[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކަނޑުމަތީގައި މަރުވާ މުސްލިމެއްގެ ހަށިގަނޑު ކަނޑުފެއްތުމުގެ ޙުކުމް 2

އައްޝައިޚް ޞިއްދީޤު ޙަސަން ޚާނު ވިދާޅުވިއެވެ.

“މަރުވެފައިވާ މީހާ ވަޅުލުމަކީ ވާޖިބެކެވެ. އެބަހީ: މަރުވެފައިވާ މީހެއްގެ މަސްގަނޑު ވަޅަކަށްލައި ފަސްއެޅުމަކީ ވާޖިބެކެވެ. އެއީ މިނިކާ ޖަނަވާރުތަކަށް އޭނާ ކޮނެގެން ނުނެގޭނެ ގޮތަށް، އޭނާ ރައްކާތެރިވާނެ ގޮތަށެވެ. އަދި ޢާންމުކޮށް އަންނަ ރާޅެއްގައިވެސް އޭނާ ކަޝްފުނުވާނެ ގޮތަށެވެ. އެކަމުގައި ޚިލާފެއް ނުވެއެވެ. އެކަން އިސްލާމީ ޝަރީޢަތުގައި ޝައްކެތްނެތި ޘާބިތުވެފައިވެއެވެ. އަދި ޟަރޫރީކޮށް ކޮންމެހެންވެސް އެނގެންޖެހޭ ކަންކަމުގެ ތެރެއިން ހިމެނޭކަމެކެވެ.”

ޝައިޚް އިބްނު ޢުޘައިމީން ވިދާޅުވިއެވެ.

މައްޔިތާ ވަޅުލުމަކީވެސް ކިފާޔަތުގެ ފަރުޟެކެވެ. އެހެނީ އެއީ އަޅުތަކުންނަށްޓަކައި ލެއްވި މިންނަތެއް ކަމުގައި ﷲ ތަޢާލާވަނީ ބަޔާންކުރައްވާފައެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

أَلَمْ نَجْعَلِ الْأَرْضَ كِفَاتًا ﴿٢٥﴾ أَحْيَاءً وَأَمْوَاتًا ﴿٢٦﴾

މާނައީ: “ދިރިތިބި މީހުންނާއި، މަރުވެފައިވާ މީހުން އެތަނަށް އެއްކުރައްވާނެ ތަނެއް ކަމުގައި، ތިމަންއިލާހު ބިން ނުލައްވަން ހެއްޔެވެ؟”

ޟަރޫރީ ޙާލަތެއް ޖެހިފައިވާ މީހުންނަށް އަޅުގަނޑުމެންގެ ގެތަކުގައި ހިޔާވަހިކަން ދޭފަދައިން އަދި ޟަރޫރީ ޙާލަތްތަކުގައި އެތަނުގައި އެބައިމީހުންނަށް ނިވާކަން ދޭފަދައިން، މަރުވެފައިވާ މީހުންވެސް ކަށްވަޅަށްލާ ނިވާކުރަންޖެހެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿ثُمَّ أَمَاتَهُ فَأَقْبَرَهُ﴾ [سورة عبس ٢١]

މާނައީ: “ދެން އެއިލާހު އޭނާ މަރުގެންނެވިއެވެ. އަދި އޭނާ ކަށްވަޅުގައި ލެއްވިއެވެ.”

ފަހެ ހަމަކަށަވަރުން މިއާޔަތް އައިސްފައިވަނީ މިންނަތެއްގެ ވާހަކަ ބަޔާންކޮށްދެއްވުމަށެވެ. އެހެނީ އޭނާ ވަޅުލެވުމަކީ ﷲ ތަޢާލާ އޭނާއަށް ދެއްވާފައިވާ މާތްކަމެކެވެ. އެހެނިހެން މުޅަތަކެތި ފަދައިން އެއީ އެކި ތަންތަނަށް އުކާލެވޭ އެއްޗެއްކަމުގައި އެއިލާހު އޭނާ ނުލައްވައެވެ. އަދި ކިއެއް ހެއްޔެވެ. އޭނާ މާތްކުރެއްވުމުގެ ގޮތުން އޭނާ ވަޅުލައި ފޮރުވާލެވެއެވެ.

އެހެންކަމުން ވާޖިބުވެގެންވަނީ މީހަކު މަރުވެއްޖެނަމަ، އޭނާ ވަޅުލުމެވެ. އަދި އެފަދަ މީހަކު ކަނޑަށް އެއްލާލުމަކީ ހުއްދަކަމެއް ނޫނެވެ. އަދި ބިމުގެ މަތީގައި ހެދިފައިވާ ތަންތަނުގައިވާ ކޮޓަރިފަދަ ތަންތަނުގައިވެސް ވަޅުލުމަކީ ހުއްދަކަމެއް ނޫނެވެ. އެހެނީ ޤަބުރެއްގެ ޝަރުޠަކީ ބިމު އަޑީގައި ވަޅުލުމެވެ.

އެހެނަސް މައްޔިތަކު ބިންމަތީގައި ވަޅުލުމަށް ޢުޛުރުވެރިވާނަމަ އެޙާލަތުގައި އެޟަރޫރަތަށްޓަކައި އޭނާ ކަނޑުފެއްތިދާނެއެވެ. އެއީ މިޘާލަކަށް ދުރު ޙިސާބެއްގައި ދަތުރުކޮށްފައި ދިޔަ ކަނޑުއުޅަނދެއްގައި އޭނާ މަރުވުމެވެ. އަދި ހިކިފަސްތަނަކަށް އެ ހަށިގަނޑު ވަޅުލުމަށް ގެންދެވޭނެ ގޮތެއް ނެތްނަމައެވެ.

އެހެންކަމުން ކަނޑުގައި މަރުވާ މީހުންނާމެދު ދަންނައެވެ. އެމީހާ އެއްގަމުގައި ވަޅުލުމަށްޓަކައި، ހިކިފަސްތަނަކަށް ދެވެންދެން މަޑުކުރެވެން އޮތްނަމަ ނުވަތަ ކައިރި ރަށަކަށްވިޔަސް ދެވެން އޮތްނަމަ، މަޑުކުރުމަކީ ވާޖިބެކެވެ.

= ނުނިމޭ =

_____________________

މަޞްދަރު

މިލިޔުމުގެ އެހެނިހެން ބައިތައް