[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފުރަތަމަ ޚަލީފާ: އަބޫބަކުރު އައްޞިއްދީޤް رضي الله عنه – 12

ފުރަތަމައީ: އުސާމާގެފާނު އިސްކުރައްވާ ލަޝްކަރު ފޮނުއްވުން.

އުސާމާގެފާނަކީ ޒައިދު ބުން ޙާރިޘާގެ ދަރިކަލުންނެވެ. އެކަލޭގެފާނުގެ މަންމާފުޅަކީ އުންމު އައިމަން (ބަރަކާ)އެވެ. ނަބިއްޔާ صلى الله عليه وسلم ތުއްޕުޅުއިރު އެކަމަނާ އެކަލޭގެފާނު ބެލެހެއްޓެވިއެވެ. އެކަލޭގެފާނަކީ ރަސޫލުﷲ صلى الله عليه وسلم ލޯބިފުޅުވާ ބޭކަލެއްގެ ދަރިކަލެކެވެ. އަދި އެކަލޭގެފާނު ދެކެވެސް ރަސޫލުﷲ صلى الله عليه وسلم ލޯބިފުޅުވެއެވެ.[1]

މިލަޝްކަރު ފޮނުއްވީ ޝާމްކަރައިގެ ދެކުނުގައި، މުއުތާއާ[2] ދިމައިގައި އުޅޭ ޤުޟާޢާގެ ޤަބީލާތައް އަދަބުވެރިކުރުވުމަށެވެ. އެއީ މުއުތާ ހަނގުރާމައިގައި އެބައިމީހުން މުސްލިމުންގެ ލަޝްކަރާ ދެކޮޅަށް ރޫމީންނަށް ވާގިވެރިވުމުންނެވެ. އެހަނގުރާމަ ހިނގީ ހިޖުރައިން 8 ވަނަ އަހަރުގެ ޖުމާދަލްއޫލާގައެވެ. އެހަނގުރާމަައިގައި މުސްލިމުންގެ ލަޝްކަރުގެ ޤާއިދުންނަށް ތިއްބެވި އުސާމާގެފާނުގެ ބައްޕާފުޅާއި، ޖަޢުފަރު ބުން ޢަބީޠާލިބާއި، ޢަބްދުﷲ ބުން ރަވާޙާ ޝަހީދުވިއެވެ. ލަޝްކަރުގައި ދެން ތިއްބެވި ބޭކަލުން ގޮވައިގެން ޚާލިދުގެފާނުވަނީ އެނބުރިވަޑައިގެންފައެވެ.

މިލަޝްކަރު ތައްޔާރުކުރެއްވީ ހިޖުރައިން 10 ވަނަ އަހަރު ނަބިއްޔާ صلى الله عليه وسلم ޙައްޖަތުލްވަދާޢުން އެނބުރި ވަޑައިގަތުމަށްފަހުގައެވެ. މިލަޝްކަރު ތައްޔާރު ކުރައްވަމުން އުސާމާގެފާނު ލަޝްކަރުގެ އަމީރަކަށް ހަމަޖެއްސެވިއެވެ. އޭރު އެކަލޭގެފާނުގެ އުމުރުފުޅުން 20 އަހަރުވެސް ނުވެއެވެ. އެކަލޭގެފާނުގެ ޤިޔާދަތުގެ ދަށުގައި އަބޫބަކުރުގެފާނާއި ޢުމަރުގެފާނުފަދަ މުހާޖިރުންނާއި އަންޞާރުންގެ ތެރެއިން އުމުރުން ދޮށީ ގިނަ ޢަދަދެއްގެ ބޭކަލުން ތިއްބެވިއެވެ. އެހެންކަމުން އެކަލޭގެފާނު އަމީރަކަށް ހަމަޖެއްސެވުމުން އެކަމާ ބައެއް ބޭކަލުން ވާހަކަދެއްކެވިއެވެ. ނަމަވެސް ނަބިއްޔާ صلى الله عليه وسلم އެކަން ބަލައި ނުގެންނެވިއެވެ. އަދި އެކަލޭގެފާނަށް ހެޔޮކޮށް ހިއްތެވުމަށް ވަޞިއްޔަތްކުރެއްވިއެވެ.[3]

ނަބިއްޔާ صلى الله عليه وسلم ގެ މިޢަމަލުފުޅަކީ އުންމަތަށް ދެއްވި ފިލާވަޅެކެވެ. އެއީ އެއަށްވުރެ މާތްމީހުން ތިބިކަމުގައިވިޔަސް އެހެންމީހަކު އިސްކުރުމަކީ ހުއްދަކަމެއްކަން ބަޔާންކުރެއްވުމެވެ. ވަކިން ޚާއްޞަކޮށް އެކަމުގައި މަޞްލަޙަތެއްވާނަމައެވެ.

މިލަޝްކަރު ދިޔުން ލަސްވީ ނަބިއްޔާ صلى الله عليه وسلم ގެ އާލާސްކަންފުޅުގެ ސަބަބުންނެވެ. ފަހެ، ނަބިއްޔާ صلى الله عليه وسلم އަވަހާރަވުމުން، އުސާމާގެފާނު ލަޝްކަރާއެކު މަދީނާގެ އުތުރުގައިވާ ޖުރުފުގައި މަޑުކުރެއްވިއެވެ. ފަހެ، އަބޫބަކުރު رضي الله عنه  ޚަލީފާކަމާ ހަވާލުވެވަޑައި ގެންނެވުމުން، އެލަޝްކަރު ނުފޮނުއްވާ މަދީނާ ހިމާޔަތްކުރެއްވުމަށް އެބޭކަލުން މަދީނާގައި މަޑުކުރެއްވުމަށް، ޢުމުރުން ދޮށީ ބޭކަލުން އެކަލޭގެފާނަށް ލަފާދެއްވިއެވެ. އެއީ ޚާއްޞަކޮށް ޢަރަބި ޖަޒީރާގެ އެކި ފަރާތް ފަރާތުގައި الرِّدَّة (މުރުތައްދުވާ މީހުން)ގެ ފިތުނަ ފެތުރެން ފެށުމުންނެވެ. އެބޭކަލުންނަށް ޖަވާބު ދެއްވަވަމުން އެކަލޭގެފާނު ވިދާޅުވިއެވެ.  “ރަސޫލާ صلى الله عليه وسلم ތައްޔާރުކުރެއްވި ލަޝްްކަރެއް ތިމަންކަލޭގެފާނު އުވާ ނުލައްވާނަމެވެ.” އެކަމުގައި އެކަލޭގެފާނުގެ ޢަޒުމް ފެނުމުން އެބޭކަލުން އެދުނީ އެލަޝްކަރުގެ އަމީރު ބަދަލުކުރެއްވުމަށެވެ. ނަމަވެސް އެކަމަށްވެސް އެކަލޭގެފާނު އިންކާރުކުރެއްވިއެވެ.

ޢުމަރުގެފާނު މަދީނާގައި ބެހެއްޓެވުމަށް އަބޫބަކުރުގެފާނު، އުސާމާ ބުން ޒައިދުގެ އަރިހުން އިޛުނައަށް އެދިވަޑައިގަތުމުން އެކަލޭގެފާނު އެކަމުގެ އިޛުނަދެއްވިއެވެ. ދެންފަހެ، އެލަޝްކަރަށް އަލްވަދާޢު ކިޔުމަށް އެލަޝްކަރާއެކު އަބޫބަކުރު رضي الله عنه ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވަޑައިގެންނެވީ ފައިމަގުގައި ހިންގަވާފައެވެ. އަދި އުސާމާ رضي الله عنه ވަޑައިގެންނެވީ ސަވާރީގައެވެ. ފަހެ، އެކަލޭގެފާނު އަބޫބަކުރު رضي الله عنه އަށް ދެންނެވިއެވެ. “ކަލޭގެފާނު ސަވާރީއަށް އަރާވަޑައިގަންނަވާށެވެ. ނޫނީ ތިމަން ސަވާރީން ފައިބާނަމެވެ.” އަބޫބަކުރު رضي الله عنه ވިދާޅުވިއެވެ. “ﷲ ގަންދީ ބުނަމެވެ. ކަލޭގެފާނު ނުފައިބާނެއެވެ. އަދި ތިމަންކަލޭގެފާނު ސަވާރުވެސް ނުވާނަމެވެ.” އަދި ޚިޔާނާތްތެރިނުވުމަށާއި ޣައްދާރުނުވުމަށާއި ޣަނީމާބަހާއިރު ޚިޔާނާތްތެރިނުވުމަށާއި މަރުވެފައިވާ މީހުންގެ ހަށިތަކަށް ގޮތްގޮތް ނެހެދުމަށާއި ކުޑަކުދިންނާއި މުސްލިމުން ނުމެރުމަށާއި ކަދުރު ރުށް ނުކެނޑުމަށާއި ނުއެންދުމަށާއި އެބައިމީހުންނާ ހަނގުރާމަކުރުމަށް ތައްޔާރުވި ބަޔަކާ މެނުވީ ހަނގުރާމަ ނުކުރުމަށާއި ފާޅުވެގެންވާ ޢަދާވާތްތެރިންނަށް މެނުވީ ހަނގުރާމަ ނުކުރުމަށް އުސާމާ ބުން ޒައިދާއި އެކަލޭގެފާނުގެ ލަޝްކަަރަށް އަބޫބަކުރުގެފާނު ވަޞިއްޔަތްކުރެއްވިއެވެ.

އުސާމާ رضي الله عنه ލަޝްކަރާއެކު މަދީނާއިން ނުކުމެވަޑައިގެން ގާތްގަނޑަކަށް 40 ދުވަސް ހޭދަކުރެއްވިކަމަށް ޛިކުރުކުރެވިގެންވެއެވެ. އަދި 70 ދުވަސްކަމަށްވެސް ބުނެވެއެވެ. އަދި އޭގެ ފަހުން ކާމިޔާބާއި ނަޞްރު ލިބިވަޑައިގެން މަދީނާއަށް ވަޑައިގެންނެވިއެވެ.[4]

މިލަޝްކަރު ފޮނުވުމުގެ އާޚިރު ނަތީޖާ މުސްލިމުންނަށް ފެނުނީ ވަރަށް ރަނގަޅަށެވެ. އެބޭކަލުންގެ ބާރުގަދަކަން ފާޅުވެ، ޤަބީލާތަކުގެ ތެރެއިން މަދީނާއަށް ހަމަލާދޭން ޤަޞްދުކުރި މީހުން މިކަމާ ހުރެ ބިރުގަތެވެ.

އަބޫބަކުރުގެފާނު މިލަޝްކަރު ފޮނުއްވީ ނަބަވީ އިރުޝާދުގައި ހިއްޕެވުމުގެ ގޮތުންނެވެ. އަދި އެކަލޭގެފާނު ސުންނަތަށް ތަބާވެވަޑައިގަންނަވާނެކަމާއި އެކަމަށް އިހުމާލު ނުވާނެކަން ފާޅުކުރެއްވުމުގެ ގޮތުންނެވެ. އެކަލޭގެފާނު މާއްދީ ގޮތުން ވިސްނެވިކަމުގައިވާނަމަ އެލަޝްކަރު ނުފޮނުއްވީހެވެ. މިކަމުން ފެނިގެންދިޔައީ ނައްޞުތަކުގައި ހިފެހެއްޓުމުގެ ފައިދާއެވެ. ކުރީކޮޅު ޚިލާފު ފާޅުވިކަމުގައިވިޔަސް ނައްޞުތަކަށް ތަބާވުމުގައި ހެޔޮކަން މެނުވީ ނުވެއެވެ.


الخلفاء الراشدون لسليمان بن عبد الله الرومي

މިލިޔުމުގެ އެހެން ބައިތައް

[1]ابن حجر، الإصابة، 1/46

[2]  މުއުތާއަކީ “ޑެޑްސީ”ގެ އިރުމަތީގައި އުރުދުންގައިވާ ރަށެކެވެ. انظر: دز حسين مؤنس، أطلس تاريخ الإسلام، ص: 108.

[3]  انظر: أحمد عبد الرحمن ألبنا، الفتح الرباني، 22/199.

[4]  انظر: ابن كثير، البداية والنهاية، 6/308-309.