[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފުރަތަމަ ޚަލީފާ: އަބޫބަކުރު އައްޞިއްދީޤް رضي الله عنه – 14

މުރުތައްދުވި މީހުންގެ ކަންތައްތައް ހައްލުކުރެއްވުމަށް އަބޫބަކުރު رضي الله عنه ފޮނުއްވެވި ލަޝްކަރުތައް

އަބޫބަކުރުގެފާނުގެ ޚިލާފަތުގައި މުރުތައްދުވި މީހުންނާ އެންމެ ފުރަތަމަ ދެބަސްވުމެއް ހިނގީ ފުޒާރާ އާއި އަސަދު ޤަބީލާގެ މީހުންނާއެވެ. އެއީ އުސާމާ ބުން ޒައިދުގެ ލަޝްކަރު މަދީނާއިން ނުކުތް ވަގުތާ ދިމާކޮށް މަދީނާއަށް ހަމަލާދޭން އުޅުމުންނެވެ. ދެން މަދީނާގެ ވަށައިގެން ފާރަވެރިން ހަމަޖެއްސުމަށް ފަހުގައި އަބޫބަކުރުގެފާނު ނުކުމެވަޑައިގަތީ ޛުލް ޤައްޞާއަށެވެ. އެއީ ޢަބްސާއި ޛުބްޔާންގެ މީހުންގެ ހަމަލާއެއް ހުއްޓުވުމަށްޓަކައެވެ.

އުސާމާގެފާނު އެނބުރި ވަޑައިގަތުމުން، ޢަރަބި ޖަޒީރާގެ އެކި ދިމާލަށް މުރުތައްދުވި މީހުންނާ ހަނގުރާމަ ކުރުމަށް 11 ލަޝްކަރު އަބޫބަކުރު رضي الله عنه ފޮނުއްވެވިއެވެ.

އެއީ:

  1. ޚާލިދު ބުން އަލްވަލީދު رضي الله عنه ގެ ޤިޔާދަތުގެ ދަށުގައި، އަސަދުގައިވި ޠުލައިޙާ ބުން ޚުވައިލިދު އަލްއަސަދީއާ ދެކޮޅަށް އަދި އެއަށްފަހު ތަމީމުގައިވި މާލިކު ބުން ނުވައިރާއާ ދެކޮޅަކަށް ފޮނުއްވި ލަޝްކަރު.
  2. ޢިކްރިމާ ބުން އަބީ ޖަހުލު رضي الله عنه ގެ ޤިޔާދަތުގެ ދަށުގައި، އަލްޔަމާމާގައިވި މުސައިލިމާއާ ދެކޮޅަށް ފޮނުއްވި ލަޝްކަރު. އޭނާގެ ކަންތައް ހައްލުނުކުރެވުމުން، ޢުމާނާ ދިމާއަށް މިސްރާބު ޖެހުމަށް އެކަލޭގެފާނަށް އަމުރު ކުރެއްވިއެވެ.
  3. ޝުރަޙްބީލު ބުން ޙަސަނާ رضي الله عنه ގެ ޤިޔާދަތުގެ ދަށުގައި، އަލްޔަމާމާގައިވި މުސައިލިމާއާ ދެކޮޅަށް ޢިކްރިމާގެފާނަށް އެހީތެރިވުމަށް ފޮނުއްވި ލަޝްކަރު.
  4. އަލްމުހާޖިރު ބުން އުމައްޔާ رضي الله عنه ގެ ޤިޔާދަތުގެ ދަށުގައި، ޔަމަނަށް އަދި އެއަށްފަހު ޙަޟްރަމައުތުގައިވި ކިންދާ ޤަބީލާގެ ކަންކަން ހައްލުކުރެއްވުމަށް ފޮނުއްވި ލަޝްކަރު.
  5. ޢަމްރު ބުން އަލްޢާޞް رضي الله عنه ގެ ޤިޔާދަތުގެ ދަށުގައި، ޢަރަބި ޖަޒީރާގެ އުތުރުގައިވި ޤުޟާޢާ އާއި ޣައްސާނާ ދެކޮޅަށް ފޮނުއްވި ލަޝްކަރު.
  6. ޙުޛައިފާ ބުން މިޙްޞަން رضي الله عنه ގެ ޤިޔާދަތުގެ ދަށުގައި، ޢުމާންގެ ދަބާއަށް ފޮނުއްވި ލަޝްކަރު.
  7. ޢަރްފަޖާ ބުން ހަރްޘަމާ رضي الله عنه ގެ ޤިޔާދަތުގެ ދަށުގައި، ޢުމާންގެ މަހްރާއަށް ފޮނުއްވި ލަޝްކަރު.
  8. ޠުރައިފު ބުން ޙާޖިޒް رضي الله عنه ގެ ޤިޔާދަތުގެ ދަށުގައި، ބަނޫ ސުލައިމާއި އެބައިމީހުންނާއެކު ހަވާޒިނުގައިވީ މީހުންނާ ދެކޮޅަށް ފޮނުއްވި ލަޝްކަރު.
  9. ސުވައިދު ބުން މުޤައްރިން رضي الله عنه ގެ ޤިޔާދަތުގެ ދަށުގައި، ޔަމަނުގެ ތިހާމާއަށް ފޮނުއްވި ލަޝްކަރު.
  10. އަލްޢަލާ ބުން އަލްޙަޟްރަމީ رضي الله عنه ގެ ޤިޔާދަތުގެ ދަށުގައި، ބަޙްރައިނަށް ފޮނުއްވި ލަޝްކަރު.
  11. ޚާލިދު ބުން ސަޢީދު ބުން އަލްޢާޞް رضي الله عنه ގެ ޤިޔާދަތުގެ ދަށުގައި، ޝާމުގެ އައްސޭރި ފަށަށް ފޮނުއްވި ލަޝްކަރު.

މިލަޝްކަރުތައް އެބައިމީހުންގެ ގާތަށް ފޮނުއްވުމުގެ ކުރިން އަބޫބަކުރު رضي الله عنه އެބައިމީހުންނަށް ސިޓީތަކެއް ފޮނުއްވަވާ ތައުބާވެ، ﷲ ގެ މަގަށް، އިސްލާމްދީނަށް ރުޖޫޢަވުމަށް ދަޢުވަތު ދެއްވިއެވެ. އަދި އެބައިމީހުން ދެކޮޅުހަދައިފިނަމަ ހަނގުރާމަކުރުން ނޫން ގޮތެއް ނެތްކަން އެންގެވިއެވެ.[1]


الخلفاء الراشدون لسليمان بن عبد الله الرومي

މިލިޔުމުގެ އެހެން ބައިތައް[1]  انظر: ابن كثير، البداية والنهاية، 6/319-320.