އެއްފަހަރާ ޢިލްމު ހޯދައިގަތުމަށް މަސައްކަތް ނުކުރާށެވެ. ފަހެ ހަމަކަށަވަރުން ޢިލްމު އެއްފަހަރާ ހޯދަން އުޅޭ މީހެއްގެ ކިބައިން އެ އެކުއެކީ އެޢިލްމު ނެތިގެންވެސްދާނެއެވެ. ނަމަވެސް އެއްޗަކަށްފަހު އެއްޗެއް އުނގެނޭށެވެ. ދުވަސްތަކާއި ރޭތަކަށް ބަހާލައިގެން އެކަންކުރާށެވެ. އަދި ޢަމަލުމަދުވުމުގެ ފަރުވާއަކަށް އިޚްލާޞްތެރިކަން ހަދާށެވެ.
ޢިލްމު ހޯދަން ފަށާއިރު ފަހެ ބޮޑެތި ފޮތްތަކާއި ޚިލާފުތައް ޛިކުރުކޮށްފައިވާ ފޮތްތައް ނުކިޔާށެވެ. އަދި ޢިލްމުގެ އެކިއެކި މަތަނުތައް ދަސްކުރާއިރުވެސް ކުރިއަރާފައިވާ ބޭފުޅުން އެތައް މަހަކުން ދަސްކުރައްވާ ފޮތެއް ތިބާ ކުޑަދުވަސްކޮޅަކުން ދަސްނުކުރާށެވެ. (މަތަނުތަކަކީ ދީނީ އެކި މާއްދާތައް ހިތުދަސްކުރުން ފަސޭހަކުރުމަށްޓަކައި ލިޔެފައިވާ ޚުލާޞާ ފޮތްތަކެވެ.)
ޝައިޚް މުޙައްމަދު އިބްރާހީމް رحمه الله އެބޭފުޅާގެ ދަރިވަރުންނާއެކު ޢަމަލުކުރައްވާފައިވަނީ އަންނަނިވި ގޮތަށެވެ.
އިބްނު މާލިކުގެ އަލްފިއްޔާ ދަސްކުރާއިރު ކޮންމެ ދުވަހަކުވެސް ތިން ބައިތު ހިތުދަސްކުރުވައެވެ. (މިއީ ޢަރަބިބަހުގެ ޤަވާޢިދުތަކުގެ މައްޗަށް ލިޔެފައިވާ ޅެންބައިތުތަކެކެވެ.) އަދި ބުލޫޣުލް މަރާމު ޙަދީޘް ފޮތުން ތިން ޙަދީޘެވެ. (މިއީ ޙުކުމްތަކާ ގުޅޭ ޙަދީޘްތަކާ ބެހޭގޮތުން ލިޔެފައިވާ ފޮތެކެވެ.) އަދި ޒާދުލް މުސްތަޤްނިއު އިން ތިން ފޮޅުަވަތެވެ. (މިއީ ޙަންބަލީ މަޛުހަބުގެ ފިޤުހާ ބެހޭގޮތުން ލިޔެފައިވާ ފޮތެކެވެ.) ފަހެ މިގޮތަށް ކޮންމެ ތިން އަހަރަކުން ޒާދުލް މުސްތަޤްނިއުވެސް ނިންމާލައްވައެވެ. ހަމަޖެހިލައިގެން މިފުރިހަމަ އުޞޫލުގައި ޢަމަލުކޮށްގެން، އެބޭފުޅުންވަނީ ބޮޑެތި ޢިލްމުވެރިންވަނީ އުފަންކޮށްފައެވެ.
____________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް