ދަންނަންވީ ޙަޤީޤަތަކީ، އެއްޗެއް ރައްކާތެރި ކަމާއެކު އޮތުމަށް ބޭނުންވާ އެންމެ މުހިއްމު އެއް ސަބަބަކީ އެ އެއްޗަކާ ޙަވާލުވާ ބައެއްގެ އަމާނާތްތެރިކަމެވެ. އެމީހުންގެ އިޚްލާޞްރެތި ކަމެވެ. އަދި އަނެއް ސަބަބަކީ، އެބައެއްގެ ކިބައިގައި އެއެއްޗެއް އަމާނާތްތެރި ކަމުގައި އުފުލައިގެން އަނެކުންނާ ހިސާބަށް ވާޞިލުކޮށްދިނުމުގެ ކުޅަދާނަކަން ހުރުމެވެ. އެކަން ، ތިރީގައި މިވާ އާޔަތުން ވެސް ވަރަށް ރަނގަޅަށް އެނގިގެން ދެއެވެ.
قَالَ عِفْرِيتٌ مِّنَ الْجِنِّ أَنَا آتِيكَ بِهِ قَبْلَ أَن تَقُومَ مِن مَّقَامِكَ ۖ وَإِنِّي عَلَيْهِ لَقَوِيٌّ أَمِينٌ (سورة النمل: 39)
“ޖިންނީންގެ ތެރެއިން ޢިފުރީތަކު ދެންނެވިއެވެ: “ކަލޭގެފާނު ތިޔަ އިންނެވިތަނުން ތެދުވެވަޑައިގަތުމުގެ ކުރިން، ކަލޭގެފާނުގެ އަރިހަށް ތިމަން އެ ގެނެސްދީފާނަމެވެ. އަދި ހަމަކަށަވަރުން، ތިމަންނާއީ، އެ އުފުލޭފަދަ، ބާރުގަދަ، އޭގެ މައްޗަށް أمانة ތެރިއަކީމެވެ””.
އެއާ ޚިލާފަށް ، އިހުގެ އުއްމަތްތަކުގެ މީސްތަކުން އެބައިމީހުންނަށް ބާވައިލެއްވުނު ފޮތްތަކަށް ޚިޔާނާޠްތެރިވީއެވެ. އެމީހުން ރާހިބުންނާއި ފާދިރީންވެސްމެއެވެ. އެކަމަކު، މިއުއްމަތުގައި އަމާނާތްތެރިނާއި ކަމަށް ޤާބިލު ، އިސްލާމް ދީނަށް ވަފާދާރުވެރިން ﷲ ތައާލާ ލެއްވިއެވެ. ޤިޔާމަތާ ޖެހެންދެންވެސް ލައްވާނެއެވެ. އަދި އެބައިމީހުން ކޮނޑުމަތީގައި މިމަތިވެރި ދީން އެދުވަހާ ޖެހެންދެން އެކަލާނގެ ދަމަހައްޓަވާނެއެވެ. އެއީ ހަމަ ޔަޤީން ކަމެކެވެ.
ފަހެ، ޙަދީޘް ޢިލްމުގައި އެންމެ ބޮޑަށް ބަލާ ކަންކަމަކީ އެފަދަ ސިފަދަތައް ހުންނަ މީހުންގެ ކިބައިން ޙަދީޘް ނެގުމަށެވެ. އެނޫން ބައެއްގެ ކިބައިން އަންނަ ކޮންމެ ޙަދީޘްއަކީ ދުރުކުރެވި އެއްކައިރިކުރެވި އެކަހެރިކުރެވި އެއްލާލެވޭނެ އެއްޗެކެވެ. ޢަދުލުވެރިކަމާއި، ތަޤްވާވެރިކަމާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ނާޣާފިލުކަމާއި، އަޚްލާޤު ރިވެތި ހެޔޮ އަދި މުރޫޢަތްތެރިކަން ހަނދާން ގަދަކަން ފަދަ ސިފަތައް ހަމަޔަށް ނެތް މީސްމީހުންގެ ކިބައިން އަންނަ ޙަދީޘްތައް އެއްލާލެވެނީ އެހެންވެގެންނެވެ.
ނުނިމޭ…
ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 23