އަސާސް 6: ރިޝްވަތާއި ފަސާދަ ޙަރާމްކުރެއްވިގެންވުން
އިސްލާމްދީނުގައި ވަނީ މީސްތަކުންގެ މުދާ ނަހަމަ ގޮތުގައި ކެއުން ޙަރާމް ކުރައްވާފައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.
﴿يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ﴾
މާނައީ: ” އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ބާޠިލު ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ.” [ސޫރަތުއްނިސާ ގެ 29 ވަނަ އާޔަތް]
އަދިވެސް ވަޙީ ކުރެއްވިއެވެ.
﴿وَلَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ وَتُدْلُوا بِهَا إِلَى الْحُكَّامِ لِتَأْكُلُوا فَرِيقًا مِّنْ أَمْوَالِ النَّاسِ بِالْإِثْمِ وَأَنتُمْ تَعْلَمُونَ﴾
މާނައީ: “އަދި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ބާޠިލު ގޮތުގައި ނުކާށެވެ! އަދި ތިޔަބައިމީހުން ދެނެތިބެގެންމެ، ފާފަވެރި ގޮތުގައި މީސްތަކުންގެ މުދާތަކުގެ ތެރެއިން ބައެއް ކެއުމަށްޓަކައި އެ މުދާތައް (އެބަހީ: އެ މުދާތަކުން ބައެއް) ޙާކިމުންނަށް ނުދޭށެވެ!” [ސޫރަތުލް ބަގަރާ ގެ 188 ވަނަ އާޔަތް]
މީސްތަކުންގެ މުދާ ބާޠިލު ގޮތުގައި ކެވޭނެ އެންމެ ބޮޑު ގޮތަކީ ރިޝްވަތުގެ ގޮތުގައި ބޭނުންކުރުމެވެ. ސަބަބަކީ ޙައްޤު މަގުން ކަމެއް އެއްކިބާ ކުރުމުގެ ގޮތުން ފައިސާ ދެވޭތީއެވެ.
ރިޝްވަތުގައި ޝާމިލްވާ ތިން ރުކުންވެސް ވަނީ ޙަރާމް ކަންތައްތަކުގެ ތެރޭގައެވެ. އެއީ ރިޝްވަތުދިނުމާއި، ހިފުމާއި އަދި އެކަމުގައި މެދުވެރިއަކަށްވުމެވެ.
އިސްލާމްދީނުގައި އެންމެ ބޮޑަށް ޙަރާމް ކުރެއްވި ތަކެތީގެ ތެރޭގައި ރިޝްވަތުހިމެނެއެވެ. ރިޝްވަތަކީ ފައިސާދިނުމަކާނުލާ ކޮށްދޭންޖެހޭ ކަމެއްގައި ތިމާގެ އަމިއްލަ މަޞްލަޙަތެއް ފުރިހަމަ ކުރުމުގެ ބޭނުމުގައި މަސްއޫލުވެރިންނަށް ދެވޭ އެއްޗަކަށް ކިޔޭނަމެކެވެ.
އިބްނު ޢާބިދީން -ރަޙިމަހުﷲ- އެކަލޭގެފާނުގެ “ޙާޝިޔާ” އޭ ކިޔުނުފޮތުގައި ލިޔުއްވާފައިވެއެވެ.
“ރިޝްވަތަކީ: ޙާކިމާއަށް ނުވަތަ އެނޫންވެސް ފަރާތަކަށް ތިމާއާއި އެއްކޮޅަށް މައްސަލަ ނިންމުމަށް، ނުވަތަ އޭނާ ބޭނުން ގޮތަކަށް މައްސަލަ އަނބުރާލުމަށްޓަކައި ދެވޭ އެއްޗަކަށްކިޔޭ ނަމެކެވެ”.
މިތަނުގައި ޙާކިމާއޭ އޮތް ބަހުގެ މުރާދަކީ ޤާޟީ ނުވަތަ އެނޫންވެސް ރިޝްވަތުދޭމީހާގެ މަޞްލަޙަތު އަނބުރާލުމުގެ ބާރު ލިބިގެންވާ މީހާއެވެ. އެއީ ސަރުކާރުގެ މަސްއޫލުވެރިފަރާތެއް ކަމުގައިވި ނަމަވެސް ނުވަތަ އަމިއްލަ މަސައްކަތުގައި އުޅޭ ވިޔަފާރި އެޖެންޓުންފަދަ މީހުން ކަމުގައިވީ ނަމަވެސް އެވެ.
ރިޝްވަތު ދިނުމަކީ މާތް ﷲ ޙަރާމް ކުރައްވާފައިވާ ކަމެކެވެ. އަދި އެއީ ބޮޑެތިފާފަ ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެކަމުގައި އުޅޭ އެންމެންގެ މައްޗަށް މާތް ﷲގެ ލަޢުނަތް ޙައްޤުވެންވާ ކަމަށް ކީރިތި ރަސޫލާ -ޞައްލަﷲ އަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. މިފަދަ ނުބައި ކަންތައްތަކުގައި އެކަކު އަނެކަކަށް އެހީތެރިވެ ނޫޅުމަށް ކީރިތި ޤުރްއާނުގައި ވަނީ އަންގަވާފައެވެ.
﴿وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَىٰ وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ﴾
މާނައީ: “އަދި ހެޔޮކަންތައް ކުޅައުމާއި، ތަޤުވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި ޢަދާވާތްތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ!” [ސޫރަތުލް މާއިދާ ގެ 2 ވަނަ އާޔަތް]
«لَعَنَ اللَّهُ الرَّاشِيَ وَالْمُرْتَشِيَ» [رواه أحمد وصححه الألباني]
މާނައީ: “ރިޝްވަތު ދޭމީހާއާއި ރިޝްވަތު ހިފާމީހާއަށް ﷲ ލަޢުނަތް ލައްވައެވެ”.
މާތްﷲ ގެ ލަޢުނަތްލެއްވުމޭ ބުނެވޭބަހުގެ މާނައަކީ އެމީހަކު މާތް ﷲ ގެ ރަޙްމަތުން ބޭރުކޮށްލެވުމެވެ.
ރިޝްވަތަކީ “ސުޙްތު” ގެ ބާވަތެކެވެ. އެގޮތުން އިބްނު ޢުމަރު -ރަޟިޔަﷲ ޢަންހު- ކީރިތި ރަސޫލާ -ޞައްލަﷲ އަލައިހިވަސައްލަމަ- ގެ އަރިހުން ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ.
«مَنْ نَبَتَ لَحْمُهُ مِنَ السُّحت فَالنَّار أولى بِهِ» [رواه البيهقي صححه الألباني]
މާނައީ: “ސުޙްތުކައިގެން ހަށިގަޑުގައި މަސް ޖަހާފައިވާ މީހަކާމެދު ދަންނައެވެ. ފަހެ، އޭނާއަށް އެންމެ އައުލާކަންބޮޑީ ނަރަކައެވެ.”
ކީރިތި ޤުރްއާނުގައި ޔަހޫދީން ސުޙްތު ކެއުމުގެ ސަބަބުން އެބައިމީހުންނަށްވަނީ ބަދުބަސް ރައްދުކުރައްވާފައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿سَمَّاعُونَ لِلْكَذِبِ أَكَّالُونَ لِلسُّحْتِ﴾
މާނައީ: “އެއީ ދޮގުބަސް އަހާމީހުންނެވެ. އަދި އެއީ ޙަރާމް މުދާ ކާމީހުންނެވެ”. [ސޫރަތުލް މާއިދާ ގެ 42 ވަނަ އާޔަތް]
އަބޫހުރައިރާ -ރަޟިޔަﷲ ޢަންހު- ގެ އަރިހުން އަލްއިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ.
((إنَّ اللَّهَ طَيِّبٌ لَا يَقْبَلُ إلَّا طَيِّبًا، وَإِنَّ اللَّهَ تعالى أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ، فَقَالَ تَعَالَى: ﴿يَا أَيُّهَا الرُّسُلُ كُلُوا مِنْ الطَّيِّبَاتِ وَاعْمَلُوا صَالِحًا﴾، وَقَالَ تَعَالَى: ﴿يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ﴾
ثُمَّ ذَكَرَ الرَّجُلَ يُطِيلُ السَّفَرَ، أَشْعَثَ، أَغْبَر،َ يَمُدُّ يَدَيْهِ إلَى السَّمَاءِ: يَا رَبِّ! يَا رَبِّ! وَمَطْعَمُهُ حَرَامٌ، وَمَشْرَبُهُ حَرَامٌ، وَمَلْبَسُهُ حَرَامٌ، وَغُذِيَ بِالْحَرَامِ، فَأَنَّى يُسْتَجَابُ لِذَلِكَ؟!)) [رَوَاهُ مُسْلِمٌ]
މާނައީ: “ހަމަކަށަވަރުން ﷲ އީ އެންމެ ރަނގަޅު ފަރާތެވެ. (އެބަހީ: އެންމެހާ އުނި ސިފަތަކުން ހުސްޠާހިރުވެވޮޑިގެންވާ އިލާހެވެ.) ރަނގަޅު އެއްޗެއް މެނުވީ، އެއިލާހު ޤަބޫލެއް ނުކުރައްވައެވެ. އަދި އެއިލާހު މުއުމިނުންނަށް އަމުރު ކުރައްވާފައިވަނީ، ރަސޫލުންނަށް އަމުރުކުރެއްވި ފަދައިންނެވެ. ފަހެ، ﷲ تعالى ވަޙީކުރެއްވިއެވެ. “އޭ ރަސޫލުންނޭވެ! ޙަލާލު ރަނގަޅު ތަކެތިން ތިޔަބައިމީހުން ފަރިއްކުޅުއްވާށެވެ. އަދި ޞާލިހު ޢަމަލުކުރައްވާށެވެ.” އަދިވެސް ﷲ تعالى ވަޙީކުރެއްވިއެވެ. “އޭ އިމާންވި މީސްތަކުންނޭވެ! ތިމަންއިލާހު ތިޔަބައިމީހުންނަށް ދެއްވި (ޙަލާލު) ރަނގަޅު ތަކެތިން ކައި އުޅޭށެވެ.”
ދެން އެއަށްފަހު، ދަތުރު ދިގުވެ، ބޯހިރަފުސްވެ، ގައި ކިލާވެފައިވާ މީހެއްގެ ވާހަކަ އެކަލޭގެފާނު ޒިކުރުކުރެއްވިއެވެ. އެމީހާ ދެއަތް މައްޗަށް ނަގައި ދުޢާކުރެއެވެ. “އޭ ތިމަންގެ ރައްބެވެ! އޭ ތިމަންގެ ރައްބެވެ!” އެހެނަސް އޭނާ ކަނީ ޙަރާމްތަކެއްޗެވެ. އަދި ބޮނީ ޙަރާމްތަކެއްޗެވެ. އަދި ލަނީ ޙަރާމް ފޭރާމެވެ. އަދި ހެދިބޮޑުވެފައިވަނީ ޙަރާމް ތަކެތިންނެވެ. ފަހެ އެފަދަ މީހެއްގެ ދުޢާ އިޖާބަވާނީ ކިހިނަކުން ހެއްޔެވެ؟!”
މިޙަދީޘް އިން ދޭހަވާ ގޮތުގައި ދުޢާ އިޖާބަ ކުރެއްވުމުގެ ސަބަބުތަކުގެ ތެރޭގައި ދަތުރުވެރިއަކަށްވުން، ގިނަގިނައިން ދެންނެވުން، ދެއަތްމައްޗަށްނަގާ ދެންނެވުން، އަދި ﷲ ގެ ރުބޫބިއްޔަތުގެ ޞިފަ (ﷲ އީ އިންސާނުން ހައްދަވާ ގެންގުޅުއްވާ އިލާހުކަން) ބޭނުންކުރުން، އަދި ޙަލާލުތަކެތިކެއުން ބުއިމުގައި އަދި ލިބާސްއެޅުމުގައި ބޭނުންކުރުން ހިމެނެއެވެ. އެހެންކަމުން ރިޝްވަތުގެ ޙަރާމް ލާރިކައިބޮއި، އަދި އެފައިސާއިން ހޯދާފައިވާ ހެދުމެއްލައިގެން ހުރެ މާތް ﷲ ގެ ޙަޟްރަތުގައި ދަންނަވާ ދުޢާ މާތް ﷲ އިޖާބަ ނުކުރައްވާނެއެވެ.
އެއްދުވަހަކު ކީރިތި ރަސޫލާ -ޞައްލަﷲ އަލައިހިވަސައްލަމަ- އަންނަނިވި އާޔަތް ކިޔަވާ ވިދާޅުވިއެވެ.
﴿يَا أَيُّهَا النَّاسُ كُلُوا مِمَّا فِي الْأَرْضِ حَلَالًا طَيِّبًا﴾
މާނައީ: “އޭ މީސްތަކުންނޭވެ! ބިމުގައިވާ ތަކެތީގެ ތެރެއިން ޙަލާލު ރަނގަޅު ތަކެތި ތިޔަބައިމީހުން ކައިއުޅޭށެވެ!” [ސޫރަތުލް ބަގަރާގެ 168 ވަނަ އާޔަތް]
އެހިނދުގައި ސަޢުދު ބިން އަބީ ވައްގާޞް-ރަޟިޔަﷲ ޢަންހު- ކޮޅަށް ތެދުވެވަޑައިގެން ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ. ތިމަންކަލޭގެފާނަކީ ދުޢާ އިޖާބަކުރެއްވޭ ބޭކަލެއްކަމުގައި ލެއްވުންއެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ކޮށްދެއްވާށެވެ.” ރަސޫލާ -ޞައްލަﷲ އަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ. “އޭ ސަޢުދު އެވެ. ކަލޭގެފާނުގެ ކާނާއަކީ ޙަލާލު އެއްޗެއް ކަމުގައި ހަދާހުށިކަމެވެ. އޭރުން ކަލޭގެފާނުގެ ދުޢާ އިޖާބަކުރެއްވޭނެއެވެ. މުޙައްމަދުގެފާނުގެ ނަފްސު އެފަރާތެއްގެ އަތްޕޫޅުގައިވާ ފަރާތް ގަންދެއްވާ ޙަދީޘްކުރައްވަމެވެ. މީހަކު ޙަރާމް ތަކެތިން ކޯވަރެއްގެ މިންވަރު އަގަޔަށްލިޔަސް ސާޅީސް ދުވަސް ވަންދެން އެމީހެއްގެ ޢަމަލުތައް މާތް ﷲ ގަބޫލު ނުކުރައްވާނެއެވެ. އެއްވެސް މީހެއްގެ ހަށިގަނޑުގައި ޙަރާމް އެއްޗެއްކައިގެން މަސްޖަހާފައިވާނަމަ، އެމަސްތަކަށް އެންމެ އައުލާކަން ބޮޑީ ނަރަކައިގެ އަލިފާންގަނޑެވެ”.
=ނުނިމޭ=