އަލްއަޢުރާފް ސޫރަތުގެ 180ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
﴿وَلِلَّـهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا﴾ [سورة الأعراف 180]
މާނައީ: “އެންމެ ރިވެތި އިސްމުފުޅުތައް މިލްކުވެގެންވަނީ ﷲ އަށެވެ. ފަހެ އެ އިސްމުފުޅުތަކުން ތިޔަބައިމީހުން އެއިލާހުގެ ޙަޟްރަތަށް ދުޢާކުރާށެވެ.”
މި ލިޔުމުގައި އަލިއަޅުވައިލެވިފައިވާނީ މާތްﷲގެ ބައެއް އިސްމުފުޅުތަކަށާއި އެ އިސްމުފުޅުތަކުން އެއިލާހުގެ ޙަޟްރަތަށް ދުޢާދަންނަވާނެ ގޮތާ ބެހޭގޮތުންނެވެ. އަދި މިލިޔުމުގައި ގެނެސްދީފައިވާ އިސްމުފުޅުތައް ގިންތިކޮށްފައިވާނީ ގާތްކުރާފަދަ މަފްހޫމެއް ދޭހަވާ އިސްމުފުޅުތައް އެކުއެކީގައި ގެނެސްދޭގޮތަށެވެ.
އެއިލާހުގެ ތަނަވަސް ރަޙްމަތަށް ދަލާލަތުކޮށްދޭ ބައެއް އިސްމުފުޅުތައް
الرَّحْمٰنُ: މި އިސްމުފުޅުން ދަލާލަތު ކުރަނީ އެއިލާހީ އެންމެހާ މަޚްލޫޤުންގެ މައްޗަށް އެއިލާހުގެ ރަޙްމަތް ތަނަވަސް ވެގެންވާ ފަރާތްކަމެވެ.
الرَّحِيْم: މި އިސްމުފުޅުން ދަލާލަތުކުރަނީ އެއިލާހީ އެއިލާހު އިރާދަކުރައްވާ އަޅަކަށް ރަޙްމަތްލައްވާ ފަރާތްކަމެވެ. އާޚިރަތް ދުވަހުން ﷲ سبحانه وتعالى މުއުމިނުންނަށް ޚާއްޞަ ގޮތެއްގައި ރަޙްމަތްލައްވާނެއެވެ.
އެއިލާހު ވަޙީކުރައްވާފައިވެއެވެ.
﴿يُعَذِّبُ مَنْ يَشَاءُ وَيَرْحَمُ مَنْ يَشَاءُ وَإِلَيْهِ تُقْلَبُونَ﴾ [سورة العنكبوت 21]
މާނައީ: “އެއިލާހު އިރާދަކުރައްވާ އަޅަކަށް ޢަޛާބުދެއްވައެވެ. އަދި އެއިލާހު އިރާދަކުރައްވާ އަޅަކަށް ރަޙްމަތް ލައްވަތެވެ. އަދި ތިޔަބައިމީހުން (ޤިޔާމަތް ދުވަހުން) އެނބުރިދާހުށީ އެއިލާހުގެ ޙަޟްރަތަށެވެ.”
އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ.
﴿وَكَانَ بِالْمُؤْمِنِيْنَ رَحِيْمًا﴾ [سورة الأحزاب 34]
މާނައީ: “އަދި މުއުމިނުންނަށް ރަޙީމުވަންތަ އިލާހަކުކަމުގައި އެއިލާހު ވޮޑިގެންވެއެވެ.”
أَرْحَمُ الرَّاحِمِيْنَ: މި އިސްމުފުޅުން ދަލާލަތުކުރަނީ އެއިލާހީ ރަޙުމްކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރަޙްމަތްވަންތަ އިލާހުކަމުގައެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿فَاللَّـهُ خَيْرٌ حَافِظًا وَهُوَ أَرْحَمُ الرَّاحِمِينَ﴾ [سورة يوسف ٦٤]
މާނައީ: “ފަހެ، ﷲ އީ ރައްކާތެރިކުރައްވާ، އެންމެ ހެޔޮ އިލާހެވެ. އަދި އެއިލާހީ ރަޙުމްކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރަޙްމަތްވަންތަ އިލާހެވެ.”
﴿وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ﴾ [الأعراف 156]
މާނައީ: “އަދި ތިމަންއިލާހުގެ ރަޙްމަތް ކޮންމެ އެއްޗަކަށްމެ ތަނަވަސް ވެގެންވެއެވެ.”
ޢުމަރު رَضِيَ اللَّهُ عَنْهُ ވިދާޅުވިއެވެ. ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަރިހަށް ހަނގުރާމައިގައި އަސީރުކުރެވުނު ބަޔަކު ގެންދެވުނެވެ. އެހިނދު އެތަނުން އަންހެނަކު އޭނާގެ ދަރިފުޅު ގެއްލިގެން ހޯދަނިކޮށް ދެކުނީމެވެ. ދެން އެއަންހެން މީހާ އެކުއްޖާ ފެނުމުން ނަގައި އެކުއްޖާގައިގައި ބައްދާލައި ބުއްދިނެވެ. ދެންފަހެ ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ މިތަން ފެނިގެން ޙަދީޘްކުރެއްވިއެވެ. “މިއަންހެންމީހާ އޭނާގެ ދަރިފުޅު އަލިފާނަށް އެއްލައިފާނެކަމަށް ތިޔަބައިމީހުންނަށް ހީވޭ ހެއްޔެވެ؟ ތިމަންބޭކަލުން ދެންނެވީމެވެ. ﷲ ގަންދީ ބުނަމެވެ. ނޫނެކެވެ. އޭނަޔަށް އެދަރިފުޅު އެއްލައިނުލަން ކުޅަދާނަކަން ލިބިގެންވާ ޙާލު އެއްލައެއް ނުލާނެތެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ހަމަކަށަވަރުން މާތްﷲ އެއިލާހުގެ އަޅުތަކުންގެ މައްޗަށް އެއަންހެނާ ކުޑަ ދަރިފުޅަށް އޯގާތެރިވާވަރަށް ވުރެ ބޮޑަށް އޯގާވަންތަވެވޮޑިގެންވެއެވެ.” [متفق عليه]
އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ އެއިލާހުގެ ރަޙްމަތުން އުންމީދު ކަނޑާނުލާ، އެއިލާހު ތިބާއާމެދު ރަނގަޅަށް ކަންތައްތައް ކުރައްވާނެކަމުގައި ޔަޤީންކުރުމެވެ.
އެއިލާހު ވަޙީކުރައްވައިފައިވެއެވެ.
﴿ وَلَا تَيْأَسُوا مِن رَّوْحِ اللَّـهِ إِنَّهُ لَا يَيْأَسُ مِن رَّوْحِ اللَّـهِ إِلَّا الْقَوْمُ الْكَافِرُونَ﴾ [سورة يوسف ٨٧]
މާނައީ: “އަދި ﷲ ގެ ރަޙްމަތުން ތިޔަބައިމީހުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން ކާފިރުވިމީހުން މެނުވީ، ﷲ ގެ ރަޙްމަތުން އުންމީދު ކަނޑައެއް ނުލާނެއެވެ.”
އިންސާނާ ކުރާ ކޮންމެ ހެޔޮކަމަކަށް ދިހަގުނައިން ފެށިގެން ހަތް ސަތޭކަ ގުނައާ ހަމައަށް އެއިލާހު ޖަޒާ ދެއްވައެވެ. އެކަމަކު ނުބައި ކަމަކަށް އެކަމެއްގެ މިންވަރަށް މެނުވީ ޖަޒާ ނުދެއްވައެވެ. އަދި ކިއެއްތަ އެއްގޮތަކަށް ވެސް ޖަޒާ ނުދެއްވައި އަފޫ ކުރެއްވުމަކީވެސް އެކަށީގެންވާކަމެކެވެ. އިންސާނަކު އެއިލާހާ ކުއްތަންވުމަށް މަސައްކަތް ކުރާނަމަ އިންސާނާ އެ ކުއްތަންވާ މިންވަރަށް ވުރެ ބޮޑަށް އެއިލާހު އިންސާނާއާ ކުއްތަންވެވޮޑިގަންނަވައެވެ.
މުއުމިނުންގެ ގޮތަކީ އޯގާވަންތަ އިލާހުގެ ރަޙްމަތަށް އުންމީދުކުރާޙާލު އެއިލާހުގެ ޢަޛާބަށް ބިރުވެތިވުމެވެ.
އީމާންކަމުގެ އަހުލުވެރިންގެ ޢަޤީދާއަކީ ކައުނުގައި ހިނގާ ހުރިހާކަމެއް ތަދުބީރު ކުރައްވަނީ އެންމެހާ މަޚްލޫޤުތަކުންގެ ވެރި ރައްބުކަމުގައެވެ. އެއިލާހު އެއްވެސް ކަމަކަށް ނުކުޅެދުންތެރިވެވޮޑިގެން ނުވެއެވެ. އަދި އެއިލާހުގެ ރަޙުމަތަކީ އޭގެ މިންވަރެއް ނެތް، މަތިވެރިވެގެންވާ ރަޙުމަތެކެވެ.
ތިމާގެ އުޚުރަވީ އަދި ދުނިޔަވީ ޙަޔާތުގައި މެދުވެރިވެފައިވާ ކަންތައްތައް ފުއްދަވައިދެއްވުން އެދި، އެންމެ އޯގާވަންތަ އިލާހަށް ދުޢާދެންނެވުމުގައި އިސްވެ މިދެންނެވުނު އިސްމުފުޅުތައް ބޭނުންކުރައްވާށެވެ.
=ނުނިމޭ=