[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފުރަތަމަ ޚަލީފާ: އަބޫބަކުރު އައްޞިއްދީޤް رضي الله عنه – 22

ތިންވަނައީ: ޤުރުއާން ޖަމާކުރެއްވުން

މިއީ އަބޫބަކުރު رضي الله عنه ކުރެއްވި ކަންކަމުގެ ތެރެއިން އެންމެ މަތިވެރި ކަންތަކެވެ. އެއީ ﷲ عز وجل ގެ ފޮތް ރައްކާތެރިވުމުގެ ސަބަބެކެވެ. މިހެޔޮކަމަކީ ޤިޔާމަތާ ހަމައަށް ޤުރުއާން ކިޔަވާ އެއަށް ޢަމަލުކުރާ މީހެއްގެ އަޖުރާ އެއްފަދަ އަޖުރެއް އެކަލޭގެފާނަށް ލިބޭނެ ކަމެކެވެ. މިއަޖުރު ލިބުމަށް ﷲ ތަޢާލާ އަބޫބަކުރު رضي الله عنه ޚާއްޞަކުރެއްވިއެވެ. އެފަދައިން ﷲ ތަޢާލާގެ ފަޟްލުވަންތަކަން އެއިލާހު އިރާދަކުރައްވާ މީހަކަށް ދެއްވައެވެ.

ފަހެ، ޒައިދު ބުން ޘާބިތު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ.

قَالَ: «أَرْسَلَ إِلَيَّ أَبُو بَكْرٍ مَقْتَلَ أَهْلِ اليَمَامَةِ، فَإِذَا عُمَرُ بْنُ الخَطَّابِ عِنْدَهُ»، قَالَ أَبُو بَكْرٍ رَضِيَ اللَّهُ عَنْهُ: إِنَّ عُمَرَ أَتَانِي فَقَالَ: إِنَّ القَتْلَ قَدْ اسْتَحَرَّ يَوْمَ اليَمَامَةِ بِقُرَّاءِ القُرْآنِ، وَإِنِّي أَخْشَى أَنْ يَسْتَحِرَّ القَتْلُ بِالقُرَّاءِ بِالْمَوَاطِنِ، فَيَذْهَبَ كَثِيرٌ مِنَ القُرْآنِ، وَإِنِّي أَرَى أَنْ تَأْمُرَ بِجَمْعِ القُرْآنِ، قُلْتُ لِعُمَرَ: «كَيْفَ تَفْعَلُ شَيْئًا لَمْ يَفْعَلْهُ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ؟» قَالَ عُمَرُ: هَذَا وَاللَّهِ خَيْرٌ، «فَلَمْ يَزَلْ عُمَرُ يُرَاجِعُنِي حَتَّى شَرَحَ اللَّهُ صَدْرِي لِذَلِكَ، وَرَأَيْتُ فِي ذَلِكَ الَّذِي رَأَى عُمَرُ».

قَالَ زَيْدٌ: قَالَ أَبُو بَكْرٍ: إِنَّكَ رَجُلٌ شَابٌّ عَاقِلٌ لاَ نَتَّهِمُكَ، وَقَدْ كُنْتَ تَكْتُبُ الوَحْيَ لِرَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَتَتَبَّعِ القُرْآنَ فَاجْمَعْهُ، «فَوَاللَّهِ لَوْ كَلَّفُونِي نَقْلَ جَبَلٍ مِنَ الجِبَالِ مَا كَانَ أَثْقَلَ عَلَيَّ مِمَّا أَمَرَنِي بِهِ مِنْ جَمْعِ القُرْآنِ»، قُلْتُ: «كَيْفَ تَفْعَلُونَ شَيْئًا لَمْ يَفْعَلْهُ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ؟»، قَالَ: هُوَ وَاللَّهِ خَيْرٌ، ” فَلَمْ يَزَلْ أَبُو بَكْرٍ يُرَاجِعُنِي حَتَّى شَرَحَ اللَّهُ صَدْرِي لِلَّذِي شَرَحَ لَهُ صَدْرَ أَبِي بَكْرٍ وَعُمَرَ رَضِيَ اللَّهُ عَنْهُمَا، فَتَتَبَّعْتُ القُرْآنَ أَجْمَعُهُ مِنَ العُسُبِ وَاللِّخَافِ، وَصُدُورِ الرِّجَالِ، حَتَّى وَجَدْتُ آخِرَ سُورَةِ التَّوْبَةِ مَعَ أَبِي خُزَيْمَةَ الأَنْصَارِيِّ لَمْ أَجِدْهَا مَعَ أَحَدٍ غَيْرِهِ، ﴿لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ﴾ [التوبة: 128] حَتَّى خَاتِمَةِ بَرَاءَةَ، فَكَانَتِ الصُّحُفُ عِنْدَ أَبِي بَكْرٍ حَتَّى تَوَفَّاهُ اللَّهُ، ثُمَّ عِنْدَ عُمَرَ حَيَاتَهُ، ثُمَّ عِنْدَ حَفْصَةَ بِنْتِ عُمَرَ رَضِيَ اللَّهُ عَنْهُ “[1]

މާނައީ: އެކަލޭގެފާނު ވިދާޅުވިއެވެ. ޔަމާމާގެ ހަނގުރާމަ ހިނގި ދުވަސްވަރު، އަބޫބަކުރުގެފާނު ތިމަންކަލޭގެފާނު ބަލާ ފޮނުއްވިއެވެ. އެކަލޭގެފާނުގެ އަރިހަށް ދިޔައިރު އެކަލޭގެފާނުގެ އަރިހުގައި ޢުމަރުގެފާނު އިންނެވިއެވެ. އަބޫބަކުރު رضي الله عنه ވިދާޅުވިއެވެ. “ހަމަކަށަވަރުން ޢުމަރުގެފާނު ތިމަންކަލޭގެފާނުގެ އަރިހަށް ވަޑައިގެން ދަންނަވައިފިއެވެ. “ޔަމާމައިގެ ހަނގުރާމައިގެ ދުވަހު ހަނގުރާމަ ހޫނުވެ، ޤުރުއާން ހިތުދަސް އެތައް ބޭކަލުންނެއް ޤަތުލުވެއްޖެއެވެ. އަދި އެހެން ތަންތަނުގައިވެސް ޤުރުއާން ހިތުދަސް ބޭކަލުންތަކެއް ޤަތުލުވެދާނެކަމަށް ތިމަންކަލޭގެފާނު ބިރުފުޅު ގަނެއެވެ. ފަހެ، ޤުރުއާނުގެ އަހުލުވެރިންގެ ތެރެއިން ގިނަ ޢަދަދެއްގެ ބޭކަލުން (އެތަންތަނަށް) ވަޑައިގެންނެވިއެވެ. ތިމަންކަލޭގެފާނަށް ފެނިވަޑައިގަންނަވަނީ ޤުރުއާން ޖަމާކުރެއްވުމަށް އަމުރު ކުރެއްވުމަށެވެ.” ތިމަންކަލޭގެފާނު ޢުމަރުގެފާނަށް ދެންނެވީމެވެ. “ރަސޫލުﷲ صلى الله عليه وسلم ނުކުރައްވާކަމެއް ތިމަންކަލޭގެފާނު ކުރައްވާނީ ކިހިނެތް ހެއްޔެވެ.” ޢުމަރުގެފާނު ދެންނެވިއެވެ. “ﷲ ގަންދީ ބުނަމެވެ. އެއީ ހެޔޮކަމެކެވެ.” ފަހެ، އެކަމަށް ތިމަންކަލޭގެފާނުގެ މޭފުޅު ތަނަވަސްވެއްޖައުމަށް ދާންދެން، ތިމަންކަލޭގެފާނުގެ ޚިޔާލު ބަދަލުވޭތޯ ޢުމަރުގެފާނު އެގޮތުގައި ހުންނެވިއެވެ. ފަހެ، ޢުމަރުގެފާނު އެކަމުގައި ދެކެވަޑައިގެންނެވިގޮތް ތިމަންކަލޭގެފާނަށްވެސް ފެނިވަޑައިގަންނަވައެވެ.”

ޒައިދުގެފާނު ވިދާޅުވިއެވެ. އަބޫބަކުރުގެފާނު ވިދާޅުވިއެވެ. “ކަލޭގެފާނަކީ ބުއްދިވެރި ޒުވާނެކެވެ. ކަލޭގެފާނުގެ ކިބައިގައި ނުބައިކަމެއް ނުވެއެވެ. އަދި ކަލޭގެފާނު، ރަސޫލުﷲ صلى الله عليه وسلم އަށް ވަޙީ ލިޔެދެއްވީމުއެވެ. ފަހެ، ޤުރުއާން ހޯއްދެވުމަށްފަހު، ޖަމާކުރައްވާށެވެ.” (ޒައިދުގެފާނު ދެންނެވިއެވެ.) “ފަހެ، ﷲ ގަންދީ ބުނަމެވެ. ފަހެ، ފަރުބަދަތަކުގެ ތެރެއިން ފަރުބަދައެއް އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް ހަވާލުކުރެއްވިނަމަ އެކަން، ޤުރުއާން ޖަމާކުރުމަށް ތިޔަ ކުރެއްވި އަމުރަށްވުރެ ބުރަ ކަމަކަށް ނުވީހެވެ. ރަސޫލުﷲ صلى الله عليه وسلم ނުކުރައްވާކަމެއް ތިމަންކަލޭގެފާނު ކުރައްވާނީ ކިހިނެތް ހެއްޔެވެ؟” އެކަލޭގެފާނު ދެންނެވިއެވެ. “ﷲ ގަންދީ ބުނަމެވެ. އެއީ ހެޔޮކަމެކެވެ.” ފަހެ، އެކަމަށް ތިމަންކަލޭގެފާނުގެ މޭފުޅު ތަނަވަސްވެއްޖައުމަށް ދާންދެން، ތިމަންކަލޭގެފާނުގެ ޚިޔާލު ބަދަލުވޭތޯ އަބޫބަކުރުގެފާނާއި ޢުމަރުގެފާނު އެގޮތުގައި ތިއްބެވިއެވެ. ފަހެ، ކަދުރު ރުކުގެ ފަނާއި، ހުދު ގަލުގައި ލިޔެ ރައްކާކޮށްފައިވާ ޤުރުއާނުގެ އާޔަތްތަކާއި މީސްތަކުންގެ ހިތްތަކުގައި ދަސްކޮށްފައިވާ އާޔަތްތައް ތިމަންކަލޭގެފާނު ހޯދާ ޖަމާކުރެއްވީމެވެ. އެއީ ތައުބާ ސޫރަތުގެ ފަހުބައި ފެނިއްޖައުމަށް ދާންދެނެވެ. އެބައި ފެނުނީ އަބޫ ޚުޒައިމާ އަލްއަންޞާރީގެ ކިބައިންނެވެ. އެކަލޭގެފާނު ފިޔަވާ އެހެން އެއްވެސް ބޭކަލެއްގެ ކިބައިން އެބައި (ލިޔެފައިވަނިކޮށް) ތިމަންކަލޭގެފާނަކަށް ނުފެނުނެވެ. އެއީ ﴿لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ﴾ [التوبة: 128] އިން ފެށިގެން އެސޫރަތް ނިމެންދެނެވެ. އަބޫބަކުރުގެފާނު އަވަހާރަވެއްޖައުމަށް ދާންދެން އެފަތްފުށްތައް އޮތީ އެކަލޭގެފާނުގެ އަތްޕުޅުގައެވެ. ދެން އެއަށްފަހު ޢުމަރުގެފާނުގެ އަތްޕުޅުގައެވެ. ދެން އެއަށްފަހު ޢުމަރު رضي الله عنه ގެ ދަރިކަނބަލުން ޙަފްޞާގެ އަތްޕުޅުގައެވެ.”

ޤުރުއާން ޖަމާކުރުމަށް އަބޫބަކުރު رضي الله عنه ޒައިދުގެފާނު އިޚްތިޔާރުކުރެއްވީ ޤުރުއާން ކިޔަވާ ވިދާޅުވުމާއި، އެލިޔުއްވުމާއި، ފަހުމުވުމާއި، ވިސްނުންތެރިކަމާ އަދި އަމާނާތްތެރިކަމުގައި އެކަލޭގެފާނުގެ މަޤާމުގެ ސަބަބުންނެވެ. އަދި އެކަލޭގެފާނަކީ ރަސޫލާ صلى الله عليه وسلم އަށް ވަޙީ ލިޔެދެއްވި ބޭކަލެކެވެ. އަދި އެންމެ ފަހުން ނަބިއްޔާ صلى الله عليه وسلم ޤުރުއާން ޚަތިމުކުރެއްވިއިރު އެކަލޭގެފާނު އެތަނުގައި ހުންނެވިއެވެ. އެކަލޭގެފާނު ތަރުތީބު ކުރެއްވީ އޭގެ އަލީގައެވެ.

ޤުރުއާން ޖަމާކުރުމުގައި ޒައިދުގެފާނުވަނީ ވަރަށް ބޮޑަށް ފަރުވާތެރިވެ އެކަން ކަށަވަރުކޮށްފައެވެ. އަދި ހަމައެކަނި ހިތުދަސްވެފައި ވުމަށް އެކަލޭގެފާނު ބަރޯސާވެވަޑައި ނުގަންނަވައެވެ. އެހެނަަސް އެދެގޮތުންވެސް އެކަލޭގެފާނު ބެއްލެވިއެވެ.

އެގޮތުން “އެއީ އެންމެ ފަހުން ތައުބާ ސޫރަތް ފެނިއްޖައުމަށް ދާންދެނެވެ. އެސޫރަތް ފެނުނީ އަބޫ ޚުޒައިމާ އަލްއަންޞާރީގެ ކިބައިންނެވެ.”[2] ޙަދީޘްގައިވާ މިބަސްފުޅުން އެކަން ނަފީއެއް ނުކުރެއެވެ. ފަހެ، ޞަޙާބީންގެ ތެރެއިން ވަރަށް ގިނަ ބޭކަލުން ޤުރުއާން ހިތުދަސްކުރެއްވިއެވެ. އޭގެ ތެރޭގައި ޒައިދުގެފާނުވެސް ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް އެއާޔަތްތައް ލިޔެފައިވާ އެއްޗެއް އަބޫ ޚުޒައިމާގެ އަތްޕުޅުގައި މެނުވީ ފެންނަން ނެތެވެ.[3]


الخلفاء الراشدون لسليمان بن عبد الله الرومي

މިލިޔުމުގެ އެހެން ބައިތައް

[1] البخاري، الصحيح، 4986

[2]  ބައެއް ރިވާޔަތްތަކުގައިވާ ގޮތުގައި އެއީ ޚުޒައިމާ ބުން ޘާބިތުކަމުގައިވެސް ބުނެވެއެވެ. ޚުޒައިމާ ބުން ޘާބިތާމެދު ދަންނައެވެ. އެކަލޭގެފާނުގެ ހެކި ބަސް ދެމީހުންގެ ހެކި ބަހާ އެއްވަރުކަމުގައި ނަބިއްޔާ صلى الله عليه وسلم ކަނޑައެޅުއްވިއެވެ. [ابن حجر، فتح الباري، 8/378 و 632]

[3]  انظر: ابن حجر، فتح الباري، 8/632