[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފުރަތަމަ ޚަލީފާ: އަބޫބަކުރު އައްޞިއްދީޤް رضي الله عنه – 6

ތިންވަނައީ: ﷲ ގެ މަގުގައި ޖިހާދުކުރެއްވުން

 

އަބޫބަކުރު رضي الله عنه ގެ ޙަޔާތްޕުޅުން މިބާބުގައި ފާހަގަކޮށްލެވޭ ކަންތައްތައް ނުކުތާތަކެއްގެ ގޮތުގައި ގެނެސްދޭނަމެވެ.

ހ. ނަބިއްޔާ صلى الله عليه وسلم ކުރެއްވި ހުރިހާ ހަނގުރާމަތަކެއްގައި އަބޫބަކުރުގެފާނު ބައިވެރިވެ ވަޑައިގެންނެވިއެވެ.

 

ށ. ޤުރައިޝުންގެ ތެރެއިން ކާފިރުވެ، ނަބިއްޔާ صلى الله عليه وسلم އާ ދެކޮޅުވެރިވީ މީހުންގެ ކިބައިން އެކަލޭގެފާނު ދިފާޢުކޮށްދެއްވާ އެކަލޭގެފާނަށް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި މުޞީބާތްތަކުގައި އެކަލޭގެފާނާއެކު އަބޫބަކުރުގެފާނު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރަސޫލުﷲ صلى الله عليه وسلم އާ ދެކޮޅަށް މުޝްރިކުން ކުރި އެންމެ ބޮޑުކަމަކީ ކޮބާތޯ، ޢުރުވާ ބުން އައްޒުބައިރު، ޢަބްދުﷲ ބުން ޢަމްރު ބުން އަލްޢާޞު رضي الله عنه ގެ އަރިހުގައި ސުވާލު ދެންނެވިއެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ.

“ރަސޫލުﷲ صلى الله عليه وسلم ކަޢުބާގެ ކައިރީގައި ނަމާދުކުރައްވަން ހުންނަވަނިކޮށް ޢުޤުބާ ބުން އަބޫ މުޢައިޠު އެކަލޭގެފާނާ ކުރިމަތިލިއެވެ. ފަހެ، އޭނާ ރަސޫލުﷲ صلى الله عليه وسلم ގެ ކޮނޑުފުޅުގައި ހިފިއެވެ. އަދި އެކަލޭގެފާނުގެ ހެދުން ކޮޅުން އެކަލޭގެފާނުގެ ކަރަށް ބާރުކޮށްލިއެވެ. ފަހެ، އަބޫބަކުރުގެފާނު އޭނާއާ ކުރިމަތިލެއްވިއެވެ. އަދި އޭނާގެ ކޮނޑުގައި ހިފާ ރަސޫލުﷲ صلى الله عليه وسلم ދިފާޢު ކުރެއްވިއެވެ. އަދި ވިދާޅުވިއެވެ.”

﴿أَتَقْتُلُونَ رَجُلًا أَن يَقُولَ رَبِّيَ اللَّهُ وَقَدْ جَاءَكُم بِالْبَيِّنَاتِ مِن رَّبِّكُمْ﴾ [سورة غافر 28]

މާނައީ: “ތިޔަބައިމީހުން މީހަކު ތިޔަ މަރާލަނީ، ތިމަންގެ ރައްބަކީ ﷲ އޭ ބުނެ، ތިޔަބައިމީހުންގެ ރައްބުގެ ޙަޟްރަތުން ފާޅުކަން ބޮޑު ހެކިތަކަކައިގެން ތިޔަބައިމީހުންގެ ގާތަށް އައުމުން ހެއްޔެވެ!” [1]

ދެންފަހެ، ޢުޤުބާއާއި އޭނާއާ އެކުވީ މީހުން ނަބިއްޔާ صلى الله عليه وسلم ދޫކޮށްލާފައި އަބޫބަކުރު رضي الله عنه އާ ކުރިމަތިލިއެވެ. އަދި އެބައިމީހުން އެކަލޭގެފާނުގެ ހަށިކޮޅުގައި ތެޅިއެވެ. [2]

 

ނ. އެ ދެބޭކަލުން ހޯދައި ޤުރައިޝުންނާ ހަވާލުކުރާ މީހަކަށް އަގުހުރި އިނާމު ހުށަހަޅާފައިވާކަން އެނގިވަޑާއިގަންނަވާ ޙާލު، ހޮހޮޅައިގައި އަދި ހިޖުރައިގެ ދަތުރުގައި ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި އެކަލޭގެފާނު ހުންނެވިއެވެ.

 

ރ. ބަދުރު ހަނގުރާމާއިގައި ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ ރައްބަށް މުނާޖާ ދަންނަވާ، ދުޢާ ކުރެއްވުމުގައި ދެމިހުންނެވިއިރު އެކަލޭގެފަނުގެ އަރިހުގައި އަބޫބަކުރުގެފާނު ހުންނެވިއެވެ. އަދި އެކަލޭގެފާނުގެ ރިދާކޮޅު ކޮނޑުފުޅުން ވެއްޓުމުން އަބޫބަކުރު رضي الله عنه ވަޑައިގެން ރިދާކޮޅު ނަންގަވާ އެކަލޭގެފާނުގެ ކޮނޑުފުޅުގައި އަޅުއްވައިދެވުމަށް ފަހު އެކަލޭގެފާނުގެ އަރިހުގައި ހުންނެވިއެވެ. އަދި ވިދާޅުވިއެވެ.

“يَا نَبِيَّ اللهِ، كَذَاكَ [3] مُنَاشَدَتَكَ رَبِّكَ، فَإِنَّهُ سَيُنْجِزُ لَكَ مَا وَعَدَكَ”. [4]

މާނައީ: “އޭ ﷲ ގެ ނަބިއްޔާއެވެ! ކަލޭގެފާނު، ކަލޭގެފާނުގެ ރައްބުގެ ޙަޟްރަތުގައި ތިޔަ ދެންނެވީއެވެ. ފަހެ އެއިލާހު ކަލޭގެފާނަށް ވަޢުދުވެވޮޑިގެންނެވި ކަންތައް ކޮށްދެއްވާނެއެވެ.”

 

ބ. ޙުނައިނު ހަނގުރާމައިގެ ދުވަހު، ޘާބިތުވެ ތިއްބެވި މަދު ބޭކަލުންގެ ތެރޭގައި އަބޫބަކުރުގެފާނު ވިއެވެ. [5] އެދުވަހަކީ ވަރަށް ގިނަ މުސްލިމުން ފުރަގަސްދީ، ދުވެފިލަން ދިޔަ ދުވަހެކެވެ. އެކަން އެގޮތަށް ﷲ ތަޢާލާ މެދުވެރިކުރެއްވީ އެބޭކަލުން އަދަބުވެރިކުރެއްވުމުގެ ގޮތުންނެވެ. އެއީ އެބޭކަލުންގެ ޢަދަދުގެ ގިނަކަމުން އެކަމާ އެބޭކަލުން ހެއްލުންތެރިވުމުންނެވެ.

 

ޅ. ޖިހާދުގައި އެކަލޭގެފާނުގެ ހިތްވަރުގަދަކަން ދައްކުވައިދިން އެންމެ އަލިގަދަ އެއްކަމަކީ، الرِّدَّة ގެ ފިތުނައިގެ ސަބަބުން ޞަޙާބީންގެ މެދުގައި އުފެދުނު ޚިޔާލު ތަފާތުވުމާ އެކުވެސް އުސާމާގެފާނު އިސްކުރައްވާ ލަޝްކަރު ފޮނުއްވުމެވެ. މަދީނާގައި އެބޭކަލުން ތިއްބެވުން އެދެވިގެންވާކަމަށް، ޞަޙާބީންގެ ތެރެއިން ބައެއް ބޭކަލުން މަޝްވަރާދެއްވުމާއެކުވެސް، އެކަލޭގެފާނު ލަޝްކަރު ފޮނުއްވީ، މުސްލިމުން ހައިބަތު ޢަދުއްވުންގެ ހިތްތަކަށް ވެއްދެވުމަށްޓަކައެވެ.

 

ކ. ހަމަ އެފަދައިން މުރުތައްދުވީ މީހުންނާމެދު އިހުމާލު ނުކުރައްވާ، الرِّدَّة ގެ ފިތުނައަށް ފަހު، ޢަރަބި ޖަޒީރާ އަނބުރާ އިސްލާމްދީނަށް ގެންނެވުން ހިމެނެއެވެ. ފަހެ، މިކަމުގައި އެކަލޭގެފާނު ނެންގެވި ފިޔަވަޅަކީ އިސްލާމްދީން ހިމާޔަތްކުރައްވަން ﷲ ތަޢާލާ މެދުވެރިކުރެއްވި ސަބަބެކެވެ.


الخلفاء الراشدون لسليمان بن عبد الله الرومي

 

މިލިޔުމުގެ އެހެން ބައިތައް

 

[1]  رواه البخاري (4815).

[2]  ބައްލަވާ: فتح الباري لابن حجر (7 / 207).

[3]     އަންނަވަވީ ވިދާޅުވިއެވެ. “ޞަޙީޙު މުސްލިމު ރިވާކުރެއްވި ގިނަ ބޭކަލުންގެ ފޮތްތަކުގައިވަނީ މިފަދައިން (ذ) އެވެ. އަދި ބައެއް ބޭކަލުން كَفَاكَ (މާނައީ: ކަލޭގެފާނަށް ފުދެއެވެ.) މިފަދައިންވެސް ގެންނަވާފައިވެއެވެ.” (شرح صحيح مسلم للنووي (12 / 85)).

[4]     مسلم، الصحيح، 3/1384

[5]     ބައްލަވާ: فتح الباري لابن حجر (7 / 624).