އަދި ހަމައެފަދައިން، ނަބިއްޔާ صلى الله عليه وسـلم ގެ ކިބައިން އަކުރުން އަކުރަށް ފިލިން ފިއްޔަށް ‘ބައެއް’ ރިވާޔަތްތައް އައިސްފައި ނުވާ ވާހަކަ މަތީގައި އަޅުގަނޑު ބަޔާންކުރި ބީދައިން، ހަމަ އަކުރުން އަކުރަށް ފިލިން ފިއްޔަށް އެއްވެސް ތަފާތެއް ، ބަދަލެއް ނައިސް ، ރިވާވެގެން އައިސްފައިވާ ޙަދީޘްތައް ވެސް ހުރިކަން ފާހަގަކޮށްލަން މިދަނޑިވަޅުގައި ޖެއެވެ. އެހެނީ، އެކަލޭގެފާނުގެ ކިބައިން ވާރިދުވެފައިވާ ދުޢާތަކާއި ޛިކުރުތަކުގެ ކަލިމަތަކަކީ އެއަށް އެއްވެސް ބަދަލެއް ނުގެނެސް ބޭނުން ކުރަންޖެހޭ ތަކެތި ކަމުގައިވާ އެތަކެތި ވާތީއެވެ. މިކަން ބަޔާންވެގެންދާ އެއް ޙާދިޘާއަކީ ނިދުމުގެ ކުރިން ކިޔަން އޮތް ޛިކުރެއް އަލްބަރާއު ބުނު ޢާޒިބު رضي الله عنه އަށް ﷲ ގެ ރަސޫލާ صلى الله عليه وسـلم ދަސްކޮށްދެއްވި ޙަދިޘާއެވެ. އެކަލޭގެފާނު ރިވާކުރެއްވިއެވެ:
أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ”إِذَا أَخَذْتَ مَضْجَعَكَ فَتَوَضَّأْ وُضُوءَكَ لِلصَّلاَةِ ثُمَّ اضْطَجِعْ عَلَى شِقِّكَ الأَيْمَنِ ثُمَّ قُلِ اللَّهُمَّ إِنِّي أَسْلَمْتُ وَجْهِي إِلَيْكَ وَفَوَّضْتُ أَمْرِي إِلَيْكَ وَأَلْجَأْتُ ظَهْرِي إِلَيْكَ رَغْبَةً وَرَهْبَةً إِلَيْكَ لاَ مَلْجَأَ وَلاَ مَنْجَا مِنْكَ إِلاَّ إِلَيْكَ آمَنْتُ بِكِتَابِكَ الَّذِي أَنْزَلْتَ وَبِنَبِيِّكَ الَّذِي أَرْسَلْتَ وَاجْعَلْهُنَّ مِنْ آخِرِ كَلاَمِكَ فَإِنْ مُتَّ مِنْ لَيْلَتِكَ مُتَّ وَأَنْتَ عَلَى الْفِطْرَةِ ” . قَالَ فَرَدَّدْتُهُنَّ لأَسْتَذْكِرَهُنَّ فَقُلْتُ آمَنْتُ بِرَسُولِكَ الَّذِي أَرْسَلْتَ قَالَ ” قُلْ آمَنْتُ بِنَبِيِّكَ الَّذِي أَرْسَلْتَ” . (مسلم: 2710)
“ހަމަކަށަވަރުން ﷲ ގެ ރަސޫލާ صلى الله عليه وسـلم ޙަދީޘްފުޅު ކުރެއްވިއެވެ:
‘ތިބާ ނިދަން އޮންނަ ހިނދު، ފަހެ ނަމާދަށް ތިބާ ވުޟޫކުރާ ފަދައިން ވުޟޫކުރާށެވެ. އަދި ތިބާގެ ކަނާއަތް ފަރާތަށް އޮށޯންނާށެވެ. އެއަށްފަހު ތިބާގެ އެންމެ ފަހު ކަލިމައެއް ކަމުގައި ‘اللَّهُمَّ إِنِّي أَسْلَمْتُ وَجْهِي إِلَيْكَ وَفَوَّضْتُ أَمْرِي إِلَيْكَ وَأَلْجَأْتُ ظَهْرِي إِلَيْكَ رَغْبَةً وَرَهْبَةً إِلَيْكَ لاَ مَلْجَأَ وَلاَ مَنْجَا مِنْكَ إِلاَّ إِلَيْكَ آمَنْتُ بِكِتَابِكَ الَّذِي أَنْزَلْتَ وَبِنَبِيِّكَ الَّذِي أَرْسَلْتَ وَاجْعَلْهُنَّ’ ހަދާށެވެ. ފަހެ ތިބާ އެރޭ މަރުވެއްޖެ ނަމަ ތިބާ ވާހުށީ ފިޠުރަތުގެ މަތީގައެވެ”. (އަލްބަރާއު) ވިދާޅުވިއެވެ: “ފަހެ ތިމަންކަލޭގެފާނު (އެކަލިމަތައް) ހަނދާންކުރުމަށްޓަކައި (އެހިނދު) ތަކުރާރު ކޮށްލީމެވެ. އަދި (وَبِنَبِيِّكَ الَّذِي أَرْسَلْتَ ގެ ބަދަލުގައި) “بِرَسُولِكَ الَّذِي أَرْسَلْتَ” މިފަދައިން ކީމެވެ. އެހިނދު އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ: “آمَنْتُ بِنَبِيِّكَ الَّذِي أَرْسَلْتَ (މިފަދައިން) ވިދާޅުވާށެވެ”.
ފަހެ މިޙަދީޘުގައި އެކަލޭގެފާނު އެވަނީ އެ މާތް ޞަޙާބީ ، “އެންމެ ކަލިމައެއް” ބަދަލުކޮށްލި ކަމަށްޓަކައި ނަބިއްޔާ صلى الله عليه وسـلم އެކަން ރަނގަޅުކުރައްވައި އިޞްލާޙުކޮށްދެއްވާފައެވެ. މީގެ އެނގިގެންދަނީ، ސުންނަތުގެ ތެރޭގައި ބައެއް ކަންކަމަކީ އެ ރިވާކުރައްވާ ޞަޙާބީންގެ އަމިއްލަ ޢިބާރާތުން ރިވާކުރުން “ހުއްދަ” ކަންކަން ހުރި ފަދައިން އަމިއްލަ ޢިބާރާތުން ރިވާކުރުން “ހުއްދަ ނޫން” ކަންކަންވެސް ހުރިކަން ނަބިިއްޔާ صلى الله عليه وسـلم ބަޔާންކޮށްދެއްވާ ކަމެވެ. އަދި ސުންނަތަށް އިންކާރުކުރާ މީހުން އެދަޢުވާކުރާ ފަދައިން ސުންނަތުން ރިވާވެފައިވާ ހުރިހާ އެއްޗަކީ އަމިއްލަ ޢިބާރާތުން އެމީހަކު ބޭނުންވާހާ ގޮތަކަށް ރިވާވެފައިވާ އެއްޗެހި ނޫންކަމެވެ. އަދި މަތިވެރި ޞަޙާބީބޭކަލުން އެކަން ކުރައްވާފައި އެވަނީ ކަނޑައެޅިފައިވާ ވަކި އުޞޫލުތަކަކާއި ޤަވާޢިދުތަކެއްގެ ދަށުން ކަމުގައެވެ. އަދި އެފަދައިން ރިވާ ކުރުމަށް ވަކި ޝަރުތަކެއްވެސް ފުރިހަމަ ވާންޖެހޭކަމީ ޙަދީޘް ޢިލްމުގެ އަހުލުވެރިންގެ ތެރޭގައި ނުހަނު މަޝްހޫރު ކަމެކެވެ. އެކަމަކީ ސުންނަތައް އިންކާރު ކުރާ މީހުން ހީކުރާހާ ދޯހަޅިކޮށް ހަރުދަނާކަމެއް ނެތި ފަރުވާ ކުޑަކޮށް ހިނގާ ކަމެއް ނޫނެވެ.
ނުނިމޭ…
ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 42