“وَإِذَا دُعُوا إِلَى اللَّـهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ إِذَا فَرِيقٌ مِّنْهُم مُّعْرِضُونَ” ﴿النور: ٤٨﴾
“އަދި އެއުރެންގެ މެދުގައި حكم ކުރެއްވުމަށް، اللَّه އާއި އެކަލާނގެ رسول ގެ އަރިހަށް އައުމަށް، އެއުރެންނަށް ގޮވައިލައްވައިފިނަމަ، އެހާރުން އެއުރެންގެ ތެރެއިން ބަޔަކު، އެނބުރި ފުރަގަސްދޭބަޔަކު ކަމުގައިވެއެވެ”.
ފަހެ މިއާޔަތްތަކުގައި ސާފުކޮށް ފެންނަން އެވަނީ، ﷲ ތާޢާލާ “އާއި” އެކަލާނގެ ރަސޫލާގެ ޙުކުމުގެ ވާހަކައެވެ. އެކަލޭގެފާނުގެ ޙުކުމްފުޅަށް ބޯ ލަނބަން ނުޖެހޭ ނަމަ އެކަލޭގެފާނުގެ ޛިކުރު މިތަކުގައި ގެނައުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ނުވަތަ އެކަލާނގެ ޙުކުމްފުޅަކީ އެކަލޭގެފާނުގެ ވެސް ޙުކުމުފުޅު ކަމަށް ނުވާ ނަމަ އެފަދައިން ޛިކުރު ކުރެއްވުމުގެ ބޭނުމަކީ ފަހެ ކޮބައި ހެއްޔެވެ؟ ޙުކުމްއެހެން އެކަން އޮތް ނަމަ ހަމައެކަނި ﷲ ތަޢާލާގެ އަރިހަށް ޙުކުމް ކުރުމަށް އައުމަށް ވަޙީކުރެއްވުމުން ވެސް ފުދޭނެ ނޫން ހެއްޔެވެ؟
އަދި ހަމަ އެފަދައިން:
“فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا ﴿٦٥﴾”. [سورة النساء: 65].
“އެހެންނަކުން ނޫނެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި وحى ކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު حكم ވެރި ކޮށްފުމަށް ދާނދެން، އެއުރެން إيمان އެއް ނުވާނެތެވެ. އެހިނދު، ‘ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު’ އެއުރެންގެ ހިތްތަކުގައި، ދަތިކަމެއް ވާކަމުގައި އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން (އެ ނިޔާއަށް) ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެތެވެ”.
މިއާޔަތުގައި އެވަނީ އެކަލޭގެފާނު ޙުކުމްވެރި ކުރުމަށް ދާންދެން އެއްވެސް މީހަކު އީމާން ވެސް ވީކަމުގައި “ނުވާނެކަމަށް” އެކަލާނގެ ބަޔާންކުރައްވާފައެވެ. އެހެންކަމުން، އެކަލޭގެފާނު ޙުކުމްފުޅަށް ފުރިހަމަށް ބޯ ލަނބައި އަދި އޭގެ އިތުރުން ހިތުގެ އަޑިން ވެސް ރުހެން ޖެހޭ ކަމުގައި ﷲ ތަޢާލާ މިހާ ޞަރީޙަކޮށް އަމުރުފުޅު ކުރައްވާފައިވާއިރު އެކަލޭގެފާނުގެ ސުންނަތައް ޢަމަލު ކުރުމަކީ ﷲ ގެ ޙުކުމްފުޅުގައި ޝަރީކު ކުރުން ކަމުގައި ބުނަން އެއްވެސް މުސްލިމަކަށް ފަހެ ހެޔޮވާނެ ހެއްޔެވެ؟ އެފަދައިން ބުނާ މީހަކު މުސްލިމަކަށް ވާނެ ހެއްޔެވެ؟ ނުވާނެކަން ކަށަވަރެވެ.
ނުނިމޭ…
ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 38