[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފުރަތަމަ ޚަލީފާ: އަބޫބަކުރު އައްޞިއްދީޤް رضي الله عنه – 2

އުފަންވުމާއި ޞިފަފުޅުތައް

 

އަބޫބަކުރު رضي الله عنه އުފަންވީ ޢާމުލް ފީލްގެ ދެ އަހަރާ މަސްތަކެއް ފާއިތުވީ ފަހުން، މައްކާގައެވެ. [1] އެއީ މީލާދީ ގޮތުން 573 ވަނަ އަހަރެވެ.

އެކަލޭގެފާނަކީ ދޮން ބޭކަލެކެވެ. އަދި ހިކި ބޭކަލެކެވެ. އެކަލޭގެފާނުގެ މޫނުފުޅުގެ ނާރުތައް ފެންނަން ހުރެއެވެ. އަދި ދެ ކޯފުޅުގައި އިސްތަށި މަދެވެ. އަދި ދެލޯފުޅު ހުންނަނީ ވަޅުވަދެފައެވެ. އަދި ނިއްކުރިފުޅު ފާޅުވެގެންވެއެވެ. އަދި އެކަލޭގެފާނުގެ އިސްތަށިފުޅު ބުޅިއެވެ. އެކަލޭގެފާނު ނުރައިގައި ހީނާއާއި الكَتَمُ  [2] އިން ކުލަ ޖައްސަވައެވެ. [3]

އެކަލޭގެފާނު ބޮޑުފުޅުވެގެން އައީ ރިވެތި އަޚްލާޤުގެ މަތީގައެވެ. އެކަލޭގެފާނަކީ ޤުރައިޝުންގެ ބޮޑުންގެ ތެރޭގައިވި ބޭކަލެކެވެ. އަދި އެބައިމީހުންގެ ވިޔަފާރިވެރިންގެ ތެރެއިން ވިޔަފާރިވެރިއެކެވެ. އަދި އެބައިމީހުން ކަންކަމުގައި އެކަލޭގެފާނުގެ އަރިހުން ލަފާ ހޯދާ އުޅުނެވެ. އެކަލޭގެފާނަކީ ޤައުމުގެ މީހުންގެ ލޯބި ލިބިވަޑައިގެންނެވި ބޭކަލެކެވެ. އަދި އެކަލޭގެފާނަކީ އެބައިމީހުންނަށް ނުހަނު އޯގާތެރި ބޭކަލެކެވެ. ޖާހިލިއްޔަ ޒަމާނުގައި މަރުގެ ދިޔަ ނުދެއްކޭ މީހުންނަށް އެކަލޭގެފާނު އެހީތެރިވެވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނަކީ ޤުރައިޝުން ކުރެ އެންމެ ނަސަބު ރަނގަޅު އެއް ބޭކަލެކެވެ. އެކަމުގެ ޢިލްމު އެ ދުވަސްވަރުގައި އެންމެ ރަނގަޅަށް އެނގިލައްވަނީވެސް އެކަލޭގެފާނަށެވެ.

އެކަލޭގެފާނަކީ ފިޠުރަތުގެ މަތީގައި ހުންނެވި، ހެޔޮވިސްނުން ލިބިވަޑައިގެން ހުންނެވި ބޭކަލެކެވެ. އަދި ޖާހިލިއްޔަ ޒަމާނުގައިވެސް ބުދުތަކަށް އަޅުކަން ނުކުރައްވާ ބޭކަލެކެވެ. ރާވެސް ނުބޮއެވެ. އެކަލޭގެފާނު މަޝްހޫރުވެފައިވަނީ ތަވާޟުޢުވެރި، ޒުހުދުވެރި ބޭކަލެއްގެ ގޮތުގައެވެ. އަދި ރަސޫލުﷲ صلى الله عليه وسلم އަށް ފުރިހަމައަށް ތަބާވެވަޑައިގެންނެވި ބޭކަލެއްގެ ގޮތުގައެވެ. އެކަލޭގެފާނަށް މީހަކު ސަނާކިޔައިފިނަމަ ވިދާޅުވެއެވެ.

“اللَّهُمَّ أَنْتَ أَعْلَمُ بِي مِنْ نَفْسِي، وَأَنَا أَعْلَمُ بِنَفْسِي مِنْهُمْ، اللَّهمّ اجْعَلْنِي خَيْرًا مِمَّا يَظُنُّونَ، وَاغْفِرْ لِي مَا لا يَعْلَمُونَ، وَلا تُؤَاخِذْنِي بِمَا يَقُولُونَ”.  [4]

މާނައީ: “އޭﷲ! ތިމަންއަޅާގެ ނަފްސަށްވުރެ ބޮޑަށް، އިބައިލާހު ތިމަންއަޅާ ދެނެވޮޑިގެންވެއެވެ. އަދި އެބައިމީހުންނަށް ވުރެ ބޮޑަށް ތިމަންއަޅާއަށް ތިމަންއަޅާގެ ނަފްސު އެނގެއެވެ. އޭ ﷲ! އެބައިމީހުން ހީކުރާވަރަށް ވުރެ ރަނގަޅު މީހެއްކަމުގައި މިއަޅާ ލައްވާނދޭވެ! އަދި އެބައިމީހުންނަށް ނޭނގޭ ކަންކަމަށް މިއަޅާއަށް ފާފަފުއްސަވާނދޭވެ! އެބައިމީހުން އެބުނާ ބަސްތަކުގެ ސަބަބުން މިއަޅާއަށް ޢުޤޫބާތް ނުދެއްވާނދޭވެ!”


الخلفاء الراشدون لسليمان بن عبد الله الرومي

މިލިޔުމުގެ އެހެން ބައިތައް

[1]     الإصابة لابن حجر (4 / 145).

[2]   އިބްނު ޙަޖަރު ވިދާޅުވިއެވެ. “الكَتَمُ  އަކީ ޔަމަނުގައި ހެދޭ، އެއިން ކަޅު ރަތް ކުލައެއް ނުކުންނަ ގަހެކެވެ. ހީނާއިން ނުކުންނަކީ ރަތްކުލައެވެ. މިދޭތި އެއްކޮށް ބޭނުންކުރުމުން އެއިން ނުކުންނަނީ ކަޅާއި ރަތާ ދެމެދުގެ ކުލައެކެވެ.” (فتح البار لابن حجر (6 / 499)).

[3]  ބައްލަވާ: المعجم الكبير للطبراني ( 1 / 9)،  والطبقات الكبرى لابن سعد (3 / 191).

[4]  أسد الغابة لابن الأثير (3 / 221).