[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފުރަތަމަ ޚަލީފާ: އަބޫބަކުރު އައްޞިއްދީޤް رضي الله عنه – 17

މުރުތައްދުވި މުސައިލިމަތުލް ކައްޛާބުގެ ކަންތައް ހައްލުކުރެއްވުން

ނަބިއްޔާ صلى الله عليه وسلم ގެ ނަބީކަމުގެ ފަހުކޮޅު، މުސައިލިމާ މަދިނާއަށް ދިޔައެވެ. އޭނާ ބޭނުންވީ ރަސޫލުﷲ صلى الله عليه وسلم އަށް ފަހު، އޭނާއަށް ނަބީކަން ދިނުމަށެވެ. އަދި ނަބިއްޔާ صلى الله عليه وسلم އަށް ތަބާވުމަށް އޮތް ޝަރުޠަކީ އެއީ ކަމުގައި ބުންޏެވެ. ފަހެ، މުސައިލިމާ ބޭނުންވި އެއްވެސް ކަމެއް ޙާޞިލެއް ނުވިއެވެ. އޭނާއަށް ޖަވާބު ދެއްވަމުން ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«وَلَئِنْ أَدْبَرْتَ لَيَعْقِرَنَّكَ اللهُ»[1]

މާނައީ: “(ތިމަންކަލޭގެފާނަށް ކިޔަމަންވުމަށް) ތިބާ ފުރަގަސްދީފިނަމަ ދަންނައެވެ. ﷲ ތަޢާލާ ތިބާ ޤަތުލުކުރައްވާނެއެވެ.”

ހިޖުރައިން ދިހަވަނަ އަހަރު، އޭނާގެ ޤައުމުގައިވާ އަލްޔަމާމާއަށް މުސައިލިމާ އެނބުރި ގޮސް، ނަބީކަމަށް ދަޢުވާކުރިއެވެ. އަދި ތަޢައްޞުބާއި ޖާހިލުކަމުގެ ސަބަބުން އޭނާގެ ޤައުމުގެ މީހުން އޭނާއަށް ތަބާވިއެވެ. އެބައިމީހުންގެ ތެރެއިން ބައެއްމީހުން ބުންޏެވެ. “ރަބީޢާ ވަންހައިގެ ދޮގުވެރިޔަކު، މުޟަރު ވަންހައިގެ ތެދުވެރިޔަކަށްވުރެ ހެޔޮވެގެންވެއެވެ.”

ނަބިއްޔާ صلى الله عليه وسلم އަވަހާރަވުމުން، އަބޫބަކުރު رضي الله عنه މުސައިލިމާގެ ގާތަށް ޢިކްރިމާ ބުން އަބޫ ޖަހުލު رضي الله عنه ފޮނުއްވިއެވެ. އަދި އެކަލޭގެފާނުގެ ފަހަތުން މަދަދުދެއްވުމަށް ޝުރަޙްބީލު ބުން ޙަސަނާ رضي الله عنه ފޮނުއްވިއެވެ. ފަހެ، ޝުރަޙްބީލު رضي الله عنه އެތަނަށް ވަޑައިގެންނެވުމުގެ ކުރިން އިކްރިމާ رضي الله عنه މުސައިލިމާއާ ހަނގުރާމަ ކުރެއްވުމަށް އަވަސްވެވަޑައިގެންނެވިއެވެ. ނަމަވެސް ހަނގުރާމައިން ބަލިވިއެވެ. ދެން އައްޞިއްދީޤް رضي الله عنه އެކަލޭގެފާނަށް އަމުރުކުރެއްވީ ޢުމާނާ ދިމާއަށް މިސްރާބު ޖެހުމަށެވެ.

ދެން އެއަށްފަހު، ޚާލިދު ބުން ވަލީދު މުސައިލިމާގެ ކައިރިއަށް ފޮނުއްވިއެވެ. އަދި ޝުރަޙްބީލާ ހަމައަށް ވާޞިލުވެވުމުން، ދެލަޝްކަރު އެއްކުރައްވާ މުސައިލިމާގެ ގާތަށް ދިޔުމަށް ޚާލިދު ބުން ވަލީދަށް އައްޞިއްދީޤު رضي الله عنه އަމުރުކުރެއްވިއެވެ. އޭރު މުސައިލިމާވަނީ އޭނާގެ ޤައުމުގެ ސާޅީސް ހާސް މީހުން އެއްކޮށް، ޚާލިދު ބުން ވަލީދާ ކުރިމަތިލުމަށް ތައްޔާރުކޮށްފައެވެ. އެބައިމީހުން ބައްދަލުވީ ޢަޤްރަބާގައެވެ. ޢަދާވާތްތެރިންގެ އަދަދު ގިނަކަމާއެކު އެބައިމީހުންނާ ކުރިމަތިލުމަށް މުސްލިމުން ފުރަތަމަ ފަސްޖެހުނެވެ. ފަހެ، ޚާލިދު رضي الله عنه އެބައިމީހުންގެ ވެރިންނާއި ޤަބީލާތަކުގެ ނަންތަކުން މުސްލިމުންނަށް ގޮވާލެއްވިއެވެ. ދެން މުސްލިމުންގެ ލަޝްކަރު ގޮވައިގެން ހަނގުރާމަކޮށް ކާމިޔާބު ހޯދުމުގެ ޢަޒުމުގައި މުސައިލިމާގެ ލަޝްކަރާ ކުރިމަތިލާ ހަނގުރާމަ ފެށިއެވެ. حَدِيْقَةُ الرَحْمٰن ގެ ނަމުން މުސައިލިމާ ނަންދީފައިވާ، އޭނާގެ ބަގީޗާއަކަށް އެބައިމީހުން ވަދެ އެތަނުން ހިމާޔަތް ހޯދަންދެން އެބައިމީހުން ހަނގުރާމަކުރަމުން ދިޔައެވެ. ދެން އަންޞާރުންގެ ތެރެއިން ހިތްވަރުގަދަ ބޭކަލެއްކަމުގައިވާ އަލްބަރާއު ބުން މާލިކު، ފާރުމަތިން އަރާ އެތަނަށް ވަދެ މުސްލިމުންނަށް ދޮރު ހުޅުވައިދިނެވެ. އެއަށްފަހު މުސްލިމުން ކުއްލިއަކަށް މުސައިލިމާއަށް ތަބާވީ މީހުންގެ ކަނދުރާތަކަށް ހަމަލާ ދިނެވެ. މުސައިލިމާ ޤަތުލުކުރީ ވަޙްޝީއެވެ. އަދި އެކަމުގައި ވަޙްޝީއާއެކު އަބޫ ދުޖާނާ އަލްއަންޞާރީ ބައިވެރިވެ ވަޑައިގެންނެވިއެވެ. ވަޙްޝީވަނީ އުޙުދު ހަނގުރާމައިގައި ޙަމްޒާ ބުން ޢަބްދުލްމުއްޠަލިބު ޤަތުލު ކޮށްފައެވެ. އެއީ ވަޙްޝީ އިސްލާމްވުމުގެ ކުރިންނެވެ.

މިހަނގުރާމަ ނިމުނީ ބަނޫ ޙަނީފާ ފަނާވުމާ ގާތްވެފައިވަނިކޮށެވެ. އަދި އޭރު މުސްލިމުންގެ ތެރެއިން ބާރުގަދަ އެތައް ބަޔަކުވަނީ ޝަހީދުވެފައެވެ. މުއްޖާޢަތު ބުން މުރާރަތު އަލްޙަނަފީއާއެކު ޚާލިދު ބުން ވަލީދު ޞުލްޙަވެ ވަޑައިގެންނެވިއެވެ. އަދި ބަނޫ ޙަނީފާ އިސްލާމްދީނަށް އެނބުރިއައުމަށާއި، އަމާން ދިނުމަށްފަހު އެބައިމީހުންގެ ކިއްލާ ހަވާލުކުރުމަށާއި އެބައިމީހުންގެ މުދަލާއި ހަތިޔާރުގެ ދެބައިކުޅަ އެއްބައި ދިނުމަށާ އަދި ދަނޑުތަކުން ބައެއް ދިނުމަށް އެބައިމީހުން އެއްބަސްކުރުވިއެވެ.

މިހަނގުރާމައިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ، ކީރިތި ޤުރުއާން ހިތުދަސްކުރައްވާފައިވާ ގިނަ އަދަދެއްގެ ޞަޙާބީން ޝަހީދުވުމެވެ. އެކަމާ ގުޅިގެން، ކީރިތި ޤުރުއާން ޖަމާކުރުން ޟަރޫރީ ވެއްޖެކަމަށް އަބޫބަކުރު رضي الله عنه އަށް ޢުމަރު ބުން އަލްޚައްޠާބު رضي الله عنه މަޝްވަރާ ދެއްވިއެވެ.[2]


الخلفاء الراشدون لسليمان بن عبد الله الرومي

މިލިޔުމުގެ އެހެން ބައިތައް

[1] انظر: البخاري، الصحيح، 3620، 4373، 7461 ومسلم، الصحيح 21-(2273)

[2]  انظر: الطبري، تاريخ الأمم والملوك،2/275-285. وابن كثير، البداية والنهاية، 6/328-331.