[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގައިވާ ޢަދަދުގެ މުއުޖިޒާތްތަކާއި މީލާދީ ކަލަންޑަރު -4-

﴿لَا يَزَالُ بُنْيَانُهُمُ…﴾ ތައުބާ ސޫރަތުގެ މިއާޔަތުން އެމެރިކާގެ ޓަވަރުތައް ގޮވި ޙާދިޘާއަށް ދަލީލުކުރާ ކަމަށް ބުނާ މީހުންނަށް ރައްދު ދެއްވާ ޑރ. ޚާލިދު އައްސަބްތު ވިދާޅުވެފައިވެއެވެ.

“ފަސްވަނައީ: މިކަން (އެއާޔަތާ ގުޅުވާފައިވާ ގުޅުވުން) ބިނާކޮށްފައިވަނީ އިރުގެ ޙިސާބުތަކަށެވެ. (އެބަހީ: މީލާދީ އަހަރެށެވެ.) އެއީ ކާފިރު އުންމަތްތަކުން ވާރުތަ ކޮށްފައިވާ އެއްޗެކެވެ. އަދި އެއީ އިތުބާރު ހިފޭފަދަ ގޮތަކަށް ނަބިއްޔުންގެ އަރިހުން އެނގިގެން އައިސްފައިވާ އެއްޗެއް ނޫނެވެ. އަދި ހަމަކަށަވަރުން ޝަރުޢުގައި ޢިތުބާރު ހިފޭ ޙިސާބަކީ ހަނދާއި ހުޅެވިހަނދުގެ ޙިސާބެވެ. އަދި އެއީ ފާޅުކަން ބޮޑު އެއްޗެކެވެ. ނަބީބޭކަލުންގެ ޝަރީޢަތްތަކުގައި ބޭނުން ކޮށްފައިވާ ޙިސާބަކީ ހަނދާއި ހުޅެވިހަނދަށް ބިނާކޮށްފައިވާ ޙިސާބުކަމަށް ދަލީލުކޮށްދޭ އެއް ޙަދީޘަކީ ވާޘިލާ ބުން އަލްއަސްޤަޢު رضي الله عنه ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘެކެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

((أُنْزِلَتْ صُحُفُ ‏‏إِبْرَاهِيمَ ‏عَلَيْهِ السَّلَام ‏‏فِي أَوَّلِ لَيْلَةٍ مِنْ رَمَضَانَ ، وَأُنْزِلَتْ التَّوْرَاةُ لِسِتٍّ مَضَيْنَ مِنْ رَمَضَانَ ، وَالْإِنْجِيلُ لِثَلَاثَ عَشْرَةَ خَلَتْ مِنْ رَمَضَانَ ، وَأُنْزِلَ الْفُرْقَانُ لِأَرْبَعٍ وَعِشْرِينَ خَلَتْ مِنْ رَمَضَانَ)) ] أخرجه أحمد ( 4 / 107 ) ، والبيهقي في” السنن “( 9 / 188 ) ، وسنده حسن ، وذكره الألباني في “الصحيحة  “( 1575 )]

މާނައީ: ”އިބްރާހީމް عَلَيْهِ السَّلَام ގެ ޞުޙުފު ބާއްވައިލެއްވުނީ ރަމަޟާން މަހުގެ ފުރަތަމަ ރޭގައެވެ. އަދި ތައުރާތު ބާއްވައިލެއްވުނީ ރަމަޟަން މަހުގެ ހަރޭ ފާއިތުވުމަށް ފަހުއެވެ. އަދި އިންޖީލް ބާއްވައިލެއްވުނީ ރަމަޟާންމަހުގެ ތޭރަ ރޭ ފާއިތު ވުމަށްފަހުއެވެ. އަދި ފުރްޤާން (ޤުރުއާން) ބާއްވައިލެއްވުނީ ރަމަޟާން މަހުގެ  ސައުވީސް ރެއަށް ފަހުއެވެ.”

ހަނދާއި ހުޅެވިހަނދަށް ބަލައިގެން ޙިސާބުކުރުމުން ނޫނީ މިކަމެއް ނޭނގޭނެއެވެ. އަދިވެސް މިކަމަށް ދަލީލުކުރާ ޙަދީޘެއް ޞަޙީޙުލް ބުޚާރީއާއި ޞަޙީޙް މުސްލިމުގައި އިބްނު ޢައްބާސް رَضِيَ اللَّهُ عَنْهُمَا ގެ އަރިހުން ރިވާކުރައްވާފައިވެއެވެ.

قَدِمَ النَّبِيُّ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏الْمَدِينَةَ ‏فَرَأَى ‏‏الْيَهُودَ ‏‏تَصُومُ يَوْمَ عَاشُورَاءَ فَقَالَ:‏ ‏((مَا هَذَا ؟)) قَالُوا: هَذَا يَوْمٌ صَالِحٌ، هَذَا يَوْمٌ نَجَّى اللَّهُ ‏‏بَنِي إِسْرَائِيلَ ‏‏مِنْ عَدُوِّهِمْ فَصَامَهُ ‏‏مُوسَى …  [أخرجه البخاري (2004) ومسلم[ (1130)

މާނައީ: “ނަބިއްޔާ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ މަދީނާއަށް ވަޑައިގެންނެވިއިރު ޔަހޫދީން ޢާޝޫރާ ދުވަހު ރޯދަ ހިފަނިކޮށް ދެކެވަޑައިގެންނެވިއެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “މިއީ ކޮން ރޯދައެއް ހެއްޔެވެ؟” އެބައިމީހުން ދެންނެވިއެވެ. “މިއީ ހެޔޮ ދުވަހެކެވެ. މިއީ ﷲ ތަޢާލާ ބަނީ އިސްރާޢީލުގެ މީހުން އެބައިމީހުންގެ ޢަދުއްވުންގެ ކިބައިން ސަލާމަތްކޮށްދެއްވި ދުވަހެވެ. ފަހެ، މޫސާގެފާނު (އެދުވަހު) ރޯދަ ހިއްޕެވިއެވެ…”

އަދި އެބައިމީހުން އިރަށް ބަލައިގެން ޙިސާބު ނުކުރާކަމަށް އަލްޙާފިޡު رحمه الله ޞަރީޙަކޮށް ވިދާޅުވެފައިވެއެވެ. [ބައްލަވާ: الفتح   ( 4 / 291 )، ( 7 / 323 )]

﴿هُوَ الَّذِي جَعَلَ الشَّمْسَ ضِيَاءً وَالْقَمَرَ نُورًا وَقَدَّرَهُ مَنَازِلَ…﴾ [سورة يونس ٥]

މާނައީ: “އެއިލާހީ އަލިކަމެއްކަމުގައި އިރު ލައްވާ، ނޫރެއްކަމުގައި ހަނދު ލެއްވި އިލާހެވެ. އަދި އެހަނދު ހިނގުމަށް މަންޒިލުތަކެއް މިންވަރުކުރެއްވިއެވެ…”

وَالشَّمْسُ تَجْرِي لِمُسْتَقَرٍّ لَّهَا ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ ﴿٣٨﴾ وَالْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّىٰ عَادَ كَالْعُرْجُونِ الْقَدِيمِ ﴿٣٩﴾ [سورة يس]

މާނައީ: “އަދި އިރު، އެއަށް ކަނޑައެޅި ޤަރާރުވަނިވި ތަނަކަށް ދާނދެން ހިނގަހިގާ ހުރެތެވެ. އެއީ ޢަޒީޒުވަންތަ، މޮޅަށް ދެނެވޮޑިގެންވާ އިލާހު މިންވަރުކުރައްވާފައިވާ ގޮތެވެ. [38] އަދި ހަނދަށް ތިމަންރަސްކަލާނގެ މަންޒިލުތަކެއް މިންވަރު ކުރެއްވީމެވެ. ދުވަސްވެ، ހިކި، ގުދުވެފައިވާ އިހާގޮނޑިއެއް ފަދައިން އެނބުރި އަތުވެއްޖައުމަށް ދާނދެނެވެ. (އެބަހީ: ހުޅެވިހަނދަކަށް ބަދަލުވެއްޖައުމަށް ދާނދެނެވެ.) [39]”

އަންނަނިވި އާޔަތްތަކާބެހޭގޮތުން ވާހަކަ ދައްކަވަމުން އިބްނުލްޤައްޔިމް رحمه الله ވިދާޅުވެފައިވެއެވެ.

“އެހެންކަމުން ހަނދަށް ބަލައިގެން ޙިސާބު ކުރުމަކީ އުންމަތްތަކުގެ މެދުގައި އެންމެ މަޝްހޫރުވެފައިވާ އަދި އެންމެ ބޮޑަށް އެނގިފައިވާ ގޮތެވެ. އަދި އެއީ އެންމެ ކުށް މަދު ގޮތްވެސް މެއެވެ. އަދި އިރަށް ބަލައިގެން ހަދާ ޙިސާބުތަކަށްވުރެ ޞައްޙަކަން ބޮޑު ގޮތްވެސް މެއެވެ. އަދި އެއީ ޙިސާބު ކުރުމެއް ނެތި މީސްތަކުންނަށް ބަލަން އެނގޭ ގޮތެއް ވެސް މެއެވެ. އެއީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވާ ފަދައިންނެވެ.

﴿… وَقَدَّرَهُ مَنَازِلَ لِتَعْلَمُوا عَدَدَ السِّنِينَ وَالْحِسَابَ …﴾ [سورة يونس ٥]

މާނައީ: “…(އެއީ) ތިޔަބައިމީހުން އަހަރުތަކުގެ ޢަދަދާއި (މައްސަރުތަކާއި ދުވަސްތަކުގެ) ޙިސާބު ދެނެގަތުމަށްޓަކައެވެ…”

ނަމަވެސް އިރާ ބެހޭ ގޮތުން އެފަދައިން ވަޙީނުކުރައްވައެވެ. އެހެންކަމުން ޙައްޖުގެ މައްސަރުތަކާއި، ރޯދައާއި، ޢީދުތަކާ އަދި އިސްލާމީ މޫސުމްތައް ބިނާވެފައިވަނީ ހަނދުގެ ޙިސާބުތަކުގެ މައްޗަށެވެ. މިއީ ﷲ ތަޢާލާގެ ޙިކްމަތްވަންތަކަމާއި ރަޙްމަތުން އެއިލާހުގެ ދީން ޙިމާޔަތްކުރައްވާފައިވާ ގޮތެވެ. އެހެނީ މީސްތަކުންނަށް ހަނދަށް ބަލައިގެން އެބައިމީހުންގެ ދުވަސްތައް ޙިސާބުކުރަން އެނގޭނެއެވެ. އަދި އޮޅުމެއް ނެތި އެކަން ދެނެގަނެވޭނެއެވެ. އަދި އޭގެ ސަބަބުން އަހުލުކިތާބީން އެބައިމީހުންގެ ދީނުގެ ތެރެއަށް ވެއްދިފަދަ އިޚްތިލާފުތަކާއި ދެބަސްވުންތަކުން ދީން ރައްކާތެރިވާނެއެވެ.” [مفتاح دار السعادة، ص 538 ، 539 ގައިވާ ޝައިޚުގެ ބަސްކޮޅު ނިމުނީއެވެ.]

އިބްނުލްޤައްޔިމު رحمه الله ގެ ބަސްކޮޅުގެ ފަހަތުބައިން، އަހުލުކިތާބީން ތަބަޢަވީ އިރުގެ ޙިސާބުތަކަށް ކަމަށް ދޭހަވެދާނެއެވެ. އަބްނުލްޤައްޔިމުގެ މިބަސްކޮޅުން ރައްދު ދެއްވަމުން އަލްޙާފިޡު އިބްނު ޙަޖަރު އެވަނީ ޞަރީޙަކޮށް އެކަން ބަޔާން ކުރައްވާފައެވެ. [ބައްލަވާ: الفتح ( 7 / 323 )]

ޙަޤީޤަތުގައި އެބައިމީހުންގެ ޝަރުޢުގައި އޭގެ ބޭނުމެއް ނުކުރެއެވެ. ނަމަވެސް އެއީ މާ ފަހުން އެބައިމީހުންގެ ތެރެއިން އައި ޖާހިލުން ގެނައި އެއްޗެކެވެ.” – ޑރ. ޚާލިދު އައްސަބްތުގެ ބަސްކޮޅު ނިމުނީއެވެ. –

=ނުނިމޭ=

_______________________________________

މިލިޔުމުގެ އެހެންބައިތައް

މަޞްދަރު: ޢަރަބި ބަހުން ، އިނގިރޭސި ބަހުން