ރައްދު:
އެފަދައިން އެމީހުންގެ އެބުނާ ބުނުމުން ފާޅުވެގެންދާ އެންމެ ބޮޑު އެއް ކަމަކީ، ކީރިތި ޤުރްއާނާއި އޭގެ ލަފުޛުތަކާ މެދުގައި އެމީހުން ޖާހިލުވެފައިވާ މިންވަރެވެ. އަދި އާޔަތްތައް ފަހުމު ވުމުގައި ވެސް އެމީހުން ނުކުޅެދިފައިވާ މިންވަރެވެ. ކަލިމަތަކުގެ މާނަ ވެސް ނޭނގޭކަމެވެ. ފަހެ އިސްލާމީ އުއްމަތް މުޅިން އެކީ އެކައްޗަކަށް އިޖުމާޢު ވެފައިވާ ގޮތުގައި، ކީރިތި ޤުރްއާން ބާވައިލައްވާފައިވަނީ މުޖުމަލު އާޔަތްތަކާއި މުފައްޞަލް އާޔަތްތަކުގެ މައްޗަށް ޝާމިލުވެގެންވާ ފޮތެއްގެ ގޮތުގައެވެ. އެފޮތުގައި ޝަރީޢަތުގެ ޢާއްމު އަސާސީ އުޞޫލުތަކާއި ޤަވާޢިދުތައް ހިމެނިގެންވާ ފޮތެއްގެ ގޮތުގައެވެ. ހަމަ އެފަދައިން އެފޮތުގެ ބައެއް އާޔަތްތަކުގައި ވަނީ ދީނުގެ އަޙްކާމުތަކުގެ އެއްބައި ކަންކަން މުޖުމަލުކޮށް ބަޔާންކުރައްވާފައެވެ. އަދި އަނެއްބައި ޙުކުމްތައް ވަނީ އާޔަތްތަކުގައި ކޮންމެވެސް ވަރަކަށް “ތަފުސީލު” ގޮތެއްގައި ބަޔާންކުރައްވާފައެވެ. އެތަފުސީލުކަން ބިނާވެފައި ވަނީ އެކި ތަންތަނުގައި އެކި މިންވަރަށެވެ. ފަހެ، ނަބިއްޔާ صلى الله عليه وسـلم ގެ ސުންނަތް އަދާކުރާ “އެއް ދައުރަކީ” އެ މުޖުމަލު އާޔަތްތަކަށް ބޭނުންވާ “ތަފުސީލުތައް” ބަޔާންކޮށްދީ ސާފުކޮށްދިނުމެވެ. އަދި ﷲ ތަޢާލާގެ އެހުރިހާ އަމުރުފުޅެއް ޢަމަލާއި ބަސްފުޅުން މި ބިންމަތީގައި ތަންފީޛު ކުރެއްވުމެވެ. ހަމަ އެއާއެކު، “މުފައްޞަލް” އާޔަތްތައް ވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަފުސީލާ އެކުގައި އެކަލޭގެފާނުގެ ޢަމަލުފުޅާއި ބަސްފުޅުން އުންމަތަށް އުނގަންނަވައިި ބަޔާންކޮށް ދެއްވުމެވެ.
ކީރިތި ޤުރްއާނުގައި އެއްބައި ކަންކަން “މުފައްޞަލް” އަދި އަނެއްބައި ކަންކަން މުޖުމަލުކޮށް ބާއްވާލައްވާފައި އެވަނީ ﷲ ތަޢާލާގެ އަމިއްލަފުޅު ޙިކުމަތްފުޅާ އެކަށީގެންވާ ގޮތުގެ މަތިންނެވެ. އަދި ނަބިއްޔާ صلى الله عليه وسـلم މެދުވެރި ކުރައްވައި އެމުޖުމަލު ޙުކުމްތަކާއި “މުފައްޞަލް” ޙުކުމްތައް އިތުރަށް ބަޔާންކޮށް ދެއްވާފައި އެވަނީވެސް ހަމަ އެކަލާނގެ ޙިކުމަތްފުޅު ނިޔާކުރާ ގޮތުގެ މަތިންނެވެ.
ފަހެ އެބައިމީހުން އެބުނާ ގޮތަށް ކަން އޮތް ނަމަ؛ އެމީހުން އެ މާނަ ކުރާ ފަދައިން ޤުރްއާނުގައި ދީނުގެ ހުރިހާ ކަމެއް އެއީ އެއްކޮށް “ތަފުސީލީ” ގޮތުގައި ބަޔާންވެފައި ނަމަ، އެންމެ ކުދިކުދި ކަންކަމުން ފެށިގެން އެންމެ ބޮޑެތި ކަންކަމަށް ދާންދެން އެހާ ފާޅުގައި ބަޔާންވެފައި ވާނަމަ، ނަމާދުތަކުގެ ސީދާ ޢަދަދު ކޮބައި ހެއްޔެވެ؟ އަދި އެ ނަމާދުތަކުގެ ވަގުތުތައް ކޮބައި ހެއްޔެވެ؟ ނަމާދުތައް ފެށޭ ވަގުތާއި ނިމޭ ވަގުތަކީ ކޮބައިކަން ބަޔާންކޮށްފައިވާ އާޔަތްތަކަކީ ކޮބައި ހެއްޔެވެ؟ އަދި އެނަމާދުތަކުގެ ރަކުޢަތްތަކާއި، ސަޖިދައިގެ ޢަދަދާއި، އޭގެ ރުކުންތަކާއި، އެރުކުންތަކުގައި ކިޔަންޖެހޭ ތަކެއްޗާއި، އެނަމާދު ބާޠިލުވަނީ ކޮންކޮން ކަމެއް ދިމާވެއްޖެ ނަމަތޯ އާއި، އެނޫން އެފަދަ ހުރިހާ ތަފުސީލުތައް ކޮބައި ހެއްޔެވެ؟
ނުނިމޭ…
ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 53