އަނަސްގެފާނު ރިވާކުރެއްވިއެވެ. އަބޫ ޠަލްޙާ، ތައުބާ ސޫރަތް ކިޔަވާވިދާޅުވިއެވެ.
﴿انفِرُوا خِفَافًا وَثِقَالًا﴾ [سورة التوبة ٥٥]
މާނައީ: “ލުއިކަމާއެކުގައްޔާއި، ބުރަކަމާއެކުގައި، ތިޔަބައިމީހުން (ހަނގުރާމައަށް) ނުކުންނާށެވެ!”
އަދި އިސްވެދިޔަ އާޔަތާ ހަމައިން ވިދާޅުވިއެވެ.
ތިމަންކަލޭގެފާނަށް ފެނިވަޑައިގަންނަވަނީ އަޅަމެންގެ ވެރި ރައްބު އެވަނީ މުސްކުޅިންނާ އަދި ޒުވާނުންވެސް ޖިހާދަށް ނުކުތުމަށް އަމުރުކުރައްވާފައެވެ. (ދެން ވިދާޅުވިއެވެ. ޖިހާދަށް ދިޔުއަށް) ތިމަން ތައްޔާރުކޮށްދޭށެވެ.
އެކަލޭގެފާނުގެ ދަރިދަރިކަލުން ވިދާޅުވެއްޖެއެވެ.
ކަލޭގެފާނުވަނީ ﷲ ގެ ރަސޫލާ މިދުނިޔެއާ އަލްވަދާޢު ކިޔުއްވަންދެން އެކަލޭގެފާނުގެ އަރިހުގައި ހަނގުރާމަކުރައްވާފައެވެ. އަދި އަބޫބަކުރުގެފާނު އަވަހާރަވަންދެން އެކަލޭގެފާނުގެ އަރިހުގައިވެސް ހަނގުރާމަކުރެއްވިއެވެ. އަދި ޢުމަރުގެފާނާ އެކުވެސްމެއެވެ. ފަހެ ތިމަންމެން ބައްޕަގެ ފަރާތުން ހަނގުރާމަކުރުމަށް ދޫކޮށްލާށެވެ.
ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ.
(ޖިހާދަށް ދިޔުއަށް) ތިމަން ތައްޔާރުކޮށްދޭށެވެ.
ފަހެ އެބޭކަލުން އެކަލޭގެފާނު ތައްޔާރުކޮށްދެއްވުމުން ކަނޑުގައި ދަތުރުކުރެއްވިއެވެ. އަދި އެހަނގުރާމައިގައި އަވަހާރަވިއެވެ. ނަމަވެސް އެކަލޭގެފާނު ފަސްދާނުލުމަށް ރަށެއް ފެނުނީ ހަތްދުވަސް ފަހުންނެވެ. އެހެނެއްކަމަކު އެކަލޭގެފާނުގެ ހަށިގަނޑަށް ބަދަލެއް އައިސްފައިނުވެއެވެ. [رواه ابن حبان في صحيحه (16/152) ، وأبو يعلى (6/138) ، والبيهقي (4/10) ، وصححه النووي في خلاصة الأحكام (2/1031)]
އެފަދައިން މަޑުކުރުމުން މީހެއްގެ ހަށިގަނޑު (ކުނިވުންފަދަ) ބަދަލެއް އަތުވެދާނެކަމުގެ ބިރުހީވާނަމަ ދަންނައެވެ. އެފަދަ މީހަކު ހިނަވާ ކަފުންކުރުމަށް ފަހު، އޭނާގެ މައްޗަށް ކަށުނަމާދު ކުރާނީއެވެ. ދެން އެއަށްފަހުގައި ކަނޑު ފައްތާނީއެވެ.
– ޝާފިޢީ މަޛްހަބުގެ ޢިލްމުވެރިން ވިދާޅުވަނީ: އެފަދަ މީހަކު ދެފިލާގަނޑު ތެރެއަށްލުމަށްފަހު ދޫކޮށްލުމަށެވެ. އަދި ބަރުއެއްޗެއް އޭނާގެ ގައިގައި ނެއެއްސުމަކީ އެދެވިގެންވާކަމެކެވެ. އެއީ އައްސޭރިއަކަށް އޭނާ ފޯރަފާނެކަމުގެ އުންމީދުގައެވެ. އަދި އޭނާ ވަޅުލާނެ ބަޔަކު އޭނާ ނަގާފާނެކަމުގެ އުންމީދުގައެވެ. [ينظر: الذخيرة للقرافي (2/480) المجموع شرح المهذب (5/286)]
– އަދި ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިން ވިދާޅުވަނީ: އެފަދަ މީހަކު ކަނޑު އަޑިއަށް ފޯރާނެފަދަ ބަރިއެއްލާފައި އޭނާ ދޫކޮށްލުމަށެވެ. އެހެނީ ވަޅުލުމުގެ މަޤްޞަދަކީ ނިވާކުރުންކަމުގައިވާއިރު އޭރުން އެކަން އެބަ ޙާޞިލުވެއެވެ. ދެފިލާގަނޑު ދެމެދަށްލާފައި އެއްލާލުމުން އޭނާގެ ހަށިގަނޑު ކުނިވެދާނެއެވެ. ނުވަތަ ޢައުރަ ކަޝްފުވެސް ވެދާނެއެވެ. އަދި އައްސޭރިއަކަށް ޢޮރިޔާން ޙާލުގައިވެސް ފޯރަފާނެއެވެ. އަދި ފަހަރުގައި މުޝްރިކުންގެ ބަޔަކުވެސް އޭނާ ނަގާފާނެއެވެ. [المغني (2/ 373)]
އިބްނުލް މުންޛިރު ވިދާޅުވިއެވެ.
” އޭނާ މަރުވި ކަނޑަކީ، އެތަނުގައިވާ ރާޅާ އެކީ ޢާންމުގޮތެއްގައި މުސްލިމުންގެ ރަށަކަށް ލައްގާނެފަދަ ކަނޑެއްނަމަ ޝާފިޢީން އެ ވިދާޅުވާ ގޮތަށް ޢަމަލުކުރާނީއެވެ. އެފަދައިން ނުވާނަމަ އިމާމު އަޙްމަދުގެ ބަސްފުޅާ އެއްގޮތަށް ޢަމަލުކުރާނީއެވެ.” [الأوسط في السنن والإجماع والاختلاف (5/ 465)]
އަލްމަރްދާވީ ވިދާޅުވިއެވެ.
“އަހަރުމެންގެ ގާތުގައި (އެބަހީ: ޙަންބަލީ މަޛްހަބުގައި) މި މައްސަލާގައި މެނުވީ ވެލީގެ ބަދަލުގައި ފެން ބޭނުން ނުކުރެވޭނެއެވެ.” [الإنصاف (2/505)]
والله أعلم
= ނިމުނީ =
_____________________