[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 12

 

ކޮންމެއަކަސް، އެމީހުން ނެގި މިހުރިހާ ޙާދިޘާތަކުން “ވެސް” ބަޔާންވެގެންދަނީ؛ އެކަލޭގެފާނުގެ ކިބައިން ވާރިދުވެގެން އައިސްފައިވާ ސުންނަތް މައިގަނޑު ދެ ބަޔަކަށް ބެހިގެން ދާކަމެވެ.

އެގޮތުން އޭގެން ފުރަތަމަ ބަޔަކީ؛

ވަޙީގެ ގޮތުގައި ނުހިމެނޭ ބައެވެ. އެއީ އިންސާނިޔަތުގެ ހަމަތަކުގެ މަތިން އެކަލޭގެފާނުގެ ކުރައްވާފައިވާ ކަންކަމެވެ. އެބަޔަކީ؛ ދީނުގެ ޝަރީޢަތުން ވަކި ސީދާ ޙުކުމެއް ކަނޑައެޅިފައި ނުވާ ކަންކަމެވެ. މިސާލަކަށް އިންސާނާ ދިރިއުޅުމުގެ ތެރޭގައި ހިމެނޭ އާދައިގެ ކަންކަމެވެ. އެފަދަ ކަންކަން އިސްލާމީ ފިހުޤުގައި ވަދެގެން ދަނީ “މުބާޙު” ކަންކަމުގެ ތެރެއަށެވެ. އެފަދަ ކަންކަން ބިނާވެފައި އޮންނަނީ އެބައެއްގެ އާދަކާދައާއި ސަޤާފަތާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި ހަޔާތުގެ އެކިއެކި ތަޖުރިބާގެ މައްޗަށެވެ. އާއްމުގޮތެއްގައި އެފަދަ ކަންކަމަށް އިސްލާމީ ފިޤުހުގައި “ޢުރުފު” އޭވެސް ކިޔެއެވެ. އަދި އޭގެ ބައެއް ކަންކަމަކީ މީހާގެ އަމިއްލަ ޒާތީ އަދި ޝަޚްސީ ކަންކަމެވެ. މިޘާލަކަށް އެމީހަކު ގަތާވާ ކާނާ ނުވަތަ ހެދުން ނުވަތަ އެނޫންވެސް އެފަދަ ކަންކަމެވެ. އެއްވެސް ޙާލެއްގައި އެފަދަ ކަންކަމަށް ޢާއްމުކޮށް ދީނުގައި ވަކި ސީދާ ޙުކުމްތަކެއް ކަނޑައަޅާފައެއް ނުވެއެވެ. އޭގެ މިޘާލަކީ، އެމީހުން ދަލީލެއްގެ ގޮތުގައި ބޭނުން ކުރި ފުރަތަމަ ދެ ޙާދީޘާއެވެ. ކަދުރު ރުކުގެ ޙާދިޘާއާއި، ބަދުރު ހަނގުރާމައިގައި ލަޝްކަރު މަރުކަޒު ކުރެއްވި ތަނާ ބެހޭ ޙާދިޘާއެވެ.

 

ދެވަނަ ބަޔަކީ؛ ދީނުގެ ޝަރީޢަތާ ގުޅޭ ބައެވެ. އޭއީ ވަޙީ ގޮތުގައި ހިމެނޭ ބައެވެ. އެބައިގައި ކަން ކުރަންޖެހޭ ގޮތް ކަނޑައެޅިގެން ދަނީ، ޤުރްއާނުން ބޭރުން ﷲ ތަޢާލާ އެކަލޭގެފާނަށް އަންގަވާ އެންގެވުންތަކާއި އަދި އެކަލޭގެފާނަށް ދެއްވާފައިވާ ޢިލްމާއި ޙިކުމަތުގެ މައްޗަށް އެކަލޭގެފާނު ނިންމަވާ ނިންމެވުމާއި އަމުރުފުޅުގެ މައްޗަށެވެ. އޭގެ ތެރޭގައި ﷲ ތަޢާލާ ދެއްވާފައިވާ ޢިލްމުގެ މައްޗަށް ބިނާކުރައްވައި އެކަލޭގެފާނު ކުރައްވާ އިޖުތިހާދުތަކުގެ މައްޗަށް ނެރުއްވާ އަމުރުފުޅުތައްވެސް ހިމެނެއެވެ. އަދި އެއިން އެއްވެސް އިޖުތިހާދެއް ކަސިޔާރުވެ ގޯސްވެއްޖެނަމަ އެކަމެއްގެ ރަނގަޅުގޮތް ﷲ ތަޢާލާ އެކަލޭގެފާނަށް އަންގަވައެވެ. އަދި ނަބިއްޔާ صلى الله عليه وسـلم ވަގުތުން އެކަމެއް ރަނގަޅު ވެސް ކުރައްވައެވެ.

(މިބައިގައި، އިންސާނާގެ ޢާއްމު ދިރިއުޅުމުގެ ކަންކަމަށް ކޮންމެވެސް ވަރަކަށް ބައެއް ޙުކުމްތައް ކަނޑައެޅިފައިވާކަން ވެސް ފާހަގަކޮށްލަމެވެ. ނަމަވެސް އެ ޙުކުމްތައް އައިސްފައިވަނީ އެހެން ހަމަތަކެއްގެ ނުވަތަ ނާޙިޔާތަކެއްގެ ދަށުންނެވެ. މިޘާލަކަށް، ކާފަރުންނާ ތަފާތުވުން ފަދަ އަޞްލުުގެ ދަށުންނެވެ. އެގޮތުން އެބައިމީހުންނަށް ޚާއްޞަ ފޭރާން ލުން ފަދަ ކަންކަމެވެ).

 

މީގެ އިތުރުން، އެކަލޭގެފާނަކީ ކުށެއް ނުކުރެއްވޭ ބޭކަލެއް ކަމުގައިވާނަމަ، އޭރުން އެދަނީ އިންސާނީ ވަންތަކަމުން ބޭރަށެވެ. އެއާ ޚިލާފަށް ނަބިއްޔާ صلى الله عليه وسـلم އަށް ކުށް ކުރެވިގެން އެކުށް ﷲ ތަޢާލާ އިޞްލާޙު ކޮށްދެއްވާތަނަން މީސްތަކުންގެ ލޯތަކަށް ފެނި ކަންފަތްތަކަށް އިވުމަކީ، އެކަލޭގެފާނުގެ އިންސާނިއްޔަވަންތަކަން މީސްތަކުންނަށް ޔަޤީންވެ، ހިތުގައި ބިންވަޅު ނެގިގެން ދާނެ ކަމެކެވެ. އަދި އެކަލޭގެފާނުގެ މަޢުޞޫމު ކަމަކީ އެކަލޭގެފާނުގެ އަމިއްލަ މޮޅުކަމަކުން ފުރިހަމަކަމަކުން ލިބިވަޑައިގެންނެވި ކަމެއް ނޫންކަމާއި، އެއީ ވެސް ހަމަ އެކަލޭގެފާނުގެ މައްޗަށްވާ ﷲ ތަޢާލާގެ ތަނަވަސް ރަޙްމަތާއި ފަޟްލުވަންތަކަމުން އެކަނި ލިބިލެއްވި ކަމެއް ކަމުގައި މީސްތަކުންނަށް އެއްވެސް ޝައްކެއް ނެތް ވަރަށް ކަށަވަރުވެގެން ވެސް ދާނެ ކަމެކެވެ.

 

ނުނިމޭ…

 

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 11