ހުރިހާ ޒަމާނެއްގައިވެސް މުސްލިމުން ޢަމަލުކޮށްފައިވާ އުޞޫލަކީ މަރުވެފައިވާ މީހުން ބިމުގައި ވަޅުލުމެވެ. ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅުގައިވެއެވެ.
﴿مِنْهَا خَلَقْنَاكُمْ وَفِيهَا نُعِيدُكُمْ وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَىٰ﴾ [سورة طه ٥٥]
މާނައީ: “ތިމަންއިލާހު ތިޔަބައިމީހުން ހެއްދެވީ އެ ބިމުންނެވެ. އަދި ތިޔަބައިމީހުން އަނބުރާ އިޢާދަކުރައްވާހުށީވެސް އެ ބިމަށެވެ. އަދި ދެވަނަފަހަރަށް ތިޔަބައިމީހުން ނެރުއްވާހުށީވެސް އެ ބިމުންނެވެ.”
މިއާޔަތުން ދަލީލުކުރަނީ މަރުވެފައިވާ މީހުން ފޮރުވާލުމަށް ޝަރީޢަތުގައިވާ ގޮތަކީ އޭނާ ބިމުގައި ވަޅުލުމެވެ.
ފަހެ ބައެއް ޤައުމުތަކުގައި މަރުވެފައިވާ މީހުން އަންދާލައެވެ. ނުވަތަ ކަނޑުފައްތައެވެ. ނުވަތަ ސަންދޯއްތައް ހަދާފައި ވަޅުނުލާ ބާއްވައެވެ. މިއީ ﷲ ތަޢާލާ ލައްވާފައިވާ ކައުނީ ސުންނަތާއި ފިޠުރަތާ ޚިލާފުކަމެކެވެ. އެހެނީ ފިޠުރީ ގޮތުން، މައްޔިތުން މަރުވެގެން ވެއްޓެނީ ބިމުގެ މައްޗަށެވެ. ފަހެ އެހެންކަމުން އޭނާ ފޮރުވާލުން ވާޖިބުވެގެންވަނީވެސް ހަމަ އެތަނުގައެވެ.
އާދަމުގެފާނުގެ ދެދަރިކަލުންކުރެ އެކަކު، އޭނާގެ އަޚާ ޤަތުލުކުރުމުން އިންސާނީ ނަސްލުގައި ހިނގި އެންމެ ފުރަތަމަ ވަޅުލުމުގައިވެސް ޢަމަލުކުރެވިފައިވަނީ އެފަދައިންނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿فَبَعَثَ اللَّـهُ غُرَابًا يَبْحَثُ فِي الْأَرْضِ لِيُرِيَهُ كَيْفَ يُوَارِي سَوْءَةَ أَخِيهِ ۚ قَالَ يَا وَيْلَتَىٰ أَعَجَزْتُ أَنْ أَكُونَ مِثْلَ هَـٰذَا الْغُرَابِ فَأُوَارِيَ سَوْءَةَ أَخِي﴾ [سورة المائدة ٣١]
މާނައީ: “ދެން އޭނާގެ އަޚާގެ (ފުރާނަނެތް) މަސްގަނޑު ނިވާކުރާނީ ކޮންފަދަޔަކުންކަން އޭނާއަށް ދެއްކެވުމަށްޓަކައި، ބިން ހާވާނޭ ކާޅެއް ﷲ ފޮނުއްވިއެވެ. ދެން، އޭނާ ބުންޏެވެ. އޭ، އަހުރެންނަށް ހުރި ހިތާމަޔެއްގެ ބޮޑުކަމާއެވެ! އަހުރެންގެ އަޚާގެ މަސްގަނޑު ނިވާކުޅައުމަށް، މި ކާޅު ފަދައިންވުމަށްވެސް، އަހުރެން ނުކުޅެދިގެން ވީހެއްޔެވެ.”
ފަހެ ﷲ ތަޢާލާ ބާވައިލެއްވި އެންމެހާ ޝަރީޢަތްތަކެއްގައިވެސްވަނީ (މީހަކުމަރުވުމުން) ފަސްދާނުލުން ވާޖިބެއްކަމުގައި ލައްވާފައެވެ.
= ނުނިމޭ =
_____________________