[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފުރަތަމަ ޚަލީފާ: އަބޫބަކުރު އައްޞިއްދީޤް رضي الله عنه – 9

އެކަލޭގެފާނު ޚަލީފާކަމުގެ ބައިޢަތު ހިއްޕެވުން” title_size=”h3″ separator_style=”disabled” title_bg=”enabled” separator_color=”accent”]

ނަބިއްޔާ صلى الله عليه وسلم އަވަހާރަވުމުން އެޚަބަރު މަދީނާގައި ފެތުރުނެވެ. އަދި މީސްތަކުންގެ ތެރެއިން ބައެއްމީހުން އެޚަބަރު ތެދުކުރިއިރު އަނެއް ބަޔަކު އެޚަބަރު ދޮގުކުރިއެވެ. އެވަގުތު އަބޫބަކުރު رضي الله عنه ހުންނެވީ السنح ގައެވެ.[1] އެކަލޭގެފާނަށް އެޚަބަރު ލިބިވަޑައިގަތުމުން ސަވާރީއަށް އަރާވަޑައިގެން ޢާއިޝާ رضي الله عنها ގެ ގެކޮޅަށް ވަޑައިގެންނެވިއެވެ. ދެން ފަހެ، އިޛުނަ ހޯއްދަވާ އެތެރެއަށް ވެދެވަޑައިގެންނެވިއިރު ނަބިއްޔާ صلى الله عليه وسلم ގެ ހަށިކޮޅުވަނީ ނިވާކުރައްވާފައެވެ. ފަހެ، އެކަލޭގެފާނު ނަބިއްޔާ صلى الله عليه وسلم ގެ މަތިން އަޅާފައިވާ ފޮތިގަނޑު ކަޝްފުކުރައްވާ އެކަލޭގެފާނަށް ބޮސްދެއްވިއެވެ. އަދި ވިދާޅުވިއެވެ.

“بِأَبِي أَنْتَ وَأُمِّي، طِبْتَ حَيًّا وَمَيِّتًا، وَالَّذِي نَفْسِي بِيَدِهِ لاَ يُذِيقُكَ اللَّهُ المَوْتَتَيْنِ أَبَدًا”

މާނައީ: “ތިމަންކަލޭގެފާނުގެ ބައްޕައާއި މަންމަވެސް ކަލޭގެފާނަށްޓަކައި ފިދާވެގެންވެއެވެ.[2] ދިރިހުންނެވިއިރުވެސް މަރުވުމަށްފަހުގައިވެސް ކަލޭގެފާނު ތިޔަވަނީ ހެޔޮކަމުގައެވެ. ތިމަންކަލޭގެފާނުގެ ނަފްސު އެއިލާހެއްގެ އަތްޕުޅުގައިވާ އިލާހު ގަންދީ ބުނަމެވެ. ﷲ ތަޢާލާ، ކަލޭގެފާނަށް ދެމަރުގެ ރަހަ ނުދައްކަވާ ހުއްޓެވެ.”

ދެން އެއަށްފަހު މީސްތަކުންގެ ތެރެއަށް ނުކުމެވަޑައިގެންނެވިއެވެ. – އެވަގުތު ޢުމަރު رضي الله عنه ހުންނެވީ ނަބިއްޔާ صلى الله عليه وسلم އަވަހާރަވީ ޚަބަރު ދޮގުކުރައްވާށެވެ. – ފަހެ، ﷲ އަށް ޙަމްދު ޘަނާ ކިޔުމަށްފަހު އެކަލޭގެފާނު ވިދާޅުވިއެވެ.

“أَلا مَنْ كَانَ يَعْبُدُ مُحَمَّدًا صَلَّى اللهُ عَلَيْهِ وَسَلَّمَ فَإِنَّ مُحَمَّدًا قَدْ مَاتَ، وَمَنْ كَانَ يَعْبُدُ اللَّهَ فَإِنَّ اللَّهَ حَيٌّ لاَ يَمُوتُ، وَقَالَ: ﴿إِنَّكَ مَيِّتٌ وَإِنَّهُم مَّيِّتُونَ﴾ [سورة الزمر ٣٠]، وَقَالَ: ﴿وَمَا مُحَمَّدٌ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ الرُّسُلُ  أَفَإِن مَّاتَ أَوْ قُتِلَ انقَلَبْتُمْ عَلَىٰ أَعْقَابِكُمْ وَمَن يَنقَلِبْ عَلَىٰ عَقِبَيْهِ فَلَن يَضُرَّ اللَّـهَ شَيْئًا وَسَيَجْزِي اللَّـهُ الشَّاكِرِينَ﴾ [سورة آل عمران ١٤٤]”

މާނައީ: “މުޙައްމަދު صلى الله عليه وسلم އަށް އަޅުކަންކުރާމިހާ ދަންނައެވެ. ފަހެ، ހަމަކަށަވަރުން މުޙައްމަދުގެފާނު އަވަހާރަވެއްޖެއެވެ. އަދި ﷲ އަށް އަޅުކަންކުރާމީހާ ދަންނައެވެ. ފަހެ، ހަމަކަށަވަރުން ﷲ އީ އަވަހާރަވުމެއް ނުވާ، ދިރިދެމިވޮޑިގެންވާ އިލާހެވެ. އަދި ކިޔަވާ ވިދާޅުވިއެވެ.﴿إِنَّكَ مَيِّتٌ وَإِنَّهُم مَّيِّتُونَ﴾ [سورة الزمر ٣٠] [މާނައީ: “ހަމަކަށަވަރުން ކަލޭގެފާނީ، އަވަހާރަވާނޭ ބޭކަލެކެވެ. އަދި ހަމަކަށަވަރުން، އެބައިމީހުންނީވެސް މަރުވާނޭ ބަޔެކެވެ.”] އަދި ވިދާޅުވިއެވެ. ﴿وَمَا مُحَمَّدٌ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ الرُّسُلُ  أَفَإِن مَّاتَ أَوْ قُتِلَ انقَلَبْتُمْ عَلَىٰ أَعْقَابِكُمْ وَمَن يَنقَلِبْ عَلَىٰ عَقِبَيْهِ فَلَن يَضُرَّ اللَّـهَ شَيْئًا وَسَيَجْزِي اللَّـهُ الشَّاكِرِينَ﴾ [سورة آل عمران ١٤٤] [މާނައީ: “ރަސޫލަކު ކަމުގައި މެނުވީ މުޙައްމަދުގެފާނު ނުވެއެވެ. ހަމަކަށަވަރުން އެކަލޭގެފާނުގެ ކުރިންވެސް ރަސޫލުން އިސްވެގޮސްފައިވެއެވެ. ފަހެ، އެކަލޭގެފާނު އަވަހާރަވެއްޖެނަމަ ނުވަތަ ޤަތުލުވެއްޖެނަމަ، ތިޔަބައިމީހުން (ކާފިރުވުމަށް) ފަހަތަށް އެނބުރި ގަންނަންވީ ހެއްޔެވެ؟ އަދި ފަހަތަށް އެނބުރިގަންނަ މީހާ ދަންނާށެވެ! ފަހެ، އެމީހަކަށް އެއްވެސް ކަމަކުން ﷲ އަށް ގެއްލުމެއް ނުދެވޭނެއެވެ. ޝުކުރުކުރާ މީހުންނަށް ﷲ ޖަޒާ ދެއްވާނެއެވެ.”]”

ދެން ފަހެ، މީސްތަކުން ހަމަޖެހުނެވެ. އަދި ޢުމަރު رضي الله عنه ވެސް އިށީނދެވަޑައިގެންނެވިއެވެ. ފަހެ، އެކަލޭގެފާނަށް މީގެ ކުރިން އެއާޔަތް އަޑުއިވިފައިނުވާފަދައެވެ.[3]

އޭރު އަންޞާރުން ތިއްބެވީ ސަޢުދު ބުން ޢުބާދާ رضي الله عنه އަށް ބައިޢަތު ހިއްޕެވުމަށްޓަކައި ސަޤީފާ ބަނީ ސާޢިދާއަށް ޖަމާވެގެންނެވެ. އެއީ މަދީނާގެ އަހުލުވެރިން ކަންތައްކޮށް އުޅުނު ގޮތަށް، މުސްލިމުންގެ ކަންތައްތައް ބެލެހެއްޓުމާއި އެބައިމީހުން އެއްބައިވަންތަ ކުރުމަށްޓަކައި، އެބައިމީހުންގެ ތެރެއިން ޚަލީފާއެއް އިޚްތިޔާރުކުރުމަކީ ޟަރޫރީ ކަމެއްކަމުގައި ދެކިވަޑައިގެންނެވެ. އަދި ނަބިއްޔާ صلى الله عليه وسلم އަވަހާރަވުމުން މުހާޖިރުން އެނބުރި މައްކާއަށް ހިނގައިދާނެކަމަށް އެބައިމީހުންނަށް ހީވިކަމުގައިވެސް ވެދާނެއެވެ. އެހެނީ އެބޭކަލުން ހިޖުރަކުރެއްވީ އެކަލޭގެފާނަށް ނަޞްރުދެއްވުމަށްޓަކައެވެ.

މުހާޖިރުންނާމެދު ދަންނައެވެ. އެބޭކަލުންގެ ވިސްނުމުގައި އެފަދަކަމެއް އެވަގުތަކު ނެތެވެ. އެބޭކަލުންގެ ތެރެއިން ބައެއް ބޭކަލުން އަވަދިނެތި އުޅުއްވީ ނަބިއްޔާ صلى الله عليه وسلم ފަސްދާނުވެޑުވުމުގެ ކަންކަން ތައްޔާރުކުރުމުގައެވެ. އަދި ބައެއް ބޭކަލުންނަށް ލިބުނު ހިތާމައިގެ ބޮޑުކަމުން އަމިއްލަ ނަފްސުގެ މައްޗަށް އެބޭކަލުންނަށް ބާރު ނުފޯރުވެއެވެ. އަދި ނަބިއްޔާ صلى الله عليه وسلم ފަސްދާނުވެޑުވުމުގެ ކަންކަން ނުނިމޭތީއާއެކު، ޚަލީފައެއް އިޚްތިޔާރު ކުރުމާމެދު ބައެއް ބޭކަލުން އެއްގޮތަކަށްވެސް ނުވިސްނަވައެވެ.[4]

އަދި ހަމައެއާކު، ޚަލީފާކަމަށް އިސްކުރައްވާނެ ބޭކަލަކާމެދު މަޝްވަރާކުރެއްވުމަށް، މުހާޖިރުންގެ ތެރެއިން ބައެއް ބޭކަލުން އެވަގުތު ތިއްބެވީ އަބޫބަކުރު رضي الله عنه ގެ އަރިހުގައެވެ. ފަހެ، އަންޞާރުން ސަޤީފާގައި ތިއްބެވިކަން އެނގިވަޑައިގަތުމުން އެތަނަށް އެބޭކަލުން ވަޑައިގެންނެވިއެވެ. އެބޭކަލުންގެ ތެރެއިން އިސްކޮށްތިއްބެވީ އަބޫބަކުރު، ޢުމަރު އަދި އަބޫ ޢުބައިދާ رضي الله عنهم އެވެ. އެބޭކަލުން އެތަނަށް ވަޑައިގެންނެވި މަގުތީގައި ޢުވައިމިރު ބުން ސާޢިދާއާއި މަޢުން ބުން ޢަދިއްޔުއާ ބައްދަލުވިއެވެ. އެދެބޭކަލުން މުހާޖިރުންނަށް ދެންނެވީ އަންޞާރުންގެ ގާތަށް އެތަނަށް ވަޑައިނުގެން އެކަން ނިންމެވުމަށެވެ.[5] – މިކަމުން އެނގިގެންދަނީ އެއީ ޤުރައިޝުންގެ ޙައްޤެއްކަން އެނގިވަޑައިގަންނަވާ ބޭކަލުން އަންޞާރުންގެ ތެރޭގައިވެސް ތިއްބެވިކަމެވެ.[6] – ނަމަވެސް މުހާޖިރުންނަށް ފެނިވަޑަިއގެންނެވީ އެކަމުގައި އަންޞާރުންނާ ވާހަކަ ދެއްކެވުމަށެވެ. ފަހެ، އެބޭކަލުންނަށް އެތަނަށް ވަޑައިގެންނެވުމުން، އެންމެ ޙައްޤުކަން ބޮޑީ ކޮން ގޮތެއް ކަމާމެދު ދެބައިމީހުންގެ ދެމެދުގައި ޚިޔާލުތަފާތުވުމެއް ހިނގިއެވެ. އަންޞާރުންގެ ތެރެއިން ވާހަކަ ދެއްކެވުމުގައި އިސްކޮށް ތިއްބެވީ އަލްޙުބާބު ބުން މުންޛިރާއި ބަޝީރު ބުން ސަޢުދެވެ. އަދި މުހާޖިރުންގެ ތެރެއިން އަބޫބަކުރާއި ޢުމަރެވެ. رضي الله عنهم.

އަންޞާރުން ހުށަހެޅުންވީ ދެބައިމީހުންކުރެ ކޮންމެ ބަޔަކުން ބޭކަލަކު ނެންގެވުމަށެވެ. ނަމަވެސް އެކަމަށް އެންމެ ޙައްޤުކަން ބޮޑީ ޤުރައިޝުންނަށްކަން އަބޫބަކުރު رضي الله عنه ބަޔާންކޮށްދެއްވިއެވެ.[7] އެއީ އެފަދައިން ވާރިދުވެފައިވާ ޙަދީޘްތައް ހުރުމުންނެވެ. އޭގެ ތެރެއިން ބައެއް ޙަދީޘްތަކަކީ:

– އިބްނު ޢުމަރު رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«لاَ يَزَالُ هَذَا الأَمْرُ فِي قُرَيْشٍ مَا بَقِيَ مِنْهُمُ اثْنَانِ»[8]

މާނައީ: “މިކަން (އެބަހީ: އިސްލާމީ ޚިލާފަތު) އޮންނަން ޖެހޭނީ ޤުރައިޝުންގެ ތެރޭގައެވެ. އެއީ އެމީހުންގެ ތެރެއިން އެންމެ ދެމީހުން ބާކީ ތިއްބަސްމެއެވެ.”

– ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވަނިކޮށް އަޑުއެއްސެވިކަމަށް، މުޢާވިޔާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ.

«إِنَّ هَذَا الأَمْرَ فِي قُرَيْشٍ لاَ يُعَادِيهِمْ أَحَدٌ، إِلَّا كَبَّهُ اللَّهُ عَلَى وَجْهِهِ، مَا أَقَامُوا الدِّينَ»[9]

މާނައީ: “ހަމަކަށަވަރުން މިކަން (އެބަހީ: އިސްލާމީ ޚިލާފަތު) އޮންނަން ޖެހޭނީ ޤުރައިޝުންގެ ތެރޭގައެވެ. އެބައިމީހުން ދީން ޤާއިމުކުރާހާ ހިނދަކު، އެބައިމީހުންނާ އެކަކުވެސް ދެކޮޅުވެރިވެއްޖެނަމަ ދަންނައެވެ. ﷲ ތަޢާލާ، އެމީހަކު މޫނުވަތަށް ތިރިކުރައްވާ ހުއްޓެވެ.”

އައްޞިއްދީޤު رضي الله عنه އެކަން ބަޔާންކޮށްދެއްވުމުން އަންޞާރުން، މުހާޖިރުންގެ މައްޗަށް އެޙައްޤު ދޫކޮށްލެއްވިއެވެ. ދެން ފަހެ، އަބޫބަކުރު رضي الله عنه ދެ ބޭކަލެއްގެ ނަން ހުށަހެޅުއްވިއެވެ. އެއީ ޢުމަރާއި އަބޫ ޢުބައިދާ رضي الله عنهما އެވެ. ޢުމަރު رضي الله عنه ވިދާޅުވިއެވެ.

“بَلْ نُبَايِعُكَ أَنْتَ، فَأَنْتَ سَيِّدُنَا، وَخَيْرُنَا، وَأَحَبُّنَا إِلَى رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ”[10]

މާނައީ: “ކިއެއް ހެއްޔެވެ. ތިމަންމެން ބައިޢަތު ހިފާނީ ކަލޭގެފާނަށެވެ. ފަހެ، ކަލޭގެފާނަކީ ތިމަންމެންގެ ސާހިބާއެވެ. އަދި ތިމަންމެންގެ އެންމެ ހެޔޮމީހާއެވެ. އަދި ތިމަންމެންގެ ތެރެއިން ﷲ ގެ ރަސޫލާ  صلى الله عليه وسلم އެންމެ ލޯބިވެވޮޑިގަންނަވާ ބޭކަލެވެ.”

ދެން އެއަށްފަހު، ޢުމަރު رضي الله عنه އެކަލޭގެފާނަށް ބައިޢަތު ހިއްޕެވިއެވެ. އަދި މީސްތަކުންވެސް އެކަލޭގެފާނަށް ބައިޢަތު ހިއްޕެވިއެވެ.[11] މިއީ ސަޤީފާ ބަނީ ސާޢިދާގައި ހިއްޕެވި ޚާއްޞަ ބައިޢަތެވެ. ދެން ޖެހިގެން އައި ދުވަހު މިސްކިތުގައި ޢާންމު ބައިޢަތު ހިއްޕަވާ ޚަލީފާކަމާ ހަވާލުވެވަޑައިގެންނެވިއެވެ.

އެކަލޭގެފާނަށް ބައިޢަތު ހިއްޕެވި ބޭކަލުންގެ ތެރޭގައި ޢަލީ رضي الله عنه ހިމެނިވަޑައިގަންނަވައެވެ. އެކަލޭގެފާނުގެ މީގެ ތެރެއިން ދެ ބައިޢަތުގައިވެސް ބައިވެރިވެވަޑައިގެންފައެވެ. އެއީ މިސްކިތުގައި މީސްތަކުންނާއެކު ހިއްޕެވި ބައިޢަތާއި ފާޠިމާ رضي الله عنهما އަވަހާރަވުމުން ހިއްޕެވި ބައިޢަތެވެ. އެބައިޢަތު ހިއްޕެވީ ފުރަތަމަ ބައިޢަތު ކަށަވަރުކޮށްދެއްވުމަށެވެ.[12]

މިތަނުގައި އަބޫބަކުރު رضي الله عنه ގެ މާތްކަމާއި އިސްކަމާ ބެހޭގޮތުން ޢުމަރުގެފާނު އެބަޔާންކޮށްދެވި ވާހަކައިން އެނގިގެންދަނީ އެކަލޭގެފާނުގެ މާތްކަމާ ބެހޭގޮތުން ނަބިއްޔާ صلى الله عليه وسلم ކުރެއްވި އިޝާރާތަށް އެބޭކަލުން ބުރަވެވަޑައިގެންނެވިކަމެވެ. އަދި އެއިން ޘާބިތުވަނީ ބައެއް ބޭކަލުން ވިދާޅުވާ ފަދައިން އެކަލޭގެފާނުގެ ޚިލާފަތު ޘާބިތުވެފައިވަނީ ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުން ޘާބިތުވެފައިވާ ޞަރީޙަ ނައްޞަކުން ނޫނެވެ. ނުވަތަ އެފަދަ އެއްވެސް އިޝާރާތެއް ނެތި އެބޭކަލުން އިޚްތިޔާރުކުރެއްވީވެސް ނޫނެވެ.[13]


الخلفاء الراشدون لسليمان بن عبد الله الرومي

މިލިޔުމުގެ އެހެން ބައިތައް

[1]  އެއީ މަދީނާގެ ޢާލިޔާއޭ ކިޔުނު ސަރަހައްދެވެ.

[2]  މިއީ ޢަރަބި ބަހުގައި މީހަކަށް ޤަދަރުކުރުމަށްޓަކައި ބުނެ އުޅޭ ޢިބާރާތެކެވެ.

[3]  انظر: البخاري، الصحيح، 5/70-71.

[4]  انظر: محمود شاكر، الخلفاء الراشدون ص 49-51.

[5]  انظر: البخاري، الصحيح، 1/70.

[6]  انظر: ابن حجر، فتح الباري، 7/37.

[7]  انظر: البخاري، الصحيح، 1/70.

[8]  البخاري، الصحيح، 9/112. ومسلم بنحوه، الصحيح، 3/1452.

[9]  البخاري، الصحيح، 9/112.

[10]  البخاري، الصحيح، 5/71، وانظر للتوسع في بيعة أبي بكر رضي الله عنه/ فتح الباري لابن حجر 7/36-40

[11]  انظر: البخاري، الصحيح، 1/71.

[12]  انظر: ابن حجر، فتح الباري، 7/566، وابن كثير،البداية والنهاية، 6/306-307

[13]  انظر: ابن أبي العز، شرح العقيدة الطحاوية، 2/707