[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ ތަރުބިއްޔަތުގައި ޢަޤީދާގެ މުހިންމުކަން – 2

އިސްލާމީ ތަރުބިއްޔަތާއި ޢަޤީދާއާ ހުރި ގުޅުން

 

އިސްލާމީ ތަރުބިއްޔަތާއި ޢަޤީދާއާވަނީ ގުޅިލާމެހިފައެވެ. ޢަޤީދާއަކީ އިސްލާމީ ތަރުބިއްޔަތުގެ އަސާސާއި ބިންގަލެވެ. އަދި ހަރުދަނާ، ރަނގަޅު ޢަޤީދާއަކާ ނުލާ އިސްލާމީ ތަރުބިއްޔަތު ރަނގަޅުވެގެން ނުދާނެއެވެ. ޢަޤީދާ ރަނގަޅު ނޫންނަމަ އެކަމުގެ ނޭދެވޭ އަޘަރު ތަރުބިއްޔަތަށް ކުރަމުން ދާނެއެވެ.

އާދެ! ޑރ. އަޙްމަދު ބުން ނާޞިރު (1409) ބަޔާންކުރައްވާ ގޮތުގައި ރަނގަޅު ބިންގަލެއް ނެތި ކުރާ ތަރުބިއްޔަތެއް ހަރުދަނާއެއް ނުވާނެއެވެ. އެއީ ހިފެހެއްޓުމެއް ނެތް ޗަކަ ބިމެއްގައި ގެއެއް އެޅުމުން، ކިތަންމެ ކުޑަ ސަބަބަކާ ހުރެވެސް އެ ވެއްޓޭ ފަދައިންނެވެ. އަދި ކުޑަ ވާރޭ ފޮދަކާ، މަޑު ވައިރޯޅިއެއްގެ ސަބަބުން ރަނގަޅަށް މޫ ނުލާ ގަހެއް ވެއްޓޭ ފަދައިންނެވެ. ފަހެ ހަރުދަނާކަމެއް ނެތް އަޞްލެއްގެ މައްޗަށް ބިނާވެފައިވާ  ތަރުބިއްޔަތަކުންނާއި ތަޢުލީމުން މިފަދަ ކަންކަން ވަރަށް ސާފުކޮށް ފެންނާނެއެވެ.

އަދިވެސް ޑރ. އަޙްމަދު ބުން ނާޞިރު (1409) ބަޔާންކުރައްވާ ގޮތުގައި ރަނގަޅު ޢަޤީދާއެއްގެ މަތީ ތަރުބިއްޔަތުކުރުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭ އެއްކަމަކީ އެކުއްޖާގެ ހިތުގައި އީމާންކަން ބިންވަޅު ނެގުމަށެވެ. އަދި ފާފަތަކުގެ ސަބަބުން އީމާންކަން އުނިވެގެންދާކަން އެތައް ޙަދީޘެއްގައި ބަޔާންވެގެން އައިސްފައިވާއިރު، ފާފަތަކުން ދުރުހެލިވުމުގެ މައްޗަށް އެކުދިން ތަރުބިއްޔަތު ކުރަން ޖެހެއެވެ. އިންސާނީ ތަޢުލީމުގައި ޢަޤީދާގެ މުހިންމުކަމުގެ ސަބަބުން ރަސޫލުބޭކަލުންވަނީ އެކަން ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައެވެ. އަދި ރަސޫލުބޭކަލުންނާއި އެބޭކަލުންގެ ޤައުމުގެ މީހުންނާ އެންމެ ބޮޑަށް ޚިލާފުވެފައިވަނީވެސް ޢަޤީދާގެ ކަންކަމުގައެވެ. ވަކިން ޚާއްޞަކޮށް އަޅުކަމުގައި ﷲ އެއްކައުވަންތަކުރުމުގައެވެ.  އަދި މައްކީ ދައުރުގައި 13 އަހަރު ވަންދެން ނަބިއްޔާ صلى الله عليه وسلم ވަނީ އެކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާފައެވެ. އަދި ޤުރުއާނުގެ އެތައް އާޔަތެއްގައި އެކަމަށް ބާރުއަޅުއްވާފައިވެއެވެ.

އައްޝައިޚު ޢިމްރާން މުޙައްމަދު ޢަލީ (2019) ބަޔާންކުރައްވާ ގޮތުގައި މި ސަބަބަށްޓަކައި ތަރުބިއްޔަތުކުރުމުގައި ޢަޤީދާއަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހެއެވެ. އަދި ރަނގަޅު އީމާންކަމެއްގެ މަތީގައި އެކުދިން ބޮޑުކުރެވިއްޖެނަމަ އެކުދިންނަށް އީމާންކަމާ ޢަމަލާ ހުރި ގުޅުން އެނގިގެންދާނެއެވެ. ފަހެ މިއަދު އިސްލާމީ މުޖުތަމަޢަށް ޖެހިފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދުލުކޮޅުން ޝަހާދަތުގެ ދެކަލިމަ ކިޔާފައި އެއާ އެއްގޮތަށް ޢަމަލު ނުކުރުމެވެ. އެހެނަސް ޢަޤީދާއައި ބަހާއި ޢަމަލާ މިއީ ވަކި ނުކުރެވޭނެ ކަންކަމެވެ. އެކަން އިޞްލާހު ކުރެވިއްޖެނަމަ މުޖުތަމަޢުގެ އަފްރާދުންގެ ޢަމަލުތައް ރަނގަޅުވެ ތަރުބިއްޔަތުގެ އެދެވިގެންވާ ނަތީޖާ ފެންނާނެއެވެ. إن شاء الله.

 

އިސްލާމީ ތަރުބިއްޔަތުގައި ޢަޤީދާގެ މުހިންމުކަން: އެހެން ބައިތައް