-
ޔޫސުފުގެފާނު ޖަލުގައި
ޔޫސުފުގެފާނު ޖަލަށް ވަދެވަޑައިގަތެވެ. ޔޫސުފުގެފާނަކީ މާތް ޒުވާނެއްކަން ޖަލުގައި ތިބި އެންމެހައި މީހުންނަށް އެނގެއެވެ. އެކަލޭގެފާނަށް ﷲ ތަޢާލާ ހުވަފެން ތަޢުބީރު (ހުވަފެނުން ފެންނަ ކަންކަން މާނަކުރުމުގެ) ޢިލްމު ދެއްވިއެވެ. އެކަލޭގެފާނުގެ މޭފުޅުގައި ވާ ހިތަކީ މީސްތަކުންނަށް ރަޙުމްކުރާ ހިތެކެވެ. ޖަލުގައި ތިބި މީހުން އެކަލޭގެފާނު ދެކެ ލޯބިވެއެވެ. އަދި އެކަލޭގެފާނަށް މާތްކޮށް ހިތައެވެ. ޔޫސުފުގެފާނު ޖަލަށް ވެދެވަޑައިގަތުމުން، ޖަލުގައި ތިބި މީހުން އުފާކުރިއެވެ. އަދި އެމީހުން އެކަލޭގެފާނަށް ޤަދަރުކުރިއެވެ.
ޔޫސުފުގެފާނު ޖަލަށް ވަދެވަޑައިގަތް އިރު އެކަލޭގެފާނާއެކު ދެ މީހަކުވެސް ޖަލަށް ވަނެވެ. އޭގެ ތެރެއިން އެކަކު އެކަލޭގެފާނަށް ދެންނެވިއެވެ.
﴿قَالَ أَحَدُهُمَا إِنِّي أَرَانِي أَعْصِرُ خَمْرًا﴾[1]
މާނަ: “އޭގެ ތެރެއިން އެކަކު ދެންނެވިއެވެ. ހަމަކަށަވަރުން ރާ ހެދުމަށް، ތިމަން މޭބިސްކަދުރުން ދިޔަފެލާތީ ތިމަންނާއަށް ހުވަފެނުން ފެނުނެވެ.”
އަނެއް މީހާ އެކަލޭގެފާނަށް ދެންނެވިއެވެ.
﴿وَقَالَ الْآخَرُ إِنِّي أَرَانِي أَحْمِلُ فَوْقَ رَأْسِي خُبْزًا تَأْكُلُ الطَّيْرُ مِنْهُ﴾[2]
މާނަ: “އަދި އަނެކަކު ދެންނެވިއެވެ. ހަމަކަށަވަރުން ތިމަންގެ ބޮލުގައި ރޮށިތަކެއް ބަހައްޓައިގެން ދަނިކޮށް، ދޫނި އެއިން ކާތީ ތިމަންނާއަށް ހުވަފެނުން ފެނުނެވެ.”
ހުވަފެނުގެ މާނައާމެދު އެ ދެމީހުން ޔޫސުފުގެފާނާ ސުވާލުކުރިއެވެ. ހުވަފެނުގެ މާނަ އެކަލޭގެފާނު ދެނެވަޑައިގަންނަވައެވެ. ޔޫސުފުގެފާނަކީ ނަބީބޭކަލުންގެ ތެރެއިން ހިމެނި ވަޑައިގަންނަވާ ބޭކަލެކެވެ. އެ ޒަމާނުގައި މީހުން އަޅުކަންކޮށް އުޅެނީ ﷲ ފިޔަވައި އެހެން ތަކެއްޗަށެވެ. އެމީހުން އަޅުކަންކޮށް އުޅުމަށް ވަރަށް ގިނަ ބުދުތައް ގެންގުޅެއެވެ.
އެމީހުން ބުދުތަކަށް އިޝާރާތްކޮށް ބުނެ އުޅެއެވެ. މިއީ އެއްގަމުގެ ކަލާނގެ އެވެ.
އެހެން ބުދަކަށް އިޝާރާތްކޮށް ބުނެ އުޅެއެވެ. މިއީ ކަނޑުގެ ކަލާނގެއެވެ.
އެހެން ބުދަކަށް އިޝާރާތްކޮށް ބުނެ އުޅެއެވެ. މިއީ ރިޒްޤުދެއްވާ ކަލާނގެއެވެ.
އެހެން ބުދަކަށް އިޝާރާތްކޮށް ބުނެ އުޅެއެވެ. މިއީ ވާރޭވެއްސަވާ ކަލާނގެއެވެ.
މީސްތަކުންގެ ހާލު ޔޫސުފުގެފާނަށް ފެނިވަޑައިގަތުމުން، އެމީހުންގެ ބުއްދީގެ އުނިކަން ހުރި މިންވަރު އެކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ. އެ މީހުން ﷲ ފިޔަވައި އެހެން ތަކެއްޗަށް އަޅުކަންކުރާކަން ޔޫސުފުގެފާނަށް އެނގިވަޑައިގަތެވެ. އެކަމާ އެކަލޭގެފާނު ހިތާމަކުރެއްވިއެވެ. އިސްލާމްދީނަށް ގޮވައިލުމަށް އެކަލޭގެފާނު ބޭނުން ފުޅުވެވަޑައިގަތެވެ. އެކަމަށް އެންމެ އެކަށީގެންވާ ތަނަކީ ޖަލުކަމުގައި ﷲ މެދުވެރި ކުރެއްވިއެވެ.
ހެޔޮ ނަސޭހަތް ޖަލުގެ ހައްޔަރުވެފައި ތިބި މީހުންނަށް އެކަށީގެން ނުވަނީ ހެއްޔެވެ؟
ޖަލުގައި ހައްޔަރުވެފައި ތިބި މީހުންނަށް ރަޙުމްކުރުން ޙައްޤު ނުވަނީ ހެއްޔެވެ؟
ޖަލުގައި ހައްޔަރުވެފައި ތިބި މީހުންނަކީ އާދަމުގެ ދަރީން ނޫން ހެއްޔެވެ؟
ޔޫސުފުގެފާނު ޖަލުގައި ހުންނެވި ނަމަވެސް އެކަލޭގެފާނަކީ މިނިވަނެކެވެ. އެކަލޭގެފާނަކީ ފަޤީރު ބޭކަލެކެވެ. އެކަމަކު އެކަލޭގެފާނަކީ ދީލަތި ބޭކަލެކެވެ. ހަމަޔަޤީނުންވެސް ނަބީބޭކަލުންނަކީ ކޮންމެ ތަނެއްގައިވެސް ޙައްޤުމަގަށް ގޮވައިލައްވާ ބަޔެކެވެ. އަދި ހަމަޔަޤީނުންވެސް ނަބީބޭކަލުންނަކީ ކޮންމެ ޒަމާނެއްގައިވެސް ހެޔޮކަންކަމުގައި އެންމެ ކުރިއަރާފައިވާ ބޭކަލުންނެވެ.
___________________
މަޞްދަރު: قصص النبيين للأطفال
[1] يوسف36
[2] يوسف 36