ޢިލްމުވެރިންގެ މަޖުލިސްތަކުގައި ވާހަކަދެއްކުމުގެ ބަދަލުގައި، އަޑުއެހުމަށް ބޮޑަށް ސަމާލުކަން ދޭށެވެ. އަދި ސުވާލުކުރާއިރު އޮޅުންފިލުވުމަށް ސުވާލުކުރާށެވެ. އުނދަގޫކުރުމުގެ ގޮތުން ސުވާލުނުކުރާށެވެ.
ލުޤުމާނުގެފާނު ވިދާޅުވިއެވެ.
“އޭ ދަރިފުޅާއެވެ. ޢިލްމުވެރިންގެ އަރިހުގައި އިށީންނާށެވެ. އެހެނީ ވާރޭގެ ސަބަބުން ﷲ ތަޢާލާ ބިމަށް ދިރުންދެއްވާ ފަދައިން، ޙިކުމަތުގެ ނޫރުން ހިތްތަކަށްވެސް ދިރުންދެއްވައެވެ.”
އަދި ޢިލްމުވެރިންނަށާއި އީމާންކަމުގެ އަހުލުވެރިންނާއި މާތްމީހުންނަށް ހެޔޮކޮށް ހިތާށެވެ. ކިޔެވުމުގެ ސަބަބުން ކޮންމެވެސް މިންވަރެއް ޙާޞިލުވުމުން ފަހެ ދަންނާށެވެ. އިނގުނު އެއްޗަކަށް ވުރެ ނޭނގޭ އެއްޗެހި ގިނަވާނެއެވެ.
އަދި އެއިނގުނު އެއްޗަކާމެދު ބޮޑާވެނުގަންނާށެވެ. ޢިލްމަކީ ތަވާޟުޢުވެރިކަމާއި އެހުމުގެ ޤާބިލުކަން ނެތި ޙާޞިލުވާނެ އެއްޗެއް ނޫނެވެ. (ތަވާޟުޢުވެރިކަމަކީ ބޮޑާވެރިކަމުގެ އިދިކޮޅު ސިފައެވެ.)
ވާހަކަދެއްކުމުގައްޔާއި ކަނުލާ އަޑުއެހުމުގައްޔާ އަދި އުޅޭއުޅުމުގައިވެސް ތިބާގެ އުސްތާޛަށް އިޙްތިރާމުކޮށް ޤަދަރުކުރާށެވެ. އުސްތާޛާމެދު އަދަބުކުޑަކުރުމަކީ މުރޫއަތްތެރިކަމާއި ޢާންމު އުޞޫލުތަކުން މީހާ ބޭރުކުރުވާކަމެކެވެ. އަދި އެއީ ސަލަފުންގެ މަގުން މީހާ ފޭވެގެންދާކަމެއްވެސް މެއެވެ. (މުރޫއަތްތެރިކަމަކީ ﷲ ތަޢާލާ ނުރުހުންތެރިވެވޮޑިގެންވާ ކަންކަމުން ދުރުހެލިވުމެވެ. އަދި މުސްލިމުން ނުރުހޭފަދަ ކަންކަމުންވެސް ދުރުހެލިވުމެވެ. ހަމައެއާއެކު އެއީ ﷲ ތަޢާލާ ލޯބިވެވޮޑިގެންވާފަދަ ޞިފަތަކުން ޞިފަލިބުމެވެ. އަދި މުސްލިމުން ލޯބިވާފަދަ ޢަމަލުތަކުންވެސް ޞިފަލިބިގަތުމެވެ.)
އައްރަބީޢު ވިދާޅުވިއެވެ.
“ﷲ ގަންދީ ބުނަމެވެ. އިމާމު ޝާފިޢީ ބައްލަވަނިކޮށް ފެންބޯންވެސް ތިމަންނައަށް ނުކުރެއެވެ. އެއީ އެކަލޭގެފާނުގެ ހައިބަތަށްޓަކައެވެ.” (ހައިބަތަކީ މީހަކަށް ދެވިފައިވާ ޤަދަރާއި މާތްކަމާއި އިޙްތިރާމެވެ.)
_________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް