ބާވައިލެއްވި ފޮތްތަކުގެ ތެރެއިން ބަދަލުކޮށްފައިވާ ފޮތްތަކާއި ބާޠިލު ދީންތަކާއި ޙައްޤުމަގުން އެއްކިބާވެފައިވާ ފިކުރުތައް އުނގެނުމާއި އުނގަންނައިދިނުމުގެ އަޞްލަކީ އެކަން ހުއްދަ ނުވުމެވެ. އެއީ އޭގެ ފާސިދުކަމާއި ބާޠިލުކަމާއި، އޭގައިވާ ބުއްދިއާއި ފިޠުރަތާ ތަޢާރުޟުވާ ކަންތައްތަކާ އަދި އިސްލާމްދީނާ ފުށުއަރާ ކަންތައްތައް މީސްތަކުންނަށް ބަޔާންކޮށްދިނުމަށް މެނުވީއެވެ. އެގޮތުން އެކަންކަން މީސްތަކުންނަށް ބަޔާންކޮށްދިނުމަށްޓަކައި އެފަދަ ތަކެތި އުނގެނޭ މީހަކު ވާންވާނީ ދީނުގައި ޘާބިތުވެހުރި، ފިތުނައާއި ޝުބުހަތަކުގައި ޖެހުމުގެ ބިރެއް ނެތް، ޙައްޤާއި ބާޠިލު ވަކިކުރަން އެނގޭފަދަ މީހަކަށެވެ. އަދި މިފަދަ ޝައިޠާނީ ބާޠިލުކަންކަން މީސްތަކުންނަށް ބަޔާންކޮށްދެވޭފަދަ އެދާއިރާއަށް ޚާއްޞަ މީހަކަށެވެ. މިއީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ޢާންމުކޮށް ހުޅުވާލެވިފައިވާ ދޮރެއްކަމުގައި ހަދައިގެން ނުވާނެއެވެ. އެއީ އެބައިމީހުންގެ ދީނާމެދު ޝައްކު އުފެދި ޝައިޠާނާގެ ވަސްވާސްތަކުގައި ޖެހުމުގެ ބިރު އޮތުމުންނެވެ.
حاشية ابن عابدين ގައިވެއެވެ.
“ކާފިރުން ނުވަތަ އެބައިމީހުންގެ ތެރެއިން އިސްލާމުވާ މީހުން ނަޤުލުކުރާ ތަކެއްޗަށް ބެލުން އަހަރެމެންނަށް މަނާވެގެންވެއެވެ.” [حاشية ابن عابدين (1 / 175)]
އަދި كشاف القناع عن متن الإقناع ގައިވެއެވެ.
“އަހުލުކިތަބީންގެ ފޮތްތައް ބެލުން ހުއްދަވެގެން ނުވެއެވެ. – އިމާމް އަޙްމަދު މިކަން ބަޔާންކުރައްވާފައިވެއެވެ. – އެހެނީ ތައުރާތުގެ ފަތްފުށްތަކެއް ޢުމަރުގެފާނުގެ އަތްޕުޅުގައި ވަނިކޮށް ފެނިވަޑައިގަތުމުން، ނަބިއްޔާ صلى الله عليه وسلم އެކަމާ ކޯފާވެވަޑައިގެން ޙަދީޘްކުރެއްވިއެވެ.
((أَفِي شَكٍّ أَنْتَ يَا ابْنَ الْخَطَّابِ؟))
މާނައީ: “އޭ އަލްޚައްޠާބުގެ ދަރިޔާއެވެ! ކަލޭގެފާނުވެސް ޝައްކުކުރައްވަނީ ހެއްޔެވެ؟”
އަދި ބިދުޢަވެރިންގެ ފޮތްތައްވެސް ނުބަލާށެވެ. އަދި ޙައްޤާއި ބާޠިލު އެއްކޮށްފައިވާ ފޮތްތައްވެސް ނުބަލާށެވެ. އަދި އެފަދަ ތަކެތީގައިވާ ވާހަކަތައް ކިޔައިނުދޭށެވެ. އެއީ ޢަޤީދާ ފަސާދަ ވެދާނެ ކަމަށްޓަކައެވެ.” [كشاف القناع عن متن الإقناع (1 / 434)]
އަހުލުކިޔާބީންގެ ފޮތްތައް ކިޔުމާބެހޭގޮތުން އަލްޙާފިޡު އިބްނު ޙަޖަރު رحمه الله ވިދާޅުވިއެވެ.
“މިކަމުގައި އެންމެ ރަނގަޅުގޮތަކީ އީމާންކަމުގައި ހަރުދަނާކަމާއި ޘާބިތުކަން ލިބިފައިވާ މީހުންނާއި އެނޫން މީހުން ފަރަޤުކުރުމެވެ. އީމާންކަމުގައި ހަރުދަނާކަމާއި ޘާބިތުކަން ލިބިފައިނުވާ މީހުންނަށް އެފަދަ ތަކެތި ބެލުން ހުއްދަވެގެން ނުވެއެވެ. އެއާޚިލާފަށް، އީމާންކަމުގައި ހަރުދަނާކަމާއި ޘާބިތުކަން ލިބިފައިވާ މީހުން، މުޚާލިފުންނަށް ރައްދު ދިނުމަށްޓަކައި އެކަމަށް ބޭނުން ޖެހިފައިވާތީ، އެފަދަތަކެތި ބެލުން ހުއްދަވެގެންވެއެވެ. މިކަމަށް ދަލީލުކޮށްދެނީ ކުރިއާއި ފަހުގެ އިމާމުން، މުޙައްމަދު صلى الله عليه وسلم ގެ (ރިސާލަތުގެ) ތެދުކަން ޔަހޫދީންނަށް ބަޔާންކޮށްދީ، އެބައިމީހުންނަށް ޙުއްޖަތް ޤާއިމުކޮށްދިނުމަށްޓަކައި ތައުރާތުގައިވާ ވާހަކަތައް ނަޤުލުކޮށް ދެއްވާފައިވުމެވެ. އެފަދަ ތަކެތި ބެލުން (އެބައިމީހުންގެ މައްޗަށް) ހުއްދަވެގެންނުވާކަމަށް އެބޭކަލުން ދެކިވަޑައިގެންނެވިނަމަ އެފަދައިން ކަންތައް ނުކުރެއްވީހެވެ.” [فتح الباري لابن حجر (13 / 525)]
ޝައިޚް އިބްނު ބާޒް رحمه الله تعالى އަށް ސުވާލު ދެންނެވުނެވެ.
“އެހެން ދީންތައް އުނގެނި ދަސްކުރުމަށް ލޯބިކޮށް، އިސްލާމްދީން ފިޔަވާ އެހެން ދީންތަކުގެ ފޮތްތައް ކިޔުން އަޅުގަނޑުމެންނަށް ހުއްދަވެގެންވޭ ހެއްޔެވެ؟” ފަހެ، ޖަވާބުގައި ޝައިޚް ވިދާޅުވިއެވެ.
“ނޫނެކެވެ. އެއީ އެކަށީގެންވާ ކަމެއް ނޫނެވެ. ނޫނެކެވެ. ތައުރާތާއި، އިންޖީލާ އަދި އެނޫންވެސް އެފަދަ ތަކެތި ކިޔުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. އެއީ އޭގެ ސަބަބުން (ދީނާމެދު) ޝައްކުކުރުމަށް މަގުފަހިވަތީއެވެ. ރަސޫލާ صلى الله عليه وسلم ގެ އަރިހުން ރިވާވެގެންވެއެވެ. ޢުމަރުގެފާނު ތައުރާތުން ބައެއް ކިޔުއްވާތަން ފެނިވަޑައިގެންނެވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
((أَفِي شَكٍّ أَنْتَ يَا ابْنَ الْخَطَّابِ؟))
މާނައީ: “އޭ އަލްޚައްޠާބުގެ ދަރިޔާއެވެ! ކަލޭގެފާނުވެސް ޝައްކުކުރައްވަނީ ހެއްޔެވެ؟”
((لَقَدْ جِئْتُكُمْ بِهَا بَيْضَاءَ نَقِيَّةً، وَلَوْ كَانَ مُوسَى حَيًّا مَا وَسِعَهُ إِلَّا اتِّبَاعِي))
މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުންނަށް (އިސްލާމްދީން) މިގެނެސްދެއްވީ ސާފުސީދާ ކަންމަތީގައެވެ. އަދި މޫސާގެފާނު ދިރިހުންނެވިނަމަ ތިމަންކަލޭގެފާނަށް ތަބާވާން އެކަލޭގެފާނަށްވެސް، ޖެހިވަޑައިގަތީހެވެ.”
ފަހެ، މީގެ މަޤްޞަދަކީ ތައުރާތާއި، އިންޖީލާ އަދި އެނޫންވެސް އެފަދަ ފޮތްތައް ކިޔުން މުސްލިމުންނަށް ހުއްދަ ނޫންކަމެވެ. އެއީ އެބައިމީހުންގެ ފޮތްތަކުން ޔަހޫދީންނާއި ނަޞާރާއިންނަށް ރައްދުދިނުމަށްޓަކައި އެފަދަ ތަކެތި ކިޔުމަށް ބޭނުންޖެހިފައިވާ ޢިލްމުވެރިން ފިޔަވައެވެ. ފަހެ، އެބައިމީހުންގެ ބާޠިލު ކަންތައްތައް ބަޔާންކޮށްދީ ރައްދުދޭން ޖެހިފައިވާނަމަ، އެކަން ކުރުމަށްޓަކައި ޢިލްމާއި ކުޅަދާނަކަން ލިބިފައިވާ މީހުންނަށް އެފަދަ ތަކެތި ކިޔުމުގައި މައްސަލައެއް ނެތެވެ.”
ޝައިޚްގެ ޖަވާބު އަޑުއެއްސެވުމަށް މިލިންކު ބައްލަވާލައްވާށެވެ.
ފަހެ، ބޮޑެތިމީހުންނަށް މިކަމުގައި އޮތް ޙުކުމަކީ މިއީ ކަމުގައިވާއިރު، ކުޑަކުދިންނަށް މިކަމުގައި މާރައްކާތެރިވާން ޖެހެއެވެ. އެހެނީ އެކުދިންގެ ވިސްނުމާއި ފިކުރު ވަރަށް ބަލިކަށިވާނެއެވެ. އެފަދަ ފާސިދު ދީންތައް އެކުދިންނަށް އުނގަންނައި ދިނުމަކީ އެކުދިންނަށް އެއްވެސް ހެވެއް އޮތް ކަމެއް ނޫނެވެ. އެފަދަ ދީންތަކާއި އޭގައި ހުރި ބާޠިލުކަންތައްތައް އެކުދިންނަށް ކިޔަވައިދިނުން ހުއްދަ ވެގެން ނުވެއެވެ. އެފަދަ އެއްޗެއް ކިޔަވައިދިންކަމުގައިވިޔަސް އޭގައިހުރި ޝުބުހަތަކާއި ރައްދުތައް އެކުދިންގެ ބުއްދިއަށް ފަހުމު ނުވާނެއެވެ. އެއީ އެކުދިންގެ ވިސްނުމާއި ޤާބިލިއްޔަތަށްވުރެ މާމަތީގައިވާ ކަންކަމެވެ.
والله أعلم.
________________________
މަޞްދަރު: ޢަރަބި ބަހުން، އިނގިރޭސި ބަހުން