[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފުރަތަމަ ޚަލީފާ: އަބޫބަކުރު އައްޞިއްދީޤް رضي الله عنه – 20

ޔަމަނުގައި މުރުތައްދުވި މީހުންގެ ކަންތައް ހައްލުކުރެއްވުން

ޔަމަނުގެ އަހުލުވެރިން އިސްލާމްވީ ނަބިއްޔާ صلى الله عليه وسلم ގެ ޙަޔާތްފުޅުގައެވެ. އެބައިމީހުން އިސްލާމްވުމުން އެބައިމީހުންގެ ވެރިޔަކަށް ބާޛާނު އަލްފާރިސީ އިސްކުރެއްވިއެވެ. ބާޛާނަކީ ފާރިސީންގެ ފަރާތުން ޔަމަނަށް ކަނޑައަޅާފައިވާ ވެރިޔާއެވެ. ބާޛާނުގެ ނުފޫޒު އޮތީ ޞަންޢާއާއި އެތަނުގެ ވަށައިގެންވި ސަރަހައްދުގައެވެ. ޔަމަނުގެ އެހެން ތަންތަނާމެދު ދަންނައެވެ. އެތަންތަން އޮތީ ޔަމަނުގެ އަމީރުންނާއި ޤަބީލާތަކުގެ ވެރިންގެ ބާރުގެ ދަށުގައެވެ. ބާޛާން އަވަހާރަވުމުން އޭނާގެ ވެރިކަމުގެ ދަށުގައި އޮތް ތަންތަން ބައިކުރެއްވިއެވެ. އަދި ޞަންޢާގެ ވެރިޔަކަށް ޝަހްރު ބުން ބާޛާން އިސްކުރެއްވިއެވެ. އަދި މައުރިބުގެ ވެރިޔަކަށް އަބޫ މޫސާ އަލްއަޝްޢަރީ އިސްކުރެއްވިއެވެ. އަދި ޔަމަނުގެ ބާކީހުރި ތަންތަނުގެ ވެރިކަން ހަވާލުކުރެއްވީ ޤަބީލާތަކުގެ ވެރިންގެ ތެރެއިން އިސްލާމްވީ މީހުންނަށެވެ.

ހިޖުރައިން 10 ވަނަ އަހަރު ޔަމަނުން ނުކުތް އަލްއަސްވަދު އަލްޢަންސީ ނަބީކަމަށް ދަޢުވާކުރިއެވެ. އޭނާއަކީ ބާރުގަދަ ކާހިނެކެވެ. ފަހެ، އޭނާ މީސްތަކުން ފިތުނަވެރިކުރިއެވެ. އަދި ނަޖްރާން ހިފިއެވެ. ދެން އެއަށްފަހު، ޞަންޢާ ހިފާ އެތަނުގެ ވެރިޔަކަށްހުރި ޝަހްރު ބުން ބާޛާން ޤަތުލުކުރިއެވެ. އަދި ޝަހްރުގެ އަނބިކަނބަލުންނާ ކައިވެނިކުރިއެވެ. ފަހެ، އަބޫ މޫސާ އަލްއަޝްޢަރީ، މައުރިބުން ނުކުމެ ވަޑައިގެންނެވިއެވެ. މުޢާޛު ބުން ޖަބަލުވެސް އެތަނުން ނުކުމެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ޔަމަނަށް ވަޑައިގެންނެވީ ޔަމަނު އަހުލުވެރިންނަށް އިސްލާމްދީން އުނގަންނަވައިދެއްވުމަށް ނަބިއްޔާ صلى الله عليه وسلم ފޮނުއްވެވުމުންނެވެ. އެދެބޭކަލުން ވަޑައިގެންނެވީ ޙަޟްރަމައުތަށެވެ.

އަލްއަސްވަދު އަލްޢަންސީ ކަންތައް ބޮޑުވުމުން، އޭނާ ޤަތުލުކުރުމަށް ޔަމަނުގައި ތިބި އެބައިމީހުން ދަރިންނާއި[1] އަބޫ މޫސާ އަލްއަޝްޢަރީއާއި މުޢާޛު ބުން ޖަބަލަށް ނަބިއްޔާ صلى الله عليه وسلم އެންގެވިއެވެ. ދެން ފަހެ، އޭނާގެ ދިރިއުޅުނު ތަނުގައި އޭނާގެ އަންހެނުންގެ (ކުރިން ޝަހްރު ބުން ބާޛާންގެ އަނބިކަނބަލުންގެ) އެހީއާއެކު އޭނާ ޤަތުލުކުރިއެވެ. ދެން އަލުން ޔަމަން އިސްލާމްވިކަން އިޢުލާންކުރިއެވެ.

ނަބިއްޔާ صلى الله عليه وسلم އަވަހާރަވި ޚަބަރު ފެތުރުމުން ޤައިސް ބުން ޢަބްދު ޔަޤޫޘް މުރުތައްދުވިއެވެ. އަދި އަލްއަސްވަދުގެ ލަޝްކަރަށް ސިޓީ ފޮނުވިއެވެ. އަދި އެބައިމީހުންނާއެކުވެ، ޞަންޢާ އެބައިމީހުންގެ ބާރުގެ ދަށަށް ގެނައެވެ. ދެން އެއަށްފަހު، ނަޖްރާނުގައި ޢަމްރު ބުން މަޢުދީކަރިބު  މުރުތައްދުވެ ޤައިސްއާ ގުޅުނެވެ. ދެންފަހެ، ޔަމަނުގައި މުރުތައްދުވުން އަލުން އާންމުވިއެވެ.

އެއީ ޢިކްރިމާ ބުން އަބޫ ޖަހުލު ޙަޟްރަމައުތުން އައިސް އަލްމުހާޖިރު ބުން އުމައްޔާއާއެކު މުރުތައްދުވީ މީހުންގެ ކިބައިން ޔަމަނު ޠާހިރު ކުރައްވަންދެނެވެ. ދެން ޢަމްރު ބުން މަޢުދީކަރިބާއި ޤައިސް ބުން ޢަބްދު ޔަޤޫޘު އަސީރުކޮށް އަބޫބަކުރު رضي الله عنه ގެ އަރިހަށް ފޮނުވިއެވެ. އެއަށްފަހު އެދެމީހުން ތައުބާވެ، އަލުން އިސްލާމްވިއެވެ. ފަހެ، އެދެމީހުންނަށް ޢަފޫ ކުރައްވާނދޭވެ![2]


الخلفاء الراشدون لسليمان بن عبد الله الرومي

މިލިޔުމުގެ އެހެން ބައިތައް

[1]  އެބައިމީހުންގެ ދަރިންނަކީ ފަރިސީންގެ ތެރެއިން ކިސްރާއިންނަށް މަސައްކަތް ކޮށްދޭން ޔަމަނުގައި އުޅުނު މީހުންނެވެ. އެބައިމީހުން އެތަނުގެ އަހުލުވެރިންނާ ކައިވެނިކުރިއެވެ. އަދި އެބައިމީހުން އިސްލާމްވުމަށްފަހު އެތަނުގައި ނަބިއްޔާ صلى الله عليه وسلم އެބައިމީހުން ބޭތިއްބެވިއެވެ. (انظر: البلاذري، فتوح البلدان، 114)

[2]  انظر: الطبري، تاريخ الأمم والملوك،2/247-259، 293-298.