[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފުރަތަމަ ޚަލީފާ: އަބޫބަކުރު އައްޞިއްދީޤް رضي الله عنه – 23

ހަތަރުވަނައީ: އެކަލޭގެފަނުގެ ޚިލާފަތުގައި ފަތަޙަ ކުރެވުނު ތަންތަން

މުރުތައްދުވީ މީހުންގެ ކަންކަން ނިންމެވުމާ، ޢަރަބި ޖަޒީރާ އިސްލާމްދީނުގެ ދަށަށް ގެންނެވުމަށްފަހު، ދެން އަބޫބަކުރު رضي الله عنه އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެއްވީ ޢަރަބި ޖަޒީރާއިން ބޭރުގެ ރަށްތައް ފަތަޙަ ކުރެއްވުމަށެވެ. މިފަތަޙަ ކުރެއްވުންތަކުގެ ތަފްޞީލަށް ދިއުމުގެ ކުރިން، ފަތަޙަކުރުމުގެ ހަރަކާތުގެ މުހިންމު ސަބަބުތަކާއި އެކަން ކާމިޔަބުވުމަށް މެދުވެރިވި ކަންކަމަށް އިޝާރާތްކޮށްލުން ރަނގަޅުކަމަށް ދެކެމެވެ.[1]

الفُتُوحَات الإسْلَامِيَّة ގެ އެންމެ މުހިންމު ސަބަބުތައް:

ހ. ފަތަޙަކުރެއްވުމުގައި އެންމެ ފުރަތަމަ އުޅުއްވި ބޭކަލުންގެ ހިތްޕުޅުގައި އިސްލާމްދީން ފެތުރުމަށާއި ﷲ ގެ ކަލިމަފުޅު މަތިވެރިކުރުމަށް އޮތް އުންމީދާއި އެދުން.

ށ. ނަޞްރު ލިބުމަށް ނުވަތަ ޝަހީދުވުމަށް ﷲ ތަޢާލާ ވެވޮޑިގެންފައިވާ ވަޢުދުފުޅާމެދު އެބޭކަލުން ހިތްޕުޅުގައި އޮތް ފުރިހަމަ ޔަޤީންކަން.

الفُتُوحَات الإسْلَامِيَّة ގެ ހަރަކާތް ކާމިޔާބުވުމަށް މެދުވެރިވި ސަބަބުތަކުގެ ތެރޭގައި:

ހ. އެފާތިޙުން ސިފަކުރެވިފައިވަނީ މާފުކުރައްވާ، އޯގާތެރި، ޚުލްޤު ރިވެތި ބައެއްގެ ގޮތުގައެވެ. އެބޭކަލުންނީ ހަނގުރާމަވެރިންނަށްވުމުގެ ކުރިން ދާޢީންނެވެ. އެގޮތުގެ މަތިން، ޤާދިސިއްޔާ ހަނގުރާމައިގައި ފާރިސީންގެ ލަޝްކަރުގެ ވެރިޔާ، ރުސްތުމަށް، ރިބްޢިއްޔު ބުން ޢާމިރު رضي الله عنه ވިދާޅުވިއެވެ.

“اللَّهُ ابْتَعَثْنَا لِنُخْرِجَ مَنْ شَاءَ مِنْ عِبَادَةِ الْعِبَادِ إِلَى عِبَادَةِ اللَّهِ، وَمِنْ ضِيقِ الدُّنْيَا إِلَى سِعَتِهَا، وَمِنْ جَوْرِ الْأَدْيَانِ إِلَى عَدْلِ الْإِسْلَامِ…”[2]

މާނައީ: “ﷲ ތިމަންމެން ފޮނުއްވީ އެއިލާހު އިރާދަކުރެއްވި އަޅަކު، އަޅުތަކުންނަށް އަޅުކަންކުރުމުގެ ތެރެއިން ނެރެ ﷲ އަށް އަޅުކަންކުރުމަށް މަގުދެއްކުމަށެވެ. އަދި ދުނިޔޭގެ ދަތިކަމުން އެތަނުގެ ތަނަވަސްކަމަށްވެސް މެއެވެ. އަދި ދީންތަކުގެ އަނިޔާވެރިކަމުން އިސްލާމްދީނުގެ ޢަދުލުވެރިކަމަށްވެސް މެއެވެ.”

ށ. ޢަރަބި ޖަޒީރާގެ ކައިރީގައި އުޅެމުންދިޔަ ޤައުމުތަކުގެ މީހުން އުޅެމުންދިޔަ އަނިޔާވެރިކަމުން އަރައިގަތުމަށް އެބައިމީހުން ތިބީ ނުހަނު އެދިއެދިއެވެ. އަދި ހަމައެހެންމެ، އެބައިމީހުން ތިބީ އެބައިމީހުން ތިބި ނުބައި ޙާލުން އެބައިމީހުން ސަލާމަތް ކޮށްދޭނެ ފަރާތެއްގެ އިންތިޒާރުގައެވެ. އެގޮތުން ޝާމްކަރައާއި މިޞްރުފަދަ ރަށްތަކުގެ އަހުލުވެރިން އެރަށްތައް ފަތަޙަ ކުރައްވަން މުސްލިމުންގެ ތެރެއިން ވަޑައިގެންނެވި ބޭކަލުންނަށް އެހީތެރިކަން ފޯރުކޮށްދިނެވެ.

ނ. މިހަރަކާތްތަކުގައި ވަޑައިގެންނެވި ފާތިޙުން ސިފަކުރެވިފައިވަނީ މުދާ މަދު، ދުނިޔޭގެ ހެއްލުންތެރިކަމުން ދުރުވެފައިވާ ބައެއްގެ ގޮތުގައެވެ. އަދި އެބޭކަލުންގެ ދިރިއުޅުމުގައި ދިމާވާ ދަތި އުނދަގޫކަންކަމަށް ކެތްތެރިވެވަޑައިގެންނެވި ބަޔަކަށްވުމުން މިހަރަކާތްތަކުގައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން އެބޭކަލުންނަށް ފަސޭހަކަމަކަށް ވެގެންދިޔައެވެ. އަދި އެކަމަށް އެބޭކަލުން ކެތްތެރިވެ ވަޑައިގެންނެވިއެވެ.

ރ. އިސްލާމްދީން އެކަމަކަށް ޚާއްޞަވެފައިވާ މަތިވެރި އަސާސްތަކާއި އިންސާނީ ފިޠުރަތާއި ގުޅިފައިވާ ފަސޭހަތަކަކީ އެދީން ބަލައިގަތުމުގައި އެންމެ ބޮޑަށް އަސަރުކުރުވި އެއްކަމެވެ. އަދި އެކި ކަންކޮޅުތަކަށް މިދީން ހަލުވިކަމާއެކު ފެތުރިގެން ދިޔަ ސަބަބެވެ. ލަޝްކަރުތައް އެހިސާބަށް ނުފޯރަނީސް ވެސްމެއެވެ.

ބ. މުސްލިމުންގެ އެންމެ ފުރަތަމަ ޖީލުގައި އެފަދަ ދެވަނައެއް ނެތް ފިރިހެނުންތަކެއްވިއެވެ. އެކަން ވެގެން ދިޔައީވެސް އެކަމުގެ އެއް ސަބަބެވެ. އެބޭކަލުންނަކީ ޤިޔާދަތާއި، ސިޔާސަތާ އަދި ހަނގުރާމައިގައި ފާހަގަކޮށްލެވޭ ބޭކަލުންތަކެކެވެ. އަދި މުޙައްމަދު صلى الله عليه وسلم ގެ މަދަރުސާއިން ތަރުބިއްޔަތުވެ، އެބޭކަލުން ފިޔަވާ އެހެން އެއްވެސް މީހަކަށް ލިބިފައި ނުވާފަދަ ޚާއްޞަ ކަންތައްތަކެއް ލިބިގެންވީ ބޭކަލުންތަކެކެވެ.


الخلفاء الراشدون لسليمان بن عبد الله الرومي

މިލިޔުމުގެ އެހެން ބައިތައް[1]  عبد الوهاب النجار، الخلفاء الراشدون، ص: 66-71.

[2]  ابن كثير، البداية والنهاية، 7/40