މުސްތަޙައްބުގެ ތަޢާރަފަކީ ކޮބާ؟
މުސްތަޙައްބުގެ ލުޣަވީ މާނައަކީ الدعاء إلى الفعل والحث إليه ކަމެއް ކުރުމަށް ގޮވާލުން، އަދި އެކަން ކުރުމަށް ބާރު އެޅުމެވެ.
ޝަރުޢުގައި މުސްތަޙައްބު އަކީ ކަމެއް މުކައްލަފުގެ މައްޗަށް ލާޒިމުނުކޮށް، ޝަރުޢުކުރައްވާ ފަރާތުން މުކައްލަފުގެ ކިބައިން ކަމެއް ކުރުމަށް އެދުމެވެ.
މުސްތަޙައްބު ކަމެއްކަން އެނގޭނީ ކިހިނެއް؟
ޢާއްމު ގޮތެއްގައި މުސްތަޙައްބު ކަންކަން އެނގޭނެ ގޮތްތަކަކީ
1- ކަމެއްކުރުމަށް އައިސްފައިވާ ދަލީލުގެ ސީޣާގައި ޞަރީޙަ އަމުރެއް އޮވެފައި، އެކަން ވާޖިބުގެ ދަރަޖައިން އިސްތިޙްބާބުގެ ދަރަޖައަށް ފުރޮޅާލާނެ އެހެން ޤަރީނާއެއް އޮތުން. މިސާލަކަށް
((لَوْلَا أَنْ أَشُقَّ عَلَى أُمَّتِيْ لَأَمَرْتُهُمْ بِالسِّوَاكِ مَعَ كُلِّ صَلَاةٍ))” [أخرجه البخاري برقم 887 ومسلم برقم 252] މާނައީ: “އަހަރެންގެ އުއްމަތުގެ މީސްތަކުންގެ މައްޗަށް އުނދަގޫ ކަމެއްކަމުގައި ނުވާނަމަ ނަމާދުކުރާ ކޮންމެފަހަރަކު ދަތްއުނގުޅުމަށް އެބައިމީހުންނަށް އަހަރެން އަމުރުކުރީހެވެ.”
2- ކުރުމަށް ބާރު އަޅުއްވާފައިވާ ކަން ޢިބާރާތުގައި ހިމެނޭ ކަންކަމެވެ. މިސާލަކަށް صِيَامُ يَوْمِ عَاشُورَاءَ، أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ)) [أخرجه مسلم– (1162)] މާނައީ: “ޢާޝޫރާ ދުވަހުގެ ރޯދައިގެ ސަބަބުން ވޭތުވެދިޔަ އަހަރުގެ ފާފަތައް ﷲ ތަޢާލާ ފުއްސަވާދެއްވާނެކަމަށް އަހަރެން އުންމީދުކުރަމެވެ.”
3- އެކަމެއް ކުރުމަށް ޝަރުޢުކުރެއްވި ފަރާތުން އަންގަވާފައި އޮތުމާ އެކުވެސް، އެކަން ދޫކޮށްލުމުގެ މައްޗަށް އެއްވެސް ޢަޛާބެއް ތަރުތީބުވެފައި ނެތުމުންނެވެ. ( إِنَّ اللهَ يُحِبُّ أَنْ تُؤْتَى رُخَصُهُ كَمَا يَكْرَهُ أَنْ تُؤْتَى مَعْصِيَتُهُ ) رواه أحمد (5832) وصححه الألباني في “إرواء الغليل” (564) . މާނައީ: ” އެއިލާހު ދެއްވި ލުއިފަސޭހަކަމުގައި (ތިޔަބައިމީހުން) ހިފުމަށް ހަމަކަށަވަރުން ﷲ ލޯބިވެވޮޑިގެންވެއެވެ. އެއިލާހަށް (ތިޔަބައިމީހުން) އުރެދުމަށް އެއިލާހު ނުރުހުންތެރިވެވޮޑިގަންނަވާ ފަދައިންނެވެ.” މިތަނުގައި ލުއިފަސޭހަކަމުގައި ހިފުމަށް އަންގަވާފައިވުމާ އެކުވެސް އެކަން ނުކުރާ މީހާ ފާފަވެރިވާނޭ ކަމަށް ނުވަތަ ލުއިފަސޭހަކަމުގައި ނުހިފާމީހާ އަށް މިވެނި އެވެނި ޢަޛާބެއް އޮތް ކަމަކަށް އައިސްފައެއް ނުވެއެވެ. އެހެންކަމުން ލުއިފަސޭހަކަމުގައި ހިފުމަކީ މުސްތަޙައްބުކަމެއް ކަން އެނގެއެވެ.
4- ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަން ކުރުން މަތީ ދެމިހުންނެވި ކަންތައްތައް އަދި މަދު ފަހަރަކު ނުވަތަ ބައެއް ޙާލަތްތަކުގައި މެނުވީ އެކަންކަން ދޫނުކުރައްވާ އެކަންކަން ކުރުންމަތީ ދެމިހުންނެވި ކަންތައްތައް. މިސާލަކަށް ފަރުޟު ފަސް ނަމާދުގެ އިސްފަހުގައި ކުރާ ރަވާތިބު ސުންނަތްތައް.
5- އެކަން ލާޒިމުކަމަށް ދަލާލަތު ނުކުރާ، އަދި ޙަރާމް ކަމަށްވެސް ދަލާލަތު ނުކުރާ، ޢަރަބި ބަހުގެ އެހެން ބައެއް އުސްލޫބުތަކުން މުޚާޠަބުވެ ޝަރުޢުގެ ފަރާތުން އައިސްފައިވާ އެންގުންތައް. މިސާލަކަށް إِنَّ اللهَ جَمِيلٌ يُحِبُّ الْجَمَالَ – (أخرجه مسلم 131) މާނައީ: “ހަމަކަށަވަރުން ﷲ ތަޢާލާއީ ރީތިކަމަށް ލޯބިކުރައްވާ ރީތި އިލާހެކެވެ.” މި ޙަދީޘުގައި މިހެން އޮތުމުން ރީތިކަމަށް ލޯބިކުރުމަކީ މުސްތަޙައްބުކަމެއް ކަން ދޭހަވެއެވެ.
މުސްތަޙައްބު ބެހޭ ބައިތަކަކީ ކޮބާ؟
1- ގަދަވެގެންވާ ސުންނަތް(ސުންނާ މުއައްކަދާ) – މިފަދަ ކަންތައްތަކަކީ އެކަންދޫކޮށްލުމުން އާޚިރަތުގައި ޢަޛާބެއް ޙައްޤުނުވިޔަސް އެފަދަ ކަންތައްތައް ދޫކޮށްލުމުގެ ނިހާއީ ނަތީޖާ އެހާ ރަނގަޅުނޫން ސުންނަތްތަކެވެ. ދޫކޮށްލުމުން ޢިތާބު ކުރެވޭ ލަވްމު ކުރެވޭ (ބްލޭމް ކުރެވޭ) ކަންތައްތަކެވެ. އަދި މިފަދަ ކަންތައްތަކުގެ ގިންތިއަށް ވަންނަނީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގައި އޭނާ، މަދުފަހަރަކު މިފަދަ ކަންތައްތައް ދޫކޮށްލެއްވި ނަމަވެސް ގާތްގަނޑަކަށް މުޅި ޢުމުރުގައި އެކަންކަމުގައި ދެމިހުންނެވި ކަންތައްތަކެވެ. މިސާލަކަށް، ފަރުޟު ފަސްނަމާދުގައި ފާތިޙާ ސޫރަތަށްފަހު ޤުރުއާނުގެ މިންވަރެއް ކިޔެވުމެވެ. ފަރުޟު ފަސް ނަމާދުގެ ފަހުގައި ކުރާ ރަވާތިބު ސުންނަތްތަކެވެ.
2- ގަދަނޫން ސުންނަތް (ސުންނާ ޣައިރު މުއައްކަދާ) – މިބާވަތުގެ ސުންނަތް ތަކަކީ އެކަން ކުރާ މީހާއަށް ޘާވާބު ލިބޭ އަދި ނުކޮށް ދޫކޮށްލާ މީހާއަށް ޢަޛާބުވެސް ޢިތާބުވެސް ލަވްމު (ބްލޭމް) ނުލިބޭ ސުންނަތް ކަންތައްތަކެވެ. މިކަންކަމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާދަވެގެން އެކަން ކުރުން މަތީ ދެމިނުހުންނަވާ، އެހެންނަމަވެސް ބައެއް ފަހަރު ކުރެއްވި ކަންކަމެވެ. މިސާލަކަށް ފަޤީރުންނަށް ޞަދަޤާތްކުރުން، ހޯމަ ބުރާސްފަތި މި ދެދުވަހު ރޯދަހިފުން، ޢަޞްރު ނަމާދުގެ ކުރިން ހަތަރު ރަކްޢަތްކުރެއްވުން، ޟުޙާ ނަމާދުކުރުން ފަދަ ސުންނަތް ތަކެވެ.
3- އިތުރު ސުންނަތްތައް (ސުންނާ ޒާއިދާ) – މިއީ މުކައްލަފު އޭނާގެ ވާޖިބުތަކާއި ގަދަ ސުންނަތްތައް އަދި ގަދަނޫން ސުންނަތްތައް ފުރިހަމަކުރުމާއެކު، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ޝަރުޢުކަމުގައި ކަނޑަނާޅުއްވާ އެހެނަސް އިންސާނެއްގެ ޙައިސިއްޔަތުން ނުވަތަ އާދަކާދައިގެ ގޮތުން އޭނާ ކުރެއްވި ކަންތައްތަކެވެ. މިސާލަށް ހިންގަވާ ގޮތާއި، ފަރިއްކުޅުއްވާ ގޮތާއި އަވަހާރަފުޅު ލައްޕަވާ ގޮތެވެ. މިސާލަކަށް ނަބިއްޔާ ފަރިއްކުޅުއްވި އެއްޗިހި ފަރިއްކުޅުއްވުމާއި ތުރުކުރެއްވި ކުލައިން (ހުދުކުލައިން) ހެދުން އެޅުމެވެ. ބޮލުގެ އިސްތަށިގަނޑު ދިގުކުރުމެވެ. މިކަންކަމަކީ ދީނުގެ ޝަރުޢާ ގުޅުން ހުރި ކަންކަމެއް ނޫނެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިފަދަ ކަންތައްތަކުގައި ރަސޫލާއަށް ތަބާވުން ސުންނަތަށް ތަބާވުމުގެ ތެރޭގައި ނުހިމެނޭނެއެވެ. އަދި އަނެއްބައި ޢިލްމުވެރިން ވިދާޅުވާގޮތުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވުމުގެ ނިޔަތުގައި މީހަކު މިކަންކަން ކޮށްފިނަމަ އޭނާއަށް އެކަމުގެ ޘަވާބުވެސް ލިބޭނެއެވެ. މީގެން ދޭހަކޮށްދެނީ ތަބާވާ މީހާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިވާ މިންވަރެވެ.ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސަޙާބީ އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުގެ ކިބައިން މިކަން ޚާއްޞަކޮށް ފާހަގަކުރެވެއެވެ. ނަބިއްޔާ ދަތުރެއްގައި ފައިބައިވަޑައިގެން ތަންތަނަށް ފައިބާވަޑައިގަތުމާއި، ނަބިއްޔާ އިށިއިނދެވަޑައިގަތްކަން އެނގެން ހުންނަ ތަންތާނގައި އިށީނދެވަޑައިގަތުން ފަދަ ކަންކަން އިބްނު ޢުމަރު ރަޟިޔަﷲ ޢަންހު ކުރައްވާފައިވެއެވެ. އެއީ ނަބިއްޔާ ދެކެ ލޯބިންނެވެ.
މި ތަޤްސީމް ނެގިފައިވަނީ އައްޝައިޚް محمد مصطفى الزحيلي ލިޔުއްވި كتاب الوجيز في أصول الفقه الإسلامي ފޮތުންނެވެ.
މުސްތަޙައްބު، ސުންނަތް، މަންދޫބު، ނާފިލާ، ފަޟީލާ، ސުންނާ މުއްކަދާ(ގަދަވެގެންވާ ސުންނަތް)، ސުންނާ ޣައިރު މުއައްކަދާ(ގަދަވެގެންނުވާ ސުންނަތް) ރަޣީބާ މިއީ އެއްކަމަކަށް ދަލާލަތުކުރާ ލަފުޒުތަކެއް ހެއްޔެވެ ނުވަތަ މިއީ ތަފާތު މާނަ ދޭހަވާ ލަފުޒުތަކެއް ހެއްޔެވެ؟
މިލަފުޒުތަކާމެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު ހުއްޓެވެ. ތިން ބަސްފުޅަކަށެވެ.
1- އެއީ އެއްމާނަ ދޭހަވާ ލަފުޒުތަކެކެވެ. މިއީ ޝާފިޢީންގެ މަޝްހޫރު ބަސްފުޅެވެ. އެކަމަކު ބައެއް ސުންނަތްތައް އަނެއްބައި ސުންނަތްތަކަށްވުރެ ސުންނަތްކަން ގަދަކަމަށް ޝާފިޢީންވެސް އެއްބަސްވެއެވެ. “مغني المحتاج” (1/ 449).
2- ނާފިލާ އެއީ އެންމެ ޢާއްމު ބަހެވެ. އޭގައި ސުންނަތާއި މުސްތަޙައްބުވެސް ހިމެނެއެވެ. މިއީ ޙަނަފީންގެ ބަސްފުޅެވެ. “غنية المتملي في شرح منية المصلي” ص 383 .އަދި ޙަނަފީން ދެކޭ ގޮތުގައި ސުންނާ މުއައްކަދާ ދޫކޮށްލާ މީހާ ފާފަވެރިވާނެއެވެ. އެކަމަކު އޭނާގެ ފާފަ، ވާޖިބެއް ދޫކޮށްލާމީހާއަށް ވުރެ ކުޑަވާނެއެވެ. “البحر الرائق” (1/ 319).
3- ނާފިލާއަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވި އެހެންނަމަވެސް އެކަންކުރުން މަތީ ދެމިނުހުންނެވި ކަންތައްތަކެވެ. ނުވަތަ ބައެއް ފަހަރު ކުރައްވާފައި އަނެއްބައިފަހަރު ނުކުރައްވާ ދޫކުރެއްވި ކަންތައްތަކެވެ. ސުންނަތަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވި، އަދި މީސްތަކުންގެ ތެރޭގައި އެކަން ފާޅުކުރެއްވި އަދި އެކަމުގައި ދެމިހުންނެވި ކަންތައްތަކުގެ ތެރެއިން ވާޖިބުކަމަށް ދަލާލަތު ނުކުރާ ކޮންމެ ކަމެކެވެ. މިއީ މާލިކީންގެ ބަސްފުޅެވެ. ޙަންބަލީ މަޛްހަބުވެސް މިބަސްފުޅުގައި މާލިކީ މަޛްހަބާ ދާދި ކައިރިއެވެ. ޙަންބަލީ މަޛްހަބުގައި މަންދޫބު ތިން ގިންތިއަކަށް ބަހާފައިވެއެވެ. އެއީ އެންމެ މަތީގައި ސުންނަތް، އެއާ ޖެހިގެން ފަޟީލާ އެއާ ޖެހިގެން ނާފިލާ މިގޮތަށެވެ. “حاشية الدسوقي” (1/ 312).
ޚުލާޞާ
ވާޖިބުގެ އިތުރުން ކުރުމަށް، ޝަރުޢުގައި ވާރިދުވެފައިވާ ކަންކަމަށް، ސުންނަތް، މަންދޫބު، މުސްތަޙައްބު، ރަޣީބާ، ފަޟީލާ މިފަދަ ކޮންމެ ނަމެއްކީ ކަމުގައިވިޔަސް މައްސަލައެއް ނެތެވެ. އޭގައި ދަރަޖަތަކެއް ވެއެވެ. މާނައަކީ ބައެއް ސުންނަތްތަކަކީ އަނެއްބައި ސުންނަތްތަކަށް މޮޅުއިތުރުވެގެންވާ ސުންނަތްތަކެއް ކަމެވެ. ހުރިހާ ސުންނަތަކީ އެއްދަރަޖައިގެ ސުންނަތްތަކެއް ނޫނެވެ. އޭގެ ތެރެއިން ސުންނަތްކަން ގަދަވެގެންވާ ސުންނަތްތަކަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މީސްތަކުންގެ ތެރޭގައި ކުރެއްވި އަދި އެކަމުގައި ދެމިހުންނެވި ކަންތައްތަކެވެ. މި ސުންނަތްތަކަށް އެކި ނަންނަން ކިޔުމުގައި އުފެދިފައިވާ ޚިލާފަކީ ލަފުޒީ ޚިލާފެކެވެ.
މަރްޖިޢުތައް
كتاب الوجيز في أصول الفقه الإسلامي [محمد مصطفى الزحيلي]
الواجب والمندوب عند الأصوليين تأليف إبراهيم بن سيف بن إبراهيم الزعاب
https://islamqa.info/ar/149492