ފަހެ، ސުންނަތަށް އިންކާރު ކުރުމުގެ ގޮތުން އެމީހުން އުފެއްދި ސުވާލުގެ ޖަވާބަކީވެސް ހަމަ އެފަދަ ޖަވާބެކެވެ. އެއީ؛- ސުންނަތަށް ތަބާވާން ޖެހޭކަން ޤުރްއާނުގައި ވެސް އެބަވެއެވެ. އެކަން ބަޔާންކުރައްވާފައި އެވަނީ؛
(وَمَا آَتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا… ) [الحشر:7])
“އަދި رسول އާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ!” ފަދަ އާޔަތްތަކުގައެވެ.
ފަހެ މިތަނުގައި ” مَا ” ، “ކޮންމެ އެއްޗެއް/ކަމަކުން” މިވަނީ އެއްވެސް ޤައިދެއް ނެތި މުޠުލަޤުކޮށް ގެންނަވާފައެވެ. ވީމާ ޤުރްއާނަށް ހެޔޮ ގޮތުގައި އަދި ފުރިހަމަ ގޮތުގައި ޢަމަލު ކުރަން ބޭނުން މީހަކަށް ޖެހޭނީ ނަބިއްޔާ صلى الله عليه وسـلم ގެ ހުރިހާ އަމުރުފުޅަކާއި ނަހީފުޅެއްގައި އެކަލޭގެފާނަށް އެކީ އެކައްޗަށް މުޠުލަޤުކޮށް ބޯލަނބާށެވެ. އެކަލޭގެފާނުގެ އަމުރުފުޅުތަކާއި ނަހީތަކަށް ތަބާވުމުގައި އެއްވެސް ކަމެއް އިސްތިސްނާ ކުރަން ދެން ޖެހޭނީ ވަކިވަކިން ދަލީލު ގެންނާށެވެ. ޤުރްއާނުންނެވެ. ނުވަތަ އެކަލޭގެފާނުގެ ސުންނަތުންނެވެ. އެނޫން ގޮތަކަށް ނުވަތަ އެނޫން އެއްވެސް ހަމަޔަކުން އެކަލޭގެފާނުގެ ސުންނަތަކުން އެއްކިބާވެގަތުމައްޓަކައި އިސްތިސްނާއެއް ގެނެސްގަތުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
ވީމާ، “ކޮންމެ ކަމެއް ބަޔާންކޮށްދެއްވާ” ކަމާ މެދު އައިސްފައިވާ އާޔަތުން އެމީހުން އެފެއްވި ސުވާލުގައި ސުންނަތާ މެދު އެމީހުން ގެނައި ޝުބުހައަށް މަތީގައި އެވާ އާޔަތް ފުދެއެވެ. ޙަމްދު ހުރީ ﷲ ތަޢާލާއަށެވެ.
އަދި މީގެ އިތުރުން؛
(مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّـهَ…)
“رسول އާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން اللَّه އަށް ކިޔަމަންވެއްޖެއެވެ…”
މިފަދައިން އެއްވެސް ޤައިދެއް ނެތި މުޠުލަޤުކޮށް ހުރިހާ ކަމެއްގައި ނަބިއްޔާ صلى الله عليه وسـلم އަށް ކިޔަމަން ވާންޖެހޭނެ ކަމަށް އައިސްފައިވާ އެންމެހާ އާޔަތްތަކަކުން ވެސް މިދަލީލުކޮށްދެނީ ކޮން ކަމަކަށް ކަން އިޚްލާޞްތެރިކަމާ އެކު ޤުރްއާނަށް އީމާންވާ މީހަކަށް އޮޅިގެން ނުދާނެއެވެ.
ހަމައެފަދައިން، އެމީހުން އެބުނާ ފަދައިން އެކަން އޮތް ނަމަ؛ (ކުރިންވެސް ބުނެވުނު ފަދައިން) ދީނުގެ މިއޮތް ހުރިހާ އަޅުކަމެއްގެ ތަފުސީލު ޤުރްއާނުގައި ކޮބައި ހެއްޔެވެ؟ ނަމާދުގެ ޙަރަކާތްތަކާއި އޭގައި ކިޔަން ޖެހޭ ހުރިހާ ޛިކުރުތައް ކޮބައި ހެއްޔެވެ؟ އޭގެން ނަމާދެއްގައި ކުށެއް ކުރެއްވިޖެ ނަމަ އެކަން ޙައްލު ކުރާނަ ގޮތާއި ކައިފިއްޔަތު ކޮބައި ހެއްޔެވެ؟ ނުވަތަ ޒަކާތުގެ މިންގަނޑުތަކާއި ޒަކާތް ދައްކަން ޖެހޭ މުދަލަކީ ކޮބައި ކަމާއި އެނޫން ހުރިހާ ތަފުސީލެއް ކޮބައި ހެއްޔެވެ؟ ނުވަތަ ރޯދަ ހިފަން ޖެހޭ ގޮތުގެ ތަފުސީލުތައް ކޮބައި ހެއްޔެވެ؟ ކުޑަމިނުން ރަމަޟާން މަހަކީ ކޮބައިކަމާއި އެއީ އަހަރުގެ ކިހާ ހިސާބެއްގައި އޮންނަ މަހެއްކަމާއި ، ރޯދަ މަހަށް ހަނދު ބަލާނީ ނިހިނެތް ކަމާއި ، ރޯދަމަސް ނިންމެނީ ކިހިނެތްކަމާއި ، އަދި ރޯދަ ބާޠިލުވާ ކަންކަމާއި ބާޠިލުވުމުން ދެން ކަންކުރަން ޖެހެނީ ކިހިނެއް ކަމުގެ ތަފުސީލުތައް ކޮބައި ހެއްޔެވެ؟ މިފަދަ އެތައް އަޅުކަމެއްގެ ތަފުސީލު ޤުރްއާނުން ލިބެން ނެތީ ކީއްވެ ހެއްޔެވެ؟
ނުނިމޭ…
ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 58