[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ 52

 ދެވަނަ ބާބު

ހިޖުރީ ގޮތުން ފުރަތަމަ ޤަރުނާއި ދެވަނަ ޤަރުނުގައި ސުންނަތް ރައްކާތެރިކުރެވުނު ގޮތް

 

ފުރަތަމަ ފަޞްލު

ފުރަތަމަ ޤަރުނުގައި ސުންނަތް ރައްކާތެރި ކުރެވުނު ގޮތް

 

ފުރަތަމައީ: ސުންނަތް ރައްކާތެރިކުރުން ފެށިފައިވަނީ ނަބިއްޔާ ﷺ ގެ ޙަޔާތްޕުޅުގައި

 

ޢާންމުންގެ ތެރެއިން ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ޙަދީޘަކީ ނުވަތަ ދީނީ ޢިލްމަކީ ސަތޭކަ ވަރަކަށް އަހަރުވަންދެން އެއްވެސް އެއްޗެއްގައި ލިޔެވިފައި ނުވާ އެއްޗެއްކަމަށެވެ. އެބައިމީހުންނަށް ހީވެފައިވަނީ ޢިލްމުވެރިން އެދުވަސްވަރު ޙަދީޘް ރިވާކުރެއްވީ ހިތުދަސްކޮށްގެންކަމުގައެވެ. މިއީ މާ ބޮޑަށް ބެލުމެއް ނެތި އެމީހުންނަށް ހީވެފައި އޮންނަ ކަމެކެވެ. މިހީކުރުން މެދުނުކެނޑި ފަސް ގަރުނުވަންދެން (އިސްލާމީ އުންމަތުގައި) ދެމިގެން ދިޔައެވެ. މި މައުޟޫޢު ފުޅާވެފައި ވަނިކޮށް މިމައުޟޫޢާ ގުޅޭ ވާހަކަތައް އެއްކޮށް ޖަމާކުރެއްވުމަށް އަލްޚަޠީބު (އަލްބަޣްދާދީ) ފޮތެއް ލިޔުއްވިއެވެ. އެފޮތުގެ ނަމަކީ “تقييد العلم” އެވެ.

މި ކުށްހީގެ ސަބަބަކީ، ޙަދީޘް ޢިލްމު ލިޔެ ރައްކާކުރެވުނު ގޮތާމެދު މުޙައްދިޘުން ދައްކަވާފައިވާ ވާހަކަފުޅުތައް މާނަކުރުމުގައި އަރާފައިވާ އޮޅުމެކެވެ. އެބޭކަލުން ޛިކުރުކުރައްވާފައިވަނީ އެންމެ ފުރަތަމަ ޢިލްމު ލިޔެ ރައްކާކުރައްވަން ފެއްޓެވީ އިބްނު ޝިހާބު އައްޒުހްރީކަމުގައެވެ. (އެކަލޭގެފާނު އަވަހާރަވީ 124ހ ނުވަތަ 125ހ ގައެވެ.) އަދި އެބޭކަލުންވަނީ އެންމެ ފުރަތަމަ އެކަމުގައި ފޮތް ލިޔުއްވި ބޭކަލުންވެސް ޛިކުރުކުރައްވާފައެވެ. އެހުރިހާ ބޭކަލުންނަކީވެސް ގާތްގަނޑަކަށް 143ހ ވަނަ އަހަރާ ހަމައަށް އުޅުއްވި ބޭކަލުންނެވެ. ޚަޠީބުލް ބަޣްދާދީގެ ކުރިން ވަޑައިގެން އެއްވެސް ބޭކަލަކު މިބަސްފުޅުތައް މާނަކުރެއްވުމާއި ދެނެގަތުމުގެ ފުރިހަމަ ޙައްޤުދެވިފައި ނުވެއެވެ. އަދި ކިއެއް ހެއްޔެވެ. އެބޭކަލުންނަށް މިބަސްފުޅުތައް ނަޤުލުކުރެވިފައިވަނީ ޙަދީޘް ޢިލްމު އެންމެ ފުރަތަމަ ލިޔުއްވީ އަދި ރައްކާކުރެއްވީ އިބްނު ޝިހާބުކަމަށް ދޭހަވާކަހަލަ ގޮތަކަށެވެ. އަދި ފޮތްތަކުގައި ޙަދީޘް ރައްކާތެރިކުރެއްވި ބޭކަލުން ވަޑައިގެންނެވީ އޭގެ ފަހުންކަމުގައެވެ.

އަދި ޖާމިޢު ގިނަ ފޮތްތައް ލިޔުއްވި ބޭކަލުންނަށްވެސް މިފިކުރުގެ މައްޗަށް ބުރަވެވަޑައިގަނެވުނެވެ. އެގޮތުން އަބޫ ޠާލިބު އަލްމައްކީއާއި އިމާމު އައްޛަހަބީއާއި އަލްޙާފިޡު އިބްނު ޙަޖަރާއި އަލްމަޤްރީޒީ އަދި “أبجد العلوم” މިފޮތުގެ މުއްލިފުވެސް އަދި އެނޫން ބޭކަލުންވެސް މިރައުޔަށް ބުރަވެވަޑައިގެންނެވިއެވެ. އެއީ އެއާ ޚިލާފުވާ ކަންތައްތަކެއް އެބޭފުޅުންނަށް ފެނިވަޑައިގަނެފައިވުމާއެކުވެސްމެއެވެ. އެގޮތުން އެބޭކަލުންގެ ފޮތްތަކުގައި އެބޭކަލުން ޛިކުރުކުރައްވާފައިވަނީ ޞަޙާބީ ބޭކަލުންނާއި ތާބިޢީ ބޭކަލުންނަށް ފަހު ވަޑައިގެންނެވި ބޭކަލުން، ޞައްޙަ މަގުން އައިސްފައިވާ ފަތްފުށްތަކަކުން ޢިލްމު ރިވާކުރައްވާފައިވާކަމެވެ. އެއީ ޞަޙާބީ ބޭކަލުންނާއި ތާބިޢީ ބޭކަލުންގެ ޒަމާނުގައި ލިޔުއްވިފައިވާ އެކަމު ތަރުތީބުކުރެވިފައި ނުވާ ފަތްފުށްތަކެކެވެ. އެހެންކަމުން އިމާމު އައްޒުހުރީގެ ކުރިން، ޢިލްމު ރައްކާތެރިކުރުން ފެށިފައިވެއެވެ. އެކަލޭގެފާނަކީ ހަގު ތާބިޢީ ބޭކަލުންގެ ޖީލުގެ ބޭކަލެކެވެ.

= ނުނިމޭ =

އެހެނިހެން ބައިތައް