ކޮންމެއަކަސް، ނަބިއްޔާ صلى الله عليه وسـلم ގެ ސުންނަތަށް އެކަލޭގެފާނުގެ ޞަޙާބީން ނުހަނު ފާރަވެރިވެ ސަމާލުކަން ދެއްވިކަން އެބޭކަލުންގެ ކިބައިން ވާރިދުވެފައިވާ ޙަދީޘްފުޅުތަކާއި އަޘަރުތަކުން އެހެރީ ފެންނާށެވެ. ފަހެ މި އުއްމަތުގެ ހަތަރުވަނަ ޚަލީފާ އަލްފާރޫޤް ޢުމަރު ބުނު އަލްޚައްޠޯބު رضي الله عنه ގެ ކިބައިން އަލްއިމާމު އަލްބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުލްބުޚާރީގައި ރިވާކުރައްވާފައި ވެއެވެ:
“كُنْتُ أَنَا وَجَارٌ، لِي مِنَ الأَنْصَارِ فِي بَنِي أُمَيَّةَ بْنِ زَيْدٍ، وَهْىَ مِنْ عَوَالِي الْمَدِينَةِ، وَكُنَّا نَتَنَاوَبُ النُّزُولَ عَلَى رَسُولِ اللَّهِ صلى الله عليه وسلم يَنْزِلُ يَوْمًا وَأَنْزِلُ يَوْمًا، فَإِذَا نَزَلْتُ جِئْتُهُ بِخَبَرِ ذَلِكَ الْيَوْمِ مِنَ الْوَحْىِ وَغَيْرِهِ، وَإِذَا نَزَلَ فَعَلَ مِثْلَ ذَلِكَ… “. [البخاري: كتاب العلم ، باب التناول في العلم، 1-286، رقم: 89].
“ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ އަވައްޓެރިއަކު ބަނޫ އުމައްޔަތަ ބުނު ޒައިދި ގައި އުޅުނީމެވެ. އެއީ މަދީނާގެ ޢަވާލީ (ކިޔާ ހިސާބު) ގައެވެ. އަދި ތިމަންމެން ދެ ބޭކަލުން އުޅުއްވީ ﷲ ގެ ރަސޫލާ صلى الله عليه وسـلم ގެ އަރިހަށް ދިއުމުގައި ބުރުއަޅައިގެން (ދައުރުވާ ގޮތަށް ޑިއުޓީ ބަހައިގެން) ނެވެ. އެއްދުވަހު އެކަލޭގެފާނު (ނަބިއްޔާ صلى الله عليه وسـلم ގެ އަރިހަށް) ވަޑައިގަންނަވައެވެ. އަދި އަނެއް ދުވަހު ތިމަންކަލޭގެފާނު ވަޑައިގަންނަވަމެވެ. ތިމަންކަލޭގެފާނު ވަޑައިގަންނަވާ ދުވަހެއްގެ ވަޙީއާއި “އެނޫން އެއްޗެހީގެ” ޚަބަރާއިގެން އެކަލޭގެފާނުގެ އަރިހަށް ތިމަންކަލޭގެފާނު ވަޑައިގެން (ކިޔައިދެއްވަ) މެވެ. އަދި އެކަލޭގެފާނު ވަޑައިގަންނަވާ ދުވަހު ހަމަ އެފައިން އެކެލޭގެފާނު ކަންކުރައްވައެވެ…”.
އަދި މީގެ އިތުރުން ނަބިއްޔާ صلى الله عليه وسـلم ގެ ކިބައިން ކަންކަމުގައި ސުވާލު ކުރެއްވުމަށްޓަކައި ދުރު ރާސްތާގެ ދިގު މުއްދަތުގެ ދަރުތުތައް ވެސް އެކަލޭގެފާނުގެ ޞަޙާބީން ކުރައްވައި ހެއްދެވިއެވެ. އެގޮތުން ޢުޤްބަތު ބުނު އަލްޙާރިޘް رضي الله عنه އާއި އެކަލޭގެފާނުގެ އަނބިކަނބަލުންނަށް ގާތުން ކިރު ދިން ކަމަށް އަންހެނަކު ބުނުމުން އެކަމުގެ ޙުކުމް އޮޅުންފިލުވުމައްޓަކައި ހަމަ ވަގުތުން މައްކާއިން މަދީނާއަށް ދިއުމަށްޓަކައި އެކަލޭގެގާނު ކުރެއްވި އެފަދަ ދަތުރެއްގެ ވާހަކަ އަލްއިމާމު އަލްބުޚާރީ رحمه الله ޞަޙީޙުލް ބުޚާރީގައި ރިވާކުރައްވާފައިވެއެވެ. އަދި އެކަމުގެ ޙުކުމް ނަބިއްޔާ صلى الله عليه وسـلم ގެ ކިބައިން ހަމަ ލިބުމާއެކު، ވަގުތުން އަނބިކަމަނާ ވަރިކުރެއްވިއެވެ. [البخاري: 2640، كتاب الشهادات ].
ނުނިމޭ…
ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 26