[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤުރުއާނުގެ ބައެއް އާޔަތްތައް ކިޔެވުން ނަސްޚުކުރެއްވުން – 1

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ފުރަތަމައީ: ޝަރުޢީ ޙުކުމެއް ޘާބިތުވެފައިވާ އާޔަތެއްގައި އޮތް ޙުކުމް ދެމި އޮތުމާއެކު، އެއާޔަތް ކިޔެވުމާއި ލިޔުމުން ނަސްޚުވުން ޖާއިޒުކަމަށް އުޞޫލު ފިޤްހު ޢިލްމުވެރިންނާއި، ފިޤްހު ޢިލްމުވެރިންނާއި، ޙަދީޘް ޢިލްމުވެރިންނާއި ތަފްސީރު ޢިލްމުވެރިންގެ ތެރެއިން ޖުމްހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ.

ޞަޙާބީން  – رضوان الله عليهم – ގެ އަރިހުން ނަޤުލުވެގެން އައިސްފައިވާ ބަސްފުޅުތަކުން މިކަމަށް ދަލީލު ލިބެއެވެ. އެގޮތުން އެފަދަ ބައެއް މިޘާލުތައް މިތަނުގައި ޛިކުރުކޮށްލާނަމެވެ.

 

  1. ރަޖަމުގެ އާޔަތް ކިޔެވުން ނަސްޚުވުން.

މިކަމުގެ ދަލީލަކީ ޢުމަރު ބުން އަލްޚައްޠާބު رضي الله عنه މީސްތަކުންނަށް ޚުޠުބާ ދެއްވަމުން ވިދާޅުވި ބަސްފުޅެވެ.

“إِنَّ اللَّهَ بَعَثَ مُحَمَّدًا صَلَّى اللهُ عَلَيْهِ وَسَلَّمَ بِالحَقِّ، وَأَنْزَلَ عَلَيْهِ الكِتَابَ، فَكَانَ مِمَّا أَنْزَلَ اللَّهُ آيَةُ الرَّجْمِ، فَقَرَأْنَاهَا وَعَقَلْنَاهَا وَوَعَيْنَاهَا، رَجَمَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَرَجَمْنَا بَعْدَهُ، فَأَخْشَى إِنْ طَالَ بِالنَّاسِ زَمَانٌ أَنْ يَقُولَ قَائِلٌ: وَاللَّهِ مَا نَجِدُ آيَةَ الرَّجْمِ فِي كِتَابِ اللَّهِ، فَيَضِلُّوا بِتَرْكِ فَرِيضَةٍ أَنْزَلَهَا اللَّهُ، وَالرَّجْمُ فِي كِتَابِ اللَّهِ حَقٌّ عَلَى مَنْ زَنَى إِذَا أُحْصِنَ مِنَ الرِّجَالِ وَالنِّسَاءِ، إِذَا قَامَتِ البَيِّنَةُ، أَوْ كَانَ الحَبَلُ أَوِ الِاعْتِرَافُ” [رواه البخاري / كتاب: الحدود / باب: رجم الحبلى من الزنا إذا أحصنت / رقم: 6830 ، ومسلم / كتاب: الحدود / باب: رجم الثيب في الزنى / رقم: 1691]

މާނައީ: “ހަމަކަށަވަރުން ﷲ ތަޢާލާ، މުޙައްމަދު صلى الله عليه وسلم ފޮނުއްވީ ޙައްޤާއިގެންނެވެ. އަދި އެކަލޭގެފާނަށް ފޮތް ބާވައިލެއްވިއެވެ. ފަހެ، ﷲ ބާވައިލެއްވި އާޔަތްތަކުގެ ތެރޭގައި ރަޖަމުކުރުމުގެ އާޔަތްވިއެވެ. ފަހެ، ތިމަންބޭކަލުން އެއާޔަތް ކިޔެވީމެވެ. އަދި އޭގައިވާ ޙުކުމް ތިމަންބޭކަލުންނަށް ވިސްނި އެކަން ދެނެގަތީމެވެ. ރަސޫލުﷲ صلى الله عليه وسلم ވަނީ އޭރު ބައެއް މީހުން ރަޖަމުކުރައްވާފައެވެ. އަދި ތިމަންބޭކަލުންވެސް އެކަލޭގެފާނު އަވަހާރަވުމަށްފަހު ބައެއް މީހުން  ރަޖަމުކުރީމެވެ. ފަހެ، ތިމަންކަލޭގެފާނު ބިރުވެތިވެވަޑައިގަންނަވަނީ ދިގު ޒަމާންތަކަކަށްފަހު، މީހަކު އައިސް ބުނެދާނެތީއެވެ. “ﷲ ގަންދީ ބުނަމެވެ. ﷲގެ ފޮތުގައި ރަޖަމުގެ އާޔަތެއް ނުފެނެއެވެ.” ފަހެ، އޭގެ ސަބަބުން ﷲ ތަޢާލާ ބާވައިލައްވައި، ލާޒިމުކުރައްވާފައިވާ ކަމެއް ދޫކޮށްލުމުން އެބައިމީހުން މަގު ފުރެދިދާނެއެވެ. އަދި ރަޖަމަކީ ޒިނޭކޮށްފައިވާ މީހުންގެ ތެރެއިން މުޙްޞަނު ފިރިހެނުންނާއި މުޙްޞަނު އަންހެނުންކުރެ ހެކިވެރިންގެ ހެކިބަހުން ނުވަތަ ބަނޑުބޮޑުވުމުގެ ސަބަބުން ނުވަތަ އިޢުތިރާފުވުމުގެ ސަބަބުން އެކަން ޘާބިތުވެއްޖެމީހެއްގެ މައްޗަށް، ﷲގެ ފޮތުގައި ކަނޑައަޅުއްވާފައިވާ ކަމެކެވެ.”

 

އަބުލް ޢައްބާސް އަޙްމަދު ބުން ޢުމަރު ބުން އަލްޤުރްޠުބީ رحمه الله ވިދާޅުވިއެވެ.

“ޢުމަރުގެފާނު ވިދާޅުވި ބަސްފުޅުގައިވެއެވެ. “ފަހެ، ﷲ ބާވައިލެއްވި އާޔަތްތަކުގެ ތެރޭގައި ރަޖަމުކުރުމުގެ އާޔަތްވިއެވެ. ފަހެ، ތިމަންބޭކަލުން އެއާޔަތް ކިޔެވީމެވެ. އަދި އޭގައިވާ ޙުކުމް ތިމަންބޭކަލުންނަށް ވިސްނި އެކަން ދެނެގަތީމެވެ.” މިއީ ޤުރުއާނުގައި ކިޔަވާ ވިދާޅުވި ނައްޞެއްކަމަށް ޢުމަރު رضى الله عنه ގެ އަރިހުން އައިސްފައިވާ ބަސްފުޅެވެ. އަދި އެކަލޭގެފާނުގެ ބަސްފުޅުގެ ފަހުބައިން ދަލީލުކޮށްދެނީ ހަމަކަށަވަރުން އެއާޔަތް ޤުރުއާނުން ނަސްޚުވެފައިވާކަމެވެ. އަދި އެކަމުގެ ޙުކުމް ދެމިއޮތްކަން އެނގިގެންވާކަމެވެ. އެއީ ރަޖަމުކުރުމެވެ. އަދި ޢުމަރުގެފާނު އެފަދައިން ވިދާޅުވީ ޞަޙާބީން رضى الله عنهم ޙާޟިރުވެ ތިއްބެވި ތަނެއްގައެވެ. އަދި އެއީ އެތަނެއްގައި ވަޙީ ބާވައިލެއްވުނު ބިމުގައެވެ. އަދި މިޚުޠުބާ މުސްލިމުންގެ ތެރޭގައި ފެތުރިގެން ދިޔައެވެ. އަދި ދަތުރުވެރިން މިޚުޠުބާ ނަޤުލުކުރިއެވެ. އަދި އެއްވެސް ޞަޙާބީއެއް ނުވަތަ އޭގެފަހުން ވަޑައިގެންނެވި ބޭކަލުންގެ ތެރެއިން ބޭކަލަކުވެސް ޢުމަރުގެފާނުގެ މިބަސްފުޅުން އެއްވެސް މިންވަރެއް އިންކާރުކުރެއްވި އަޑު އިވިފައެއް ނެތެވެ. އަދި އެކަލޭގެފާނުގެ ޙަޔާތްފުޅުގައި އަދި އަވަހާރަވުމަށްފަހުވެސް އެބަސްފުޅު އަނބުރާ ގެންދެވިކަމެއް އެނގޭކަށް ނެތެވެ. ފަހެ، އެއީ މިފަދަ ނަސްޚުގެ ޞައްޙަކަމަށް އެބޭކަލުން ވެވަޑައިގެންފައިވާ އިޖުމާޢުއެކެވެ. އެއީ ޙުކުމް ދެމިއޮތުމާއެކު ކިޔެވުން ނަސްޚުވުމެވެ. އެބޭކަލުންގެ ޒަމާނަށް ފަހު މީހެއްގެ ޚިލާފަކަށް މިކަމުގައި ބެލުމެއް ނެތެވެ. އަދި ނަސްޚުގެ ތިން ބައެއްވާކަން އުޞޫލުގައި ބަޔާންވެގެންވެއެވެ. އެއީ ކިޔެވުން ނަސްޚުވުމާއި، ކިޔެވުން ދެމިއޮތުމާއެކު ޙުކުމް ނަސްޚުވުމާއި، ޙުކުމް ދެމިއޮތުމާއެކު ކިޔެވުން ނަސްޚުވުމެވެ.” [المفهم لما أشكل من تلخيص كتاب مسلم 5/85]

– ނުނިމޭ –

_____________________________________

މަޞްދަރު

 

މިލިޔުމުގެ އެހެން ބައިތައް