރު އެބައިމީހުން އެތަނުގައި ތިބުމެވެ.

މީހަކު ބުނެފާނެއެވެ. “309 އަހަރޭ ނުބުނީ ކީއްވެ ހެއްޔެވެ؟”

ފަހެ، ޖަވާބަކީ މީގެ މާނައަކީ ހަމަ މިއީއެވެ. (އެބަހީ: އާޔަތުގައި އެވަނީ ހަމަ 309 އަހަރުގެ ވާހަކައެވެ.) އެނެއްކަމަކު މާތްވެގެންވާ ޤުރުއާނަކީ އެންމެ ބަލާޣާތްތެރި ފޮތެވެ. ފަހެ، އާޔަތްތަކުގެ ނިމުން އެއްގޮތް ކުރެއްވުމުގެ ގޮތުން ވަޙީކުރައްވާފައިއެވަނީ ﴿ثَلَاثَ مِائَةٍ سِنِينَ وَازْدَادُوا تِسْعًا﴾ އެވެ. އަދި އެއީ ބައެއް މީހުން ބުނާ ފަދައިން އިރުގެ އަހަރުން 300 އެއީ ހަނދު މަހުގެ އަހަރުން އިތުރު ނުވަ އަހަރަށް ވާތީއެއް ނޫނެވެ. ފަހެ، ހަމަކަށަވަރުން ﷲ ތަޢާލާގެ ބަސްފުޅުގެ މުރާދަކީ އެއީ ކަމަށް އަހަރެމެންނަށް ހެކި ނުވެވޭނެއެވެ. ﷲ ތަޢާލާގެ ބަސްފުޅުގެ މުރާދަކީ އެއީ ކަމަށް ހެކިވާނީ ކާކު ހެއްޔެވެ؟ އިރު އަހަރުގެ 300 އަހަރު، ހަނދުމަހުގެ 309 އަހަރާ އެއްވަރުވީ ކަމުގައިވިޔަސް، ފަހެ ﷲ ތަޢާލާގެ މުރާދަކީ އެއީ ކަމަށް ހެކި ނުވެވޭނެއެވެ. އެހެނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޙިސާބަކީ ހަމަ އެންމެ ޙިސާބެކެވެ.

ﷲ ތަޢާލާގެ ޙަޟްރަތުގައިވާ ޙިސާބުގެ ޢަލާމާތްތަކަކީ ކޮބާ ހެއްޔެވެ؟

ޖަވާބަކީ: އެއީ ހުޅެވިހަނދެވެ. އެހެންކަމުން އަހަރެމެން ބުނާނީ، އިރުގެ އަހަރުން 300 ކަމަށާއި ހަނދުގެ އަހަރުން އިތުރު ނުވަ އަހަރު ކަމަށް ބުނާ ބަހަކީ ޟަޢީފު (ބަލިކަށި) ބުނުމެކެވެ.

ފުރަތަމައީ: ހަމަކަށަވަރުން ﷲ ތަޢާލާގެ މުރާދަކީ އެއީ ކަމަށް އަހަރެމެންނަށް ހެކި ނުވެވޭނެއެވެ.

ދެވަނައީ: ހަމަކަށަވަރުން ﷲ ތަޢާލާގެ ޙަޟްރަތުގައި މަސްތަކާއި އަހަރުތައް ބިނާވެގެންވަނީ ހަނދުމަހުންނެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ.

﴿هُوَ الَّذِي جَعَلَ الشَّمْسَ ضِيَاءً وَالْقَمَرَ نُورًا وَقَدَّرَهُ مَنَازِلَ لِتَعْلَمُوا عَدَدَ السِّنِينَ وَالْحِسَابَ …﴾ [سورة يونس ٥]

މާނައީ: “އެއިލާހީ އަލިކަމެއްކަމުގައި އިރު ލައްވާ، ނޫރެއްކަމުގައި ހަނދު ލެއްވި އިލާހެވެ. އަދި އެހަނދު ހިނގުމަށް މަންޒިލުތަކެއް މިންވަރުކުރެއްވިއެވެ. (އެއީ) ތިޔަބައިމީހުން އަހަރުތަކުގެ ޢަދަދާއި (މައްސަރުތަކާއި ދުވަސްތަކުގެ) ޙިސާބު ދެނެގަތުމަށްޓަކައެވެ…”

އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ.

﴿يَسْأَلُونَكَ عَنِ الْأَهِلَّةِ  قُلْ هِيَ مَوَاقِيتُ لِلنَّاسِ وَالْحَجِّ …﴾ [سورة  البقرة ١٨٩]

މާނައީ: “ހުޅެވިހަނދާމެދު ކަލޭގެފާނާ އެއުރެން ސުވާލު ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ މީސްތަކުންނަށް (އެކިއެކި ކަންކަމުގެ) ވަގުތު އެނގުމަށާއި ޙައްޖުގެ ދުވަސްތައް ފާހަގަކުރުމަށްވާ އެއްޗެކެވެ”. – ޝައިޚުގެ ބަސްކޮޅު ނިމުނީއެވެ. –

[تفسير سورة الكهف]

ހަނދާއި ހުޅެވިހަނދަށް ބަލައިގެން (މަސްތަކާއި އަހަރުތައް) ޙިސާބުކުރުމަކީ ނަބީބޭކަލުންނާއި އެބޭކަލުންގެ ޤައުމުތަކުގެ މީސްތަކުންވެސް ކޮށްއުޅުނު ކަމެކެވެ. ނަމަވެސް އިރަށް ބަލައިގެން (މަސްތަކާއި އަހަރުތައް) ޙިސާބުކުރުމަކީ ޖާހިލު ދީންތަކަށް ތަބާވީ މީހުން ކޮށްއުޅުނުކަމެކެވެ. މިއަދު ވަރަށް ގިނަ މުސްލިމުންވެސް އެބައިމީހުންނަށް ތަބާވާކަމީ ވަރަށް ހިތާމަ ހުރި ކަމެކެވެ.

=ނުނިމޭ=

_______________________________________

މިލިޔުމުގެ އެހެންބައިތައް

މަޞްދަރު: ޢަރަބި ބަހުން ، އިނގިރޭސި ބަހުން