[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފުރަތަމަ ޚަލީފާ: އަބޫބަކުރު އައްޞިއްދީޤް رضي الله عنه – 5

ދެވަނައީ: ﷲ ގެ މަގުގައި ގިނަގިނައިން ހޭދަކުރެއްވުން

 

ހިޝާމު ބުން ޢުރްވާ އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

«أَسْلَمَ أَبُو بَكْرٍ وَلَهُ أَرْبَعُونَ أَلْفَ دِرْهَمٍ. قَالَ عُرْوَةُ: فَأَخْبَرَتْنِي عَائِشَةُ قَالَتْ: تُوفِّيَ أَبُو بَكْرٍ وَلَمْ يَتْرُكْ دِينَارًا وَلَا دِرْهَمًا».  [1]

މާނައީ: “އަބޫބަކުރުގެފާނު އިސްލާމުވެވަޑައިގެންނެވިއިރު އެކަލޭގެފާނުގެ އަތްޕުޅުގައި ސާޅީސް ހާސް ދިރުހަމު ހުއްޓެވެ. ޢުރްވާ ވިދާޅުވިއެވެ. ފަހެ، ޢާއިޝަތުގެފާނު ތިމަންކަލޭގެފާނަށް ޚަބަރު ދެއްވިއެވެ. އަބޫބަކުރުގެފާނު އަވަހާރަވީއިރު ދީނާރެއް އަދި ދިރުހަމެއްވެސް އެކަލޭގެފާނު ދޫނުކުރައްވައެވެ.”

ﷲ ތަޢާލާގެ ޙަޟްރަތުން ފަޟްލުވަންތަކަމަށް އެދި، އެކަލޭގެފާނުގެ ނަފްސާއި މުދާ އިސްލާމްދީނަށް ޚިދުމަތްކުރެއްވުމަށް ވަޤުފުކުރެއްވިއެވެ. އެގޮތުން އެކަލޭގެފާނު ކުރެއްވި ބައެއް ހޭދައިގެ މިޘާލުތަކަކީ:

ހ. އިސްލާމްވުމުގެ ސަބަބުން ޤުރައިޝުން އަނިޔާކުރަމުންދިޔަ އަޅުން ބައްލަވައިގަތުމަށް ފަހު މިނިވަންކުރެއްވިއެވެ. އޭގެ ތެރޭގައި ބިލާލް ބުން ރަބާޙާއި، ޢާމިރު ބުން ފުހައިރާއާއި، ބަނޫ މުއައްމިލުގެ ޖާރިޔާ އަދި އެނޫންވެސް ބޭކަލުން ހިމެނެއެވެ. އެކަމާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَسَيُجَنَّبُهَا الْأَتْقَى [١٧] الَّذِي يُؤْتِي مَالَهُ يَتَزَكَّىٰ [١٨] وَمَا لِأَحَدٍ عِندَهُ مِن نِّعْمَةٍ تُجْزَىٰ [١٩] إِلَّا ابْتِغَاءَ وَجْهِ رَبِّهِ الْأَعْلَىٰ [٢٠] وَلَسَوْفَ يَرْضَىٰ [٢١]﴾ [سورة الليل]

މާނަ: “އަދި ތަޤުވާވެރިކަން އެންމެ ބޮޑު މީހާ އެ ނަރަކައާ ދުރުކުރައްވާނެއެވެ. [17] އެ މީހާއީ ޠާހިރުވެގަތުމަށްޓަކައި، އޭނާގެ މުދާ ހޭދަކުރާ މީހާއެވެ. [18] މީހެއްގެ ފަރާތުން އޭނާއަށް ލިބޭނެ ހެޔޮކަމެއްގެ ބަދަލުގައެއް ނޫނެވެ. [19] އެހެނެއްކަމަކު (އޭނާ ހޭދަކުރަނީ) އޭނާގެ ވެރި، މަތިވެރިވަންތަ ރައްބުގެ ވަޖުހުފުޅު އަދައިގެންނެވެ. [20] އަދި ނިކަންހުރެ އޭނާ ރުހޭނެކަން ކަށަވަރެވެ. [21]” [2]

 

ށ. ނަބިއްޔާ صلى الله عليه وسلم ހިޖުރަ ކުރެއްވުމަށް ޢަޒުމުކަނޑައެޅުއްވުމުން، އަބޫބަކުރު رضي الله عنه ގެ ހުރިހާ މުދަލެއް ނަބިއްޔާ صلى الله عليه وسلم ގެ ބެއްލެވުމުގެ ދަށުގައި ބެހެއްޓެވިއެވެ. ދެން ފަހެ، ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ހިޖުރައިގެ ދަތުރުގައި ބައިވެރިވުމުގެ އިޛުނަ އެކަލޭގެފާނަށް ދެއްވިއެވެ.

 

ނ. މަދީނާގައި ތިއްބެވި މުސްލިމުންގެ ތެރެއިން ފަޤީރުންނަށް ހޭދަކުރެއްވިއެވެ. އޭގެ ތެރޭގައި މިސްޠަޙު ބުން އަޘާޘާއާއި އެނޫންވެސް ބޭކަލުން ހިމެނެއެވެ. އިފްކުގެ ޙާދިޘާގެ ތެރޭގައި އެކަލޭގެފާނު، މިސްޠަޙަށް ހޭދަކުރެއްވުން ހުއްޓަވާލެއްވިއެވެ. ފަހެ، ﷲ ތަޢާލާގެ ވަޙީބަސްފުޅު ބާވައިލެއްވިއެވެ.

﴿وَلَا يَأْتَلِ أُولُو الْفَضْلِ مِنكُمْ وَالسَّعَةِ أَن يُؤْتُوا أُولِي الْقُرْبَىٰ وَالْمَسَاكِينَ وَالْمُهَاجِرِينَ فِي سَبِيلِ اللَّـهِ وَلْيَعْفُوا وَلْيَصْفَحُوا أَلَا تُحِبُّونَ أَن يَغْفِرَ اللَّـهُ لَكُمْ﴾ [سورة النور ٢٢]

މާނައީ: “ތިޔަބައިމީހުންގެ ތެރެއިން ދީލަތިކަމާއި ތަނަވަސްކަމުގެ ވެރިން، ގާތްތިމާގެ މީހުންނަށާއި މިސްކީނުންނަށާއި ﷲ ގެ މަގުގައި ހިޖުރަކުޅަ މީހުންނަށް ނުދިނުމަށް ހުވާ ނުކުރާހުށިކަމެވެ! އަދި އެބައިމީހުންނަށް ޢަފޫކޮށް މާފުކުރާހުށިކަމެވެ! ﷲ ތިޔަބައިމީހުންނަށް ފާފަފުއްސަވައިދެއްވުމަށް ތިޔަބައިމީހުން ނޭދެމު ހެއްޔެވެ!”

ދެން ފަހެ، އަބޫބަކުރު رضي الله عنه ވިދާޅުވިއެވެ. “އާދޭހެވެ. ﷲ ގަންދީ ބުނަމެވެ. ﷲ ތިމަންކަލޭގެފާނަށް ފާފަފުއްސަވައިދެއްވުމަށް، ތިމަންކަލޭގެފާނު ލޯބި ކުރައްވަމެވެ.” އަދި އަލުން މިސްޠަޙަށް ހޭދަކުރައްވަން ފެއްޓެވިއެވެ. އަދި ވިދާޅުވިއެވެ. “އެކަލޭގެފާނުގެ މައްޗަށް ހޭދަކުރުން ހުއްޓަވާ ނުލާ ހުށީމެވެ.” [3]    


الخلفاء الراشدون لسليمان بن عبد الله الرومي

މިލިޔުމުގެ އެހެން ބައިތައް

[1]  الإصابة لابن حجر (4 / 147).

[2]  ބައްލަވާ: تفسير القرطبي (20 / 88).

[3]  ބައްލަވާ: تفسير القرطبي (12 / 207).