[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފުރަތަމަ ޚަލީފާ: އަބޫބަކުރު އައްޞިއްދީޤް رضي الله عنه – 26

ޔަރްމޫކު ހަނގުރާމަ

ހިޖުރައިން ތޭރަވަނަ އަހަރުގެ ކުރީކޮޅުގައި، ޝާމްކަރަ ފަތަޙަ ކުރެއްވުމަށްޓަކައި، އަބޫބަކުރު رضي الله عنه ފަސް ލަޝްކަރު ތައްޔާރުކުރެއްވިއެވެ. އެލަޝްކަރުތަކަކީ:

  1. އަބޫ ޢުބައިދާ ޢާމިރު ބުން އަލްޖައްރާޙް رضي الله عنه ގެ ޤިޔާދަތުގެ ދަށުގައި ޝާމްކަރައިގެ އުތުރުގައިވާ ޙިމްޞާއި ޙަމާއަށް ފޮނުއްވި ލަޝްކަރު.
  2. ޔަޒީދު ބުން އަބޫ ސުފްޔާން رضي الله عنه ގެ ޤިޔާދަތުގެ ދަށުގައި ދިމިޝްޤަށް ފޮނުއްވި ލަޝްކަރު.
  3. ޝުރަޙްބީލް ބުން ޙަސަނާ رضي الله عنه ގެ ޤިޔާދަތުގެ ދަށުގައި އަލްއުރްދުނަށް ފޮނުއްވި ލަޝްކަރު.
  4. ޢަމްރު ބުން އަލްޢާޞް رضي الله عنه ގެ ޤިޔާދަތުގެ ދަށުގައި ފަލަސްޠީނަށް ފޮނުއްވި ލަޝްކަރު.
  5. އިކްރިމާ ބުން އަބޫ ޖަހުލު رضي الله عنه ގެ ޤިޔާދަތުގެ ދަށުގައި މިލަޝްކަރުތަކަށް ބާރުދީ އެހީތެރިވެދިނުމަށް ފޮނުއްވި ލަޝްކަރު.

 

 

މިލަޝްކަރުތައް ނުކުތީ އެކުއެކީގައެވެ. އަދި މިލަޝްކަރުތަކުގެ މުޖާހިދުންގެ ޢަދަދު ތިރީސް ހާހާ ގާތްކުރެއެވެ. މުސްލިމުންގެ ލަޝްކަރުގެ ޚަބަރު ރޫމީންނަށް ލިބުމުން، އެބައިމީހުން ސަތޭހަ ފަންސާސް ހާހަށްވުރެ ގިނަ ހަނގުރާމަވެރިންގެ ލަޝްކަރެއް ތައްޔާރުކުރިއެވެ. ދެބައިމީހުން ބައްދަލުވީ އަލްޔަރްމޫކު ކޯރުގެ ކައިރިންނެވެ. މުސްލިމުންނަށް އެބައިމީހުންގެ ޢަދާވާތްތެރިންގެ ޢަދަދު ގިނަކަން ފެނުމުން، އެކަމުގެ ޚަބަރު އަބޫބަކުރު  رضي الله عنه އަށް ދެއްވިއެވެ. ދެން ޢިރާޤުގައި ހުންނެވި ޚާލިދު ބުން ވަލީދުގެ ލަޝްކަރުގެ ދެބައިކުޅަ އެއްބަޔާއެކު، މުސްލިމުންގެ ލަޝްކަރުގެ ގާތަށް ދިއުމަށް އަބޫބަކުރު رضي الله عنه އެންގެވިއެވެ. އަދި އެކަލޭގެފާނުގެ ލަޝްކަރުގެ އަނެއްބައި އަލްމުޘައްނާ ބުން ޙާރިޘަތުއްޝައިބާނީގެ ދަށުގައި ޢިރާޤުގައި މަޑުކުރުމަށް އެންގެވިއެވެ. ފަހެ، ޚާލިދު رضي الله عنه ޢިރާޤުން ޝާމްކަރައަށް ވަރަށް އަވަހަށް ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު ވަޑައިގެންނެވުމުން ލަޝްކަރު ޖަމާކުރައްވާ، އެކަލޭގެފާނުގެ ޤިޔާދަތުގެ ދަށުގައި ސަފުތައް ތަރުތީބުކުރެއްވިއެވެ.

ރޫމީން ތިބީ އެއްފަރާތުން ޔަރްމޫކު ކޯރުގެ އަދި އަނެއް ފަރާތުން އަލްވާޤޫޞާގައި ކޮނެފައިވާ ޚަންދަޤުގެ ހިމާޔަތް ހޯދައިގެންނެވެ.

ދެން ފަހެ، ޚާލިދު رضي الله عنه ހަނގުރާމައިގެ އިދާރީ މަސައްކަތްތައް ފެއްޓެވިއެވެ. އެގޮތުން ލަޝްކަރު ބައިބަޔަކަށް ބައްސަވާލެއްވިއެވެ. އެއިން ކޮންމެ ބަޔެއްގައި ނުވަސަތޭކަ ހަނގުރާމަވެރިން ތިއްބެވެ. އެގޮތުން ގާތްގަނޑަކަށް 38 ބައިވިއެވެ. ދެން އެއަށްފަހު މެދާއި ކަނާއަތް ފަރާތާއި ވާތް ފަރާތާއި ކުރިއާއި ފަހަތަށް ބެއްސެވިއެވެ. މެދުގައި އިސްކޮށް ތިއްބެވީ އަބޫ ޢުބައިދާ އާއި ޢަމްރު ބުން އަލްޢާޞްއެވެ. ކަނާތް ފަރާތުގައި ހުންނެވީ ޝުރަޙްބީލެވެ. އަދި ވާތް ފަރާތުގައި ހުންނެވީ ޔަޒީދެވެ. رضي الله عنهم أجمعين.

ދެން އެއަށްފަހު، ހަނގުރާމަ ފެށުމަށް އަލްޤަޢުޤަޢު ބުން ޢަމްރާއި އިކްރިމާ ބުން އަބޫ ޖަހުލަށް އަމުރުކުރެއްވިއެވެ. އެދެ ބޭކަލުން ރޫމީން ފިލާތިބި ތަނުން ހަނގުރާމައިގެ މައިދާނަށް ނެރުނުހިނދު، ޚާލިދު رضي الله عنه ސަފުތަކުގެ މެދުގައި ތިއްބެވި މުޖާހިދުންނާއެކު ރޫމީންނާ ކުރިމަތިލެއްވިއެވެ. އަދި ކަނާތް ފަރާތާއި ވާތް ފަރާތުގައި ތިބި ރޫމީންގެ މީހުން ދޫކޮށްލެއްވިއެވެ. އެއީ ރޫމީންގެ ތެރެއިން ހަނގުރާމައިން ފިލަންދާ މީހުން އެގޮތުގައި ދޫކޮށްލުމަށެވެ. އަދި އޭގެ ސަބަބުން ހަނގުރާމަ ކުރަމުން ދިޔަ މުސްލިމުންނަށް ލުއިވާނެތީއެވެ. ދެންފަހެ ރޫމީން ބައިބައިވެ، ހަނގުރާމަ ނިމުނެވެ. އަދި މުސްލިމުންނަށް ނަޞްރު ލިބުނެވެ.[1]


الخلفاء الراشدون لسليمان بن عبد الله الرومي

 

މިލިޔުމުގެ އެހެން ބައިތައް[1]  انظر: الطبري، تاريخ الأمم والملوك، 2/335-342.