قَالَ الطَّحَاوِيُّ رحمه الله: “نَقُولُ فِي تَوْحِيدِ اللَّهِ -مُعْتَقِدِينَ بِتَوْفِيقِ اللَّهِ- إِنَّ اللَّهَ وَاحِدٌ لاَ شَرِيكَ لَهُ”.
ޠަޙާވީ ރަޙިމަހުﷲ ވިދާޅުވިއެވެ.
“ﷲ ތަވްފީޤާއެކު އީމާންވާ ޙާލު، އެއިލާހުގެ އެއްކައުވަންތަކަމާމެދު އަހަރެމެން ބުނާހުށީ: ހަމަކަށަވަރުން ﷲ އީ އެއްކައުވަންތަ އިލާހެވެ. އެއިލާހަށް އެއްވެސް ޝަރީކަކުނުވެއެވެ.”
______________________________________________________________
ޝަރަޙަ:
އިމާމް ޠަޙާވީ ރަޙިމަހުﷲ ގެ މިޖުމްލައިން އަންގައިދޭން ބޭނުން ވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްކައުވަންތަކުރުން (އެބަހީ ތަވްހީދު) އެވެ. މިއީ އިސްލާމްދީނުގެ ބިންގަލެވެ. އެންމެހާ ރަސޫލުންނާއި ނަބީން ގޮވާލެއްވި މަތިވެރި ބަސްފުޅެވެ. އެބޭކަލުން، އެބޭކަލުންގެ ޤައުމުތަކަށް އެންމެ ފުރަތަމަ ގޮވާލެއްވި ގޮވާލެއްވުމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ إِلاَّ نُوحِي إِلَيْهِ أَنَّهُ لا إِلَهَ إِلاَّ أَنَا فَاعْبُدُونِ)) الأنبياء: 25 މާނައީ: “ހަމަކަށަވަރުން، ތިމަންއިލާހު މެނުވީ (ޙައްޤުވެގެން އަޅުކަމެއްވެވޭ) އިލާހަކު ނުވާކަމަށް އެބޭކަލަކަށް ވަޙީ ނުކުރައްވާ އެއްވެސް ރަސޫލަކު، ކަލޭގެފާނުގެ ކުރިންވެސް ތިމަންއިލާހު ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންއިލާހަށް އަޅުކަން ކުރާށެވެ!”
ޢަރަބިބަހުގައި “التَوْحِيْدُ” އަކީ “وَحَّدَ” ގެ މަޞްދަރެވެ. މުރާދަކީ އެއްޗެއް އެކަތިކަމުގައި ހެދުމެވެ.
“تَوْحِيْدُ اللهِ” (އެބަހީ ﷲ އެއްކައުވަންތަކުރުން) އަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ ނަފްސުފުޅު ނައްޞުތަކުން ދަލީލުކުރާ ކަންކަމުގައި އެއްކައުވަންތަކުރުމެވެ. ނައްޞުތަކުގައި އެއިލާހު އެއްކައުވަންތަ ކުރައްވާފައިވަނީ، ربّ ވަންތަކަމުގައްޔާއި، އިލާހުވަންތަކަމުގައްޔާއި، އެއިލާހުގެ އިސްމުފުޅުތަކުގައްޔާއި ޞިފަފުޅުތަކުގައެވެ. މިގޮތުން އެއިލާހު ކުރައްވާ ޢަމަލުފުޅުތަކާ ބެހޭ އެންމެހާ އާޔަތްތަކަކީ ربّ ވަންތަކަމުގައި އެއިލާހު އެއްކައުވަންތަ ކަމުގެ ދަލީލެކެވެ. އަދި އަޅުކަމާއި، އަޅުކަމަށް އަމުރުކުރައްވައި ނުވަތަ އަޅުކަންކުރުމަށް ގޮވާލައްވާފައިވާ ކޮންމެ އާޔަތަކީ އިލާހުވަންތަކަމުގައި އެއިލާހު އެއްކައުވަންތަކަމުގެ ދަލީލެކެވެ. އަދި އެއިލާހުގެ އިސްމުފުޅުތަކާއި ޞިފަފުޅުތަކާ ބެހޭ ވާހަކަތައް އައިސްފައިވާ ކޮންމެ އާޔަތަކީ އެއިލާހުގެ އިސްމުފުޅުތަކުގައްޔާއި ޞިފަފުޅުތަކުގައި އެއްކައުވަންތަކަމުގެ ދަލީލެކެވެ. މީގެ މިސާލެއްގެގޮތުން ފާތިޙާ ސޫރަތް ފުދެއެވެ. އެކުރު ސޫރަތުގައި މިތިން ވައްތަރުގެ ތަވްޙީދު ގެންނަވާފައިވެއެވެ. މިގޮތުން ((الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ)) ދަލީލުކޮށްދެނީ ربّ ވަންތަކަމުގައި އެއްކައުވަންތަކަމަށެވެ. އަދި ((الرَّحْمَنِ الرَّحِيمِ * مَالِكِ يَوْمِ الدِّينِ)) ދަލީލުކޮށްދެނީ އިސްމުފުޅުތަކުގައްޔާއި ޞިފަފުޅުތަކުގައި އެއްކައުވަންތަކަމަށެވެ. އަދި ((إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ)) ދަލީލުކޮށް ދެނީ އިލާހުވަންތަކަމުގައި އެއްކައުވަންތަކަމަށެވެ.
ތަވްޙީދުގެ އިދިކޮޅަކީ ޝިރުކުކުރުމެވެ. އެބަހީ ބައިވެރިން ބައިވެރި ކުރުމެވެ. މިއީ އެންމެ ބޮޑު އަނިޔާވެރިކަމެވެ. އަދި އެންމެ ބޮޑު ފާފައެވެ.
1. تَوْحِيْدُ الرُّبُوْبِيَّةِ (އެބަހީ ربّ ވަންތަކަމުގައި އެއްކައުވަންތަކުރުން): މިއީ އެންމެހާ ޚަލްޤުތައް އުފެއްދެވީ ﷲ ކަމަށް އީމާންވުމާއި، އެންމެހާތަކެއްޗެއް ވަނީ އެއިލާހަށް ބޭނުން ތެރިވެގެންކަމަށް އީމާންވުމާއި، އަދި އެއިލާހު ކުރައްވާ ޢަމަލުފުޅުތަކުގައި އެއިލާހު އެއްކައުވަންތަކުރުމެވެ. އެއިލާހުގެ ޢަމަލުފުޅުތަކުގައި އެއްވެސް ފަރާތެއް ބައިވެރިގެން ނުވާކަމަށް ހެކިވުމެވެ. އެފަދަ ޢަމަލުފުޅުތަކުގެ ތެރޭގައި: ޚަލްޤުކުރެއްވުމާއި، ރިޒްޤު ދެއްވުމާއި، ދިރުއްވުމާއި، މަރުގެންނެވުމާއި، ކަވްނުގެ އެންމެހާކަމެއް ރާއްވަވައި ހިންގެވުން ފަދަ ޢަމަލުފުޅުތަކެވެ.
މައްކާގައި އުޅުނު މުޝްރިކުން “ربّ ވަންތަކަމުގައި އެއްކައުވަންތަކުރުން” މިވައްތަރުގެ ތަވްޙީދަށް އިޤުރާރުވެއެވެ. އެބައިމީހުންގެ ޙާލަތު ބަޔާންކުރައްވައި ﷲ ވަޙީ ކުރައްވާފައިވެއެވެ. ((وَلَئِنْ سَأَلْتَهُمْ مَنْ خَلَقَهُمْ لَيَقُولُنَّ اللَّهُ)) الزخرف: 87 މާނައީ: “ހަމަކަށަވަރުން، އެބައިމީހުން ހެއްދެވީ ކާކުތޯ، އެބައިމީހުންނާ ކަލޭގެފާނު ސުވާލުކުރައްވައިފިނަމަ، އެބައިމީހުން ބުނާނެކަން ކަށަވަރެވެ. ﷲ اللَّهއެވެ.” މުޝްރިކުން ހަމައެކަނި މިވައްތަރުގެ ތަވްޙީދަށް އިޤުރާރުވިނަމަވެސް، އެބައިމީހުންނަކީ އިސްލާމްދީނުގައިވާ ބައެއްކަމުގައި މާތް ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ނުބައްލަވައެވެ. އެހެނެއްކަމަކު، އެބައިމީހުންނާ ދުކޮޅަށް ހަނގުރާމަކުރެއްވިއެވެ. މީގެ އެނގެންޖެހޭ މުހިއްމު ނުކުތާއަކީ ތަވްޙީދުގެ އެއްވައްތަރަށް އީމާންވެފައި، އަނެއްވައްތަރަށް އީމާންނުވުމަކީ ޝިރުކުކަމެވެ. އަދި ތަވްޙީދުގެ އަހުލުވެރިއަކަށް ވާނީ ތިން ވައްތަރުގެ ތަވްހީދަށްވެސް ތެދުހިތުން އީމާންވެ އެއާއެއްގޮތަށް ޢަމަލުކޮށްގެންކަމެވެ.
2. تَوْحِيْدُ الأُلُوْهِيَّةِ (އެބަހީ އިލާހުވަންތަކަމުގައި އެއްކައުވަންތަކުރުން): މިއީ މީސްތަކުންގެ އެތެރެފުށުންނާއި ބޭރުފުށުން ކުރެވޭ އަޅުކަންތައް އެއިލާހަށް ޚާލިޞްކަމާއެކު ކުރުމެވެ. އެއްވެސް އަޅުކަމެއް އެއިލާހު ނޫން ފަރާތަކަށް ނުކުރުމާއި، އަޅުކަމުގައި އެހެން އެއްވެސް ފަރާތެއް ބައިވެރި ނުކުރުމެވެ. އެފަދަ އަޅުކަންތަކަކީ: ނަމާދުކުރުމާއި، ދުޢާކުރުމާއި، ޛަބަޙަކުރުމާއި، ނަދުރުބުނުން ފަދަ އަޅުކަންތަކެވެ.
3. تَوْحِيْدُ الأسْمَاءِ وَ الصِّفَاتِ (އެބަހީ އިސްމުފުޅުތަކުގައްޔާއި ޞިފަފުޅުތަކުގައި އެއްކައުވަންތަކުރުން): މިއީ އެއިލާހުގެ ޖަލާލުވަންތަކަމާއި ޢަޡީމްވަންތަކަމާއެކަށޭނެގޮތަށް، ޤުރުއާނާއި ސުންނަތުގައި ބަޔާންވެފައިވާ މާނަ ބަދަލުކުރުމެއްނެތި، އަދި އެއްކޮށް ނަފީކުރުމެއް ނެތި، އަދި އެޞިފަފުޅުތަކުގެ ކައިފިއްޔަތު އޮޅުންފިލުވުމެއް ނެތި، އަދި ވައްތަރު ކުރުމެއްނެތި، ޤުރުއާނާއި ސުންނަތުގައި ޘާބިތުވެފައިވާ އެއިލާހުގެ އިސްމުފުޅުތަކަށާއި ޞިފަފުޅުތަކަށް އީމާންވެ، އެއިސްމުފުޅުތަކާއި ޞިފަފުޅުތައް އެއިލާހަށް އިޘްބާތުކުރުމެވެ. އެއިލާހު ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. ((لَيْسَ كَمِثْلِهِ شَيْءٌ)) الشورى:11 މާނައީ: “އެއިލާހާ އެއްފަދަ އެއްވެސް ފަރާތެއްނުވެއެވެ.” ((وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ)) الإخلاص:4 މާނައީ: “އަދި އެއިލާހާ އެއްފަދަވެގެންވާ ހަމައެކަކުވެސް ނުވެއެވެ.” އެބަހީ، އެއްވެސް ގޮތަކުން އެއިލާހާ އެއްފަދަ އެއްވެސް ފަރާތެއް ނުވެއެވެ. ހަމައެކަނި އެއިލާހުގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް ސާބިތުކުރެވޭނީ ޤުރުއާނުންނާއި ސުންނަތުންނެވެ. އެއިލާހުގެ އިސްމުފުޅުތަކާއި ޞިފަފުޅުތަކަށް އަމިއްލަ ބުއްދިއާއި ފިކުރު ވެއްދުމަކީ އެއްވެސް މީހަކަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ.
ހަމައެކަނި “الرحمن” ފިޔަވައި އެހެން އިސްމުފުޅުތަކަށާއި ޞިފަފުޅުތަކަށް މައްކާގެ މުޝްރިކުން އިޤުރާރުވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((وَهُمْ يَكْفُرُونَ بِالرَّحْمَنِ)) الرعد: 30 މާނައީ: “އަދި އެބައިމީހުން ރަޙްމާން ވަންތަ އިލާހަށް ކާފަރުވެއެވެ.” މިއާޔަތުގެ ތަފްސީރުގައި އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އެބަހީ އެބައެއްގެ ތެރެއަށް ކަލޭގެފާނު ފޮނުއްވުނުމީހުން ރަޙްމާންވަންތަ އިލާހަށް ކާފަރުވެއެވެ. އެބައިމީހުން “الرحمن” (މިއިސްމުފުޅަށް) އިޤުރާރެއްނުވެއެވެ. އެހެނީ، އެބައިމީހުން ﷲ އަށް “الرحمن” އަދި “الرحيم” ޞިފަފުޅު ލިބިވޮޑިގެންވާކަން ނަފީކުރެއެވެ. މިސަބަބާހުރެ ޙުދައިބިއްޔާގެ ދުވަހުގައި (ޞުލްޙައިގެ ފަތުގައި) “بسم الله الرحمن الرحيم” ލިޔުމާމެދު އެބައިމީހުން ދެކޮޅު ހެދިއެވެ.” (ތަފްސީރު އިބްނު ކަޘީރު: 8/149)
އަދިވެސް އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އެނގިފާޅުވާގޮތުގައި މުޝްރިކުން މިދެއިސްމުފުޅާ މެދު އިންކާރުކޮށްފައިވަނީ (ޙައްޤަށް) ދެކޮޅުހެދުމުގެ ގޮތުންނާއި، ބޮޑައިވުމުގެ ގޮތުންނާއި، އެބައިމީހުންގެ ކާފަރުކަންމަތީ ދެމިތިބުމުގެ ގޮތުންނެވެ. އެހެނީ، އެބައިމީހުން ޖާހިލިއްޔަ ޒަމާނުގެ ޅެންބައިތުތަކުގައި ﷲ ތަޢާލާއަށް “الرحمن” ގެ އިސްމުފުޅުން ނަންދީފައިވެއެވެ.” (ތަފްސީރު އިބްނު ކަޘީރު: 1/199) (“الرحمن” އަދި “الرحيم” މިދެ އިސްމުފުޅު ނެގިފައިވަނީ ރަޙްމަތުގެ އެންމެ މަތިވެރި މާނައިގައެވެ. އަދި “الرحمن” “الرحيم” އަށް ވުރެ މަތިވެރިއެވެ. އިބްނު ޖަރީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ““الرحمن” ގެ މުރާދަކީ އެއިލާހީ ދުނިޔެއާއި އާޚިރަތުގައިވެސް ރަޙްމާންވަންތަ އިލާހެވެ. އަދި “الرحيم” ގެ މުރާދަކީ އެއިލާހީ އާޚިރަތުގައި ރަޙީމްވަންތަ އިލާހެވެ.” ތަފްސީރު އިބްނު ކަޘީރު: 1/196)
* އިމާމް ޠަޙާވީ ރަޙިމަހުﷲ ގެ “نَقُولُ فِي تَوْحِيدِ اللَّهِ“ (ﷲގެ އެއްކައުވަންތަކަމާމެދު ތިމަންމެން ބުނާހުށީ …) މިޖުމްލައިން ދޭހަވާގޮތުގައި ﷲގެ އެއްކައުވަންތަކަމާ ދެކޮޅަށް ޤަބޫލުކުރާ ބަޔަކުއުޅެއެވެ. އެބަހީ، އެއިލާހަށް ޝިރުކުގެ ބަސްތައްބުނާ އަދި ޝިރުކުގެ ޢަމަލުތައް ކުރާބަޔަކުއުޅެއެވެ.
އެގޮތުން ޚަލްޤުތައް އުފެދުނީ އިއްތިފާޤަކުންކަމަށާއި، އެޚްލަޤުތައް އުފެއްދެވި ފަރާތެއް ނުވާކަމަށް ބުނުމާއި، ކައުނު ހިންގެވުމުގެ ޢަމަލުފުޅުތަކުގައި ﷲއާއެކު އެއްވެސް ފަރާތެއް ބައިވެރިވެގެންވާކަމަށް ބުނެ ޤަބޫލުކުރުން ފަދަ ކަންކަމަކީ تَوْحِيْدُ الرُّبُوْبِيَّةِ (އެބަހީ ربّ ވަންތަކަމުގައި އެއްކައުވަންތަކުރުން) އަށް ކާފަރުވުމެވެ.
ހަމައެހެންމެ، އެއިލާހަށް ކުރަންޖެހޭ އެއްވެސް އަޅުކަމެއް އެހެން ފަރާތަކަށް ކުރުމާއި، ނުވަތަ އެއަޅުކަމުގައި ﷲއާއެކު އެހެން ފަރާތެއް ބައިވެރިކުރުމަކީ تَوْحِيْدُ الأُلُوْهِيَّةِ (އެބަހީ އިލާހުވަންތަކަމުގައި އެއްކައުވަންތަކުރުން) އަށް ކާފަރުވުމެވެ. ދިވެހިރާއްޖޭގައިވެސް މިފަދަ ވައްތަރުގެ ޝިރުކު އަދިވެސް ބައެއް މީހުންގެ ކިބާގައި ހުރިކަން މިތަނުގައި ހިތާމަޔާއެކު ފާހަގަކޮށްލަމެވެ. އެގޮތުން، ޒިޔާރަތްތަކަށް ނަދުރުބުނެ، އެތަންތަނުގައި ވަޅުލާފައިވާ މީހުންގެ ކިބައިން ޙާޖަތްތަކަށްއެދި، އެފަރާތްތަކަށް ދުޢާކޮށް އުޅުން ފަދަ ކަންކަން ހިމެނެއެވެ. އެހެނީ، ނަދުރު ބުނުމާއި، ދުޢާކުރުމަކީ ދެއަޅުކަމެވެ. ﷲ ފިޔަވައި އެއްވެސް ފަރާތަކަށް އެދެކަން ކުރުމަކީ ބޮޑުވެގެންވާ ޝިރުކެކެވެ.
ﷲގެ ސިފަފުޅުތަކާއި ޞިފަފުޅުތަކުގައި ޝިރުކުކުރުން ދަންނައެވެ. އެއީ ޤުރުއާނާއި ސުންނަތުގައި ސާބިތުވެފައިވާ އިސްމުފުޅެއް ނުވަތަ ޞިފަފުޅެއް ނަފީކޮށް ނުވަތަ އިންކާރުކުރުމާއި، އެއިލާހުގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް އެއިލާހުގެ މަޚްލޫޤުންނާ އެއްވައްތަރުކުރުން ފަދަ ކަންކަމެވެ.
ޝިރުކުގެ ނުބައިކަމާއި ނުރައްކާތެރިކަމާ ބެހޭގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ)) لقمان: 13 މާނައީ: “ހަމަކަށަވަރުން ޝިރުކަކީ ބޮޑުވެގެންވާ އަނިޔާއެކެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((إِنَّ اللَّهَ لا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ وَمَنْ يُشْرِكْ بِاللَّهِ فَقَدْ افْتَرَى إِثْماً عَظِيماً)) النساء: 48 މާނައީ: “ހަމަކަށަވަރުން، ﷲ، އެކަލާނގެއަށް ޝަރީކުކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. އަދި، ﷲއަށް ޝަރީކުކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ބޮޑުވެގެންވާ ފާފައަކަށް އަރައިގެންފިކަން ކަށަވަރެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((إِنَّهُ مَنْ يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ)) المائدة: 72 މާނައީ: “ހަމަކަށަވަރުން ﷲއަށް ޝަރީކުކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲ، އެމީހާގެ މައްޗަށް ސުވަރުގެ ޙަރާމްކުރެއްވިއެވެ. އަދި އެމީހަކު އުޅޭނެތަނަކީ ނަރަކައެވެ.” މިފަދަ އެތައް އާޔަތްތަކަކާއި ޙަދީޘްތަކެއް ޝިރުކުގެ ނުބައިކަމާއި، ނުރައްކާތެރިކަމާ ބެހޭގޮތުން އައިސްފައިވެއެވެ.
_________________________________________________
ސުވާލު:
1. އެންމެހާ ރަސޫލުބޭކަލުން، އެބޭކަލުންގެ ޤައުމުތަކަށް އެންމެ ފުރަތަމަ ގޮވާލެއްވީ ކޮންކަމަކަށް؟
2. ތަވްޙީދުގެ ތިން ވައްތަރަކީ ކޮބާ؟
3. މައްކާގެ މުޝްރިކުން އީމާންވާ ތަވްޙީދުގެ ވައްތަރުތަކަކީ ކޮބައިކަމާއި، އެއިގެ ތެރެއިން އެބައިމީހުން ދެކޮޅުހަދާ ކަންކަމަކީ ކޮބައިކަން ބުނެދީ!
4. ތަވްހީދުގެ އެއްވައްތަރަށް އީމާންވެފައި އަނެއްވައްތަރަށް އީމާންނުވާމީހަކީ ތަވްޙީދުގެ އަހުލުވެރިއެއްކަމުގައި ބެލެވޭނެތަ؟
5. ޝިރުކުގެ ނުބައިކަމާއި ނުރައްކާތެރިކަމުގެ ދަލީލެއް ބުނެދީ!
___________________________________________________