[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމްދީނާ ފުށުއަރާ ބައިނަލްއަޤުވާމީ މުޢާހަދާތަކުގެ ތެރެއިން: ސަމޯއާގެ މުޢާހަދާ (Samoa Agreement)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

 

ފެށުން

ބައިނަލްއަޤްވާމީ ޖަމިއްޔާ، ޖަމާޢަތް ނުވަތަ މުއައްސަސާތަކުން ހަދާ މުޢާހަދާތަކުގައި އިސްލާމްދީނާ ފުށުއަރާ ކަންކަން ހުރެއެވެ. އެގޮތުން މިހާރަކަށް އައިސް، އެފަދަ މުޢާހަދާތަކުގައި ޝަރުޠުކުރާ އެއްކަމަކީ ދީނީ މިނިވަންކަން އޮތުމެވެ. އެއީ އެމީހަކު ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ކޮންމެ ޤައުމެއްގައިވެސް، އެ ޤައުމެއްގެ ރައްޔިތުންނަށް ލިބިދޭން ޖެހޭނެކަމެވެ. ޙައްޤުތަކުގެ ނަމުގައި ގެންނަ އަނެއް ޝަރުޠަކީ، އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ ބޮޑުވެގެންވާ މުންކަރާތެއްކަމުގައިވާ، އެއް ޖިންސުން ގުޅުން ހިންގުން ހުއްދަކުރުމެވެ. ނުވަތަ އެކަމުގެ އަހުލުވެރިން ޙިމާޔަތްކުރުމެވެ.

އެހެންކަމުން މިފަދަ މުޢާހަދާތަކުގައި ސޮއިކުރުމުގައި ބައެއް އިސްލާމީ ޤައުމުތަކުން ޢަމަލުކުރާ އުޞޫލަކީ އިސްލާމްދީނާ ފުށުއަރާ ކަންކަމުގައި ‘ރިޒަވޭޝަން’ ލުމެވެ. ދިވެހިރާއްޖޭންވެސް ކަންތައްކުރަނީ އެފަދައިންނެވެ. އެހެނަސް އެއީ އެހާ ހަރުދަނާ ކަމެއް ނޫނެވެ. ތާރީޚީ ގޮތުން އެކަން ވަނީ ޘާބިތުވެފައެވެ. ޙަޤީޤަތަކަކީ މިފަދަ ‘ރިޒަވޭޝަން’ތަކަކީ ވަގުތީ ‘ރިޒަވޭޝަން’ތަކެއް ކަމެވެ. އެ މުޢާހަދާތަކުގައި ސޮއިކުރުމަށް ފަހު، އެ މުޢާހަދާތައް ހަދާ ޖަމިއްޔާ، ޖަމާޢަތް ނުވަތަ މުއައްސަސާތަކުން، އެ ‘ރިޒަވޭޝަން’ތައް ނެގުމަށް އެފަދަ ޤައުމުތަކަށް ފިއްތުންތައް ކުރިމަތިކުރާކަމީ ފެންނަން އޮތް ޙަޤީޤަތެކެވެ. އަދި އެކަމުގައި އެބައިމީހުންނަށް ވާގިވެރިވަނީ އެ މުޢާހަދާތަކުގައި ހުންނަ ދީނާ ޚިލާފުކަންކަން ޙައްޤުތަކުގެ ނަމުގައި އެޤައުމެއްގައި ފަތުރާ މަދަނީ ޖަމިއްޔާތަކުންނެވެ.

އެންމެ ފަހުން ދިވެހިރާއްޖެއިން ސޮއިކުރި މިފަދަ މުޢާހަދާއަކީ ސަމޯއާ އެގްރިމެންޓެވެ. އެ އެގްރިމެންޓުގައި ދިވެހިރާއްޖޭން ސޮއިކޮށްފައިވަނީ ބައެއް ‘ރިޒަވޭޝަން’ތަކާ އެކުގައެވެ. އެހެނަސް އެ ‘ރިޒަވޭޝަން’ތައް ލުމުގައި އެކަށީގެންވާ މިންވަރަށް ދީނީ ގޮތުން އެކަން ދިރާސާކޮށްފައި ނުވާކަން ފާހަގަވެއެވެ.

ބައެއް އެހެނިހެން ޤައުމުތަކުންވެސް މި މުޢާހަދާގައި ސޮއިކުރުމުން އެ ޤައުމުތަކުގެ މުސްލިމުންވަނީ އެކަމާމެދު ނުތަނަވަސްވެ، އެކަމާމެދު ނުރުހުން ފާޅުކޮށްފައެވެ.

އެހެންކަމުން މި ލިޔުމުގައި އަލިއަޅުވާލާނީ އެ މުޢާހަދާގައި ހިމެނޭ ބައެއް ކަންކަމާ، އެފަދަ ރިޒަވޭޝަންތަކާއެކު މީގެ ކުރިން ސޮއިކޮށްފައިވާ ބައެއް މުޢާހަދާތަކުން އެ ރިޒަވޭޝަންތައް އުނިކުރެވެމުންދާގޮތުގެ މައްޗަށެވެ.

 

 

ސަމޯއާ އެގްރިމެންޓް

ސަމޯއާ އެގްރިމެންޓް (Partnership Agreement between the European Union and its Member States, of the one part, and the Members of the Organisation of African, Caribbean and Pacific States, of the other part) އަކީ ޔޫރަޕިއަން ޔޫނިއަންއާއި OACPS (Organisation of the African, Caribbean and Pacific States) ގެ ޤައުމުތަކުގެ މެދުގައި އެއްބަސްވެފައިވާ އެއްބަސްވުމެކެވެ. OACPS ގައި ހިމެނެނީ ޖުމްލަ 79 ޤައުމެވެ. އެއީ އެފްރިކާގެ 47 ޤައުމާއި ކެރީބިއަންގެ 16 ޤައުމާއި ޕެސިފިކްގެ 15 ޤައުމުގެ އިތުރުން ދެން ދިވެހިރާއްޖެއެވެ. [1]

ސަމޯއާ އެގްރިމެންޓް އެކުލެވިގެންވަނީ މައިގަނޑު 6 ކަމެއްގެ މައްޗަށެވެ. އެއީ:

  1. ޑިމޮކްރަސީ އާއި އިންސާނީ ޙައްޤުތައް
  2. ދެމެހެއްޓެނިވި އިޤްތިޞާދީ ތަރައްޤީ
  3. މޫސުމީ ބަދަލުތައް
  4. އިންސާނީ އަދި އިޖުތިމާޢީ ތަރައްޤީ
  5. ޞުލްޙައާއި ރައްކާތެރިކަން
  6. ހިޖުރަކުރުމާއި އެއްތަނުން އަނެއް ތަނަށް ދިއުން

 

 

މި މުޢާހަދާގައި ހިމެނޭ އިސްލާމްދީނާ ފުށުއަރާ ބައެއް ނުކުތާތައް

* މި މުޢާހަދާގެ 9 ވަނަ މާއްދާގައިގެ ފުރަތަމަ 3 ނުކުތާގައިވަނީ އިންސާނީ ޙައްޤުތަކުގެ ނަމުގައި އެބައިމީހުން ދަޢުވާކުރާ ކަންކަމެވެ. އެއީ ދީނީ މިނިވަންކަމާއި އެއް ޖިންސުން ގުޅުން ހިންގުމުގެ ފާޙިޝް ޢަމަލު ހުއްދަކޮށް އެކަމަށް ހިތްވަރުދިނުމެވެ. މި އެއްބަސްވުމުގައި ސޮއިކުރި އިރު ދިވެހިރާއްޖެއިން މި މާއްދާއަށް ރިޒަވޭޝަން ލާފައި ވެއެވެ.

* މި މުޢާހަދާގެ 10 ވަނަ މާއްދާގައިވަނީ މިންތީގެ ހަމަހަމަކަމުގެ ވާހަކައެވެ. އެގޮތުން އަންހެން ކުދިންނާއި އަންހެނުން ހުރިހާ ކަމެއްގައިވެސް ފިރިހެން ކުދިންނާއި ފިރިހެނުންނާ ހަމަހަމަވުން ލާޒިމުކޮށްފައި ވެއެވެ. އަދި ކުޑަކުދިން ކައިވެނި ކުރުމުގެ އިތުރުން، “އަވަހަށް” ކައިވެނިކުރުމަކީވެސް (early marriage އަކީވެސް) ހައްލު ހޯދަންޖެހިފައިވާ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވެއެވެ.

 

* މި މުޢާހަދާގެ 20 ވަނަ މާއްދާގައިވަނީ ޓެރަރިޒަމްގެ ވާހަކައެވެ. މި މާއްދާގައިވަނީ religious intolerance އަދި  hate speechއަށް މަގުފަހިވާ ހުރިހާ ކަމެއް ހައްލުކުރަން ޖެހޭކަމަށެވެ. މި ދެ އިޞްތިލާޙު މާނަކުރާ ގޮތް އެނގެން ޖެހެއެވެ. އެކަން ޙައްލުކުރުމަށް އެބައިމީހުން ހުށަހަޅާފައިވަނީ ދީންތަކުގެ އެއްބައިވަންތަކަން ކުރިއެރުވުމަށެވެ. (foster religious tolerance and inter-religious dialogue.) އެބައިމީހުން އެ މާނަކުރަނީ ހުރިހާ ދީންތަކުގެ މީހުން އެއްވެ ބައްދަލުވުންތައް ބޭއްވުމާއި އެހެން ދީންތަކުގެ މީހުން އަޅުކަންކުރާ ތަންތަނަށް މުސްލިމުން ދިޔުމާއި އެބައިމީހުންގެ މުނާސަބާތުތަކުގައި މުސްލިމުން ބައިވެރިވުމާ އަދި އެ ދީންތަކުގެ މީހުން ކުރާ ޝިރުކާއި ކުފުރުގެ ކަންކަމަށް މުސްލިމުން އިންކާރު ނުކުރުމަށެވެ.

 

* މި މުޢާހަދާގެ 36 ވަނަ މާއްދާގައިވަނީ މިންތީގެ ހަމަހަމަކަމާއި އަންހެނުންނާއި އަންހެން ކުދިން ބާރުވެރިކުރުވުމެވެ. އެބައިމީހުންގެ ގާތުގައި އެއީ ފިރިހެނުން ކުރާ ހުރިހާކަމެއް އަންހެނުންނަށް ކުރެވޭނެކަމެވެ. އެކަމުގައި ދީނުގައި އޮތް ހަމަތަކަށް ބެލުމެއް ނުވެއެވެ. މި މާއްދާގެ 2 ވަނަ ނުކުތާގައިވަނީ sexual and reproductive health and rights ގެ ވާހަކައެވެ.

Beijing Declaration and Platform for Action ގައި sexual and reproductive health ގެ ތެރޭގައި އެބޯޝަން (abortion) ހުއްދަކުރުން ހިމެނެއެވެ. [2]

 

* މި މުޢާހަދާގެ 77 ވަނަ މާއްދާގައިވަނީ އިންސާނީ ޙައްޤުތަކާއި މިންތީގެ ހަމަހަމަކަން ފަދަ ކަންކަން ކުރިއެރުވުމުގައި ހުރިހާ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަށެވެ. މި މުޢާހަދާގެ 9 ވަނަ މާއްދާއާއި 10 ވަނަ މާއްދާގައި ބަޔާންވެދިޔަ ފަދަ، އިންސާނީ ޙައްޤުތަކާއި މިންތީގެ ހަމަހަމަކަމުގެ ނަމުގައި އެބައިމީހުން ދަޢުވާކުރާ ކަންކަން ކުރިއެރުވުމަށް މަސައްކަތްކުރުން މި މާއްދާއިން ލާޒިމުކުރެއެވެ.

 

މި މުޢާހަދާގައި ސޮއިކުރުމާއެކު އެއާ ގުޅިގެން ޢަމަލުކުރުން ލާޒިމުވާ އިތުރު ޕްރޮޓޮކޯލްތަކެއް ވެއެވެ. އެއީ African Regional Protocol، Caribbean Regional Protocol އަދި Pacific Regional Protocol އެވެ. ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންގެ ރިޕޯޓުގައިވާ ގޮތުން OACPS ގެ ފުރިހަމަ މެމްބަރަކަށްވުމަށް ފަހުގައި، ރާއްޖެއިންވަނީ އެ ޖަމިއްޔާގެ އީސްޓް އެފްރިކަން ގްރޫޕުގެ މެމްބަރަކަށްވެފައެވެ. އެހެންކަމުން މި ތިން ޕްރޮޓޮކޯލުގެ ތެރެއިން  ރާއްޖެއިން ތަބާވާން ޖެހެނީ African Regional Protocol އަށެވެ. [3]

މި ޕްރޮޓޮކޯލުގައިވަނީ ހަމަ އިސްވެ ދިޔަ މުޢާހަދާގައިވާ ކަންކަމެވެ. ނަމަވެސް އިތުރު ތަފްޞީލުތަކަކާ އެކުގައެވެ. African Regional Protocol އިން އިތުރަށް ފާހަގަވަނީ، މި ޕްރޮޓޮކޯލުގެ 40 ވަނަ މާއްދާއެވެ. މިންތީގެ ހަމަހަމަ ކަމާއި އަންހެނުން ބާރުވެރިކުރުވުމުގެ މައްޗަށް އެކުލަވާލާފައިވާ މާއްދާއެވެ. މި މާއްދާގެ 6 ވަނަ ނުކުތާގައިވަނީ ކުޑަކުދިންނަށް sexuality education ކިޔަވައިދިނުމުގެ މުހިންމުކަމެވެ. މިކަމަކީ އިސްލާމީ މުޖުތަމަޢުގައި ފާޙިޝް ކަންތައްތައް ޢާންމުވެ، އިތުރުވުމަށް ހުޅުވޭ ދޮރަކަށް މެނުވީ ނުވާނެއެވެ.

 

އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ ތެރެއިން ރާއްޖެއިން މި މުޢާހަދާގައި ސޮއިކުރިއިރު ‘ރިޒަވޭޝަން’ ލާފައިވަނީ ހަމައެކަނި މި މުޢާހަދާގެ 9 ވަނަ މާއްދާއަށް އެކަންޏެވެ. [4]

 

 

މި މުޢާހަދާގައި އިސްލާމްދީނާ ފުށުއަރާ ކަންކަން ހުރިކަން ފާހަގަކޮށް مجمع الفقه الإسلامي އިން ނެރެފައިވާ ފަތުވާ

މި މުޢާހަދާގައި އިސްލާމްދީނާ ފުށުއަރާ ކަންކަން ހުރިކަން ފާހަގަކޮށް مجمع الفقه الإسلامي އިން ވަނީ 14 ނޮވެމްބަރު 2023 ގައި ފަތުވާއެއް ނެރެފައެވެ.

 

އެ ފަތުވާގެ ޚުލާޞާއަކީ: ސަމޯއާ މުޢާހަދާގައި އިސްލާމްދީނަށް ނުރައްކާތެރި، ޙައްސާސް ކަންތައްތަކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި:

– ދަރިވެއްޓުމާއި އެއް ޖިއްސުން ގުޅުން ހިންގުމާއި ކުޑަކުދިންނަށް ޖިންސީ ތަޢުލީމު ދިނުންފަދަ ކަންކަމަށް ބާރުއެޅުން.

– އެކިބާވަތްތަކުގެ ޙައްޤުތައް ހިމާޔަތްކުރުމާއި ވަކިން ޚާއްޞަކޮށް އެއްޖިއްސުން ގުޅުން ހިންގާމީހުން ހިމާޔަތްކުރުމަށް ބާރުއުޅުން.

ހިމެނެއެވެ.

އެހެންކަމުން މި ފަތުވާ ނިންމާލަމުން އެބޭފުޅުން ވިދާޅުވެފައި ވެއެވެ.

“އިސްލާމީ ފިޤުހު އެކަޑަމީއިން OIC ގެ ޤައުމުތަކަށް ގޮވާލަނީ، އިސްލާމްދީނުގެ އެންގެވުންތަކާ އެއްގޮތަށް އުޅުމަށެވެ. އަދި އެއާ ތަޢާރުޟުވާ ހުރިހާ ކަންތައްތަކާ ދުރުހެލިވުމަށެވެ. އަދި ދަންނަން ޖެހޭ ކަމަކީ ރަނގަޅު ކޮންމެ މުޖުތަމަޢެއްގައިވެސް ޢާއިލީ ނިޒާމަކީ އޭގެ އެންމެ މުހިންމު އެއް އަސާސެވެ. އަދި އެކަން ބިނާވެފައިވަނީ ފިރިހެނަކާއި އަންހެނެއްގެ ދެމެދުގައިވާ މަތިވެރި ގުޅުމެއްގެ މައްޗަށެވެ…

އަދި އެބައިމީހުން ބޭނުންކުރާ  Gender Mainstreaming އަދި Comprehensive Sexuality Education ފަދަ އިޞްޠިލާޙުތަކަކީ އަދި މިއިން ކުރިފަޅައިގެން އަންނަ އިޞްޠިލާޙުތަކަކީ ވަރަށް މަކަރުވެރި އިޞްޠިލާޙުތަކެކެވެ. އަދި އިސްލާމްދީނުގެ ތަޢުލީމާ ޚިލާފުވާ އިޞްޠިލާޙުތަކެކެވެ.”

 

 

ދިވެހިރާއްޖެއިން މީގެ ކުރިން ‘ރިޒަވޭޝަން’ތައް ލައިގެން ސޮއިކުރި ސީޑޯ މުޢާހަދާއަށް ވީ ގޮތް

ދިވެހިރާއްޖޭން މުޢާހަދާއެއްގައި ސޮއިކުރިއިރު ‘ރިޒަވޭޝަން’ލުމަށް ފަހުގައި، ފަހުން އޭގެ ތެރެއިން ބައެއް ‘ރިޒަވޭޝަން’ތައް ނަގާފައިވާ އެއް މުޢާހަދާއަކީ ސީޑޯ (CEDAW) މުޢާހަދާއެވެ. ސީޑޯ (Convention on the Elimination of All Forms of Discrimination against Women) އަކީ އަންހެންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގެ ނަމުގައި އދ އިން 1979 ވަނަ އަހަރު ހެދި މުޢާހަދާއެކެވެ. [5] ސީޑޯ މުޢާހަދާގައި ރާއްޖެއިން ސޮއިކުރީ 1993 ވަނަ އަހަރެވެ. [6] އެގޮތުން ސޮއިކުރީ އެ މުޢާހަދާގެ 7 ވަނަ މާއްދާއާއި 16 ވަނަ މާއްދާގައި ‘ރިޒަވޭޝަން’ލުމަށް ފަހުގައެވެ.

 

7 ވަނަ މާއްދާގައިވަނީ ސަރުކާރުގެ ހުރިހާ މަޤާމަކަށް ކުރިމަތިލުމުގައިވެސް އަންހެނުންނާ ފިރިހެނުން ހަމަހަމަވާން ޖެހޭނެކަމަށެވެ. ނަމަވެސް އޭރު ރާއްޖޭގެ ޤާނޫނު އަސާސީ އޮތް ގޮތުން، ރައީސްކަމަށް ކުރިމަތިލެވޭނެ ކަމަށް އޮތީ ހަމައެކަނި ފިރިހެނުންނަށެވެ. 2008 ވަނަ އަހަރު ޤާނޫނު އަސާސީ އިޞްލާޙުކުރި އިރުގައި އެކަންވަނީ އުވާލައި ސީޑޯގެ މުޢާހަދާގައި އެހެން އޮންނާތީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީވެސް އެގޮތަށް ބަދަލުކޮށްފައެވެ. އެހެންކަމުން 2010 ވަނަ އަހަރު ދިވެހިރާއްޖެއިން އެ ރިޒަވޭޝަން ނެގިއެވެ.

16 ވަނަ މާއްދާ ޚާއްޞަވެފައި އޮތީ ކައިވެންޏާ ވަރި އަދި ޢާއިލީ ކަންކަމުގެ މައްޗަށެވެ. އޭރު ރާއްޖޭގެ ޢާއިލާއާ ބެހޭ ޤާނޫނު، އެ މާއްދާގެ ގިނަ ބައިތަކާ ތަޢާރުޟުވެއެވެ. ނަމަވެސް ސީޑޯ މުޢާހަދާއާ އެއްގޮތް ކުރަން ދިވެހިރާއްޖޭގެ އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކުން ‘ޝެޑޯ’ ރިޕޯޓުތައް ހަދައިގެން ސީޑޯ ކޮމިޓީއަށް އެ ފޮނުވައިގެން ދިވެހިރާއްޖެއަށް ކުރިމަތިވި ފިއްތުންތަކާ އެކުގައި ޢާއިލާއާ ބެހޭ ޤާނޫނު އިޞްލާޙުކޮށް 2020 ވަނަ އަހަރު އެ މުޢާހަދާގެ 16 ވަނަ މާއްދާގެ ފުރަތަމަ ނުކުތާގެ (b)، (e)، (g)، (h) އަދި އެ މާއްދާގެ 2 ވަނަ ނުކުތާގެ ‘ރިޒަވޭޝަން’ތައް ދިވެހިރާއްޖޭން ނެގިއެވެ.

އެހެންކަމުން މިހާރު އެ މުޢާހަދާގެ ރިޒަވޭޝަން އޮތީ 16 ވަނަ މާއްދާގެ (a)، (c)، (d) އަދި (f) ގައެވެ. އެ ނުކުތާތަކުގައިވަނީ އަންނަނިވި ކަންކަމެވެ.

ފިރިހެނުން ކައިވެނިކޮށް ވަރިކުރާ ގޮތަށް، އަންހެނުންވެސް އެ ދެކަމުގައިވެސް ފިރިހެނުންނާ ހަމަހަމަކޮށް ޙައްޤުތަކާއި ޒިންމާތަކުގައިވެސް ދެބައިމީހުން ހަމަހަމަކުރުމެވެ. އަދި ކައިވެނީގެ ޙާލަތަށް ބެލުމެއް ނެތި (މަންމައާއި ބައްޕަ ކައިވެނިކޮށްގެން އުޅުނަސް ނުވަތަ ވަރިކޮށްފައިވިޔަސް) މައިންބަފައިންގެ ޙައިޞިއްޔަތުން މަންމައާއި ބައްޕައަށްވެސް ހަމަހަމަ ޙައްޤުތަކަކާއި ޒިންމާތަކެއް ލިބިގެންވުމެވެ. އަދި ދަރިންގެ ޙަޟާނަތުގައި ދެ މީހުންނަށް ހަމަހަމަ ޙައްޤުތަކަކާއި ޒިންމާތަކެއް ލިބިގެންވުމެވެ.

މި ނުކުތާތައްވެސް ނެގުމަށް ކެނޑިނޭޅި ފިއްތުންތައް ކުރިމަތިކުރުވަމުން ދެއެވެ.

ދިވެހި ރާއްޖޭން ‘ރިޒަވޭޝަން’ ލި ހުރިހާ ނުކުތާތަކަކީވެސް އިސްލާމްދީނާ ފުށުއަރާކަމަށް ފެނިގެން އޭރު ރިޒަވޭޝަން ލީ ނުކުތާތަކެވެ. އަދި ‘ރިޒަވޭޝަން’ތައް އުވާލި އިރުގައި ނުވަތަ އުވާލުމަށް ފަހުގައި އިސްލާމްދީނުގައިވާ އެ ޙުކުމްތަކާ ތަޢާރުޟުވާ ޤާނޫނުތަކެއް ނުވަތަ ޤަވާޢިދުތަކެއްވަނީ ރާއްޖޭގައިވެސް ހަދާފައެވެ.

 

 

‘ޑޮލަރު’ގެ އިސްތިޢުމާރު 

ދުނިޔޭގައި ހިނގައި ދިޔަ ދެވަނަ ބޮޑު ހަނގުރާމައަށް ފަހުގައި ޤައުމުތަކަށް އަރައިތިބެގެން އެ ޤައުމުތައް އިސްތިޢުމާރުކުރުމަކީ ޚަރަދުބޮޑު އަދި ގެއްލުން ބޮޑުކަމެއްގެ ގޮތުގައި އިސްތިޢުމާރީ ބާރުތަކަށް ވަނީ ފެނިފައެވެ. އެހެންކަމުން އަދުގެ ޒަމާނީ އިސްތިޢުމާރުގެ ޢާންމު އުޞޫލަކީ ‘ޑޮލަރު’ގެ އިސްތިޢުމާރެވެ. ޚާއްޞަކޮށް ކުދި ޤައުމުތައްވަނީ މިކަމުގެ ޝިކާރައަކަށް ވެފައެވެ. އެނޫން ގޮތަކަށް މިހާރު އިސްތިޢުމާރުކުރަނީ އެގޮތުން އަޅުވެތި ނުކުރެވޭ ޤައުމުތަކެވެ. އަދުގެ ދުނިޔޭގައި މިކަން ކުރާ ޒަމާނީ އުޞޫލަކީ އެކި ފަންޑުތަކާއި ލޯނުތަކުގެ ޛަރީޢާއިންނެވެ. ނުވަތަ އެކި މުޢާހަދާއިން ލިބޭނެކަމަށް އުންމީދުކުރެވޭ އެހެނިހެން އެކިއެކި ފައިދާތައް ދައްކައިގެންނެވެ. ދިވެހި ރާއްޖެއަށް ADB އިން ދޭ މިފަދަ ލޯނުތަކުގައިވެސް އިސްލާމްދީނާ ބީރައްޓެހި އެތައް ޝަރުޠެއް ކުރުވާފައި ހުރެއެވެ. [7] މިތަނުން ކޮންމެ ލޯނެއްގައި ވެސް ނުވަތަ މުޢާހަދާއެއްގައިވެސް ހުންނަނީ އެބައިމީހުން ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ޝަރުޠުކޮށްފައެވެ.

 

 

ނިންމުން

މިފަދަ ކަންކަމުން ސަލާމަތްވެވެން އޮތް މަގަކީ އިސްލާމްދީނަށް ހެޔޮ ގޮތުގައި ރުޖޫޢަވެ، އިސްލާމީ އިޤްތިޞާދީ އުޞޫލުތަކުގެ މައްޗަށް ދައުލަތް ބިނާކޮށް، ކާފިރު އެހެން ޤައުމުތަކާއި ޖަމިއްޔާ ޖަމާޢަތްތަކަށް ބަރޯސާވުން ހުއްޓާލައި އަމިއްލަ ފައި މައްޗަށް ތެދުވުމެވެ. އަދި ޤައުމުގެ މުއްސަނދިކަން ޚިޔާނާތުގެ ތެރެއިން ފޭރިގަންނަ މީހުންގެ އަތުން އެ ފައިސާތައް ދައުލަތައް، ހޯދާ އެކަމަށް ހުރި މަގުތައް ބަންދުކޮށްގެންނެވެ. އަދުގެ ދައުލަތުގެ މުއައްސަސާތަކާއި ވިޔަފާރިތައް ހަރުދަނާކޮށްގެންނެވެ.

އިޚްލާޞްތެރި ވެރިންތަކެއްގެ އަތްމައްޗަށް މެނުވީ މިފަދަ ކަންކަމެއް ޙާޞިލެއް ނުވާނެއެވެ. އަދި އަމާނާތްތެރި، ޢިލްމުވެރި، ވަރުގަދަ އަދި އެ ހަވާލުކުރެވޭ ކަމަކަށް ރައްކާތެރިވާ ބައެއްކަމުގައި އެފަދަ ބަޔަކު ވާންޖެހޭނެއެވެ.

ޔޫސުގެފާނު، އެކަލޭގެފާނަށް މަޤާމު ހަވާލުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއިރު ވިދާޅުވިއެވެ.

‎﴿اجْعَلْنِي عَلَىٰ خَزَائِنِ الْأَرْضِ ۖ إِنِّي حَفِيظٌ عَلِيمٌ﴾‏ [سورة يوسف: ٥٥]

މާނައީ: ” (މިޞްރުގެ) ބިމުގެ ޚަޒާނާތަކުގެ ވެރިޔަކަށް ތިމަންކަލޭގެފާނު ލައްވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ (އެއަށް) ރައްކާތެރިވާ (އެއާބެހޭ ކަންތައްތައް) ރަނގަޅަށް ދަންނަ ބޭކަލަކީމެވެ.”

 

އަދި މޫސާގެފާނާ މަދްޔަނުގައި މަސައްކަތް ހަވާލުކުރުމަށް އެދިލައްވަމުން، ދެ އަންހެންކަނބަލުން ކުރެ އެއް ކަނބަލަކު ދެންނެވިއެވެ.

﴿يَا أَبَتِ اسْتَأْجِرْهُ ۖ إِنَّ خَيْرَ مَنِ اسْتَأْجَرْتَ الْقَوِيُّ الْأَمِينُ﴾‏ [سورة القصص: ٢٦]

މާނައީ: ” އޭ ބައްޕާއެވެ! އެކަލޭގެފާނަށް މަސައްކަތެއް ހަވާލުކުރައްވާށެވެ! ހަމަކަށަވަރުން، މަސައްކަތެއް ހަވާލުކުރުމަށް އެންމެ ރަނގަޅު މީހަކީ، ގައިބާރު ހުރި އަމާނާތްތެރިޔެކެވެ.”

 

ވޭތުވެ ދިޔަ ގިނަ އަހަރުތަކެއްގައި ދިވެހިރާއްޖެއިން ފެނިގެން މިދިޔައީ ކޮންމެ ބަޔަކުވެސް އެބައެއްގެ އާރުކާޓީ ގޮވައިގެން އައިސް ދިވެހިރާއްޖޭގެ މުއްސަނދިކަން އަމިއްލައަށް ބޭނުންކުރުމުގެ ސަޤާފަތެކެވެ. އިޚްލާޞްތެރިކަން އެބައެއްގެ ތެރެއިން ނެތި ހިނގައްޖެނަމަ ކޮންމެ މުއައްސަސާއެއް ބަލަހައްޓަން މުއައްސަސާއެއް ހަމަޖެއްސިޔަސް އެފާރަވެރިވުމަށް ހަމަޖައްސާ މުއައްސަސާ ބަލަހައްޓަންވެސް އެހެން މުއައްސަސާއެއް ބާއްވަން ޖެހޭނެއެވެ. މަޖުލިސް މެމްބަރުންގެ މުސާރައިގެ މައްސަލަ އެކަމުގެ ހެއްކަކަށް ފުދޭނެއެވެ.

 


 

[1]  ބައްލަވާ: https://www.oacps.org/about-us/

[2]  ބައްލަވާ: Beijing Declaration and Platform for Action (page: 40).

[3]  ބައްލަވާ: ސަމޯއާ އެގްރިމެންޓުގައި ދިވެހިރާއްޖެއިން ސޮއިކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ކޮމިޓީއިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު (ޞަފްޙާ: 8).

[4] ބައްލަވާ: ސަމޯއާ އެގްރިމެންޓުގައި ދިވެހިރާއްޖެއިން ސޮއިކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ކޮމިޓީއިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު (ޞަފްޙާ: 33 – 34).

[5]  ބައްލަވާ: https://www.un.org/womenwatch/daw/cedaw/cedaw.htm

[6]  ބައްލަވާ: https://tbinternet.ohchr.org/_layouts/15/TreatyBodyExternal/Treaty.aspx?CountryID=106

[7]  ބައްލަވާ: Gender Equality Results by ADB