އެފޮތުގައި ގެންނަވާފައިވާ ނަތީޖާތަކުގެ ޚުލާޞާއަކީ:
ފުރަތަމައީ: އިމާމު މުސްލިމު އަބޫ ސަޢީދު އަލްޚުދްރީގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘް ފިޔަވާ، ޙަދީޘް ލިޔުން ނަހީކުރާ އެއްވެސް ޙަދީޘަކީ ޞައްޙަ ޙަދީޘެއް ނޫނެވެ. އެ ޙަދީޘްވެސް އެއީ ނަބިއްޔާ صلى الله عليه وسلم ގެ ބަސްފުޅެއްތޯ ނުވަތަ ޞަޙަބީބޭކަލެއްގެ ބަސްފުޅެއްތޯ، އިމާމު ބުޚާރީއާއި މުސްލިމުގެ މެދުގައިވަނީ ޚިލާފު އުފެދިފައެވެ.
ދެވަނީ: ނަބިއްޔާ صلى الله عليه وسلم ގެ ދުވަސްވަރުގައި މަޝްހޫރުވެފައިވަނީ (ޙަދީޘް) ލިޔުން އެއީ ހުއްދަކަމެއްކަމުގައި ދެކުމެވެ. އެފޮތުގެ މުއައްލިފުވަނީ އެކަމުގެ ވަރަށް ގިނަ ދަލީލު ގެންނަވާފައެވެ. އަދި ކިއެއް ހެއްޔެވެ. (ޙަދީޘް) ލިޔުމަށް ބާރުއަޅާފައިވާ ޤުރުއާނާއި ސުންނަތުގެ ދަލީލުތައް ގެންނަވާފައިވެއެވެ.
ތިންވަނައީ: ޙަދީޘް އެއްކުރެއްވުން – އޭގެ އެންމެ ތަނަވަސް މާނައިން ބަލާއިރު – ނަބިއްޔާ صلى الله عليه وسلم ގެ ދުވަސްވަރުގައިވަނީ ފެށިފައެވެ.
ހަތަރުވަނައީ: ޞަޙާބީ ބޭކަލުންކުރެ ޙަދީޘް ލިޔުއްވުމުން ދުރުހެލިވި ބޭކަލުން އެކަން ކުރެއްވީ އަބޫ ސަޢީދު އަލްޚުދްރީގެ ޙަދީޘްގައި އެކަން ނަހީކޮށްފައިވާތީއެއް ނޫނެވެ. އެހެނަސް ބައެއް ބޭކަލުން އެގޮތަށް ޢަމަލުކުރެއްވީ އޭރުގައި ސަބަބުތަކެއް މެދުވެރިވެގެންނެވެ. އޭގެ ތެރޭގައި:
– ފޮތްތަކުގައި މަޝްޣޫލުވެ މީސްތަކުން ކީރިތި ޤުރުއާނާއި އެއްކިބާވެދާނެތީ. އަލްޚަޠީބު އަލްބަޣްދާދީ ވަނީ މިކަން ބަޔާންކޮށް ސަލަފުންގެ ބޭކަލުންގެ ވަރަށް ގިނަ ބަސްފުޅުތައް ގެންނަވާފައެވެ.
– މުސްލިމުންގެ ހިތުދަސްކުރުމުގެ ހުނަރު ރައްކާތެރިކުރުމުގެ ގޮތުން. އެހެނީ ލިޔުމަށް ބަރޯސާވުމުން އެކަން ހީނަރުވެގެންދާނެއެވެ. އެގޮތުން ބައެއް ބޭކަލުން ލިޔުއްވުމަށް ފަހު ފޮހެވެސް އުޅުއްވިއެވެ. ޙަދީޘް ލިޔުމަކީ މަނާކަމެއްކަމުގައި އެބޭކަލުން ދެކިވަޑައިގަންނަވާނަމަ އެންމެ ފުރަތަމަވެސް އެގޮތަށް ނުލިޔުއްވީހެވެ. [1]
= ނުނިމޭ =
_________________________
[1] تقييد العلم ص: 57 – 60.