[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 13

 

މިފަދަ އެތަކެއް ޙާދިޘާ ކީރިތި ޤުރްއާނާއި ނަބިއްޔާ صلى الله عليه وسـلم ގެ ސުންނަތުން އެހެރީ ފެންނާށެވެ. އެގޮތުން ކީރިތި ޤުރްއާނުގައި އެކިއެކި އާޔަތްތަކުގައި އެކި ފަހަރު މަތިން ﷲ ތަޢާލާ ވަނީ އެވެނި މިވެނި ކަމެއް އެވަނީ ގޯސްކޮށް ހިނގައިފައި ކަމަށާއި އެކަންކަން ރަނގަޅު ކުރެއްވުމަށް އަންގަވާފައެވެ. އެގޮތުން އެއްފަހަރަކު ނަބިއްޔާ صلى الله عليه وسـلم މައްކާގެ ޤުރައިޝުންގެ ބޮޑުންގެ ޖަމާޢަތަކަށް ދީނަށް ގޮވާލައްވަން އިންނަވަނިކޮށް އެކަލޭގެފާނުގެ އަރިހަށް ވަޑައިގެންނެވި ލޯ ފަން ޞަޙާބީއަކަށް ސަމާލުކަން ނުދެއްވައި ހިތްޕުޅާ ނުވެ އެކަލޭގެފާނުގެ މޫނުފުޅު އަނބުރާލައްވައި، އޭރު އެކަލޭގެފާނުގެ އަރިހުގައި ތިބި މައްކާގެ ބޮޑުންނާ ވާހަކަފުޅު ދެއްކެވުމަށް އިސްކަން ދެއްވުމުން ﷲ ތަޢާލާ އެކަމަށް އިޝާރަތް ކުރައްވައި ޢަބަސަ ސޫރަތުގައި އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ:

 

(عَبَسَ وَتَوَلَّىٰ ﴿١﴾ أَن جَاءَهُ الْأَعْمَىٰ ﴿٢﴾ وَمَا يُدْرِيكَ لَعَلَّهُ يَزَّكَّىٰ ﴿٣﴾ أَوْ يَذَّكَّرُ فَتَنفَعَهُ الذِّكْرَىٰ ﴿٤﴾ أَمَّا مَنِ اسْتَغْنَىٰ ﴿٥﴾ فَأَنتَ لَهُ تَصَدَّىٰ ﴿٦﴾ وَمَا عَلَيْكَ أَلَّا يَزَّكَّىٰ ﴿٧﴾ وَأَمَّا مَن جَاءَكَ يَسْعَىٰ ﴿٨﴾ وَهُوَ يَخْشَىٰ ﴿٩﴾ فَأَنتَ عَنْهُ تَلَهَّىٰ ﴿١٠﴾….). [سورة عبس: 1-10].

“އެކަލޭގެފާނު (އެބަހީ: މުޙައްމަދުގެފާނު صلى الله عليه وسـلم) ހިތްޕުޅާނުވުމުގެ ގޮތް މޫނުފުޅުން ދައްކަވައި (އަނެއްފަރާތަށް) އެނބުރިވަޑައިގަތެވެ. ލޯޯފަންމީހާ އެކަލޭގެފާނުގެ އަރިހަށް އައުމުންނެވެ. އަދި އޭނާ ކުށްތަކުން ސާފުވެ، طاهر ވެދާނެކަން، ނުވަތަ އޭނާ ހަނދުމަކޮށް، ދެން އެ ހަނދުމަކުޅައުން އޭނާޔަށް މަންފާކޮށްފާނެކަން ކަލޭގެފާނަށް އަންގައިދެނީ ކޮންއެއްޗެއްތޯއެވެ؟ އެމީހާ އަމިއްލަޔަށް ފުދިގެންވާކަމަށް ދެކޭމީހާ ދަންނާށެވެ! ފަހެ، ކަލޭގެފާނު އެމީހަކާ ކުރިމަތިލައްވަމުއެވެ. އެމީހަކު (كافر ކަމުން) طاهر ނުވުމަކުން، ކަލޭގެފާނުގެ މައްޗަކަށް ކުށެއް ނެތެވެ. އަދި ބިރުވެތިވާ حال، ކަލޭގެފާނުގެ އަރިހަށް ހިނގަމުން އައި މީހާ ދަންނާށެވެ! ފަހެ، އެމީހާއާ ކަލޭގެފާނު އަޅައިނުލައްވައި مشغول ވެވަޑައިގަންނަވަމުއެވެ”.

 

ފަހެ ﷲ ތަޢާލާ މިވަނީ، އެކަލޭގެފާނުގެ ކިބައިން މިހިނގައިދިޔަ މިފަދަ ކުޑަކުޑަ ކަމަކަށް ވެސް އެކަލާނގެ ވަޙީ ބަސްފުޅުން ކީރިތި ޤުރްއާނުގައި ޤިޔާމަތަށް ދާންދެން އަންނާނެހާ މީސްތަކުންނަށް ފެންނާނެހެން ނަޞޭޙަތުގެ އާޔަތްތައް ބާއްވައިލައްވާފައެވެ. އެހެންކަމުން، އެކަލޭގެފާނުގެ ސުންނަތަކީ ވެސް ތަބާވާންޖެހޭ އެއްޗެއް ކަމަށާއި، އެއީ ވެސް ދީނުގެ އެއް މަޞްދަރު ކަމަށާއި، އެއީ ﷲ ތަޢާލާ އެކަލޭގެފާނަށް ބާވައިލެއްވި އެއްޗެއް ކަމަށާއި، އެއަށް އިހުމާލު ‘ނުވުމަށް’ އެތައް ބައިވަރު އަމުރުފުޅުތަކެއް އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވާފައިވާއިރު ؛ އެއަމުރުފުޅުތަކާ ދެކޮޅަށް ﷲ ތަޢާލާ ހަމަ އެއްވެސް ބަސްފުޅެއް މުޅި ޤުރްއާނުގައި ބާވައިލައްވާފައި ނުވުމުން – އިޚްލާޞްތެރިކަމާއެކު ޤުރްއާނަށް އީމާންވާ މީހަކަށް ސުންނަތާ މެދުގައި ޝައްކެއް އުފައްދާނެ ޖާގައެއް އޮންނާނީ އަޅެ ކިހިނަކުންތޯއެވެ؟ ސުންނަތަށް އިންކާރު ކުރާ މީހުންގެ ދަޢުވާގައި އެބުނާހެން އެއީ ހަމަ އެހާ ބޮޑު ދޮގެއް ކަމުގައި އެކަން ވާނަމަ އެކަމާ މެދުގައި ހަމަ އެއްވެސް ވަޙީ ބަސްފުޅެއް ޤުރްއާނުގައި ބާވައިލައްވާފައި ނުވަނީ ކީއްވެ ހެއްޔެވެ؟

 

ނުނިމޭ…

 

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 12