ށ- ދެން އެމީހުން ބޭނުން ކުރި އާޔަތް ކަމުގައިވާ؛
(…وَنَزَّلْنَا عَلَيْكَ الْكِتَابَ تِبْيَانًا لِّكُلِّ شَيْءٍ…) [النحل: 89]
“…އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. (އެއީ) ކޮންމެކަމެއް ބަޔާންކޮށްދެއްވާ ގޮތުގައެވެ…”.
މި އާޔަތް ދަންނައެވެ؛ އެމީހުން ދަޢުވާ ކުރާ ގޮތުގައި މިއާޔަތުގައި އެވާ “ކޮންމެ ކަމެއް ބަޔާންކޮށްދެއްވާ ގޮތުގައި” އޮތް ބައިގައި އެވަނީ ހުރިހާ ކަމެއް ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ކަމުގެ ވާހަކައެވެ. އެހެންކަމުން ޤުރްއާން ފިޔަވައި އިތުރު އެއްވެސް އެހެން އެއްޗެއް ބޭނުމެއް ނުވާނެއެވެ. އަދި ނަބިއްޔާ صلى الله عليه وسـلم ގެ ސުންނަތަކީ އެގޮތުގެ މަތިން ބޭނުމެއް ވެސް އޮތް އެއްޗެއް ނޫނެވެ. ބޭނުމެއް އޮތް ނަމަ އެވާހަކަ އޮތީސް ނޫންހެއްޔެވެ؟
ފަހެ އެމީހުން މި އާޔަތް ނަގައިގެން މިސުވާލުގެ އުފެއްދުމުން އޭގެ ޖަވާބު ދިނުމައްޓަކައި، އެމީހުންނާ “ހަމަ އެއާޔަތާ” ބެހޭގޮތުން ސުވާލެއް ހުޅައަޅަން އެބަ ޖެހެއެވެ. އެއީ ހަމަ އެމީހުން އެ ގެންނަ “ކޮންމެ ކަމެއް ބަޔާންކޮށްދެއްވާ” އާ ބެހޭގޮތުންނެވެ. އެސުވާލަކީ؛
އެހެންވީރު، ޤިޔާމަތް ދުވަސް އަންނާނީ ކޮންއިރަކުން ކަން ބަޔާންކޮށްފައިވާ އާޔަތަކީ ކޮބާ ހެއްޔެވެ؟ ފަހެ އެދުވަހަކީ މީސްތަކުން އެދުވަހަކަށްޓަކައި ތައްޔާރުވުމަށް މި ދުނިޔެއަށް ފޮނުއްވުނު އެންމެ މުހިއްމު ދުވަހެވެ. އެމީހުން އެބުނާ “ކޮންމެ ކަމެއް ބަޔާންކޮށްދެއްވާ” ގެ ތެރޭގައި ޤިޔާމަތް ދުވަހުގެ ވަގުތު ބަޔާންވެ ފާޅުވެފައި ނެތީ ކީއްވެ ހެއްޔެވެ؟ “ކޮންމެ ކަމެއް ބަޔާންކޮށްދެއްވާ” ކަމުގައި ވާނަމަ އެކަންވެސް ހަމަ އޮންނާނެ ނޫން ހެއްޔެވެ؟
މިސުވާލު ކުރުމުން ޖަވާބުގައި އެމީހުން ބުނެފާނެއެވެ: “އޭގެ މަޢުލޫމާތު ނުވަތަ ޖަވާބު ޤުރްއާނުގައި އެބަ ވެއެވެ. ޤުރްއާނުގައި އެކަން ބަޔާންކުރައްވާފައި އެވަނީ؛
(يَسْأَلُكَ النَّاسُ عَنِ السَّاعَةِ ۖ قُلْ إِنَّمَا عِلْمُهَا عِندَ اللَّـهِ) – سورة الأحزاب.
“ޤިޔާމަތްވުމުގެ ވަގުތާ މެދު މީސްތަކުން ކަލޭގެފާނާ ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަމުގެ علم ވާކަން ކަށަވަރީ، ﷲ ގެ حضرة ގައެވެ”، މިފަދަ އާޔަތްތަކުގައެވެ.
ނުނިމޭ…
ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 57