ކޮންމެއަކަސް، ނަބިއްޔާ صلى الله عليه وسـلم ގެ ޞަހާބީން ވެވަޑައިގެންނެވީ ޙަދީޘް ރިވާކުރެއްވުމުގައި ވަރަށްވެސް ތަޤްވާވެރިވެ އެކަމާއި މެދު ބިރުވެތި ވެވަޑައިގެން ފަރުވާތެރި ވެވަޑައިގެންނެވި ބޭކަލުންތަކެއް ކަމުގައެވެ. އަދި އެކަލޭގެފާނުގެ މައްޗަށް ނޭނގިގެން ނުވަތަ އޮޅުމަކުން ނަމަވެސް އިތުރުފުޅެއް ހެއްދެވިދާނެކަމަށްޓަކައި އެބޭކަލުން ޙަދީޘް ރިވާކުރެއްވުމަށް ނުހަނު ފަސްޖެހިވަޑައިގެންނެވިއެވެ. އެހެނީ، ނަބިއްޔާ صلى الله عليه وسـلم ގެ މައްޗަށް ދޮގެއް ހެދުމަކީ އާދައިގެން ކަމެއް ނޫނެވެ. އެއީ ބޮޑެތި ފާފަތަކުގެ ތެރެއިންވެސް ނުރައްކާތެރިކަން ބޮޑު އަދި ވަޢީދުގެ ބަސްފުޅުވެސް އައިސްފައިވާ ބިރުވެރިކަން އިންތިހާއަށް ބޮޑު ފާފައެކެވެ. އެކަން ބަޔާންކުރައްވައި ނަބިއްޔާ صلى الله عليه وسـلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ:
“مَنْ كَذَبَ عَلَيَّ مُتَعَمِّدًا، فَلْيَتَبَوَّأُ مَقْعَدَهُ مِنَ النَّارِ”. [البخاري: 1291].
“ތިމަންކަލޭގެފާނުގެ މައްޗަށް ގަސްތުގައި ދޮގެއް ހަދައިފި މީހާ، ފަހެ އޭނާ އޭނާގެ ޖާގަ (ނަރަކައިގެ) އަލިފާނުން ކަށަވަރު ކުރާށެވެ”.
އެހެންކަމުން އޭގެން ބޭކަލަކު ޙަދީޘްފުޅެއް ރިވާކުރައްވާނަމަ މީހާގެ މިޒާޖު ބަދަލުވެ، “ސީރިއަސް” ވެވަޑައިގަންވައެވެ. އަދި ކަމެއް ކުރައްވަން ހުންނެވި ނަމަ އެކަމެއް މެދުކަނޑާލައްވައެވެ. ވިސްނުމާއި ފިކުރު މުޅިން ހުސްކުރައްވައެވެ. އަދި އެފަދަ ޙާލަތަކަށް މީހާ ތައްޔާރުވެފައި މެނުވީ ނަބިއްޔާ صلى الله عليه وسـلم ގެ ޙަދީޘްފުޅުތައް ރިވާކުރެއްވުމަށް ނުރުހުންތެރި ވެވަޑައިގެންނެވިއެވެ. އެއީ އެކަލޭގެފާނުގެ ޙަދީޘްފުޅެއް ރިވާކުރައްވަނިކޮށް އޮޅިގެން ނަމަވެސް ކުށެއް ބުނެވިދާނެތީއެވެ. ނުވަތަ ގޯސްކޮށް ރިވާކުރެވިދާނެތީއެވެ. ސުންނަތަށް އިންކާރު ކުރާ މީހުން އެދަޢުވާކުރާ ފަދައިން އެބޭކަލުން އެއްވެސް ޙާލެއްގައި ޙަދީޘް ރިވާކުރެއްވުމަށް އޭގެ ޒާތުގައި ނުރުހުންވެ އިންކާރު ކުރެއްވީކީއެއް ނޫނެވެ.
ފަހެ ނަބިއްޔާ صلى الله عليه وسـلم ގެ މަތިވެރި މާތް ޞަޙާބީން ޙަދީޘްފުޅުތައް ރިވާކުރުމާ މެދުގައި އިންޒާރު ދެއްވިކަމަށް އެމީހުން އެކުރި ދަޢުވާގެ އަޞްލު މައިގަނޑު އެމީހުން ބިނާކޮށްފައި އެވަނީ، ޢުމަރު رضي الله عنه ގެ ބައެއް ޢަމަލުފުޅާއި ބަސްފުޅުގެ މައްޗަށެވެ. އެކަންމުގައި ވެސް އެބައިމީހުން ވަނީ އޭގެ ޙަޤީޤީ މަފްހޫމާއި މަޤްޞަދުން ބޭރުކޮށް ، މުޅި މައްސަލައިގެ ޙަޤީޤަތް އޮޅުވާލާފައެވެ. އަދި އެނޫން އެހެން އަޞްލުތަކީ ބާޠިލް އަދި ޘާބިތު ނުވާ މައުޟޫ އަޘަރުތަކެކެވެ.
ނުނިމޭ…
ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 29