[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފުރަތަމަ ޚަލީފާ: އަބޫބަކުރު އައްޞިއްދީޤް رضي الله عنه – 24

އައްޞިއްދީޤުގެ ޚިލާފަތުގައި ޢިރާޤު ފަތަޙަކުރެއްވުން

އެދުވަސްވަރު ޢިރާޤުގައި ބާރުފޯރުވަމުން ދިޔައީ ފާރިސީ ދަޢުލަތުންނެވެ. ނަބިއްޔާ صلى الله عليه وسلم ޙުދައިބިއްޔާއިން އެނބުރިވަޑައިގެން، ފާރިސީންގެ ކިސްރާ އަބްރަވީޒަށް އިސްލާމްދީނަށް ދަޢުވަތުދެއްވާ، ޢަބްދުﷲ ބުން ޙުޛާފަތު އައްސަހްމީގެ އަތްޕުޅުގައި ސިޓީ ފޮނުއްވެވިއެވެ. ދެން އެއަށްފަހު، ޔަމަނުގައި ތިބި ފާރިސީން އިސްލާމްވިއެވެ. މިގޮތުގެ މަތިން މުސްލިމުންނާ ފާރިސީންނާ ދެމެދު ގުޅުން އޮތެވެ. އަދި މީގެ އިތުރުން ޢަރަބި ޖަޒީރާގެ އުތުރުގައި، ފާރިސީންގެ ސަރަހައްދުގެ ކައިރީގައި މުރުތައްދުވި މީހުންނާ ދެކޮޅަށް ހަނގުރާމަ ކުރެވުނެވެ. އައްޞިއްދީޤުގެ ޚިލާފަތުގައި ޢިރާޤު ފަތަޙަކުރެއްވުމަށް ލަޝްކަރު ފޮނުއްވިއެވެ.

ހިޖުރައިން 12 ވަނަ އަހަރުގެ ކުރީކޮޅު، ޢިރާޤު ފަތަޙަކުރެއްވުމަށް އަބޫބަކުރު رضي الله عنه ދެ ލަޝްކަރު ފޮނުއްވެވިއެވެ. ފުރަތަމަ ލަޝްކަރުގެ ވެރިއަކަށް އިސްކުރެއްވީ ޚާލިދު ބުން އަލްވަލީދު رضي الله عنه އެވެ. އަދި އެލަޝްކަރަށް އެންގެވީ ޢިރާޤުގެ ދެކުނުން އެރަށަށް ވަނުމަށެވެ. ދެވަނަ ލަޝްކަރުގެ ވެރިއަކަށް އިސްކުރެއްވީ ޢިޔާޟު ބުން ޣަނުމު رضي الله عنه އެވެ. އެލަޝްކަރަށް އެންގެވީ ޢިރާޤުގެ އުތުރުން އެރަށަށް ވަނުމަށެވެ. ނަމަވެސް ދޫމަތުލްޖަންދަލުގައި އުކައިދިރު ބުން ޢަބްދުލްމަލިކު، ޢިޔާޟު رضي الله عنه ގެ ލަޝްކަރަށް ހުރަސްއަޅާ މަގު ބަންދުކުރިއެވެ. ޚާލިދު رضي الله عنه ލަޝްކަރާއިގެން ޢިރާޤުގެ ދެކުނަށް ވަޑައިގެންނެވިއެވެ. އަލްޚަލީޖުލް ޢަރަބީގެ ކައިރީގައިވާ އަލްޙަފީރޭ ކިޔުނު ތަނުގައި އެކަލޭގެފާނާއި އިބްނުލް ފަރަސްގެ ފުރަތަމަ ކުރިމަތިލުން ހިނގައިދިޔައެވެ. މިހަނގުރާމައަށް ދެވިފައިވާ ނަމަކީ ޛާތުއްސަލާސިލެވެ. ފާރިސީންގެ ޤާއިދަކަށް ހުރީ ހުރްމުޒެވެ. އެއީ އަލްއަބުއްލާގެ[1] ޙާކިމެވެ. އެބައިމީހުންގެ މައްޗަށް ނަޞްރު ލިބިވަޑައިގެންނެވުމުން، ދެން ޚާލިދު رضي الله عنه މިސްރާބު ޖެއްސެވީ އައްޘިންޔަށެވެ. އެއަށްފަހު، އަލްވަލަޖާއަށެވެ. އެތަނުން ފާރިސީންގެ ލަޝްކަރާ ބައްދަލުވިއެވެ. އެބައިމީހުންގެ ޤާއިދަކަށް ހުރީ ބަހްމަން ޖާޛަވައިހެވެ. އޭނާގެ މައްޗަށް ނަޞްރު ލިބުމުން، ދެން ޚާލިދު رضي الله عنه ވަޑައިގެންނެވީ އުއްލައިސަށެވެ. ދެން އެއަށްފަހު، އަލްޙީރާއަށެވެ. އެތަނަކީ ފާރިސީންގެ ކުރިން ޢަރަބި ވެރިކަންތަކުގެ ވެރިރަށެވެ. ފަހެ، ޞުލްޙަވެރިކަމާއެކު އެރަށް ފަތަޙަކުރެއްވުމަށްފަހު އެތަނުގެ ވެރިއަކަށް އަލްޤަޢުޤާޢު ބުން ޢަމްރު އިސްކުރެއްވިއެވެ.

ދެން އެއަށްފަހު، ޚާލިދު رضي الله عنه މިސްރާބުޖެއްސެވީ އަލްއަންބާރަށެވެ. ފަހެ، އެތަން ޙިޞާރުކުރެއްވިއެވެ. ދެން ފަތަޙަކުރެއްވިއެވެ. ދެން ވަޑައިގެންނެވީ ޢައިނުއްތަމްރަށެވެ. އެތަންވެސް ޙިޞާރުކުރެއްވިއެވެ. އެއީ އެތަނުގެ އަހުލުވެރިން އެކަލޭގެފާނުގެ ދަށަށް އަތުވެއްޖައުމަށް ދާންދެނެވެ. އެތަނުން މުސްލިމުންނަށް ލިބުނު ޣަނީމާގެ ތެރޭގައި އިންޖީލު ކިޔަވަމުންދިޔަ، ނަޞާރާއިންގެ ސާޅީސް ކުޑަކުދިން ހިމެނެއެވެ. ފަހެ، އެކުދިން އިސްލާމްވިއެވެ. އެކުދިންގެ ތެރޭގައި މަޝްހޫރު ތާބިޢީ، މުޙައްމަދު ބުން ސީރީންގެ ބައްޕަ، ސީރީން އާއި އަންދަލުސް ފަތަޙަކުރެއްވި މޫސާ ބުން ނުޞައިރުގެ ބައްޕަ، ނުޞައިރު އަދި ޝާޢިރު، އަބޫ އަލްޢަތާހިޔާގެ ކާފަވެސް ހިމެނެއެވެ.

އެއަށްފަހު، އެކަލޭގެފާނު ވަޑައިގެންނެވީ އުކައިދިރާއި އޭނާއާއެކުވީ މީހުންނާ ދެކޮޅަށް ޢިޔާޟު رضي الله عنه އަށް އެހީތެރިވެވަޑައިގެންނެވުމަށް، ދޫމަތުލްޖަންދަލަށެވެ. އަދި ވަރުގަދަ ހަނގުރާމައަކަށްފަހު އެތަން ފަތަޙަކުރައްވާ، އުކައިދިރު ޤަތުލުކުރިއެވެ. ދެން އެއަށްފަހު، ޚާލިދު رضي الله عنه އަލްފިރާޟަށް ވަޑައިގެންނެވުމަށް ޤަޞްދުކުރައްވާ ޢިރާޤަށް އެނބުރިވަޑައިގެންނެވިއެވެ. އެއީ ޢިރާޤާއި ޝާމުކަރަ ގުޅޭ ހިސާބެވެ. ފާރިސީންނާއި ރޫމީންގެ ލަޝްކަރު އެތަނަށް ޖަމާވެފައިވެއެވެ. އަދި ޢަރަބީންގެ ނަޞާރާއިންވެސް އެބައިމީހުންނާ ގުޅުނެވެ. ފަހެ، ޚާލިދު رضي الله عنه އެބައިމީހުންނާ ހަނގުރާމަކުރައްވާ އެބައިމީހުންގެ މައްޗަށް ނަޞްރު ހޯއްދެވިއެވެ.[2]


الخلفاء الراشدون لسليمان بن عبد الله الرومي

[1]  އަބުއްލާއަކީ ޢަރަބި ފަސްގަނޑު ނިމޭ ހިސާބުގައި ހުޅަނގަށް އޮންނަ ރަށެކެވެ. [انظر: ياقوت الحموي، معجم البلدان، 1/99.]

[2]  انظر: الطبري، تاريخ الأمم والملوك،2/307-328.