[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މާތްﷲގެ ރިވެތި އިސްމުފުޅުތަކަށް ”އަލިވިލުމެއް” 5

ފާފަފުއްސެވުމާއި އަފޫކުރެއްވުމާއި ގުޅުންހުރި އިސްމުފުޅުތައް

 

އެއިލާހީ އަޅުތަކުންގެ ފާފަތައް ފުއްސަވާ، ކުށްފާފަތައް ޢަފޫކުރައްވާ އަދި ޢައިބުތައް ފޮރުއްވާދެއްވާ އިލާހެވެ. އެއިލާހުގެ އިސްމުފުޅުތައް ކަމުގައިވާ الغفور، الغفار، العفو، الستير އަދި التواب ހިމެނިގެންވެއެވެ.

﴿قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّـهِ  إِنَّ اللَّـهَ يَغْفِرُ الذُّنُوبَ جَمِيعًا إِنَّهُ هُوَ الْغَفُورُ الرَّحِيمُ﴾ [سورة الزمر ٥٣]

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. އެބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފުކޮށްފައިވާ، ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲގެ ރަޙްމަތުން މާޔޫސްނުވާށެވެ. ހަމަކަށަވަރުން ﷲއީ އެންމެހާ ފާފަތައްފުއްސަވާ އިލާހެވެ. ހަމަކަށަވަރުން އެއިލާހީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ އިލާހެވެ.”

ނޯޓު: މި އާޔަތުގެ މަޤްޞަދަކީ އެއްގޮތަކަށްވެސް ފާފަކުރުމަށް ބާރުއެޅުމެއް ނޫނެވެ. އެއާޚިލާފަށް މިއާޔަތުގެ މަޤްޞަދަކީ ﷲގެ ހަޟްރަތަށް ތައުބާވެ، އިސްތިޣްފާރުކުރުމުގެ މުހިންމުކަން ބަޔާންކުރެއްވުމެވެ. މިއާޔަތުން އަންގައިދީފައިވަނީ ފާފައެއް ކުރެވުނުކަމުގައިވިޔަސް، ފާފަކުރުމުގައި ދެމިހުރުމުގެ ބަދަލުގައި، ކުށުގެ އިހްސާސްކުރެވި، ﷲގެ ހަޟްރަތުން ފާފަފުއްސެވުން އެދި ދަންނަވާ އަޅުންނަކީ އެބައިމީހުންދެކެ ﷲ ލޯބިވެވޮޑިގެންވާ ބަޔަކު ކަމެވެ.

((إِنَّ اللهَ عَزَّ وَجَل حَيِىٌّ سِتِّيرٌ يُحِبُّ الْحَيَاءَ وَالسَّتْرَ)) [رواه أبو داود وصححه الألباني]

މާނައީ: “ހަމަކަށަވަރުން ﷲ ޢައްޒަ ވަޖައްލައަކީ ލަދުވެތިވޮޑިގެންވާ އަދި (ފާފަތަކާއި ޢައިބުތައް) ފޮރުއްވަވާ ދެއްވާ އިލާހެވެ. ލަދުވެތިކަމާއި ފޮރުވުމަށް އެއިލާހު ލޯބިވެވޮޑިގެންވެއެވެ.”

الحَيِىّ ގެ މާނައަކީ ލަދުވެތިކަމަށް ލޯބިވެވޮޑިގެންވާ އަދި ލަދުވެތިވެވޮޑިގެންވާ އިލާހެވެ.

އެއިލާހުގެ އަޅާ ދުޢާކުރުމުން އެއަޅާގެ ދުޢާ އިޖާބަ ނުކުރައްވާ ހުސްއަތާ ރައްދުކުރައްވަން އެއިލާހު ލަދުވެތިވެ ވޮޑިގެންވެއެވެ. ދުޢާ އިޖާބަކުރައްވާ ތަފާތު ގޮތްތައް ވެއެވެ. މިގޮތުން ބައެއް ފަހަރު ދުޢާކުރި ކަންތައް ދުޢާގައި އަޅާ އެދުނު ފަދައިން އެއިލާހު ފަހިކޮށްދެއްވައެވެ. އަނެއްބައި ފަހަރު ދުޢާކުރި ކަންތައް ސީދާ އެފަދައިން އިޖާބަނުވިކަމުގައިވިޔަސް، އެކުރި ދުޢާގެ ސަބަބުން އަޅާއަށް ޖެހެންއޮތް މުޞީބާތެއް ނުޖެހޭނެގޮތް ﷲ މިންވަރުކުރައްވައެވެ. އަނެއްބައި ފަހަރު ދުޢާގެ އަސަރު ދުނިޔެމަތީގައި އަޅާއަށް ނުދައްކަވާ، އެކަމުގެ ހެޔޮ ޖަޒާ ޤިޔާމަތް ދުވަހުން މާތް ﷲ ދުޢާކުރި އަޅާއަށް ދެއްވައެވެ.

السِّتِّير މި އިސްމުފުޅުގެ މާނައަކީ ޢައިބުތައް ފޮރުއްވަވާ އިލާހެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((مَنْ سَتَرَ مُسْلِمًا سَتَرَهُ اللَّهُ فِي الدُّنْيَا وَالْآخِرَةِ))  [رواه مسلم]

 މާނައީ: “މުސްލިމެއްގެ ޢައިބު ވަންހަނާކޮށްފި މީހެއްގެ ޢައިބު ދުނިޔެއާއި އާޚިރަތުގައި ﷲ ތަޢާލާ ވަންހަނާ ކޮށްދެއްވަވާނެއެވެ.”

މާތް ﷲއީ ކުޅަދުންވަންތަކަމާއި، އޯގާވަންތަކަމާއި، ފާފަފުއްސުވުމާ އަދިވެސް އެހެން ސިފަފުޅުތަކުގައި ކޮޅު ނެތް ކޮޅަށް ތަނަވަސްވަންތަ އިލާހެވެ.

މާތް ﷲ ގެ ސިފަފުޅުތަކަކާއިމެދު ވިސްނާ ފިކުރުކުރުމުން ހިތަށް ފިނިކަންލިބި އުއްމީދުތައް އާވެގެންދެއެވެ. ކުރިމަތިވާ ގޮންޖެހުންތައް ގިރާކޮށް ކުރިޔަށް ދިޔުމަށްޓަކައި އެހީތެރިވެދޭނެ ކަށަކުޅަދުންވަންތަ އަދި އޯގާވަންތަ ފަރާތެއް ވާކަން އެނގި، މަޑުޖެހުމެއްނެތި ތިމާގެ ލަނޑުދަނޑިތަކާއި ހަމައަށް ދިއުމަށް މަސައްކަތްކުރުމުގެ ހިތްވަރު އާލާވެގެންދެއެވެ.  ސިފަފުޅުތައް އުނގެނުމުން އެއިލާހުގެ އަޛާބަށް ބިރުވެތިވެވި، ކުށް ފާފަތަކުން ދުރުވެވެއެވެ.

ކުރުގޮތަކަށް ދަންނަވާނަމަ، އީމާންކަމުގެ ޙަޤީޤީ ފޮނި މީރުކަން އިޙްސާސްކުރަން އެންމެ ބޮޑަށް އެހީވެދޭނެ އެއް ކަމަކީ ﷲ ތަޢާލާގެ އިސްމުފުޅުތަކާއި ސިފަފުޅުތަކާމެދު ތަދައްބަރުކުރުމެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿نَبِّئْ عِبَادِي أَنِّي أَنَا الْغَفُورُ الرَّحِيمُ [49] وَأَنَّ عَذَابِي هُوَ الْعَذَابُ الْأَلِيمُ [50]﴾ [سورة الحجر]

މާނައީ: “ހަމަކަށަވަރުން ތިމަންއިލާހީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ އިލާހުކަމުގައި، ތިމަންއިލާހުގެ އަޅުތަކުންނަށް ކަލޭގެފާނު ޚަބަރު ދެއްވާށެވެ! އަދި ހަމަކަށަވަރުން ތިމަންއިލާހުގެ ޢަޛާބު އެއީ ވޭންދެނިވި ޢަޛާބެއް ކަމަށްވެސްމެއެވެ.”

=ނިމުނީ=

************************************

References:

أسماء الله و صفاته و موقف أهل السنة منها للشيخ ابن العثيمين

https://islamqa.info/ar/145731

https://islamqa.info/ar/84270

https://dhisalafiyyah.net/article/11359

 

މިލިޔުމުގެ އެހެންބައިތައް